އިންޑިއާއިން ވެސް ބޯއިން 737 މެކްސް އުދުހުން މަނާކޮށްފި

އެމެރިކާއިން އަދިވެސް ދަނީ ބޯއިން 737 މެކްސް ފްލައިޓުތައް ބޭނުން ކުރަމުން -- ފޮޓޯ: ގެޓީ

ދިއްލީ (މާޗް 13): ފާއިތުވި ފަސް މަސް ތެރޭ ބޯއިން 737 މެކްސް 8 މަރުކާގެ ދެ މަތިންދާބޯޓެއް ވެއްޓުމާ ގުޅިގެން އިންޑިއާއިންވެސް އެމަރުކާގެ ބޯޓުތައް އުދުހުން މަނާކޮށްފި އެވެ.

މީގެ ކުރިން ބޯއިން 737 އުދުހުން މަނާ ކުރި ގައުމުތަކުގެ ތެރޭގައި ޗައިނާ، އިންޑޮނޭޝިއާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި ވިލާތު އިއްތިހާދުގެ ގައުމުތައް ހިމެނެ އެވެ.

އިންޑިއާގެ އޭވިއޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވާ ގޮތުން ބޯއިން 737 މެކްސް މަނާ ކުރަނީ، އެބޯޓުތައް އުދުހުން ރައްކާތެރިކަން ޔަގީން ކުރެވެން ދެނެވެ.

"ބޯއިން 737 މެކްސް އުދުހުން މަނާ ކުރަން ޑިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ވަނީ ނިންމާފަ. އެއީ އެބޯޓުތައް އުދުހުން ރައްކާތެރިކަން ޔަގީން ކުރުމަށްޓަކައި ބޯޓަށް ބޭނުންވާ ބަދަލުތައް ގެނެސް، ރައްކާތެރި ފިޔަވަޅު އެޅެންދެން،" އޭވިއޭޝަން މިނިސްޓްރީގެ ބަޔާނެއްގައިވެ އެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން އެގައުމުގައި ބޯއިން 737 މެކްސް 8 ބޯޓުތައް ބޭނުން ކުރަނީ ސްޕައިސްޖެޓާއި ޖެޓް އެއާވޭސްއިންނެވެ. އޭގެ ތެރެއިން ސްޕައިސްޖެޓުން އެމަރުކާގެ 13 ބޯޓު ބޭނުން ކުރެ އެވެ. އަދި ޖެޓް އެއާވޭސްއިން އޭގެ ފަސް ބޯޓު ބޭނުން ކުރެ އެވެ. ނަމަވެސް އޭވިއޭޝަން މިނިސްޓްރީގެ އަމުރާ ގުޅިގެން ދެ އެއާލައިނުން ވަނީ އެމަރުކާގެ ބޯޓުތައް ބޭނުން ކުރުން ހުއްޓާލާފަ އެވެ.

މިމަހުގެ 10އެއްގައި އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި 157 މީހުން މަރުވި އެވެ. އެބޯޓު ވެއްޓުނީ ނައްޓާލިތާ ހަ މިނިޓު ފަހުންނެވެ. އަދި މިދިޔަ އޮކްޓޯބަރު މަހު އިންޑޮނޭޝިއާގެ ލަޔަން އެޔާއިން ބޭނުން ކުރަމުން ދިޔަ ބޯއިން 737 މެކްސް 8 މަރުކާގެ ބޯޓެއް ވެއްޓި، 189 މީހުން މަރުވި އެވެ. އެބޯޓު ޖަކާޓާއިން ނައްޓާލި ފަހުން އެއާ ޓްރެފިކް ކޮންޓްރޯލާ ގުޅުން ކެނޑުނީ ދަތުރު ފެށިތާ 13 މިނިޓު ފަހުންނެވެ.

ބޯއިން 737 މެކްސް 8 ބޯޓުތައް އެންމެ ގިނައިން ބޭނުން ކުރަނީ އެމެރިކާއިންނެވެ. އަދި އެގައުމާއި ބޯއިން ކުންފުނިން ވަނީ މެކްސް 8އަކީ ބޭނުން ކުރަން ރައްކާތެރި ބޯޓުތަކެއް ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް