ތަޖުރިބާކާރު ޑިފެންޑަރު ބެންޖޯ މާޒިޔާއަށް ސޮއި ކޮށްފި

ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) މާޒިޔާއަށް ސޮއެ ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް މިހާރު ކުޅެމުން އަންނަ އެންމެ ތަޖުރިބާކާރު އެއް ޑިފެންޑަރު ކަމަށްވާ އަބްދުﷲ ހަނީފް (ބެންޖޯ) ޓީސީ ސްޕޯޓް ކުލަބު ދޫކޮށް މާޒިޔާއަށް ސޮއި ކޮށްފި އެވެ.

ވޭތުވެ ދިޔަ ދެ އަހަރު ޓީސީއަށް ކުޅެދީ ގައުމީ ފެންވަރުގައާއި ސަރަހައްދ|ީ ފެންވަރުގައި ޓީސީއަށް ރަންވަނަތަކެއް ހޯދުމުގައި މުހިއްމު ދައުރެއް އަދާ ކުރުމަށްފަހު ބެންޖޯ މާޒިޔާއަށް ބަދަލުވި ކަން އެކުލަބުން ރޭގައި ވަނީ އިއުލާން ކޮށްފައެވެ.

ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) މާޒިޔާއަށް ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ/ މާޒިޔާ

ކުޅުނު ހުރިހާ ކުލަބުތަކެއްގެ ކޯޗުންގެ އިތުބާރު ހޯދާފައިވާ ބެންޖޯ ވަނީ މީގެ ކުރިން އައިއެފްސީ އާއި ވީބީ އައްޑޫ އެފްސީ އާއި ކްލަބް ވެލެންސިއާ އަދި ކްލަބް އީގަލްސް އަށް ވެސް ކުޅެފަ އެވެ. އަދި އޭނަގެ އެންމެ ފަހުގެ ކުލަބު ކަމަށްވާ ޓީސީއާއި އެކު އޭނަ ވަނީ ރާއްޖޭގެ ކުލަބު ލެވެލްގައި މިހާތަނަށް ސަރަހައްދީ މުބާރާތަކުން ފުރަތަމަ ފަހަރަށް ރަން ވަނަ ހޯދިއިރު މުހިއްމު ދައުރެއް އަދާ ކޮށްފައެވެ.

ބެންޖޯ ވަނީ އެ މުބާރާތުގައި (ޝެއިހް ކަމާލް ކަޕު) ގެ ފައިނަލުގައި ހިއްގައިމު ގޯލެއް ވެސް ޖަހައިދީފަ އެވެ، އަދި މިދިޔަ އަހަރު ޓީސީއިން ރާއްޖޭގެ ލީގު ނެގި އިރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

މީގެ 10 ވަރަކަށް އަހަރު ކުރިން ގައުމީ ޓީމަށް ވެސް ބެންޖޯ ކުޅެފައިވާ އިރު މިއަހަރުގެ ސީޒަނުގައި ބެންޖޯގެ ތަޖުރިބާގެ ސަބަބުން މާޒިޔާގެ ޑިފެންސް ވަރުގަދަ ވާނެ ކަމަށް އެކުލަބުން ވަނީ ބުނެފައެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލި ވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލު ކުރަމުންނެވެ. އެގޮތުން މާޒިޔާ އިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއި ކުރުވަމުންނެވެ.

އެގޮތުން ޓީސީ އާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ)އާއި ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) އަދި ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ)ގެ އިތުރުން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފަ އެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއި ކޮށްފަ އެވެ. އަދި އަހުމަދު އިމާޒް (އާއްކޮ) ވަނީ ދާދި ފަހުން ދަ ގްރާންޑޭއަށް ސޮއި ކޮށްފަ އެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗު ކަމާ ހަވާލުވުމަށް އެއްބަސް ވެފަ އެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލު ވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެ އެވެ.

comment ކޮމެންޓް