އެއްބަސްވުމަކާ ނުލައި އިނގިރޭސީން އީޔޫއިން ވަކިނުވާން ފާސްކޮށްފި

އިނގިރޭސި ޕާލިމެންޓުން ވަނީ އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވުމާ ދެކޮޅަށް ވޯޓު ދީފަ -- ފޮޓޯ:

ލަންޑަން (މާޗް 14): އިނގިރޭސިވިލާތުން އެއްބަސްވުމަކާ ނުލައި ޔޫރަޕިއަން ޔޫނިއަންއިން ވަކިވުމާ ދެކޮޅަށް އެގައުމުގެ ޕާލިމެންޓުން ވޯޓު ދީފި އެވެ.

އިނގިރޭސި ޕާލިމެންޓުން އަންގާރަ ދުވަހު ވަނީ އީޔޫއިން ވަކިވާން ބޮޑުވަޒީރު ތެރީސާ މޭ ހުށަހެޅުއްވި ދެވަނަ އެއްބަސްވުމާ ދެކޮޅަށް ވޯޓު ދީފަ އެވެ. އަދި އީޔޫއާ އެކު އެއްބަސްވުމެއް ނަހަދައި، މިމަހުގެ 29ގައި އެއިއްތިހާދުން ވަކިވާން އިއްޔެ ވޯޓެއް ނެގީ އޭގެ ސަބަބުންނެވެ. އެވޯޓުގައި އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވާން 312 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް 308 މެމްބަރުން ވޯޓު ދެއްވި އެވެ.

ރޭ އިނގިރޭސި ޕާލިމެންޓުން ވަނީ އިތުރު އިސްލާހެއް ވެސް ފާސްކޮށްފަ އެވެ. އެއީ އެއްވެސް ހާލަތެއްގައި އިނގިރޭސިވިލާތުން އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކި ނުވުމަށެވެ. އެއިސްލާހަށް 321 މެމްބަރުން ވޯޓު ދެއްވި އިރު އެއާ ދެކޮޅަށް ވޯޓު ދެއްވީ 278 މެމްބަރުންނެވެ.

އެއާ އެކު މިއަދުވެސް އިނގިރޭސި ޕާލިމެންޓުން އިތުރު ވޯޓެއް ނަގާނެ އެވެ. އެއީ އެގައުމު އީޔޫއިން ވަކިވުން ލަސް ކުރުމާ ބެހޭ ގޮތުންނެވެ. މިހާރު ގާނޫނުގައި އޮތް ގޮތުން މިމަހުގެ 29ގައި އިނގިރޭސިން އީޔޫއިން ވަކިވާން ޖެހޭނެ އެވެ.

ބްރެގްޒިޓް ލަސް ކުރަން ޕާލިމެންޓުން ރުހުން ދީފި ނަމަ، އެކަމަށް އީޔޫގެ ރުހުން ވެސް ހޯދަން ޖެހޭނެ އެވެ. އަދި ބްރެގްޒިޓް ލަސް ކުރެވޭނީ އީޔޫގެ 27 މެމްބަރުން އެކަމަށް ރުހުން ދިނުމުންނެވެ. އެވޯޓު ނަގާނެ ކަމަށް ބެލެވެނީ މިމަހުގެ 21 އަދި 22ގައި ބާއްވާ ޔޫރަޕިއަން ކައުންސިލު ބައްދަލުވުމުގަ އެވެ.

އިނގިރޭސިން އެއްބަސްވުމަކާ ނުލައި އީޔޫއިން ވަކިވެއްޖެ ނަމަ، އިނގިރޭސި އިގްތިސާދު ހަލާކުގެ ތެރެއަށް ވެއްޓޭނެ ކަމާއި އިނގިރޭސި ކުންފުނިތަކަށް ޔޫރަޕްގެ އިއްތިހާދާ މުއާމަލާތް ކުރާނެ ގޮތެއްނެތުމުން ކުންފުނިތައް ބަނގުރޫޓް ވުމުގެ ފުރުސަތު ބޮޑު ކަމަށް އިނގިރޭސި އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. ސަބަބަކީ ޔޫރަޕްގެ އިއްތިހާދު އެއްކޮޅުގައި އޮވެފައި އިނގިރޭސިވިލާތް އަނެއްކޮޅުގައި އޮންނަ އިރު ދެފަރާތުގެ ދެމެދުގައި މުއާމަލާތްކުރާނެ ގޮތެއް އަދި އެއްބަސްވުމެއް އުސޫލެއް ނެތުމުން ގެއްލުންވާނީ އިނގިރޭސި އިގްތިސާދަށް ކަމަށްވާތީއެވެ.

އިނގިރޭސި އިގްތިސާދަކީ ޔޫރަޕްގެ އަނެއް 27 ގައުމުގެ އިގްތިސާދާ އަޅާބަލާއިރު ވަރަށް ކުޑަ އިގްތިސާދެކެވެ. މީގެއިތުރުން އެއްބަސްވުމަކާނުލައި ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމަށް ދޫކޮށްލައިފިނަމަ ޔޫރަޕްގެ އެހެން ގައުމުތަކާއި އިނގިރޭސިވިލާތް ޖެހި އިގްތިސާދީ އަދި ގާނޫނީ އޮޅުންބޮޅުންގަނޑެއްގެ ތެރެއަށް މުޅި ގައުމު ވެއްޓިގެންދާނެތީ މިފަދަ ހާލަތެއްގައި ޔޫރަޕަށް ވުރެ ބޮޑަށް ގެއްލުންވާނީ އިނގިރޭސިވިލާތަށް ކަމަށް ތަޖްރިބާކާރުން ދެކެއެވެ. މިފަދަ ހާލަތެއްގައި އިނގިރޭސި ކުންފުނިތަކަށާއި އިގްތިސާދަށް ވާނެ ގެއްލުންތައް އަންދާޒާ ކުރަންވެސް ނޭނގޭކަމަށް އިގްތިސާދީ ފަރާތްތަކުން ބުނެއެވެ.

comment ކޮމެންޓް