ކޮމަލިކާގެ ރޯލު ހީނާ ދޫކޮށްލަނީ؟

ހީނާގެ ބަދަލުގައި ކޮމަލިކާގެ ރޯލުން ދެން ފެންނާނީ އަލީޝާ ކަމަށް ރިޕޯޓްތައް ބުނޭ---

ދިވެހިން ޓީވީ ދޮށުގައި މަޑުކުރަން މަޖުބޫރު ކުރުވި އެކްތާ ކަޕޫރުގެ ކާމިޔާބު ޑްރާމާ ސިލްސިލާ "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނުގައި ކޮމަލިކާގެ ރޯލު ކުޅޭ ބަތަލާ ހީނާ ޚާންގެ ބަދަލުގައި އެހެން ތަރިއަކު އެ ރޯލަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދެން ކޮމަލިކާގެ ރޯލުން ފެނިގެންދާނީ އިޝްގް މެއިން މަރްޖާވާންގެ ތަރި އަލީޝާ ޕަންވަރު އެވެ.

ހީނާ އެ ޑްރާމާ ދޫކޮށްލާނެ ކަމުގެ ހަބަރު ކުރިން ފެތުރުނު ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފައެވެ.

ދެހާސް އެއްވަނަ އަހަރު ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޯމަލިކާގެ ރޯލުން ފެނުނީ އުރްވަޝީ ދޮލާކިއާއެވެ. ޑްރާމާގެ ދެވަނަ ސިލްސިލާއަކަށް އެކްތާ ކަޕޫރު އިއުލާންކުރާ ގުޅިގެން ގިނަ ބަޔަކު އުފެއްދި ސުވާލަކީ ކޮމަލިކާގެ ރޯލުން ފެނުނު އުރްވަޝީ ދެއްކި ކަހަލަ އެކްޓިންއެއް ދެވަނަ ސިލްސިލާ އިން ވެސް ފެނިގެންދާނެތޯއެވެ.

ޑްރާމާ ފެށިގެން މެދަކާ ހިސާބަށް ދިޔައިރު ހީނާގެ އެކްޓިންނަށް ގިނަ ބަޔަކު ތައުރީފްކުރިއެވެ. ހީނާގެ ޖާދޫގައި ގިނަ ބަޔަކު ޖެއްސިއިރު އަނެއްކާވެސް ކޮމަލިކާގެ ރޯލަށް އެހެން ތަރިއެއް ހަމަޖައްސާނެކަން އިއުލާންކުރުމުން ބައެއް ބެލުންތެރިން ވަނީ ނުރުހުންފާޅުކޮށްފައެވެ.

ހީނާއަށް މިހާރު ވަނީ ބޮލީވުޑުން ޖާގަ ވެސް ލިބިފައެވެ. "ކަސޯޓީ ޒިންދަގީ ކޭ 2" އިން ހީނާ ކޮންމެ ފެންނަ އެޕިސޯޑަކަށް އޭނާ ވަނީ 225،000 ރުޕީސް (50،000 ދިވެހި ރުފިޔާ)ގެ ބޮޑު އަގެއް ކިޔައިފަ އެވެ. އެއީ ޓީވީ އެކްޓަރުންނާ ބަލާއިރު ވަރަށް ބޮޑު އަގެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

"ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ"ގެ ކާމިޔާބަށް ފަހު، ހީނާ ވަނީ "ބިގް ބޮސް 11" އިން ވެސް ފެނިގެން ގޮސްފަ އެވެ. މިފަހަރުގެ ސިލްސިލާއިން ޕްރޭނާގެ ރޯލުން ފެންނަނީ އެރިކާ ފެނަންޑޭޒްއެވެ. އަދި އޭނާގެ ލޯބިވެރިޔާ އަނޫރާގުގެ ރޯލު ކުޅެނީ ޕާތު ސަމްތާންއެވެ.

comment ކޮމެންޓް