ބަޔާން މިއުނިކް ކަޓުވާލައި ލިވަޕޫލް ކުއާޓާއަށް

ލިވަޕޫލްއާއި ބަޔާން މުނިކް ރޭ ބައްދަލު ކުރި މެޗުގައި ސާޑިއޯ މާނޭ ގޯލު ޖެހުމަށްފަހު އުފާ ފާޅު ކުރަނީ --- ފޮޓޯ/ ޑޮމް ފެރަލް

ޖަރުމަނުގެ ބަޔާން މިއުނިކްގެ އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމަށް ފަހު އިނގިރޭސި ކްލަބް ލިވަޕޫލް ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ރޭ ބަޔާންއާއި ލިވަޕޫލް ބައްދަލު ކުރި ފޯރި ގަދަ މެޗު ނިމިގެން ދިއައީ 1-3ގެ ނަތީޖާއަކުން ލިވަޕޫލް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގުގައި އެއްވެސް ގޯލެއް ނުޖެހި ދެ ޓީމު އެއްވަރު ވެފައި ވުމުން ރޭގެ މެޗުގައި ނަތީޖާ ނެރުމަށް ދެ ޓީމަށް ވެސް މަޖުބޫރު ވާނެއެވެ.

ލިވަޕޫލްއާއި ބަޔާން މުނިކް ރޭ ބައްދަލު ކުރި މެޗުގައި ސާޑިއޯ މާނޭ ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ޑޮމް ފެރަލް

ކުއާޓާގެ އަށް ޖާގަ މިހާރު ވަނީ ކަށަވަރު ވެފައެވެ. އެ ޓީމު ތަކަކީ މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހާމް، އަޔެކްސް، ޕޯޓޯ، މެންޗެސްޓާ ސިޓީ، ޔުވެންޓަސް އަދި ރޭ ކުޅުނު މެޗުތަކުން މެޗުން މޮޅުވި ބާސެލޯނާއާއި ލިވަޕޫލް އެވެ.

މިފަހަރުގެ ކުއާޓާއަށް ނުގޮސް ދުނިޔޭގެ ނަން މަޝްހޫރު ބައެއް ޓީމުތައް ވަނީ ކަޓާފައެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރުގެ ވެސް ޗެމްޕިއަން ރެއާލް މެޑްރިޑްއާއި ޕީއެސްޖީ އަދި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ބަޔާން މިއުނިކް ހިމެނެ އެވެ.

ވޭތުވެ ދިޔަ އަހަރުގެ ފައިނަލުގައި ވާދަކޮށް ބަލިވި ލިވަޕޫލް ވަނީ ރޭގެ މެޗުގައި ބަޔާން ހައިރާން ކޮށްލައި ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ވެސް ލިވަޕޫލްއެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ސެނަގާލްގެ ތަރި ސާޑީއޯ މާނޭއެވެ. މާނޭ ވަނީ ރޭގެ މެޗުގައި ދެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ.

ލިވަޕޫލްގެ ގޯލާއެކު ބަޔާންއަށް ޕްރެޝަރު ބޮޑުވެ ޓީމު ކުރިއަށް ޖައްސައި ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރި އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާންއަށް ނަތީޖާ ހަމަހަމަ ވީ ލިވަޕޫލްގެ ޑިފެންޑަރު ޖޮއެލް މެޓިޕް އަތުން ބައި ކޮޅަށް ވަން ގޯލަކުންނެވެ.

ދެވަނަ ހާފު ފެށިގެން ދިއައީ ދެ ޓީމުގެ ފަރާތުން ވެސް ވަރުގަދަ ކުޅުމަކާ އެކު އެވެ. ބަޔާންގެ ކުޅުން ރަނގަޅުކޮށް ހަމަލާތައް އުފައްދަމުން ދިޔަ ވަގުތު އެ ޓީމުގެ ހިތްވަރު އެލިގެން ދިއައީ ލިވަޕޫލްގެ ކުޅަދާނަ ޑިފެންޑަރު ވާޖިލް ވެން ޑައިކް ޖަހައިދިން ގޯލާއި އެކު އެވެ. އެ ގޯލާއެކު ބަޔާންގެ މުޅި ޓީމު ޕްރެޝަރަށް ގޮސް މެޗު ހޫނުވެގެން ދިޔަ ވަގުތު ލިވަޕޫލްއަށް މެޗު ޔަގީން ކޮށްދިނީ މާނޭގެ ދެވަނަ ގޯލާ އެކުގައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އަށް ޖާގަ ކަށަވަރު ވެފައި ވާއިރު ގުރު ނެގުން އޮންނާނީ މާދަން ސްވިޒްލޭންޑްގެ ޔޫރަޕިއަން ފުޓްބޯލް ހައުސްގައެވެ.

comment ކޮމެންޓް