ސީރިއާގެ ބާޣޫޒްގައި އައިއެސްއާ ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދެނީ

އެސްޑީއެފް އިން ދަނީ ބާޣޫޒްގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދަ ހަމަލާތައް ދެމުން -- ފޮޓޯ: އޭއެފްޕީ

ދީރުއްޒޫރު (މާޗް 12): ސީރިއާގެ ބާޣޫޒްގައި ތިބި އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިއްޔެ ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާ ކަމަށް ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)އިން ބުނެފި އެވެ.

އެމެރިކާގެ މަދަދު ލިބޭ އެސްޑީއެފްގެ ތަރުޖަމާނު މުސްތަފާ ބާލީ ޓުވިޓާ މެދުވެރިކޮށް ވިދާޅުވި ގޮތުގައި އެފައުޖުތަކާއި އައިއެސްގެ ހަނގުރާމަވެރިން ދަނީ ބާޣޫޒްގައި ހަމަލާ ބަދަލު ކުރަމުންނެވެ. އަދި އެސްޑީއެފްގެ ޖެޓުތަކުން ދަނީ އައިއެސްގެ ހަތިޔާރު ގުދަންތަކަށް ހަމަލާ އަމާޒު ކުރަމުންނެވެ.

ބާލީ ވިދާޅުވި ގޮތުގައި އައިއެސްއަށް އަމާން ދިނުމަށް ދީފައިވާ މުހުލަތު މިހާރު ވަނީ ނިމިފަ އެވެ. އަދި އެސްޑީއެފްއިން ވަނީ އައިއެސްގެ ބާރު އެއްކޮށް ނައްތާލުމުގެ މަސައްކަތް ފަށާފަ އެވެ. ބާލީ އިތުރަށް ވިދާޅުވި ގޮތުގައި ފާއިތުވި މަސް ތެރޭ އައިއެސްގެ 4،000އަށް ވުރެ ގިނަ ހަނގުރާމަވެރިން ވަނީ އަމާންދީފަ އެވެ.

ބާޣޫޒްއިން އައިއެސްގެ ބާރު ކަނޑުވާލެވުމާ އެކު، 2014 ވަނަ އަހަރު އެޖަމާއަތުން އިއުލާން ކުރި "ޚިލާފަތު" ނައްތާލެވިއްޖެކަން އެމެރިކާ އާއި އެސްޑީއެފްއިން އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

އެސްޑީއެފްއިން އެހަމަލާ ދިނުމުގެ ކުރިން ވަނީ ބާޣޫޒްގައި ތިބި އާއްމު ރައްޔިތުން އަވަށުން ނެރެ، އެމީހުން ބަލާ ފާސް ކުރުމަށް ފަހު، އެމީހުންނާ ސުވާލުކޮށް، ކާނާ އާއި ފެން ފޯރުކޮށް ދީފަ އެވެ. އަދި އޭގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން އެސްޑީއެފްގެ ކޭމްޕުތަކަށް ފޮނުވާފަ އެވެ. އެހެންނަމަވެސް އިއްޔެ ދިން ހަމަލާގައި ބައެއް އަންހެނުންނާއި ކުޑަކުދީން މަރުވެފައިވާ ކަމަށް ވެސް ޚަބަރު ލިބެއެވެ.

އައިއެސްއިން ވަނީ މީގެ ކުރިން ސީރިއާ އާއި އިރާގުގެ 88،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް ކޮންޓްރޯލުކޮށް، ތެޔޮ ވިއްކައިގެންނާއި ވައްކަމާއި ކިޑްނެޕްކުރުން ފަދަ އަމަލުތަކުން އެތައް ބިލިއަން ޑޮލަރު އެއްކޮށްފަ އެވެ.

comment ކޮމެންޓް