ވެއްޓުނު ބޯޓުގައި ތިބި އެންމެން ވަނީ މަރުވެފައި: އިތިއޯޕިއަން އެއާލައިންސް

އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓެއް ވަނީ ވެއްޓިފައި -- ފޮޓޯ: ރޮއިޓާސް

އަދިސް އަބަބާ (މާޗް 10): މިއަދު ވެއްޓުނު އިތިއޯޕިއަން އެއާލައިންސްގެ މަތިންދާބޯޓުގައި ތިބި އެންމެން މަރުވެފައިވާ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އިތިއޯޕިއަން އެއާލައިނުން މީގެ ކުރިން ނެރުނު ބަޔާނެއްގައިވާ ގޮތުން ވެއްޓުނު ބޯޓުގައި 149 މީހުންނާއި އަށް ކުރޫ މެމްބަރުން ތިބި ކަމަށް ލަފާ ކުރެވެ އެވެ. އަދި އޭގެ ތެރޭގައި 33 ގައުމަކަށް ނިސްބަތްވާ މީހުން ހިމެނެ އެވެ.

އެ އެއާލައިނުން ބުނި ގޮތުގައި ބޯޓު ވެއްޓުނީ އަދިސް އަބަބާއިން ކެންޔާގެ ނައިރޯބީއަށް ނައްޓާލިތާ އެންމެ ހަ މިނިޓު ފަހުންނެވެ. އަދި ބޯޓުގައި ތިބި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އެހާދިސާގައި ވެއްޓިފައި ވަނީ ބޯއިން 737 މަރުކާގެ ބޯޓެކެވެ. އެއީ ބޯއިން ކުންފުނިން 2016 ވަނަ އަހަރު ލޯންޗު ކުރި ޑިޒައިނެކެވެ. މީގެ ފަސް މަސް ކުރިން ވެއްޓުނު އިންޑޮނޭޝިއާގެ ލަޔަން އެއާގެ މަތިންދާބޯޓަކީ ވެސް ބޯއިން 737 މަރުކާގެ ބޯޓެކެވެ. އެ ހާދިސާގައި ބޯޓުގައި ތިބި އެންމެން (189 މީހުން) ވަނީ މަރުވެފަ އެވެ.

ބޯއިން އިން ދަނީ އިތިއޯޕިއާގެ ބޯޓު ވެއްޓުނު މައްސަލަ ގާތުން ބަލަމުންދާ ކަމަށް ބުނެފަ އެވެ. އެހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ޔަގީންވެފައި ނުވެ އެވެ.

comment ކޮމެންޓް