ތަޖުރިބާކާރު ޑިފެންޑަރު ޑުންގާގެ ކޮންޓްރެކްޓް މާޒިޔާއިން އައު ކޮށްފި

މާޒިޔާގެ ތަޖުރިބާކާރު ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އެ ކުލަބުގެ އެއްބަސްވުން އާ ކުރުމުގެ ހަފްލާގެ ތެރެއިން --- ފޮޓޯ / މާޒިޔާ

ފަހަތުގެ ކޮންމެ މަގާމަކަށާއި ބައެއް މެޗުތަކުގައި މެދުތެރެއަށް ވެސް ކުޅެފައިވާ ތަޖުރިބާކާރު ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ)ގެ ކޮންޓްރެކްޓް މާޒިޔާ ސްޕޯޓްސްއިން އައު ކޮށްފި އެވެ.

ޑުންގާ މާޒިޔާއާ އެކު އިތުރު ތިން އަހަރު މަޑުކުރާނެ ކަން މިއަދު މާޒިޔާ އިން ވަނީ ޔަގީން ކޮށްދީފަ އެވެ. ޑުންގާއާ އެކު އެ ޓީމުގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާ ކުރަމުން އަންނަ މުހައްމަދު އިރުފާން (އިރޭ) ވެސް ވަނީ އެ ޓީމާ އެކު އިތުރު ތިން އަހަރު މަޑު ކުރުމަށް ނިންމައިފަ އެވެ.

ހަސަން ޝިފާޒް (ޑުންގާ) ވަނީ މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނިފައެވެ -- ފޮޓޯ/ ހަސަން ޝިފާޒްގެ ފޭސްބުކް ޕްރޮފައިލް

މާޒިޔާގެ ޔޫތު ޓީމުން ވިދާލި ޑުންގާ އެ ޓީމުގެ ސީނިއާ ޓީމާ ގުޅިފައި ވަނީ 2011 ވަނަ އަހަރު އެވެ. މާޒިޔާ އިން ފަހުގެ ތާރީހުގައި ރާއްޖޭގެ ފުޓުބޯޅަ ޑޮމިނޭޓް ކުރަމުން އައިސް ހޯދި ބޮޑެތި ކާމިޔާބީތަކުގައި ޑުންގާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

މީގެ އިތުރުން ޑުންގާ ވަނީ ރާއްޖޭގެ ޔޫތު ޓީމާ އެކު 2012 ވަނަ އަހަރު ސްރީލަންކާގައި އޮތް މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރި ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ހިމެނި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލި ވެފައި ވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލު ކުރަމުންނެވެ. އެގޮތުން މާޒިޔާ އިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއި ކުރުވަމުންނެވެ. އެގޮތުން ޓީސީ އާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ)ގެ އިތުރުން ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން މި ސީޒަނުގައި އެ ޓީމުން ނުފެންނާނެ އެވެ. ޓީމުގައި ހިމެނުނު މުހިންމު ކުޅުންތެރީންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފަ އެވެ. އެގޮތުން އިސްމާއީލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއި ކޮށްފަ އެވެ. މީގެ އިތުރުން ވެސް ކުރީ އަހަރުގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރީން އަދި ވެސް ކުލަބުގެ ކޮންޓްރެެކްޓް އައު ކޮށްފައެެއް ނުވެ އެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗު ކަމާ ހަވާލުވުމަށް އެއްބަސް ވެފަ އެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލު ވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެ އެވެ.

comment ކޮމެންޓް