މެސީގެ ޖާދުލާ އެކު ލިއޮންގެ އުންމީދުތައް ފުނޑުފުނޑު ވެއްޖެ

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ލިއޮނެލް މެސީގެ މޮޅު ކުޅުމާއި އެކު ލިއޮން ޗެމްޕިއަންސް ލީގުގެ ކުއާޓާއަށް ދިއުމަށް ކުރުަމުން އައި އުންމީދުތައް ފުނޑުފުނޑު ކޮށްލައި ބާސެލޯނާ ކުއާޓާއަށް ދަތުރު ކޮށްފި އެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި ރޭ ބާސެލޯނާއިން ލިއޮންގެ މައްޗަށް ކުރި ހޯދީ 1-5 ގެ ބޮޑު ނަތީޖާ އަކުންނެވެ. ފުރަތަމަ ލެގުގައި ދެ ޓީމަށް ވެސް ގޯލެއް ޖެހިފައި ނުވުމުން ރޭގެ އެ މެޗުގައި ނަތީޖާ އެއް ނެރުމަށް ދެ ޓީމަށް ވެސް މަޖުބޫރުވި އެވެ.

ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ --- ފޮޓޯ/ ޖޭމީ ސްމިތް

ބާސެލޯނާގެ ކޭމްޕް ނޫ ގަަައި ރޭ ކުޅުނު އެ މެޗުގައި ބާސެލޯނާގެ ތަފާތަކަށް ވެގެން ދިއައީ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. ހިތްގައިމު ދެ ގޯލުގެ އިތުރުން ދެ އެސިސްޓް ވެސް ކޮށްދިން މެސީ ވަނީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ޖެހި ޖެހިގެން 12 ވަނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ބާސެލޯނާ ގެންގޮސްދީފަ އެވެ.

އުމުރުން 31 އަހަރުގެ މެސީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އަށް ގޯލު ޖަހާފައިވެ އެވެ. އޭނާ އަންނަނީ އެ މުބާރާތުގެ ޓޮޕް ސްކޯރާ އާއި ޓޮޕް އެސިސްޓަރުގެ މަގާމު މި ސީޒަނުގައި ދަމަހައްޓަމުންނެވެ.

ރޭގެ އެ މެޗު ފެށުމާއި އެކު ބާސެލޯނާއިން ދިއައީ ލިއޮންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ހިތްގައިމު "ޓިކީޓަކާ" ގެ ވައްޓަފާޅިއަށް ކުޅެމުންދިޔަ ބާސެލޯނާގެ ޕާސްތަކުން ލިއޮންގެ ޑިފެންސް އޮތީ ރޫޅިފަ އެވެ. އެގޮތުން ބާސެލޯނާ ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ގޯލެއް ޖަހައި ލީޑު ނަގާފަ އެވެ. އެ ގޯލަކީ ލުއިސް ސުއަރޭޒްއަށް ލިއޮންގެ ޑިފެންޑަރު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އަކުން ލިއޮނެލް މެސީ ޖަހައިދިން ގޯލެކެވެ.

އެ ގޯލާއި އެކު ލިއޮންއަށް އެނބުރި ކުޅުމުގެ ތެރެއަށް ނާދެވި އުޅެނިކޮށް ބާސެލޯނާއިން ވަނީ އެމީހުންގެ ދެވަނަ ގޯލު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ މިޑްފީލްޑަރު ފިލިޕޭ ކޮޓީނިއޯ އެވެ. ވޭތުވެ ދިޔަ ނުވަ މެޗުގައި ވެސް ގޯލެއް ނުޖެހި ހުރުމަށްފަހު ކޮޓީނިއޯ ރޭގެ މެޗުގައި ގޯލު ޖެހުމުގެ އިތުރުން މޮޅު ކުޅުމެއް ދައްކައިފައިވެ އެވެ.

ފުރަތަމަ ހާފު ދެ ގޯލުގެ ލީޑަކާ އެކު ބާސެލޯނާ ނިންމާލި ނަމަވެސް ދެވަނަ ހާފު ފެށިގެން ދިއައީ ލިއޮންގެ ކުޅުން ރަނގަޅުކޮށް ބާސެލޯނާއަށް ޕްރެޝަރު ކުރަމުންނެވެ. ޓީމު ކުރިއަށް ޖައްސައިގެން ބާސެލޯނާގެ ގޯލައް ނުރައްކާ ކުރަމުން ގޮސް ލިބުނު ކޯނަރެއްގައި ބާސެލޯނާއަށް ބޯޅަ ސާފު ނުކުރެވިގެން އުޅެނިކޮށް ލިއޮންގެ ލޫކަސް ޓޮއުސާޓް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ގެނެސްދީފަ އެވެ.

ނަމަވެސް ލިއޮންގެ އުންމީދުތައް ފުނޑު ފުނޑު ކޮށްލީ ލިއޮނެލް މެސީ އޭގެ ހިނދުކޮޅެއް ފަހުން ޖެހި ގޯލާ އެކު އެވެ. ތިން ކުޅުންތެރިން ކަޓުވާފަ ގޮސް މެސީ ޖެހި އެ ގޯލާއި އެކު ބާސެލޯނާއަށް އިތުރަށް ހިއްވަރު ލިބިގެންދިޔަ އެވެ.

ބާސެލޯނާއިން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ދެ ގޯލު އެ ޓީމަށް ޖަހައިދިނީ ޓިމުގެ ޑިފެންޑަރު ޖެރާޑް ޕީކޭއާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އުސްމާން ޑެމްބެލޭ އެވެ. އެ ދެ ގޯލު ޖަހަން ވެސް އެ ދެ ކުޅުންތެރިންނަށް އެސިސްޓް ކޮށްދިނީ މެސީ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ އަށް ޖާގަ ކަށަވަރު ވެފައި ވާއިރު ގުރު ނެގުން އޮންނާނީ މާދަމާ އެވެ. މިފަހަރުގެ ކުއާޓާއަށް ނުގޮސް ދުނިޔޭގެ ނަން މަޝްހޫރު ބައެއް ޓީމުތައް ވަނީ ކަޓާފަ އެވެ. އެގޮތުން ވޭތުވެ ދިޔަ ތިން އަހަރުގެ ވެސް ޗެމްޕިއަން ރެއާލް މެޑްރިޑްއާއި ޕީއެސްޖީ އަދި އެތްލެޓިކޯ މެޑްރިޑްގެ އިތުރުން ބަޔާން މުނިކް ހިމެނެ އެވެ

comment ކޮމެންޓް