އިންޑިއާގެ ހަރުކަށި ހިންދޫން ތަޅާލި ބާބްރީ މިސްކިތުގެ މައްސަލަ

ބާބްރީ މިސްކިތް

އިންޑިޔާގެ ހަރުކަށި ހިންދޫން ތަޅާލި އެގައުމުގެ ތާރީޚީ މިސްކިތް ކަމަށްވާ ބާބްރީ މިސްކިތުގެ މައްސަލައަކީ ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ މައްސަލައެކެވެ.

ބާބްރީ މިސްކިތުގެ މައްސަލަ ހައްލުކުރުމަށް ޓަކައި މިދިޔަ ހަފްތާގައި އިންޑިޔާގެ ސްޕްރީމް ކޯޓުންވަނީ އަމުރެއް ނެރެފައެވެ. އެ އަމުރުގައިވަނީ މުސްލިމުންނާއި ހިންދޫން ހިމެނޭގޮތަށް ތިން މެންބަރުންގެ ޕެނެލެއް އެކުލަވާލައިގެން އެޕެނެލުން މެދުވެރިއެއްގެބައި އަދާކޮށްގެން އެމައްސަލައަށް ހައްލެއް ހޯދުމަށެވެ.

އިންޑިޔާގެ ސްޕްރީމް ކޯޓުންވަނީ އެ ޕެނަލުގެ ވެރިއަކަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރެއް ކަމަށްޗާ ފަކީރް މުޙައްމަދު އިބްރާހީމް ޚަލީފުﷲ ވެސް ހަމަޖައްސާފައެވެ. ނަމަވެސް ހަރުކަށި ހިންދޫން ތަޅާލި ބާބްރީ މިސްކިތް ހުރިތަނަކީ ހިންދޫން އަޅުކަންކުރާ ފަރާތެއްކަމަށްވާ "ރާމް" އުފަންވީތަންކަމަށްބުނާ ހިންދޫންނާ ވާހަކަ ދައްކައިގެން އެމައްސަލަ ހައްލުވާނެ ކަމަށް ނުބެލެވޭކަމަށް އިންޑިޔާގެ މުސްލިމް ލީޑަރުން ދެކެވަޑައިގަންނަވައެވެ. މިއާއެކު ދެން މިމައްސަލައަށް ވެގެންދާނެގޮތަކާމެދު އިންޑިޔާގެ މުސްލިމުން ވަނީ ކަންބޮޑުވެފައެވެ. މުސްލިމުން ބޭނުންވަނީ އެއީ ޒަމާނުއްސުރެ މުސްލިމުންގެ ބިމަކަށްވާތީ އެބިމުގައި ބާބްރީ މިސްކިތުގެ ނަމުގައި އަލުން ކުރީ ޒަމާނުގެ މޮޑެލް އަށް މިސްކިތެއް ބިނާކުރުމަށެވެ.

1991 ވަނަ އަހަރު، ހަރުކަށި ހިންދޫން ބާބްރީ މިސްކިތް ތަޅާލަނީ

ބާބްރީ މިސްކިތަކީ އިންޑިޔާގެ އެކި ސަރަހައްދުތަކުގައި މުސްލިމުންގެ ރަސްކަންކުރަމުން ދިޔަ ދުވަސްވަރު ކަމަށްވާ މީލާދީގޮތުން ސޯޅަވަނަ ގަރުނުގެ ތެރޭގައި މޮގޮލް އެމްޕެރާ ޒަހީރުއްދީން ބާބަރު ބިނާކުރެއްވި މިސްކިތެކެވެ. ބާބްރީ މިނަން ނިސްބަތްވަނީ ޒަހީރުއްދީން ބާބަރު ރަސްގެފާނަށެވެ.

ބާބަރު ރަސްގެފާނުގެ އަމުރަށް އެ މިސްކިތް ބިނާކުރުމުގައި އަމަލީގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ އޭނާގެ އަރިސް ވަޒީރު މީރު ބާޤީ އެވެ. ސޯޅަވަނަ ގަރުނުގައި އިންޑިޔާގައި ވަރުގަދަ ރަސްކަމެއްކުރި މޮގޮލް އެންޕެއާގެ ވެރިކަން އަފްޣާނިސްތާނަށާއި މެދުތެރޭ އޭޝިޔާގެ ބައެއް ގައުމުތަކަށްވެސް ފެތުރިގެން ދިޔައެވެ.

އިންޑިޔާގެ އުއްތުރާ ޕްރަދޭޝްގެ އަޔޯދިޔާގައި ހުންނަ ބާބްރީ މިސްކިތް ހުރި ބިމަކީ ހިންދޫންގެ "ކަނލާންގެ" އެއް ކަމަށްވާ "ރާމް" އުފަންވީތަންކަމަށްބުނެ ހަރުކަށި ހިންދޫ ޖަމާއަތްތައް ގުޅިގެން އެ މިސްކިތް ތަޅާލީ 1991 އަހަރުގެ ޑިސެމްބަރު މަހުގެ 6 ދުވަހުއެވެ. މިޖަރީމާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވީ ހިންދޫންގެ ހަރުކަށި ދެ ޖަމާއަތެއް ކަމަށްވާ "ވިޝްވާ ހިންދޫ ޕަރީޝާދް" ޖަމާއަތާއި "ރާޝްތްރިޔާ ސްވާޔަމްސޭވަކް ސަންގް" ޖަމާއަތުގެ އިތުރުން ހަރުކަށި ހިންދޫންގެ ތާއީދު ލިބިފައިވާ އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީއެއްކަމަށްވާ "ބަރާތިޔާ ޖަނަތާ ޕާޓީ" (ބީޖޭޕީ) އެވެ. މިހާރު އިންޑިޔާގައި ވެރިކަން ކުރަނީ މި ޕާޓީންނެވެ.

1991 އަހަރުގެ ޑިސެމްބަރު މަހުގެ 6 ވަނަ ދުވަހު ހިންދޫންގެ ހަރުކަށި ފަރާތްތަކުން ބާބްރީ މިސްކިތް ތަޅާލުމާއެކު އިންޑިޔާގެ މުސްލިމުންނާއި ހަރުކަށި ހިންދޫންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. މި ކުރުމަތިލުންތަކުގައި 2 ހާހަށް ގިނަ މީހުން މަރުވެ އެތަށް ބަޔަކު ޒަޚަމްވެގެންދިޔައިރު އޭގެތެރޭގައި ގިނައީ އެ މިސްކިތުގެ ދިފާއުގައި ނުކުތް މުސްލިމުންނެވެ.

ހަށުކަށި ހިންދޫން ބާބްރީ މިސްކިތް ތަޅާލުމުގެ މަސައްކަތުގައި

ބާބްރީ މިސްކިތް ތަޅާލުމުގެ ޖަރީމާއަށްފަހު އިންޑިޔާގެ މުސްލިމުންނާއި ހަރުކަށި ހިންދޫންނާދެމެދު އެތަށް އަހަރެއްވަންދެން އެކު ފެންވަރުގައި އެކި ސަރަހައްދުތަކުގައި ކުރިމަތިލުންތައް ހިނގައި އެކުރިމަތިލުންތަކުގެ ޝިކާރައަކަށް މުސްލިމުން ވެގެންދިޔައެވެ. އެމިސްކިތް ތަޅާލުމަށްފަހު އަދި މިއައަދާ ހަމައަށްވެސް ހަރުކަށި ހިންދޫންނާއި އެމީހުންގެ ތާއީދު ލިބިފައިވާ ބީޖޭޕީ އާއި "ވިޝްވާ ހިންދޫ ޕަރީޝާދް" އާއި "ރާޝްތްރިޔާ ސްވާޔަމްސޭވަކް ސަންގް" ފަދަ ޖަމާއަތްތަކުން ގެންދަނީ އެމިސްކިތް ހުރި ބިމުގައި ފައްޅިއެއް ބިނާކުރަން މަސައްކަތް ކުރަމުންނެވެ. ބާބަރީ މިސްކިތް ހުރި ބިމަކީ ހިންދޫންގެ "ކަނލާންގެ" އެއް ކަމަށްވާ "ރާމް" އުފަންވި ބިންކަމާއި އޭނާ އުފަންވި ތަން ހުރީ އެބިމުގައި ކަމުގެ އެއްވެސް ހެއްކެތް ހަރުކަށި ހިންދޫންނަށް ދެއްކިފައެއް ނުވެއެވެ.

https://sun.mv/74435

ހަރުކަށި ހިންދޫންގެ މިމަސައްކަތްތަކާ ގުޅިގެން އެ މައްސަލަ ހައްލުކުރުމަށް ޓަކައި އުއްތުރާ ޕްރަދޭޝްގެ އިލާހްއާބާދު ގެ ހައިކޯޓުން 2010 ވަނަ އަހަރު ވަނީ ބާބްރީ މިސްކިތް ހުރިބިން މުސްލިމުންނާއި ހިންދޫންގެ މެދުގައި ހަމަހަމައަށް ބަހާލުމަށް ހުކުމްކޮށްފައެވެ. މިއީ ހިންދޫން ރުއްސުމަށް އެކޯޓުން ނިންމި ނިންމުމެއް ކަމަށް މުސްލިމުންބުނެއެވެ. މިއާއެކު މުސްލިމުން އެމައްސަލަ އިންޑިޔާގެ ސްޕްރީމް ކޯޓަށް ވެއްދުމުން 2011 ވަނައަހަރު އިންޑިޔާގެ ސުޕްރީމް ކޯޓުން ވަނީ އެހުކުމް ބާތިލުކޮށްފައެވެ.

އެއަށްފަހު މިދިޔަ ހަފްތާގައި އިންޑިޔާގެ ސްޕްރީމް ކޯޓުންމިވަނީ މުސްލިމުންނާއި ހިންދޫން ހިމެނޭގޮތަށް ތިންމެންބަރުންގެ ޕެނެލެއް އެކުލަވާލައިގެން މުސްލިމުންނާއި ހިންދޫގެ ލީޑަރުންނާ ވަހަކަ ދައްކައިގެން ބާބްރީ މިސްކިތުގެ ބިމުގެ މައްސަލަ ހައްލުކުރުމުގެ އަމުރެއް ނެރެފައެވެ. ނަމަވެސް އެބިމުގައި ހިންދޫންގެ ފައްޅިއެއް އެޅުން ނޫންގޮތެއް ގަބޫލުނުކުރާނެ ކަމަށް ބުނާ ހަރުކަށި ހިންދޫންގެ ލީޑަރުންނާ ވާހަކަދައްކައިގެން މި މައްސަލަ ހައްލުކުރުމަކީ ވާނެ ކަމެއް ނޫންކަމަށް އިންޑިޔާގެ މުސްލިމް ލީޑަރުން ދެކެވަޑައިގަންނަވައެވެ.

comment ކޮމެންޓް