ޑީޑީގެ ބައްޕަގެ އެންމެ ފަހު ވަގުތުތައް: ދަރިފުޅުގެ ދުލުންނާއި ސީސީޓީވި ފުޓޭޖުން!

ގ. ދަތުގެ ހަވަނަ ބުރިން ތިރި ފެންނަ ގޮތް-- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

މިދިޔަ ހޯމަ ދުވަހު ފަތިހު ބެލްކަނިން ވެއްޓިގެން ނިޔާވި އަބްދުﷲ ނަހީފްގެ ކުއްލި މަރުގެ ހާދިސާއާ އެކު އާއިލާއަށް ވަނީ ޝޮކެއް ލިބިފަ އެވެ.

އެމްޑީޕީގެ ކުރީގެ -ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އާއި އޭނާގެ އާއިލީ ބޭފުޅުން ދިރިއުޅުއްވާ ގ. ދަތުގެ ހަ ވަނަ ބުރިން އޭނާގެ ބައްޕާފުޅު ވެއްޓި މަރުވެދާނެ ކަަމަކަށް އާއިލާއިން އެއްގޮތަކަށް ވެސް ހިތަކަށް ނާރަ އެވެ.

ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) އާއި ބައްޕާފުޅު އަދި އާއިލާ ދިރިއުޅުއްވާ ގ. ދަތުގެ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ސ. ހުޅުދޫއަށް އުފަން ނަހީފް، ނިޔާވި އިރު އޭނާ ބެލުމުގެ ކަންތަކުގައި އުޅެމުންދިޔައީ އޭނާގެ އަންހެން ދަރިފުޅު މަރިޔަމް ދީދީ އެވެ. މަރިޔަމް ބުނީ ބައްޕަ މަރުވި ދުވަހު ވެސް ހަވީރު ވެސް ހީ ހަދައި އުޅުނު ކަމަށެވެ. އެހެންކަމުން އެފަދަ ހިތާމަވެރި ހާދިސާއެއް ހިނގައިދާނެ ކަމަށް ހިތައްވެސް ނާރާ ކަމަށް މަރިޔަމް ބުންޏެވެ.

ބައްޕަ އެންމެ ފަހު ރޭ ހޭދަކުރި ވަގުތުތައް

މަރިޔަމްއަށް ބައްޕަ އެރޭ އެންމެ ފަހުން ފެނިފައި ވަނީ އެރޭ 11 ޖެހިއިރު އެވެ.

"އަޅުގަނޑު އެރޭ 09:30ގައި ބައްޕަ އުޅޭ ކޮޓަރިއަށް ވަދެފައި ބުނިން ކާށޭ. އަހަރެން މިދަނީ އަރާމުކޮށްލާށޭ ދެން 11 ޖަހާލީމާ އަޅުގަނޑު އައިސް ބެލިއިރު ބައްޕަ ފެންތަށީގެ ދެ ބައިކުޅަ އެއްބައި ހުރި ބޯލައިފައި. ކާއެއްޗެތި ވެސް ހުރި ކޮންމެ ވެސް ވަރަކަށް ކައިފައި." މަރިޔަމް ބުންޏެވެ.

ހަވަނަ ބުރިން ވެއްޓި މަރުވި ނަހީފްގެ ކޮޓަރި---ސަން ފޮޓޯ؛ މުއާވިޔަތު އަންވަރު

މަރިޔަމްގެ ބައްޕަ ބެލުމަށް ޓަކައި އެ އާއިލާއިން ބިދޭސީ މީހަކު ވެސް ގެންގުޅެ އެވެ. ބޭރު މީހާ ވެސް ދިރިއުޅެމުން ދިޔައީ އެބޭފުޅުންގެ ބައްޕައާ އެއްކޮޓަރީގަ އެވެ. އެރޭ އޭނާ ގެއަށް އައީ 11:45 ކަންހާއިރު އެވެ. އޭރު ބައްޕަ ގާތްގަނޑަކަށް ކައި ނިމެނީ އެވެ.

"އެރޭ ވަރަށް ތަފާތު. ބޭރު މީހާ ވެސް ބުނީ ވަރަށް އަރާމުކޮށް ނިދުނޭ. އެހެން ރޭރޭ ބައްޕަގެ ފަރާތުން ދިމާވާ އުނދަގޫތަކުގެ ތެރެއިން އެއްވެސް އުނދަގުލެއް ނުވެޔޭ،" މަރިޔަމް ކިޔައިދިނެވެެ.

ބެލްކަނިން ވެއްޓުނީ ކިހިނެއް؟

ބައްޕަގެ މަރުގެ ހާދިސާ ހިނގައިދިޔައީ ކިހިނެއްކަމެއް ވެސް ހުދު އެ އާއިލާއަކަށް ވެސް ނޭނގެ އެވެ. މިއީ ގިނަ ބަޔަކު މިހާރު ވެސް އުފައްދަމުން އަންނަ ސުވާލެކެވެ. އުމުރުން އެހާ ދުވަސްވެފައި އަދި ހިނގާބިގާވެ އުޅުމުގައި އުނދަގޫ މީހަކު ބެލްކަނިން ހަމަ ހުރެލާފައި ވެއްޓުނީ ހެއްޔެވެ؟

ނަހީފް ދަރިފުޅު މަރިޔަމް ދީދީ ބުނީ އެ ހާދިސާ ހިނގި އިރު، ބައްޕަ އެއްވެސް ކަހަލަ ކަމަކާ ނުތަނަވަސްވެ އާއިލާގެ މީހަކާ ހިތްހަމަނުޖެހިގެން އުޅޭކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ގ. ދަތުގެ ހަވަނަ ބުރީގެ ބެލްކަނި--- ސަން ފޮޓޯ؛ މުއާވިޔަތު އަންވަރު

"އަޅުގަނޑު ގެންދަނީ ބައްޕަގެ ހުރިހާ ކަމެއް އަބަދުވެސް ވަރަށް ގާތުން ބަލަމުން. ޗުއްޓީއެއްގައި ވެސް އަޅުގަނޑު ތަނަކަށް ނުދަން ބައްޕަ ދޫކޮށްލައިފައި ދާން ޖެހޭތީ،" މަރިޔަމް ބުންޏެވެ.

އަދި ބައްޕަގެ އަންހެނުން ނިޔާވެފައިވާތާ އަހަރުތަކެއް ވެފައިވާ އިރު އެކަމާ ވަކި ކަންބޮޑުވެގެން އުޅޭކަމެއް ވެސް އެނގިފައި ނުވާ ކަމަށް މަރިޔަމް ދީދީ އިތުުރަށް ބުންޏެވެ.

"އަޅުގަނޑަށް ހީވަނީ ބައްޕަ ރޭގަނޑު ނުނިދިގެން ފޫހިވެގެން ބެލްކަނި ކައިރިއަށް ދިޔައީހެން. އެހެން ގޮސްފައި ތިރި ބަލާލަން ވެގެން އެތާނގަ ހުރި ގޮނޑިއަކަށް އަރާއުޅެނިކޮށް ފޮރޮޅާލީހެން. މީގެ މަހެއްހާ ދުވަސްކުރިން ވެސް އަޅުގަނޑަށް ފެނުނު އެތާ ބެލްކަނީގައި އިން މޭޒެއްގައި ބައްޕަ އިށީނދެލައިގެން އިންދައި. އަޅުގަނޑު ވެސް ސިއްސައިގެން ދިޔައީ. އެ ދުވަހު ވެސް ބުނިން ބައްޕާއޭ ނުވާނެއޭ ތިތާ އިށީންނާކަށް. ފަހުން އެތާހުރި ގޮނޑިތައް ނަގަން ވެސް ނެގިން. ނަމަވެސް ފަހުން ނޫޅޭ އެހެނެއް،" މަރިޔަމް ކިޔައިދިނެވެ.

ގ. ދަތުގެ ހަވަނަ ބުރީގެ ބެލްކަނި--- ސަން ފޮޓޯ؛ މުއާވިޔަތު އަންވަރު

މަރިޔަމް ބުނީ އެ ހާދިސާ ހިނގި ރޭ ބެލްކަނީގެ ދޮރު ހުރީ ލައްޕާފައި ކަމަށާއި އެހެން ނަމަވެސް ތަޅުނުލާ ކަމަށެވެ.

އެންމެ ފަހު ވަގުތުތައް ސީސީޓީވީ ފޫޓޭޖުން

މަރިޔަމް ބުނީ ބައްޕަ މަރުވި ކަމަށް ލަފާކުރެވެނީ އެރޭ ފަތިހު 04:10 ކަން ހާއިރު ކަމަށެވެ. އެ ވަގުތާ ސަން އަށް ލިބިފައިވާ ސީސީޓީވީ ފޫޓޭޖާ ވެސް ދިމާވެ އެވެ.

ސީސީޓީވީ ފޫޓޭޖުން ފެންނަ ގޮތުގައި މަރިޔަމްގެ ބައްޕަ ވެއްޓިފައި ވަނީ 04:03:51 ވަނަ ސިކުންތުގަ އެވެ. އޭނާ ވެއްޓުމަށް ފަހު ޖެހިފައި ވަނީ އިމާރާތުގެ ބިންމަތީން ޕޭވަމަންޓް އަރިމަތީގައި ހުރި ވެލި ބަސްތާތަކެއްގަ އެވެ. ނަހީފް ވެއްޓި ޖެހުނުލެއް ބާރު ކަމުން ވެލިބަސްތާތަކުގައި ހުރި ވެލިތައް ވެސް ވަނީ ބުރައިގެން ގޮސްފަ އެވެ.

ބެލްކަނިން ވެއްޓުނު ޑރ. ޑީޑީގެ ބައްޕަ އެމްބިއުލެންސްއަށް ލައިގެން ގެންދަނީ---

މަރިޔަމްގެ ބައްޕަ ވެއްޓުމާ އެކު އެންމެ ފުރަތަމަ ފެނިފައި ވަނީ ގ. ދަތުގެ ކުރިމަތީގައި ހުންނަ ކޮޒް ކެފޭ ކައިރީގައި ހުރި މީހަކަށެވެ. އޭނާ ވަގުތުން އެ މީހާ ވެއްޓުނު ތަނަށް އައިސް ފުލުހުންނަށް ގުޅުމުން ފުލުހުން އައީ 04:07 ގަ އެވެ. އަދި އެމްބިއުލަންސް އައިސް ވެއްޓުނު މީހާގެ ހަށިގަނޑު ނަގައިގެން ދިޔައީ 04:21 ގަ އެވެ.

މަރިޔަމް ބުނީ އެ ހާދިސާ ހިނގި އިރު ގޭގެ އެންމެ މީހަކު ފިޔަވައި އެންމެން އުޅުނީ ނިދާފައި ކަމަށެވެ.

"އެއީ މެލޭޝިއާގައި ކިޔަވަން ހުންނަ ކުއްޖެއް. އޭނާ ޗުއްޓީގައި އައިސް ނުނިދާ އެރޭ އުޅެނީ. އޭނާއަށް ވެސް ތިރި މާ ހަލަބޮލިވެގެން އުޅޭހެން ހީވެގެން ތިރިޔަށް ދިޔައިމާ ރޭކާލީ،" މަރިޔަމް ބުންޏެވެ.

comment ކޮމެންޓް