ކޮމިޝަނަރ އޮފް ސްޕޯޓްސްގެ މަގާމުން އަލީ އުމަރު ވަކިކޮށްފި

ވޭތުވެ ދިޔަ އަހަރު ތަކުގައި ސްޕޯޓްސް ކޮމިޝަނަރުގެ މަގާމު ފުރުއްވާފައިވާ ދެ ބޭފުޅުން ކަމަށްވާ އަހުމަދު ނަޝީދު (ޓީސީ ޑޭވް) އަދި އަލީ އުމަރު --- ފޮޓޯ / ރައީސް އޮފީސް

ކޮމިޝަނަރ އޮފް ސްޕޯޓްސް ގެ މަގާމުން އަލީ އުމަރު ވަކިކުރެވިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް އަންގަވައިފި އެވެ.

މަހްލޫފް އެކަން އަންގާފައި ވަނީ މިއަދުގެ ވަގުތެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. ނަމަވެސް އަލީ އުމަރު އެ މަގާމުން ވަކި ކުރެއްވީ ކޮން ސަބަބަކާ ގުޅިގެން ކަމެއް މަހްލޫފް އަންގަވާފައެއް ނުވެއެވެ. އަދި ރަސްމީ ގޮތެއްގައި ލިއުމަކުން އެންގުމުގެ ބަދަލުގައި ޓްވީޓަކުން އެކަން އަންގާފައިވުމުން އަލީ އުމަރު ވަނީ ޓްވިޓާގައި އެކަމަށް ފާޑު ކިޔާ މަހުލޫފުގެ ޓްވީޓަށް ކޮމެންޓް ކޮށްފައެވެ.

އަލީ އުމަރު އަކީ ދިވެހި ރާއްޖޭގެ ފުޓުބޯޅައަށް އެތައް ގޮތަކުން ހިދުމަތް ކޮށްދީފައިވާ ބޭފުޅެކެވެ. އެގޮތުން ރާއްޖޭގެ ގައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެ ރިޓަޔާ ކުރުމަށް ފަހުވެސް އުޅުއްވީ ފުޓުބޯޅައިގެ ކަންކަމުގައެވެ. އޭނާ ވަނީ އެފްއޭއެމްގެ އިސް މަގާމުތަކެއް ވެސް ފުރާފައެވެ. އެގޮތުން އެފްއޭއެމްގެ ހިންގާ ކޮމިޓީގައި މަސައްކަތް ކުރުމުގެ އިތުރުން އެ އިދާރައިގެ ނައިބު ރައީސްކަން ވެސް އަލީ އުމަރު ކުރައްވާފައި ވެއެވެ.

މީގެ އިތުރުން އެ އިދާރައިގެ ނޯމަލައިޒޭޝަން ކޮމިޓީއާއި އެ އިދާރާގެ އެކްސްކޯގައި ވެސް އަލީ އުމަރު މަސައްކަތް ކުރެއްވި އެވެ.

ސްޕޯޓްސް ކޮމިޝަނަރުގެ ގޮތުގައި ކުރިން ހުންނެވީ އަހުމަދު ނަޝީދު (ޓީސީ ޑޭވް) އެ މަގާމުން ދުރު ކުރުމަށްފަހު އަލީ އުމަރު އެ މަގާމާއި ހަވާލުވީ ވޭތުވެ ދިޔަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.

ސްޕޯޓްސް ކޮމިޝަނަރަކީ 2015 ވަނަ އަހަރު އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް ތަސްދީގު ކުރެއްވި ކުޅިވަރުގެ ގާނޫނުގެ ދަށުން އުފެއްދެވި އޮފީހެކެވެ. އެ ގާނޫނުން ލިބިދީފައިވާ ބާރުގެ ދަށުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ބެލެހެއްޓުމުގެ ކަންކަން ހަވާލުވެ ހުންނާނީ އެ އޮފީހުގެ ބެލުމުގެ ދަށުގަ އެވެ.

comment ކޮމެންޓް