ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ ބައްލަވަންވާ ވަރަށް ނުބައްލަވައި: ކުރީގެ މިނިސްޓަރު ސައީދު

ޖެނުއަރީ 24، 2019: ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މީގެ ކުރިން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތައް އެމަނިކުފާނު ދެެއްކެވީ ބައްލަވަންވާ ވަރަށް ކަންކަން ރަނގަޅަށް ނުބައްލަވައި ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ތުހުމަތުކުރައްވައިފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ބިޔަ މަޝްރޫއެއް ފަށާފައިވާ އިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ދެއްވި ޕްރެސް ކޮންފަރަންސެއްގައި ވަނީ އެ މަޝްރޫއާ ބެހޭ ގޮތުން ބައެއް ވާހަކަތައް ދައްކަވައިފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސައުދީ ބިންލާދިން ގްރޫޕާ ހަވާލުކޮށްގެން ވީއައިއޭގައި އަޅާ އާ އިންޓަނޭޝަނަލް ޓާމިނަލްގެ ފްލޯ ޕްލޭނެއް އަދި ކުރެހުމެއް ވެސް ނެތް ކަމަށެވެ.

"އެތެރެ އޮންނަންވީ ގޮތެއް ނޭނގެ. މުޅި ޑިޒައިން ނެތް. އެހެންވީމަ އެ މަސައްކަތް އެތަނުގައި ވެސް ކުރަން އެބަޖެހޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ސަން އޮންލައިންގެ "50 މިނިޓު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ "ރައީސުލްޖުމްހޫރިއްޔާ ބައްލަވަންވާ ވަރަށް ނުބައްލަވައި ވާހަކަފުޅު ދައްކަވާތީ އެހެން ވަނީ" ކަމަށެވެ.

"50 މިނިޓު"އަކީ ކޮންމެ ބުރާސްފަތު ދުވަހެއްގައި ސަން އޮންލައިނުގެ ފޭސްބުކް ޕޭޖުގައި ގެނެސްދޭ ވަން-ޓު-ވަން ޓޯކް ޝޯއެކެވެ.

"ރައީސް ސޯލިހަށް އެނގިވަޑައިނުގަންނަވާ އެތަނުގައި ހިނގަމުންދާ ކަންތަކެއް. އެހެންވީމާ ކަމަށް އަޅުގަނޑަށް ލަފާކުރެވެނީ. އެއާޕޯޓު މެނޭޖްމެންޓަށް އަދި އެމްއޭސީއެލްގެ ބޯޑަށް އެނގިވަޑައިގަންނަވާނެ އެއީ އިތުރުފުޅެއްކަން. ތިޔަ ބޭފުޅުން އައްސަވާ އެބޭފުޅުން އަރިހުގައި. އަޅުގަނޑަށް ޔަގީން އެއީ ދެކޮޅު ނުޖެހޭ ވާހަކައެއް،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ އެމްއޭސީއެލްގެ ބޯޑުގައި އޭރާއި މިހާރު ވެސް ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފުންނާބު އުސް ބޭފުޅުން ތިއްބަވާ ކަމަށާއި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ހިންގަމުން ދިޔައީ އެބޭފުޅުންގެ ލަފައާއި ހިޔާލު ހޯދައިގެން ކަމަށެވެ.

"ސަރުކާރުން އެ މަސައްކަތް ލީޑު ކުރީ. ނަމަވެސް ހިޔާލު ހޯދުމާއި ކަން ކުރާނެ ގޮތާ މި ހުރިހާ ކަމެއް ކުރީ ޕްރައިވެޓް ސެކްޓަރުގެ އެހީތެރިކަން ހޯދައިގެން،"

ސައީދު ވިދާޅުވީ އެއާޕޯޓުގެ ޓާމިނަލްގެ ޑިޒައިން ހެދީ ފްރާންސްގެ ކުންފުންޏަކުން ކަމަށާއި އެތަނުގެ ޑިޒައިން ހެދީ ދުނިޔޭގެ ވަރަށް ގިނަ ފަންނީ ބޭފުޅުންގެ ލަފަޔާ އެއްކޮށް ކަމަށެވެ.

http://sun.mv/114515

ޓާމިނަލް ތަރައްގީކުރަމުން އައީ އަހަރަކު ހަތް މިލިޔަން ފަތުރުވެރިން އައުމަށާއި ފުރުމަށް ކޭޓާކުރުމަށް ކަމަށް ކުރީގެ ސަރުކާރުން ބުނަމުން އައި ނަމަވެސް، ޖެނުއަރީ މަހު ރައީސް ސޯލިހު ވިދާޅުވީ ހަތް މިލިއަން މީހުންގެ އެރައިވަލް ނޫން ކަމަށާއި، އެއީ "3.5 މިލިއަން މީހުން ރާއްޖެ އައިސް ފުރާ" ވާހަކަ ކަމަށް ފެންނަން އޮތް ކަމަށެވެ.

އަދި ކުރިއަށް އޮތް ފަސް އަހަރު އެއާޕޯޓު ފުރޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒު މޫސާ

އެހެން ނަމަވެސް ރައީސް ސޯލިހަށް ފާޑު ވިދާޅުވެ، އެއާޕޯޓު ތަރައްގީކުރަމުން އައީ ހަތް މިލިއަން މީހުންގެ އެރައިވަލްއަށް ކަމަށް ކުރީގެ ސަރުކާރުން ބުނަމުން އައި އައުން ސައީދު ދިފާއުކުރެއްވި އެވެ.

"ހަތް މިލިއަން މީހުންގެ ކެޕޭސިޓީއަކީ ހަތް މިލިއަން މީހުންގެ ކެޕޭސިޓީ އިނގޭތޯ. އެއް ދުވަހުން ހަތް މިލިއަން މީހުން ގޮވައިގެން އެއާޕޯޓުގައި މަތިންދާބޯޓު ޖައްސާފައި ހަތް މިލިއަން މީހުން އަތުރާލަން ވިއްޔާ، އެކަމެއް ނުވާނެ ދުނިޔޭގައި މަދު ތަނެއްގައި ފިޔަވާ. އެހެނެއް ނޫން ޓޫރިޒަމް ސްޓެޓިސްޓިކްސް ކައުންޓް ކުރާނީ،"

"ހަތް މިލިއަން ޕެސެންޖަރުންނަށް ރާއްޖެއިން މަރުހަބާ ކިޔޭނެ ކެޕޭސިޓީއޭ އަޅުގަނޑުމެން ބިލްޑް މި ކުރަނީ. އެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ،" އިދިކޮޅު ޕީއެންސީގެ ޓިކެޓުގައި މާވަށު ދާއިރާއަށް ވާދަކުރައްވާ ސައީދު ވިދާޅުވި އެވެ.

comment ކޮމެންޓް