އަޅުގަނޑަށް ފުރަތަމަ ފަތަން ދަސްވީ ގެނބުނީމަ: މިނިސްޓަރު

ރާއްޖޭގެ ފަތުރުވެރި ކަމުގެ އިތުރުން ވަގުތީ ގޮތުން ކުޅިވަރާއި ޒުވާނުންނާ ބެހޭ އިދާރައިގެ ވަޒީރު، އަލީ ވަހީދު--ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ރާއްޖޭގެ ޓުއަރިޒަމް މިނިސްޓާރީއާއި ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރީއާ ހަވާލުވެ ހުންނެވި އަލީ ވަހީދުއަށް ފުރަތަމަ ފަތަން ދަސްވީ ގެނބިގެން ކަަމަށް ބުނުއްވައިފި އެވެ.

މިއަދު ފެށުނު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އަލީ ވަހީދު ވަނީ ދިވެހި ރާއްޖޭގައި މޫދު ކުޅިވަރުތަކައް ކުރިއެރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ފާހަގަ ކުރެއްވުމުގެ އިތުރުން ފަތަން ދަސްކުރުމުގެ މުހިއްމުކަމަށް އަލި އަޅުވާލައިފަ އެވެ.

މިއަދު ފެށުނު "ދިޔަރެސް ވޯޓާ ސްޕޯޓްސް ކޮންވެންޝަން" ގެ ތެރެއިން --- ސަން ފޮޓޯ/ އަބްދުﷲ އައިމަން

ދިޔަރެސް ކޮންވެންޝަނަކީ ރައީސް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ކޮންވެންޝަނަކީ މޫދު ކުޅިވަރުގެ ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ހިމަނައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމުގެ ގޮތުން ބާއްވާ ބައްދަލު ވުމެކެވެ.

ރާއްޖޭގައި ކުޅިވަރު ކުޅުމަށް އޮތް އެންމެ ބޮޑު ޕްލެޓްފޯމަކީ ވަށައިގެންވާ ހިތްގައިމު މޫދު ކަން ފާހަގަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ މޫދު ކުޅިވަރަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރި އެރުވުމަށާއި ރާއްޖޭގެ ރީތިކަން އެހެން ގައުމުތަކުގެ ފަތުރުވެރިންނަށް ފޯރުވުމަށް އެންމެ މުހިއްމު އެއް ވަސީލަތް ކަމަށެވެ. އަދި އެ ކަމަށްޓަކައި ރާއްޖޭގެ ކޮންމެ މީހަކީ ވެސް ފަތަން ދަސްކުރަން ޖެހޭ މީހެއް ކަމަށް އެ ބޭފުޅާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކޮންމެ ރައްޔިތަކީވެސް އެއްގޮތް ނެތިއްޔާ އެނެއް ގޮތުން ވެސް މޫދާއި ގުޅި ލާމެހިފައި ވާ ބައެއް. މިކަން މިހެން އޮތުމުން ދިވެހި ކޮންމެ ރައްޔިތަކީ ވެސް ފަތަން ދަންނަ މީހަކަށް ވާންޖެހޭ. އަޅުގަނޑަށް ފުރަތަމަ ފަތަން ދަސްވީ ގެނބުނީމަ. ކުޑަ އިރު ހައެއްކަ ގަޑި އިރު މޫދުގައި އުޅެލާކަށް ވެސް އަޅުގަނޑު ފޫއްސެއް ނުވޭ،" އަލީ ވަހީދު ވިދާޅުވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް މޫދުގައި ވަރަށް ހިތާމަވެރި ހާދިސާތައް ހިނގަމުން އަންނަ ކަމަށާއި އެކަން ކަމުން ސަލާމަތް ވެވޭނީ އެކަމަށް މީހުން ހޭލުންތެރިކޮށް ފަތަން ދަންނަ ބަޔަކަށް ދިވެހިން ވެގެން ކަމަށް މީގެ ކުރިން އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުގައި އުޅޭ އެންމެންނަކީ ވެސް ފަތަން ދަސްކޮށްފައި ތިބި ބަޔަކަށް ހެދުމައް ލާޒިމް ކުރަން ވެސް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ މާލޭ ސަރަހައްދުގައި އޮލިމްޕިކް ސައިޒުގެ ސުވިމިންޕޫލެއް ބިނާކުރުމައް ބޭނުންވާ ބިން ކަނޑައަޅައި ނިންމާފައި ވާކަމަށާއި އެކަމުގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށް އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް