ތިން ރަށެއްގެ މީހުން އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރު ފާހަގަކުރަން ގިނަ ހަރަކާތްތަކެއް

50 އަހަރު ފުރުން ފާހަގަކުރުމަށް ހިންގި ހަރަކާތެއްގެ ތެރެއިން--- ފޮޓޯ: އޭދަފުށީ ވޮއިސް

ތިން ރަށެއްގެ މީހުން ބ. އޭދަފުއްޓަށް ބަދަލުކުރިތާ 50 އަހަރު ފާހަގަކުރަން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ފަށައިފި އެވެ.

އާބާދީ އެއްފަސް ކުރުމުގެ ގޮތުން ބ. އަތޮޅުގައި ކުރިން މީހުން ދިރިއުޅުނު ތިން ރަށް ކަމަށްވާ މާއްޑޫ، ފުނަދޫ އަދި އުނޑޫދޫއިން އޭދަފުއްޓަށް މީހުން ބަދަލުކުރަން ފެށީ 1968 ވަނަ އަހަރު އޮގަސްޓް 17 ގަ އެވެ. އަދި މީހުން އެއްކޮށް ބަދަލުކޮށް ނިމުނީ އެ އަހަރުގެ ޑިސެމްބަރުމަހު 17 ވަނަ ދުވަހު އެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރިތާ ރަންޔޫބީލް ފާހަގަ ކުރުމަށް މިރޭ އޭދަފުށީގައި ހަވާ އަރުވަނީ-- ފޮޓޯ: އޭދަފުށީ ޓައިމްސް

މިއީ އާބާދީ އެއްފަސްކުރުމަށް ރާއްޖޭގައި ހިންގި އެންމެ ފުުރަތަމަ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

އޭދަފުށީގެ ވަފާ ޖަމިއްޔާގެ ޗެއާމަން އަހުމަދު އަންވަރު ވިދާޅުވީ 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މިދޔަ ހުކުރު ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ގިނަ ކަންތައްތަކެއް ކުރިއަށްދާ ކަމަށެވެ.

50 އަހަރު ފުރުމާ ދިމާކޮށް އިފްތިތާހްކުރި ހާއްސަ ބިނާ--- ފޮޓޯ: އޭދަފުށީ ޓައިމްސް

އެގޮތުން އެ ހަރަކާތްތައް ފެށުމުގެ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހަނދާނީ ބިނާއެއް އިފްތިތާހުކޮށް އޭދަފުއްޓަށް މީހުން ބަދަލުވިި އަހަރު އުފަންވި މީހުންގެ އުފަންދުވަސް ފާހަގަކުރުމުގެ އިތުުރުން ބަޑި ބޭހުގެ ކުޅިވަރުތައް ވެސް ބާއްވައިފަ އެވެ.

އޭދަފުއްޓަށް މީހުން ބަދަލުކުރި އަހަރު އުފަންވި މީހުންގެ 50 ވަނަ އުފަންދުވަސް ފާހަގަކުރަނީ--- ފޮޓޯ: އޭދަފުށީ ޓައިމްސް

އަދި އިއްޔެ ވަނީ ހާއްސަ ބާބެކިއު ނައިޓެއް ވެސް ބާއްވައިފަ އެވެ.

އަދި މިރޭ ވެސް ހައްސަ ސްޓޭޖް ޝޯއެއްވެސް ކުރިއަށްދާނެ ކަމަށް އަންވަރު ވިދާޅުވި އެވެ. އޭގެ އިތުރުން މާދަމާ ރޭ ހާއްސަ ޖަލްސާއެއް ވެސް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ޖަލްސާގައި ގާސިމް އިބްރާހިމް [ރައްޔިތުންގެ މަޖިލީހުގެ ރައީސް] ވެސް ބައިވެރިވެޑައިގަންނަވާނެ." އަންވަރު ވިދާޅުވި އެވެ.

މަސްރޭހުގައި ބޭނިމަހެއް ޓީމެއްގެ މެމްބަރަކު ދައްކާލަނީ-- ފޮޓޯ: އޭދަފުށީ ވޮއިސް

އަންވަރު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ރަށުގެ އެންމެނަށް ހާއްސަ ޖާފަތެއް ދިނުމަށް ވެސްް މިހާރު ނިންމައިފައިވާ ކަމަށެވެ.

comment ކޮމެންޓް