ސައުދީ އަންހެން އެކްޓިވިސްޓުންގެ ޝަރީއަތް ފަށައިފި

ހައްޔަރުކޮށްފައިވާ ސައުދީ އަންހެން އެކްޓިވިސްޓުން

ރިޔާޒް (މާޗް 13): ސައުދީސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން ހައްޔަރުކޮށްފައިވާ ސައުދީ އަންހެން އެކްޓިވިސްޓުންގެ ޝަރީއަތް އެގައުމުގެ ކޯޓެއްގައި ފަށައިފިއެވެ.

ސައުދީ ޝަރުއީ ދާއިރާއާ ހަވާލާދީ ރޮއިޓާސް ބުނީ ސައުދީސަރުކާރަށް ފާޑުކިޔުމާ ޑިމޮކްރަސީ އަށް ގޮވާލައި ސިޔާސީ ހަރަކާތްތައް ހިންގުމުގެ ތުހުމަތުގައި ދިހަ އަންހެން އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމުގައެވެ. މިދިޔަ އަހަރުގެ މެދެއްހާ ހިސާބު ހައްޔަރުކުރި މި ދިހަ އަންހެނުންގެ ތެރޭގައި އަޒީޒާ ޔޫސުފް އާއި ލެޖީން އަލްހަޒްލޫލް އާއި އީމާން އަލްފިންޖާން ފަދަ ބައިނަލްއަގްވާމީ މުޖްތަމަޢުގެ ސަލާމަލުކަމަށް އެމީހުންގެ މައްސަލަ އައިސްފައިވާ އެކްޓިވިސްޓުން ހިމެނެއެވެ.

މި އަންހެން އެކްޓިވިސްޓުން ފާއިތުވި އަށެއްކަ މަސްތެރޭގައި ހައްޔަރުކޮށްފައިވަނީ އެކަހެރި ގޮތެއްގައި ކަމަށާ އެމީހުންނަށް ޖިސްމާނީ ގޮތުން އަނިޔާކޮށް ހަރުކަށި އަދި ލާއިންސާނީ ގޮތްގޮތުން މުއާމަލާތްކުރާ ކަމުގެ ތުހަތު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުންވަނީ ސައުދީސަރުކާރުގެ މައްޗަށް ކޮށްފައެވެ.

އެމީހުންނަށް ސައުދީސަރުކާރުން ދިން ޖިސްމާނީ އަނިޔާތަކުގެ ތެރޭގައި ހަށިގަނޑުގައި ކަރަންޓް ޖެއްސުމާއި ޖިންސީ ގުނަވަންތަކާބެހި ޖިންސީ ގޯނާކުރުންފަދަ ހަޑިހުތުރު އަމަލުތައް ހިމެނޭކަމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިންވަނީ ސައުދީސަރުކާރުގެ މައްޗަށް ތުހުމަތުކޮށްފައެވެ.

މިދިޔަ ހަފްތާގައި ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތަކާބެހޭ އދ. ގެ މަހާސިންތާގައި ދުނިޔޭގެ ތިރީސް ހަ ގައުމަކުންވަނީ އިންސާނީ ހައްގުތަކަށް ފުޅާދާއިރާއެއްގައި ސައުދީސަރުކާރުން އަރައިގަންނަ ކަމަށްބުނެ ސައުދީވަރަށް ބޮޑަށް ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި އިސްތަންބޫލްގައި ހުންނަ ސައުދީކޮންސިއުލޭޓްގައި ސައުދީސަރުކާރުން އެގައުމުގެ އިދިކޮޅު ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީ ވަރަށް އަނިޔާވެރި ގޮތަކަށް މަރާލައި އޭނާގެ ހަށިގަނޑު ބުރިބުރިކޮށް ނައްތާލި ލާއިންސާނީ ގޮތްތައްވެސް ވަނީ ކުށްވެރިކޮށްފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް