ސައީދު، ޔާމީނަކީ ފިނިފެންމަލެކޭ ވިދާޅުވި ބަހުގެ ޝަރަހަ

ޕީއެންސީ އުފެއްދުމަށް ބޭއްވި ޖަލްސާގައި ޕީޕީއެމްގެ ރައީސް ޔާމީން (ކ) އަދި ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެރީންނަށް ޚުޝާމަތުކޮށް ތައުރީފުކުރުމަށް އެކި މީހުން، ތަފާތު މިސާލު ބަސްތަކާއި މަޖާޒުތައް ބޭނުންކުރެ އެވެ. އޭގެ ތެރޭގައި ބައެއް ބަސްތައް ވައިގައި ވަރަށް ބޮޑަށް ހިފާ އިރު، ބައެއް ބަސްތައް ވަރަށް "އަންޕޮޕިއުލާ"ވެސްވެ އެވެ.

އެގޮތުގެ މަތިން، 2017 ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތައުރީފުކުރުމެއްގެ ތެރެއިން، އެމަނިކުފާނަކީ ފިނިފެންމަލެއް ކަމަށް ވިދާޅުވި ވިދާޅުވުމުން އޭރުގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރައްދުވީ ގިނަ ބައެއްގެ މަލާމާތެވެ.

"ފިނިފެންމަލެއް ގަހުގައި އިން ވަގުތު އޭގެ ހަގީގީ އަރާމުކަން ދެނެގަންނަން އެނގެން ޖެހޭނެ. އެ މާ ނެތި މޯޅިވެ ދިޔައީމައެއް ނޫނޭ އެ އެކަން ކުރަން ޖެހޭނީ.

"އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ އެ ފިނިފެންމަލަކީ މިއަދު ރައީސް ޔާމީނޭ. އެ ވެރިޔަކީ، މުހައްމަދު ތަކުރުފާނަކީ ރައީސް ޔާމީނޭ ބުނަން ކެރޭ،" 2017 ވަނަ އަހަރުގެ އޯގަސްޓް މަހު ޕީޕީއެމްގެ ރުމާލު2 ޖަގަހާގައި ވަރަށް ފޯރީގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވި އެވެ.

މިއާއެކު ބަޔަކު މީހުން ސައީދަށް "ފިނިފެންމާ ސައީދު"އޭވެސް ގޮވައި، މަލާމާތް ރައްދުކުރި އެވެ.

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސްކަން ކުރައްވާ، އަދި އެ ޕާޓީގެ ޓިކެޓުގައި މާވަށު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރައްވާ ސައީދު، ސަން އޮންލައިނުގެ 50 މިނިޓު ޕްރޮގްރާމުގައި ވަނީ އޭރު އޭނާ ވިދާޅުވި ޒަމާނީ މިސާލުބަސްކޮޅު ޝަރަހަކޮށްދީފަ އެވެ. އަދި ވިދާޅުވީ އޭނާ ޖެއްސެވި މިސާލު، ޓީވީ ޗެނަލަކުން "ވަރަށް ބޮޑަށް ޓްވިސްޓު ކޮށްލީ" ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އަޅުގަނޑު ދެންނެވީ ނިއުމަތެއްގެ އަގު ވަޒަންކުރެވޭނީ އެ ނިއުމަތެއް އަތުން ބީގެން ދިޔައިމައޭ. ހަމަ އެގޮތޭ އޮތީ އާޓިސްޓުންނަށް ވެސް. މިސާލަކަށް އަޅުގަނޑުމެން ކުރާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި މައިކަލް ޖެކްސަންގެ ސީޑީތައް އެންމެ ގިނައިން ވިކުނީ އޭނާ ނެތިގެން ދިޔައިމައޭ. ލޭޑީ ޑަޔާނާގެ ވާހަކަ މީހުން އެންމެ ބޮޑަށް ދައްކަން ފެށީ އޭނާ ދުނިޔެ އިން ނެތިގެން ދިޔައިމައޭ. ގްރޭޓް ލީޑަރުންނަކީ ވެސް އެކަހަލަ ބައެކޭ،" ސަންގެ ސީއީއޯ ހިރިގާ އަހްމަދު ޒާހިރަށް "50 މިނިޓު" ޕްރޮގްރާމުގައި ސައީދު ކިޔައިދެއްވި އެވެ.

18 އޮގަސްޓް 2017: ޕީޕީއެމްގެ "ރުމާލު 2" ޖަގަހާގައި ބޭއްވި ޖަލްސާގައި ސައީދު ވާހަކަދައްކަވަނީ--ރައީސް ޔާމީނަށް "ފިނިފެންމަލުގެ" މިސާލުން ސައީދު މިސާލު ޖެއްސެވީ މި ޖަލްސާގައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސައީދު ވިދާޅުވީ އެހެން ވާހަކަ ދައްކަވަމުން ގޮސް، ގިނަ މީހުންނަށް "އެންމެ ތިލަކޮށް، އެންމެ ފަސޭހައިން އަންޑަސްޓޭންޑް ވާނީ" ގެއެއްގައި އިންނަ ގަހެއްގައި އިން ރީތި ފިނިފެންމަލެއްގެ މިސާލަކުން ކަމަށް ވިދާޅުވި ކަމަށެވެ.

"މިސާލަކަށް ވިސްނުންފުޅަށް ގެންނާށޭ ގަހެއްގައި އިންނަ ފިނިފެންމަލެއް. އެ މާ އިންނަ އިރު އޭގެ ރީތިކަން އިހުސާސްވާ ވަރަށް ވުރެ، އެ މާ ނެތިގެން ދިޔައިމަ އިހުސާސްވާ ވަރު ބޮޑުވާނެއޭ،" ސައީދު އޭނާގެ މިސަލު ބަސް ޝަރަހަކޮށްދެއްވި އެވެ.

"އަޅުގަނޑު ދެން ޕޯޒްއެއް ގެނައީ. ދެން ބުނީ ރާއްޖޭގައި ވެސް މިކަން އޮތީ މިހެނޭ. ރައީސް ޔާމީނަކީ ވެސް މިދެންނެވި ފަދަ މިސާލެކޭ. އެއީ ސީޑީ، އާޓިސްޓުން ނެތިގެން ދިޔައިމާ ވިކުން. ނިއުމަތެއް، އެ ނިއުމަތް އަތުން ބީގެން ދިޔައިމާ އަގު ވަޒަންކުރުން. އަދި އެއްވެސް ކަމެއް، ހިތަށް ފިނިކަމެއް ގެންނަ ކޮންމެ ކަމަކީ--މިނިވަންކަން ވެސް އޭގެ ތެރޭގައި ހިމެނޭ ގޮތަށް--ނެތިގެން ދިޔައިމައޭ އަގު ވަޒަން ކުރެވޭނީ،" ރައީސް ޔާމީނަށް ފިނިފެންމަލެކޭ ވިދާޅުވާން މެދުވެރިވި ގޮތް ސައީދު ވަރަށް ތަފްސީލުކޮށް ކިޔައިދެއްވި އެވެ.

ސައީދު ވިދާޅުވީ ރައީސް ޔާމީނަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ރާއްޖޭގެ ތަރައްގީގެ ބާނީކަމަށާއި ރާއްޖޭގެ މި ޒަމާނުގެ ތަރައްގީ އުފަންކުރުވި ވިޝަނަރީ ލީޑަރު ކަމަށެވެ.

މި ހަފްތާގެ މެހެމާނު މުހައްމަދު ސައީދާއެކު ސަން އޮންލައިންގެ "50 މިނިޓު" މިއަދު ހެނދުނު 11:00 ގައި ސަން އޮންލައިންގެ ފޭސްބުކް ޕޭޖުގައި އެއާކުރާނެއެވެ.

comment ކޮމެންޓް