އެމްއެމްްއޭގެ ގަވަރުނަރު މިރޭ ފުލުހަށް ހާޒިރުކުރަނީ

އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަހްމަދު ނަސީރު މިރޭ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވަނީ މިކަން "ސަން"އަށް ކަށަވަރުކޮށްދީފައެވެ.

އެހެން ނަމަވެސް ގަވަރުނަރު ނަސީރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގީ ކޮން ގަޑިއަކަށް ކަމެއް ވިދާޅެއް ނުވެއެވެ.

ފުލުހުން ދަނީ، އެމްއެމްގޭގައި އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ އަބްދުﷲ އަޝްރަފް އޭނާގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ގަވަރުނަރު ނަސީރު ހުރަސް އެޅިކަމުގެ މައްސަލައެއް ތަހުގީގުކުރަމުންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި މި މައްސަލަ ފުލުހުންނަށް ހުށަހެޅީ އަޝްރަފްއެވެ.

ގަވަރުނަރު ނަސީރު މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރެއްވި ކަމަށް ވިދާޅުވެ، މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަށް އަޝްރަފް ފޮނުއްވި ސިޓީގެ ކޮޕީއެއް "ސަން"އަށް ވަނީ ލިބިފައެވެ.

https://sun.mv/116305

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ބޭންކް އެކައުންޓަކުން އޭސީސީގެ އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލަ އެފްއައިޔޫއިން އޭސީސީއަށް ހުށަހެޅީ 2018 ސެޕްޓެމްބަރު 10 ގައެވެ. އަދި އެމަނިކުފާނުގެ ބޭންކް އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލަ ހުށަހެޅީ އެ މަހުގެ 13 ގައެވެ. އޭރު އެފްއައިޔޫގެ ވެރިއަކަށް ހުރީ އަޝްރަފެވެ.

"ސަން"އަށް ކޮޕީ ލިބިފައިވާ ސިޓީގައި އަޝްރަފް ވިދާޅުވެފައިވަނީ އެ މައްސަލަތައް ހުށަހެޅުމުން ގަވަރުނަރު ހިތްހަމަނުޖެހުން ފާޅުކުރެއްވި ކަމަށާއި، އިންތިހާބާ ގާތް ދުވަސްވަރުގައި "ހައި ޕްރޮފައިލް ކޭސް"ތައް ނުފޮނުވުމަށް އެންގެވި ކަމަށެވެ.

މަނީ ލޯންޑަރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އެފްއައިޔޫގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ނިންމުމުގެ ފުރިހަމަ މިނިވަންކަން އެ ޔުނިޓަށް ލިބިގެން ވެއެވެ.

މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުމުގެ ގާނޫނުގެ 30 ވަނަ މާއްދާ:

  • މި ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ނިންމުމުގެ ފުރިހަމަ މިނިވަންކަން ލިބިގެންވާ، އަދި އެ ޔުނިޓަށް ކަނޑައަޅާފައިވާ ބަޖެޓާ އެއްގޮތްވާ ގޮތުގެ މަތިން އެ ޔުނިޓުގެ ހަރަދުކުރުމުގެ ފުރިހަމަ މިިނިވަންކަން ލިބިގެންވާ ޔުނިޓެކެވެ.

ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރުމަށް ހުރަސް އެޅުމަކީ ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ ދަށުން ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ. އެ ކުށް ސާބިތުވެއްޖެ ނަމަ އަންނާނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

comment ކޮމެންޓް