ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ މިފަހަރު ވަރަށް ތަފާތު

ގައުމީ ފުޓުބޯޅަ ޓީމުގެ އަލަށް ފަރުމާ ކުރި ޖާޒީ --- ފޮޓޯ/ ބޭންކް އޮފް މޯލްޑިވްސް

ގައުމީ ފުޓުބޯޅަ ޓީމުގެ އާ ޖާޒީ ފަރުމާކުރުމަށް ބޭންކް އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މުބާރާތުން އެއްވަނަ ހޯދި ޖާޒީ ބީއެމްއެލް އިން މިއަދު ދައްކާލައިފި އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން 25،000 ރުފިޔާގެ އިނާމެއް ހުށައަޅައި ބޭއްވި އެ މުބާރާތުން އެއްވަނަ ހޯދީ ޝާޒިފް އާދަމެވެ. ސަތޭކަ އަށް ވުރެން ގިނަ ފަރާތްތަކުން މި މުބާރާތުގައި ވާދަކޮށް ގިނަ ހުށަހެޅުންތައް ވަނީ ހުށައަޅައިފަ އެވެ. އަދި މި ހުށަހެޅުންތަކަށް ބަލައި ޖަޖުންގެ ފަރާތުން އެންމެ މަތިން މާކްސް ލިބުނު ޝާޒިފަކީ ވަރަށް ހުނަރުވެރި އަދި ފަރުމާކުރުމުގެ ދާއިރާގައި ވެސް ނަންވިދާލާފައިވާ ޒުވާނެކެވެ.

ރާއްޖޭގެ ހޯމް ޖާޒީ ފަރުމާކުރުމަގައި ޝާޒިފް އަސްލަކަށް ބަލާފައި ވަނީ ބައިނަލް އަގްވާމީ ފުޓްބޯޅައިގައި ދިވެހި ގައުމީ ޓީމަށް ނިސްބަތްކޮށް ބޭނުންކުރާ 'ރެޑް ސްނެޕަރ' ނުވަތަ ރަތްމަހެވެ. މިއަދު ދައްކާލި ޖާޒީތަކުގައި ރަތްކުލައިގެ ހޯމް ޖާޒީ އާއި ނޫކުލައިގެ އަވޭ ޖާޒީ ވެސް ހިމެނެ އެވެ. އަވޭ ޖާޒީ ފަރުމާކުރުމުގައި އަސްލަކަށް ބަލާފައިވަނީ ކަނޑުގެ ރާޅުތަކެވެ.

ގައުމީ ޓީމުގެ ޖާޒީގެ އޮފިޝަލް ސްޕޮންސަރ، ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ ގައުމީ ޓީމުގެ ޖާޒީ ފަރުމާ ކުރުމަށް ބޭއްވި މުބާރާތަކީ ކާމިޔާބު މުބާރާތެއް ކަމަށާއި އެ މުބާރާތުން ދިވެހި ޒުވާނުންގެ ހުނަރު ވަރަށް ބޮޑަށް ފެނިގެންދިޔަ ކަމަށެވެ.

"ވޭތުވެ ދިޔަ ދެ އަހަރު ތެރޭގައި ގައުމީ ފުޓުބޯޅަ ޓީމުތަކުން ގައުމަށް ހޯދައިދީފައިވާ ރީތި ނަމަކީ ބޭންކުގެ ފަރާތުން ފަހުރުވެރިވާ އަދި ފާހަގަ ކުރާ ކާމިޔާބީތަކެއް. އަދި މި މުއްދަތުގައި ޒުވާން ހުނަރުވެރި ކުޅުންތެރިން އުފައްދައި ރާއްޖޭގެ ފުޓުބޯޅަ ތަރައްޤީ ކުރުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވެވުނީތީ އަޅުގަނޑުމެން އުފާކުރަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

"ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ އާ ޖާޒީއެއް ފަރުމާކުރުމަށް އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ވަރަށް ގިނަ ފަރާތްތަކުން ބައިވެރިވިކަން ފާހަގަކުރަން. މި މުބާރާތުން އެއްވަނަ ހޯދި ޝާޒިފް އާދަމް އަށް މަރުހަބާ ދަންނަވަން،"

އަލަށް ފަރުމާ ކުރި ޖާޒީ ފުރަތަމަ ފެނިގެންދާނީ މިއަދު ފެށުމަށް ހަމަޖެހިފައިވާ ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި މިއަދު އިންޑިއާ އާ ދެކޮޅަށް ދިވެހި އަންހެން ފުޓްބޯޅަ ޓީމް ކުޅޭ މެޗުގަ އެވެ.

comment ކޮމެންޓް