ރައްކަލަކަށް ތައާރަފު ކުރި ހެލްމެޓު ފުރަތަމަ ދުވަހުވެސް ނުރައްކަލަކަށް!

އެތެރެ ނުފެންނަ ފަދަ ހެލްމެޓެއް: މިފަދަ ހެލްމެޓުތަކަކީ ގަވާއިދާ ހިލާފު ހެލްމެޓުތައް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިއަދު ހެނދުނު 9:00 އެހާކަން ހާއިރު، ދެ ސައިކަލެއްގައި އައި ބަޔަކު ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ އިންޑިއާ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ގިނަ އަދަދެއްގެ ފައިސާ ފޭރިގެންފަ އެވެ. އެ އަމަލު ހިންގީ ހެލްމެޓު އަޅައިގެން، ކާކުކަން ނޭނގޭ ގޮތަށް މޫނު ފޮރުވައިގެން ތިބި ހަތަރު މީހެކެވެ.

އެނގިފައިވާގޮތުގައި އެ މީހުން ފޭރިގެންފައި ވަނީ ބީއެޗްއެމް ކުންފުނީގެ ފައިސާއެވެ. އެ މީހުން ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައިވާ އިރު ފޭރުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

ސައިކަލުގައި ބްރިޖު ހުރަސް ކުރާ އިރު ހެލްމެޓު އަޅަން މަޖުބޫރު ކުރަން ނިންމި ނިންމުން ތަންފީޒު ކުރަން ފެށީ ރޭ 00:00 އިން ފެށިގެންނެވެ. އެހެންކަމުން، ހެލްމެޓު އަޅައިގެން ބަޔަކު މީހުން ފޭރުމުގެ އަމަލެއް ހިންގުމުން ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

"އެވްރީ އެކްޝަން ހޭސް އަ ރިއެކްޝަން"

އެކަމާ ގުޅޭ ގޮތުން ކޮމެންޓު ކުރި އާންމުންގެ މީހަކު ބުނީ، "އެވްރީ އެކްޝަން ހޭސް އަ ރިއެކްޝަން" ކަމަށެވެ. އޭގެ މާނަ އަކީ ކޮންމެ އަމަލަކަށް އެއާ އެކަށޭނެ ރައްދު އަމަލެއްވާ ކަމަށެވެ. ފަހަރެއްގައި އެއީ ހަގީގަތަކަށް ވެދާނެ އެވެ. މިއަދު އެ ހާދިސާ ހިނގުމާއި ހެލްމެޓު އަޅަން މަޖުބޫރު ކުރުމާ ގުޅުމެއް އޮވެދާނެ އެވެ. ބައެއް ފަރާތްތަކުން ބުނަނީ ހެލްމެޓު ނޭޅިއަސް އެފަދަ ކަންތައްތައް މީގެ ކުރިންވެސް ކުރާ ކަމަށެވެ.

ރައްޔިތުންގެ މަޖަލީހުގެ އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަ ކުރައްވާ ކެންޑިޑޭޓެއް ކަމަށްވާ މުހައްމަދު ފަޒީލް އެކަމާ ގުޅޭގޮތުން ވިދާޅުވީ، ހެލްމެޓު އެޅުމަކީ ރާއްޖެއާ ގުޅޭ ނިޒާމެއް ނޫން ކަމަށެވެ. އަދި ހެލްމެޓު އެޅުމަކީ މިއަދު ހިންގި ފަދަ ޖަރީމާތައް ގިނަވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓްރާންސްޕޯޓު މިނިސްޓަރީން އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާ ބެހޭ ގަވާއިދަށް ގެނައި އެއްވަނަ އިސްލާހުގައިވާ ގޮތުން ހެލްމެޓުގައި ހުންނަ ސްކްރީނަކީ މޫނު ފެންނަ ފަދަ މެޓީރިއަލެއް ހުރި ސްކްރީނަކަށް ވާން ޖެހޭނެ އެވެ. އަދި ހެލްމެޓަކީ ހެލްމެޓު އަޅިގެން ހުންނަ މީހާ އަކީ ކާކުކަން ނޭނގޭ ގޮތަށް ހަދާފައިވާ ހެލްމެޓަކަށް ވެގެން ނުވާނެ ކަމަށް އިސްލާހުގައިވެ އެވެ. އެހެންކަމުން، ބައެއް ފަރާތްތަކުން ދަނީ، އެފަދަ ގަވާއިދާ ހިލާފު ހެލްމެޓު ބޭނުން ކުރުން ހުއްޓުވުމަށް ފުލުހުންނަށް ގޮވާލަމުންނެވެ.

ގަވާއިދާ ހިލާފު ހެލްމެޓު އަތުލުމަށް ގޮވާލައި މީހަކު ކުރި ފޭސްބުކުގައި ކޮމެންޓެއް ----

"ފުލުހުންނަށް އެ މީހުން ހޯދޭނެ"

ހެލްމެޓު ބޭނުންކޮށްގެން މޫނު ފޮރުވައިގެން އެ އަމަލު ހިންގި ނަމަވެސް، އެކަން ކުރި މީހުން ހޯދޭނެ ކަމުގެ ޔަގީންކަން ފުލުހުންގެ ތަރުޖަމާނު ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވަނީ ދެއްވައިފަ އެވެ.

އިޒްމިއާ "ސަން"އަށް ވިދާޅުވީ، އެ މީހުން މޫނު ފޮރުވައިގެން ތިބި ނަމަވެސް، އެ މީހުން ހޯދޭނެ އެހެން ގޮތްތައް އެބަ ހުރި ކަމަށެވެ.

"އެ މައްސަލައާ ގުޅޭ ސީސީޓީވީ ފޫޓޭޖް ހޯދައިގެން އެ މީހުން ޓްރޭސް ކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ހެލްމެޓު އަޅައިގެން ހުއްޓަސް، ވެހިކަލް އާއި ލައިގެން ހުރި ހެދުމާއި، ގޮއްސަ އިން ރޫޓްސް [މަގުތައް] ބަލައިގެން އެ މީހުން ޓްރޭސް ކުރެވޭނެ،"

ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އޭޓީއެމްތަކެއް --- ސަންފޮޓޯ: މުހައްމަދު އަފްރާހް

މީގެ ކުރިންވެސް އެގޮތަށް މޫނު ފޮރުވައިގެން ތިބެ ޖަރީމާ ހިންގާފައިވާ މީހުން ފުލުހުން ހޯދާފައިވާކަން އިޒްމިއާ ފާހަގަ ކުރެއްވި އެވެ.

"ކޮންމެ ގޮތަކަށް، މޫނު ނިވާކޮށްގެން ވިޔަސް އެކި ގޮތްގޮތަށް ހަދައިގެން ވިޔަސް، ފޭރޭ މީހުން ފޭރޭ. އެކަމަކު އަޅުގަނޑުމެން ހުންނާނެ ކާމިޔާބުކޮށްފައި ފޭރުމުގެ ބޮޑެތި ކޭސްތައް. ހެލްމެޓު އަޅަން ފުރުސަތު ދިނަސް ތަހުގީގުން އަޅުގަނޑުމެން އެ މީހުންތައް އިރާދަފުޅު ކުރެއްވިއްޔާ ހޯދާނަން،" އިޒްމިއާ ވިދާޅުވި އެވެ.

ކޮންމެ ކަމެއްގައި ވެސް އޭގެ ފައިދާ ހޯދޭނެ ގޮތާއި ނާޖާއިޒު ފައިދާ ނެގޭނެ ގޮތް އޮންނާނެއެވެ. ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައި، ނިވާފަތްގަނޑެއްގެ ގޮތުގައި އެ ކަން ބޭނުންކޮށްގެން ޖަރީމާ ހިންގާ ނަމަ، އެ ޖަރީމާއަށް ދޭ އަދަބުގެ އިތުރުން، މުޖުތަމައުގެ ރައްކަލަކަށް ޓަކައި ކަނޑައެޅިފައި ހުންނަ އިންތަކުގެ ނާޖާއިޒު ފައިދާ ނެގުމަކީ ވެސް ކުށެއް ކަމުގައި ކަނޑައަޅައި، އެ ކަންކަމަށް ވެސް އަދަބު ދޭން ވީއެވެ. ރައްކަލަކަށް އަޅާ ފިޔަވަޅެއް ނުރައްކަލަކަށް ހުޅުވޭ ދޮރެއްގެ ތަޅުދަނދިއަކަށް ވެގެން ނުވާނެއެވެ.

comment ކޮމެންޓް