ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ނިހާޔަތު އިސްތިއުފާ ދެއްވައިފި

ޑެޕިއުޓީ ޕީޖީ ނިހާޔަތު: އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފައި --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި މަރިޔަމް ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެސިސްޓަންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުވެސް ފުރުއްވި ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް އަކަށް އައްޔަން ކުރެއްވީ 2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީކޮޅުއެވެ.

ނިހާޔަތު ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލް ގެ މަގާމުން އިއްޔެ ހަވިރު އިސްތިއުފާ ދެއްވިކަން ޕްރޮސެކުއުޓާ ޖެނެރަލް އަޝަތު ބިޝާމް ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ. އިތުރު ތަފްސީލެއް ބިޝާމް ނުދެެއްވައެވެ.

ނިހާޔަތު ޕްރޮސެކުއުޓާ ޖެެނެރަލް އޮފީހުގައި މަސަައްކަތް ކުރެއްވުމުގެ ކުރިން ގިނަ އަހަރު ތަކެއް ވަންދެން މަސައްކަތް ކުރައްވަމުން ގެންދެވީ ސިވިލް ކޯޓުގެ ގަޒީކަމެވެ.

https://sun.mv/72257

ދެހާސް ސޯޅަވަނަ އަހަރު ޕްރޮސިކިއުޓާ ޖެނަރަލްގެ ގާނޫނަށް އޭރުގެ ސަރުކާރުން ހުށަހެޅުއްވި އިސްލާހު ފާސްވުމުން ޑެޕިއުޓީ ޕްރޮސެކުއުޓާ ޖެނެރަލްގެ މަގާމުގައި ދެ ބޭފުޅުން ތިއްބަވައެވެ. ނިހާޔަތު އެ މަގާމުން އިސްތިއުފާ ދެއްވުމުން އެ މަގާމުގައި މިހާރު ހުންނަވާނީ ހަމަ އެކަނި މަހްމޫދު ސަލީމެވެ.

ޕްރޮސެކުއުޓާ ޖެނެރަލްގެ ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައި ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އެހީތެރިވެ ދިނުމަށް ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހަކު ނުވަތަ ބަޔަކު އައްޔަން ކުރަންވާނެ ކަމަށެވެ. އަދި ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް މީހުން އައްޔަނުކޮށް ވަކި ކުރައްވާނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.

comment ކޮމެންޓް