ޓީބީ ބަލި ދެނެގަނެވޭނެ ޖީން އެކްސްޕާޓް ސާވިސް ގދ. ތިނަދޫގައި ތައާރަފްކޮށްފި

ޖީން އެކްސްޕާޓް ސާވިސް ގދ. ތިނަދޫގެ ހޮސްޕިޓަލްގައި ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޗްޕީއޭ

ޓީބީ ބަލި ނައްތާލުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތް ދިނުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ހެލްތު މިނިސްޓްރީ ގުޅިގެން އެ ބަލި ދެނެގަނެވޭނެ ޖީން އެކްސްޕާޓް ސާވިސް ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލްް ހޮސްޕިޓަލްގައި ތައާރަފްކޮށްފި އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޓީބީގެ ބަލި އިތުރަށް ދެނެގަތުމުގެ ހިދުމަތްތައް ފުޅާކުރުން ހިމެނެ އެވެ. އެގޮތުން އެ ބަލި ދެނެގަނެވޭނެ ދެ ޖީން އެކްސްޕާޓް މެޝިން ރާއްޖޭގެ ދެ ސަރަހައްދެއްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

ޖީން އެކްސްޕާޓްގެ ހިދުމަތް ރައާރަފްކުރުމަށް ތިނަދޫގެ ހޮސްޕިޓަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.

އެފަދަ މެޝިނެއް މިދިޔަ ބުރާސްފަތި ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލްގައި ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އަދި އައިޖީއެމްއެޗުން ވެސް 2016 ވަނަ އަހަރުން ފެށިގެން އެ ހިދުމަތް ލިބެ އެވެ.

އެޗްޕީއޭ އިން ބުނީ އެ މެޝިން ބެހެއްޓުމުން ޓީބީ ރާއްޖޭގައި ޖެހިފައިތިބި މީހުން ދެނެގަންނަ ނިސްބަތް އިތުރުވެގެން ދާނެ ކަމަށެވެ.

ޓީބީ ނުވަތަ ޓިއުބާ ކްލޯސިސްއަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެ ބަލި ޖެހެނީ މައިކޯބެކްޓީރިއަމް ޓިއުބާކްލޯސިސް ކިޔާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުންނެވެ.

ރާއްޖޭގައި ޓީބީ ޖެހިފައިވާ ކޮންމެ މީހަކު ނެޝެނަލް ޓީބީ ޕްރޮގްރާމްގައި ރަޖިސްޓްރީވުމުން އެމީހަކަށް ބޭނުންވާ ބޭހާއި އަދި އިތުރު ޓެސްޓުތަަކުގެ ހިދުމަތްތައް މިހާރު ވެސް ހިލޭ ލިބެ އެވެ.

comment ކޮމެންޓް