މަސްއޫދު އަޒްހަރު ދޫކޮށްލީ ބީޖޭޕީގެ ސަރުކާރުންކަން ހަނދާން ކުރަންޖެހޭ: ރާހުލް ގާންދީ

ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ހަމަލާ ދިން ޖަމާއަތުގެ ލީޑަރު މަސްއޫދު އަޒްހަރު ދޫކޮށްލީ ބީޖޭޕީގެ ސަރުކާރުން ކަން ހަނދާން ކުރަން ޖެހޭ ކަމަށް ރާހުލް ގާންދީ ވިދާޅުވި -- ފޮޓޯ: އިންޑިއާ ޓުޑޭ

ދިއްލީ (މާޗް 10): މިދިޔަ މަހު ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ހަމަލާ ދިން ޖައިޝް މުހައްމަދުގެ ލީޑަރު، މަސްއޫދު އަޒްހަރު ޖަލުން ދޫކޮށްލީ ބާރަތިޔާ ޖަނަތަ ޕާޓީގެ ކުރީގެ ސަރުކާރުން ކަން ހަނދާންކުރަން ޖެހޭ ކަމަށް އިދިކޮޅު ލީޑަރު ރާހުލް ގާންދީ ވިދާޅުވެއްޖެ އެވެ.

އިންޑިއާއިން 1994 ވަނަ އަހަރު މަސްއޫދު އަޒްހަރުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށް އެނާ ހައްޔަރު ކުރި އެވެ. ނަމަވެސް 1999ގައި، ކަތަމަންޑޫއިން ނިއު ދިއްލީއަށް ދަތުރު ކުރަމުންދިޔަ މަތިންދާބޯޓެއް ބަޔަކު ހައިޖެކްކޮށް، އެބޯޓު އަފްގާނިސްތާނުގެ ކަންދަހާރުގައި ޖެއްސި އެވެ. އަދި ބޯޓުގައި ތިބި 155 މީހުން ދޫކޮށްލާނީ އިންޑިއާއިން މަސްއޫދު އަޒްހަރާއި އިތުރު ދެ މީހަކު ދޫކޮށްލުމުން ކަމަށް ބުނެފަ އެވެ. ބައެއް ރިޕޯޓުތަކުގައިވާ ގޮތުން ބޯޓު ހައިޖެކް ކުރި މީހުންގެ ތެރޭގައި އަޒްހަރުގެ ކޮއްކޮ އިބްރާހިމް އަތަރު ހިމެނެ އެވެ.

އެހާދިސާއާ ގުޅިގެން އިންޑިއާގައި އޭރު އޮތް ބޮޑުވަޒީރު އަތަލް ބިހާރީ ވަޖްޕާއީގެ ސަރުކާރުން ނިންމީ އެތިން މީހުން ދޫކޮށްލާށެވެ.

"އަޅުގަނޑުމެންގެ 40 ސިފައިން މަރާލި މަސްއޫދު އަޒްހަރު ދޫކޮށްލީ ކޮން ބަޔެއްކަން ބޮޑުވަޒީރު މޯދީ ވިދާޅުވެދެއްވާ. އަދި އޭނާ ދޫކޮށްލަން އެއްބަސްވުން ހަދައި، (އަޒްހަރު) ޕާކިސްތާނާ ހަވާލު ކުރަން ކަންދަހާރަށް ވަޑައިގެންނެވީ މިހާރުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަންވެސް ވިދާޅުވެދެއްވާ،" ރާހުލް ގާންދީ ޓުވީޓު ކުރެއްވި އެވެ.

އެޓުވީޓާއެކު ރާހުލް ގާންދީ ވަނީ މަސްއޫދު އަޒްހަރު ކަންދަހާރަށް ގެންދިޔަ އިރު، އޭނާއާ އެކު މޯދީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ޑޯވާލް ފެނިގެންދާ ފޮޓޯތަކެއް ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން މަސްއޫދު އަޒްހަރާ ބެހޭ ގޮތުން ކެމްޕެއިން ރެލީއެއްގައި ވާހަކަ ދައްކަވަމުން ރާހުލް ގާންދީ ވަނީ ބީޖޭޕީއާ ހިލާފަށް، ކޮންގްރެސް ޕާޓީން ޓެރަރިސްޓުންނަށް ބޯނުލަނބާނެ ކަމަށް ވިދާޅުވެފަ އެވެ.

ކޮންގްރެސް ޕާޓީ އާއި ބީޖޭޕީން ދަނީ އަންނަ މަހާއި ޖެހިގެން އަންނަ މަހު އިންޑިއާގައި ބާއްވަން ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް