އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ޝަރުތު ހަމައެއް ނުވޭ: ފީފާ

އެފްއޭއެމް އިން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް 15 ކްލަބަކުން ސޮއިކޮށް ހުށަހެޅި ހުށަހެޅުމާއެއްގޮތަށް އެ ކޮންގްރެސް ބޭއްވެން ނެތް ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާ އިން އަންގައިފިއެވެ.

އެފްއޭއެމްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފީފާގެ އެސޯސިއޭޝަން އެންޑް ގަވަރުމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މެނޭޖަރު އެލެކްސެންޑްރާ ގްރޮސް ވިދާޅުވީ އެފަދަ ކޮންގްރެސްއެއް ބޭއްވުމަށް ޝަރުތު ހަމަވާވަރުގެ އަޣުލަބިއްޔަތެއް ލިބިފައިނުވާ ކަމަށެވެ.

"އަހަރަމެން ރާއްޖޭގެ ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަނުގެ އިތުރުން ތިންވަނަ ޑިވިޝަނުގެ ހުރިހާ ޓީމަކާއި ކަހަލަ ގޮތަކަށް މިއަދު ބައްދަލު ކޮށްފިން. އޭގެ ތެރޭގައި ހިމެނޭ ކޮންގްރެސް ބާއްވަން ވޯޓު ލީ ކުލަބު ތަކާއި ނުލާ ކުލަބު ތަކުގެ އިތުރުން ފަހުން ނަން އަނބުރާ ގެނައި ކުލަބުތައް. އަހަރަމެން ބެލި ބެލުމުން އެފަދަ ކޮންގްރެސް އެއް ބޭއްވުމަށް ޝަރުތު ހަމަވާ ވަރުގެ އަގުލަބިއްޔަތެއް ލިބިފައެއް ނުވޭ،" އެލެކްސެންޑްރާ ގްރޮސް ވިދާޅުވި އެވެ.

ވިކްޓަރީ ސްޕޯޓްސްގެ އިސްނެގުމުގެ މަތިން 15 ކުލަބުގެ ސޮޔާ އެކު ހުށަހެޅި އެ ހުށަހެޅުމުގައި ސޮއި ކުރި ބައެއް ކުލަބުތަކަކީ އެފްއޭއެމްގެ ރަޖިސްޓްރީކޮށްފައި ނެތް ކުލަބުތަކެއް ކަމަށެވެ. އަދި އޭގެތެރެއިން އެއް ކުލަބަކީ ސަސްޕެންޑް ކޮށްފައިވާ ކުލަބެއް ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ.

އެފްއޭއެމް އިން މިަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގެ ތެރެއިން އެފްއޭއެމްގެ ރައީސް ބައްސާމް އަބްދީލް ޖަލީލް --- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަކީ އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގައިވާ ގޮތުން ރާއްޖޭގެ ފްޓުބޯޅައިގެ އެންމެ މަތީ ފަންތީގެ ކުލަބުތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ ކުލަބުތަކުން އެދިއްޖެ ނަމަ މަދުވެގެން 14 ދުވަސް ތެރޭގައި ބާއްވަން ޖެހޭ ކޮންގްރެސް އެކެވެ.

އެފްއޭއެމް އިން އެ ކޮންގްރެސް ނުބޭއްވުމަށް ނިންމުމުން ޕެޓިޝަނުގައި ސޮއި ކުރި ކުލަބުތަކުން އަމިއްލައަށް އެ ކޮންގްރެސް ބާއްވާނެ ކަން ވަނީ އިއުލާން ކޮށްފައެވެ. އަންނަ ހުކުރު ދުވަހު އެ ކޮންގްރެސް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާނެ ކަން ކުލަބު ތަކުން އެންގި ނަމަވެސް އެފްއޭއެމް އިން އެކަމަށް ރައްދު ދީފައެއް ނުވެއެވެ.

އެފްއޭއެމް އިން މިަދު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން ފީފާގެ މެމްބަރު އެސޯސިއޭޝަން އެންޑް ގަވަރުމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މެނޭޖަރު އެލެކްސެންޑްރާ ގްރޮސް -- ސަން ފޮޓޯ/ އަހުމަދު އައުޝަން އިލްޔާސް

ފީފާއިން އެ ކޮންފަރެންސް ނުބޭއްވޭނެ ކަމަށް ބުނެފައި ވީ ނަމަވެސް ކުލަބު ތަކުން އަމިއްލައަށް އަންނަ ހުކުރު ދުވަހު ކޮންގްރެސް އެއް ބޭއްވުމަށް ކުރިން ކުރި މަސައްކަތް ހުއްޓާލާފައިވާކަން އަދި އިއުލާންކޮށްފައެއް ނުވެއެވެ. ފީފާގެ ހުއްދަ ނެތި އެ ކޮންގްރެސް ބޭއްވިޔަސް އެފްއޭއެމްގެ ލީޑާޝިޕަށް ބަދަލެއް ނާންނާނެ އެވެ.

comment ކޮމެންޓް