ހަވަނަ ބުރިން ވެއްޓި ނިޔާވީ ޑރ. ޑީޑީގެ ބައްޕަ

ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ)ގެ ކްލިނިކު ހުންނަ ގ. ދަތުގެ --- ސަން ފޮޓޯ/ އަހްމަދު އަވްޝަން އިލްޔާސް

ރޭ ފަތިހު މާލޭގެ ގެއެއްގެ ހަވަނަ ބުރިން މަގުމައްޗަށް ވެއްޓި ނިޔާވީ ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ)ގެ ބައްޕަކަން "ސަން"އަށް އެނގިއްޖެއެވެ.

މަޝްހޫރު ދަތުގެ ޑޮކްޓަރު، ޑރ. ޑީޑީގެ ބައްޕަ، ސ. ހުޅުދޫ ބަހާރީވިލާ، އަބްދުﷲ ނަހީފް ވެއްޓުނީ ބުރުޒުމަގުގައި ހުންނަ ގ. ދަތުގެ އިމާރާތުގެ ހަވަނަ ބުރިންނެވެ. އުމުރުން 96 އަހަރުގެ އަބްދުﷲ ނަހީފް ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވަކަމަށް ފުލުހުން ބުންޏެވެ.

ޑރ. ޑީޑީ މިއަދު ވަނީ އޭނާގެ ބައްޕަ ނިޔާވިކަން ޓްވިޓާގައި ވިދާޅުވެފައެވެ.

ނަހީފުގެ ދަރިކަލަކު މިއަދު އާސަހަރާގައި ހުރެ "ސަން"އަށް ވިދާޅުވީ އޭނާގެ ބައްޕަ ބެލްކަނީން ވެއްޓި ބޮލުގެ ކަނާތް ފަރާތް ޒަހަމްވެފައިވާ ކަމަށާއި އެގަޑީގައި އެ ފްލޯގައި ދިރިއުޅޭ މީހުން ތިބީ ނިދާފައި ކަމަށެވެ. އަދި ނަހީފްގެ ހަށިގަނޑު ފެނުނީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންތަކަކަށް ކަމަށެވެ.

އޭނާ ވިދާޅުވީ އޭނާގެ ބައްޕަ ބަލަހައްޓަން އެ ކޮޓަރީގައި ވަކި މީހަކު ހުންނަ ކަމަށާއި ނަމަވެސް އޭނާވެސް އެވަގުތު އޮތީ ނިދާފައި ކަމަށެވެ.

އޭނާގެ ބައްޕަ ބެލްކަންޏަށް ދިޔަ ސަބަބު ނޭނގޭކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރީންވެސް މާލޭގެ އިމާރާތްތަކުން ވެއްޓި މީހުން މަރުވެފައިވެއެވެ. މި ގޮތުން ހުޅުމާލޭގައި އިމާރާތް ކުރަމުން އައި އިމާރާތެއްގެ ނުވަވަނަ ބުރިން ވެއްޓި ޗައިނާ ރައްޔިތަކު މި މަހު ކުރީކޮޅުގައި ވަނީ މަރުވެފައެވެ.

comment ކޮމެންޓް