ވިހަ ދުމެއް ފެތުރުމުގެ ސަބަބުން މެލޭޝިއާގެ 111 ސްކޫލު ބަންދުކޮށްފި

ވިހާ ގޭސް ފެތުރުމުގެ ސަބަބުން 500 މީހުންނަށް ވަނީ ފަރުވާދީފަ -- ފޮޓޯ: މެލޭމެއިލް

ޖޮހޯރު ބަރޫ (މާޗް 14): މެލޭޝިއާގެ ޖޮހޯރު ސްޓޭޓުގެ ކޯރަކަށް މިދިޔަ ހަފްތާ ތެރޭ ވިހަ ކެމިކަލްތަކެއް އެޅުމުގެ ސަބަބުން ބޮޑު ސަރަހައްދަކަށް ވިހަ ދުން ފެތުރި، 111 ސްކޫލު ބަންދުކުރަން ޖެހިއްޖެއެވެ.

މެލޭޝިއާގެ ދައުލަތުގެ މީޑިއާގައިވާ ގޮތުން އެދުމުގެ ސަބަބުން ބޯއަނބުރާ، ހޮޑުލެވުން ފަދަ އަލާމަތްތައް ފެނުނު 500 މީހުންނަށް ވަނީ ފަރުވާ ދީފައެވެ. އަދި 160 މީހުން ވަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ.

ކެމިކަލް އަޅާފައިވާ ސުންގައި ކިމް ކިމް ކޯރުން ސާމްޕަލް ނަގަނީ -- ފޮޓޯ: ބަރުނާމާ

އެ ކެމިކަލް އަޅާފައި ވަނީ ޖޮހޯރުގެ ސުންގައި ކިމް ކިމް ކޯރަށެވެ. އަދި ސްކޫލުތައް ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފައި ވަނީ ދުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައިވާ ޕަސީރު ގުޑަންގް ޑިސްޓްރިކްޓުގައެވެ.

އެމައްސަލައާ ގުޅިގެން ތިން މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ހިންގާ ޓަޔަރު ފެކްޓަރީއެއްގެ ވެރިޔާ ހިމެނެއެވެ. އަދި ކޯރަށް ކެމިކަލް އެޅީ އެ ފެކްޓަރީގެ ލޮރީއަކުން ކަމަށް ބެލެވެއެވެ. އެމީހުންގެ މައްޗަށް ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގާނޫނުތަކާ ހިލާފުވުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ ފަސް އަހަރަށް ޖަލަށް ލެވޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް