ތެޔޮ ޓޭންކަރުތަކަށް ހުރަސްއަޅައިފިނަމަ އިސްރާއީލަށް ހަމަލާދޭނަން : އީރާން

އީރާނުގެ ދިފާއީ ވަޒީރު އަމީރު ހާތަމީ

ތެހެރާން (މާޗް 13) : އީރާނުން ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ ތެޔޮ ޓޭންކަރުތަކަށް އިސްރާއީލުން ހުރަސް އަޅައިފިނަމަ އެކަމާދެކޮޅަށް އަސްކަރީ ގޮތުން ރައްދު ދޭނެކަމުގެ އިންޒާރު އީރާނުގެ ދިފާއީ ވަޒީރު ޖެނެރަލް އަމީރު ޙާތަމީ ދެއްވައިފިއެވެ.

ޙާތަމީ އާ ހަވާލާދީ އީރާނުގެ އިސްލާމީ ޖުމްހޫރީ ނޫސް އެޖެންސީ ބުނީ އީރާނުން ތެޔޮ އެކްސްޕޯޓް ކުރުމަށް ބޭނުންކުރާ ތެޔޮޓޭންކަރުތަކުގެ ތެރެއިން އެއްވެސް ޓެޔޮ ޓޭންކަރަކަށް އިސްރާއީލުން ހުރަސް އަޅައިފިނަމަ އެހުރަސްއެޅި އެއްޗަކަށް އީރާނުން ސީދާގޮތެއްގައި ހަމަލާދޭނެ ކަމުގައެވެ.

އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިއަކުވަނީ އީރާނުން މިހާރު ތެޔޮ އެކްސްޕޯޓް ކުރަނީ އެމެރިކާ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖެހުމަށްފަހު އެފިޔަވަޅުތައް ބައިޕާސް ކޮށްފައި ކަމަށާ އެއީ އީރާނަށް ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ފިޔަވަޅުތަކާ ދެކޮޅަށް ތެޔޮ ބޭރުކުރުމަށް އީރާން ކުރާ މަސައްކަތަކަށް އަސްކަރީ ބާރު ބޭނުންކޮށްގެން ހުރަސް އަޅައި ބައިނަލްއަގްވާމީ ކަނޑުތަކުގައި ދަތުރުކުރާ އީރާނުގެ ތެޔޮ ޓޭންކަރުތައް ހުއްޓުވާނެ ކަމުގެ އިންޒާރުވެސް އިސްރާއީލުގެ އަސްކަރީ މަސްއޫލުވެރިޔާ ވަނީ ދެއްވާފައެވެ.

އީރާނުގެ ދިފާއީ ވަޒީރު ވިދާޅުވީ އީރާނުގެ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވުމަށް ގޮވާލާ އެއްވެސް ގަރާރެއް އދ. ން ފާސްކޮށްފައި ނުވާކަމަށާ އީރާނުގެ ތެލުގެ އެކްސްޕޯޓް އާ ދެކޮޅަށް ފިޔަވަޅުއެޅީ ހަމައެކަނި އެމެރިކާ ކަމުގައެވެ. އެމެރިކާގެ އަމުރުތަކާއި އެމެރިކާ ނިންމާ ނިންމުންތަކަކީ ބައިނަލްއަގްވާމީ ނިންމުންތަކެއް ނޫންކަމަށް އީރާނުގެ ދިފާއީ ވަޒީރު އަމީރު ޙާތަމީ ވިދާޅުވިއެވެ.

އީރާނުގެ ތެޔޮ ޓޭންކަރުތަކަށް އިސްރާއީލުން ހުރަސް އެޅުމަކީ ކަނޑުފޭރުމުގެ އަމަލެއް ކަމަށް ސިފަކުރައްވައި އެކަމުގައި ބައިވެރިވާ އިސްރާއީލުގެ އުޅަނދުތަކަށް ސީދާގޮތެއްގައި އީރާނުން ހަމަލާދޭނެ ކަމަށް ޙާތަމީ ވިދާޅުވިއެވެ. އެމެރިކާއިން އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވުމަށްޓަކައި އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވީނަމަވެސް އީރާނުގެ ތެލުގެ އެކްސްޕޯޓް ހުއްޓުވިފައެއް ނުވެއެވެ. އަދި އިގްތިސާދީ ގޮތުން އީރާން އިނދަޖައްސާލުމުގައިވެސް އެމެރިކާ އަށް އަދި ކާމިޔާބު ލިބިފައެއް ނުވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް