ޝާލްކޭ ކޮޅަށް "ގޯލު ފުންޏެއް" ޖަހައި ސިޓީ ކުއާޓާއަށް

މެންޗެސްޓާ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ -- ފޮޓޯ/ މެޓް ޑޯމަން

ޝާލްކޭ ކޮޅަށް "ގޯލު ފުންޏެއް" ޖަހައި ލަދުވެތި ގޮތަކަށް އެ ޓީމު ބަލިކުރުމަށް ފަހު މެންޗެސްޓާ ސިޓީ އިން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން އެ ޓީމު ޝަލްކޭގެ މައްޗަށް ކުރި ހޯދީ 0-7 ގެ ބޮޑު ނަތީޖާ އަކުންނެވެ. ޝާލްކޭގެ ދަނޑުގައި ކުޅުނު މެޗުގައި 2-3 ގެ ނަތީޖާ އަކުން ސިޓީ މޮޅުވި އިރު އެ ޓީމު ކުއާޓާއަށް ދަތުރު ކުރީ 2-10 ގެ ނަތީޖާ އަކުންނެވެ. ސިޓީ އަކީ މި ސީޒަނުގައި ޗެމްޕިއަންސް ލީގު ކުއާޓާއަށް ދަތުރު ކުރި 6 ވަނަ ޓީމެވެ.

މެންޗެސްޓާ ސިޓީއާއި ޝާލްކޭ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ މެޓް ޑޯމަން

މިހާތަނަށް ކުއާޓާއަށް ދަތުރު ކޮށްފައިވާ ޓީމު ތަކަކީ އަޔެކްސް، ޕޯޓޯ، މެންޗެސްޓާ ޔުނައިޓެޑް، ޓޮޓެންހާމް އަދި ރޭގެ މެޗު ތަކުން މޮޅުވި ޔުވެންޓަސް އާއި މެންޗެސްޓާ ސިޓީ އެވެ. ކުއާޓާގެ ބާކީ އޮތް ދެ ޖާގަ ޔަގީންވާނީ މިރޭ ކުޅޭ ދެ މެޗުންނެވެ. ބާސެލޯނާއާއި ލިއޮން ވާދަ ކުރާއިރު ލިވަޕޫލްއާއި ބައްދަލު ކުރާނީ ބަޔާން މުނިކް އެވެ. އެ ހަތަރު ޓީމުގެ ވެސް ފުރަތަމަ ލެގުގެ ކުރިމަތި ލުން ވަނީ ގޯލެއް ނުޖެހި އެއްވަރު ވެފައެވެ.

ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ރޭގެ މެޗަށް ނުކުތީ ވަރުގަދަ އެގާރައަކާ އެކު އެވެ. މެޗު ފެށިގެން ނިމެންދެން ވެސް އެކީ އެކައްޗަކަށް ބޯޅަ ހިފަހައްޓައިގެން މެޗު ޑޮމިނޭޓް ކުރަމުން ދިއައީ ސިޓީއެވެ. ލިބޭ ކައުންޓާ އެޓޭކް ތަކުގައި ޝާލްކޭއަށް ސިޓީގެ ހާފާއި ހަމައަށް ބޯޅަ ގެންދެވުނު ނަމަވެސް ސިޓީގެ ހިއްގައިމު ކުޅުމާ އެކު ޝާލްކޭގެ ކުޅުންތެރިންނަށް "އާޝޯޙު" ވެގެން ތިބެވުނީ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވެސް ސިޓީ އިން ވަނީ ތިން ގޯލު ޖަހައިފަ އެވެ. ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ގޯލު ސާޖިއޯ އަގުއޭރޯ ކާމިޔާބު ކުރި އިރު އޭގެ އިރުކޮޅެއް ފަހުން އޭނަ ވަނީ އިތުރު ގޯލެއް ޖަހައި ސިޓީއަށް ދެ ގޯލުހެ ލީޑެއް ނަގައިދީފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން ދަނިކޮށް އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިދިނީ އެ ޓީމުގެ ޒުވާން ފޯވާޑް ލިރޯއީ ސާނޭ އެވެ.

ދެވަނަ ހާފު ވެސް ފެށިގެން ދިއައީ ސިޓީގެ ފަރާތުން ގިނަ ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުގައި މާ ގިނަ އިރު ނުވަނީސް އެ ޓީމުގެ ހަތަރުވަނަ ގޯލު ރަހީމް ސްޓާލިންގް ޖެހި ހިސާބުން ޝާލްކޭގެ ހިއްވަރު އެލުނު ފަދަ އެވެ. ޑިފެންސް "އޮޔާލާ" ގޮސްފައި އޮތް އޮތުމުން ފައިދާ ނަގާ ސިޓީ އިން ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ތިން ގޯލު ޖަހައިފަ އެވެ. އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ ބާނޭޑޯ ސިލްވާއާއި ފިލް ފޮޑެންގެ އިތުރުން ގެބްރިއެލް ޖީސުސް އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް ސިޓީގެ އަމާޒަކީ މި ސީޒަނުގައ އެ ޓީމުން ހަތަރު ތަށި ހޯދުމެވެ. އެގޮތުން އެ ޓީމުން މިހާރު ވަނީ އިނގިރޭސި ލީގު ކަޕު ކާމިޔާބު ކޮށްފަ އެވެ.

comment ކޮމެންޓް