ލަތީފާ ގާސިމްގެ މަސްލަހަތު ހިމާޔަތް ކުރަން ގާސިމް ދަނީ މަޖިލިސް ގަޑުބަޑު ކުރަމުން: ނަޝީދު

ޖޭއެސްސީގެ މެމްބަރު ލަތީފާ ގާސިމް އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް --- ސަން ފައިލް ފޮޓޯ

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ގާނޫނީ ވަކީލުންގެ ތެރެއިން ކަނޑައަޅާފައިވާ މެމްބަރު ލަތީފާ ގާސިމް އޭނާގެ މަގާމުގައި ބަހައްޓަން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އެ މަޖިލިސް ގަޑުބަޑު ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފި އެވެ.

ބާ އެސޯސިއޭޝަން އުފެއްދުމާއި ވަކީލުންގެ ބާރުތައް އެ އެސޯސިއޭޝަނަށް ދިނުމަށް އެކުލަވާލައި މަޖިލީހަށް ހުށަހަޅާފައިވާ ގާނޫނީ ހިދުމަތުގެ ބިލު އެކުލަވާލާފައި ވަނީ ލަތީފާގެ މަގާމު ދައުރު ހަމަ ނުވަނީސް ގެއްލޭ ގޮތަށެވެ.

މިއަދު އައްޑޫ ސިޓީގައި އޮތް އެމްޑީޕީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެ ބިލަކީ މިވަގުތު ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމުގެ ދާއިރާއަށް އެންމެ މުހިންމު އެއް ބިލު ކަމަށެވެ.

"އިންސާފު ގާއިމް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާގެ ބެލުމުގެ ދަށުން މިހާރު ފޮނުއްވާފައި އެބަ އޮތް ބިލެއް 'ގާނޫނީ ހިދުމުގެ ބިލު' މިހެން ކިޔާ ބިލެއް. މި ގާނޫނީ ހިދުމަތު ބިލަކީ، މިވަގުތަށް ދިވެހި ރާއްޖެއަށް އެންމެ މުހިންމު އެއް ބިލު،"

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މިހާރު ގަވާއިދު އޮންނަ ގޮތުން ޖޭއެސްސީއަށް ވަކީލުންގެ ތެރެއިން މެމްބަރަކު އިންތިހާބު ކުރާ އިރު ވަކީލުންގެ އިތުރުން ފަނޑިޔާރުންނަށްވެސް ވޯޓު ލެވޭނެ އެވެ. ނަމަވެސް، ގާނޫނީ ހިދުމަތުގެ ބިލު އެކުލަވާލާފައި ވަނީވަކީލުންގެ ތެރެއިން މެމްބަރަކު އިންތިހާބު ކުރާ އިރު ފަނޑިޔާރުންނަށް ވޯޓު ނުލެވޭ ގޮތަށެވެ.

"ގާނޫނީ ހިދުމަތުގެ ބިލުން އަމާޒު ހިފާފައިވާ އެއް ކަމަކީ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގާނޫނީ ކަނޑައަޅާ ބޭފުޅުންގެ ތެރެއިން ވަކީލުންގެ ތެރެއިން ކަނޑައަޅާ ބޭފުޅުންނަކީ ވަކީލުން އެކަނި ވޯޓު ދީގެން އިންތިހާބުވާ، ކަނޑައެޅޭ މީހެއްގެ ގޮތުގައި ހެދުން،" މިއަދު ނަޝީދު ވިދާޅުވި އެވެ.

ގާނޫނީ ހިދުމަތުގެ ބިލު އަދިވެސް އޮތީ ކޮމިޓީ މަރުހަލާގަ އެވެ. އެ ބިލު މަޖިލީހުގެ ތަޅުމަށް ހުށަނޭޅިގެން އުޅެނީ ލަތީފާގެ މަސްލަހަތު ހިމާޔަތް ކުރައްވަން ގާސިމް މަސައްކަތް ކުރައްވާތީ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ މި ބިލު ކުރިއަށް ނުގެންދެވިގެން މި އުޅެނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގައި އިންނަވާ، ވަރަށް ކުޅަދާނެ ބޭފުޅެއް ކަމުގައި ވަނީ، މި ތަނުގައި އެ ބޭފުޅެއްގެ ނަން އަޅުގަނޑު ކިޔަން އެބަ ޖެހޭ، ލަތީފާ ގާސިމް ކިޔާ ބޭފުޅެއް. އެތަނުގައި އިންނަވާ ބޭފުޅެއް، އެ ބޭފުޅާގެ މަސްލަހަތު ސަލާމަތްކޮށްދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަޅުގަނޑުމެން ހުށަހަޅާފައިވާ ބިލު ތަޅުމަކަށް ނުއެއް ގެންނެވި،"

"އެހެންވީމާ ކޮންމެހެންވެސް މި ދަންނަވާ ޖިންސުއް ލަތީފާގެ ކަންކަން، އެ ބޭފުޅާގެ މަސްލަހަތު ހިފަހައްޓަވަން މުޅި ރައްޔިތުންގެ މަޖިލިސް ގަޑުބަޑު ކުރަމުން އެ ގެންދަނީ،" ނަޝީދު ވިދާޅުވި އެވެ.

ގާނޫނީ ހިދުމަތުގެ ބިލުގެ 67 ވަނަ މާއްދާގައި ބުނެފައިވަނީ ގަނޫނުއަސާސީގެ 158 ވަނަ މާއްދާގެ (މ) ގެ ދަށުން ގާނޫނީ ވަކީލުންގެ ތެރެއިން ޖޭއެސްސީއަށް ގާނޫނީ ވަކީލަކު އައްޔަން ކުރުމަށްޓަކައި ބާއްވަން ޖެހޭ އިންތިހާބު ބާ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީ ވުޖޫދަށް އަންނަ ދުވަހުން ފެށިގެން ފަނަރަ ދުވަހުގެ ތެރޭގައި ބާއްވަން ވާނެ ކަމަށެވެ.

ލަތީފާ ގާސިމްގެ ޖޭއެސްސީ މެމްބަރު ކަމުގެ މުއްދަތު ހަމަވާނީ 2019 ވަނަ އަހަރު ނޮވެމްބަރު ހައެއްގައެވެ. ނަމަވެސް އެ ބިލު އޮތް ގޮތަށް މަޖިލީހުން ފާސްވެއްޖެ ނަމަ ބާ އެސޯސިއޭޝަނުން ޖޭއެސްސީއަށް ވަކީލަކު އައްޔަން ކުރަން އިންތިހާބު ބާއްވާ ހިސާބުން ލަތީފާގެ މަގާމު އޮޓަމެޓިކުން ގެއްލޭނެއެވެ.

ލަތީފާ ޖޭއެސްސީއަށް އިންތިހާބުކޮށް މެމްބަރު ކަމާ ހަވާލުވީ 2014 ނޮވެމްވަރު ހައެއްގައެވެ. އެފަހަރު ބޭއްވި އިންތިހާބު ލަތީފާ ކާމިޔާބު ކުރެއްވީ 283 ވޯޓު ލިބިވަޑައިގެންނެވެ. އޭނައާ އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމަށް ލިބިވަޑައިގަތީ 163 ވޯޓެވެ.

comment ކޮމެންޓް