ކަނބަލުން މަހަށް ގޮސް ދެ ގަޑިއިރު ތެރޭ 300 ކިލޯގެ މަސް ބާނައިފި

ކަނބަލުން ބޭނި ބައެއް މަސް: ދެ ގަޑިއިރު ތެރޭގައި 300 ކިލޭ މަސް ވަނީ ބާނާފައި --- ފޮޓޯ: ބީއެމްއެލް

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން 30 އަންހެނުންނާ އެކު މަސް ކަނޑަށް ނިކުމެ ދެ ގަޑިއިރު ތެރޭގައި 300 ކިލޯގެ މަސް ބާނައިފި އެވެ.

އަންހެނުންނަށް މަސްވެރިކަން ދަސްކޮށްދިނުމަށާއި މަސްވެރިކަމުގެ ތަޖުރިބާ އަންހެނުނުންނަށް ދިނުމުގެ ގޮތުން ބީއެމްއެލް އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ހިންގި ހަރަކާތުގައި ބައިވެރުވެފައި ވަނީ ބޭންކާއި ގެމަނަފުށީގެ އަންހެނުން ހިމެނޭ ގޮތަށް 30 ކަނބަލުންނެވެ.

އެ ހަރަކާތް ފެށިފައި ވަނީ އިއްޔެ ހަވީރު އެވެ. ފީނާއި އެންދެމުމަށް ފަހު މިއަދު ފަތިހު ކަނޑަށް ނިކުމެ ދެ ގަޑިއިރުގެ ތެރޭގައި 300 ކިލޯގެ މަސް ބާނާފައިވާ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ. އަދި ބޭނި މަސް ކެނޑޫމާއި އެ މަހުން ރިހާކުރު ކެއްކުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބޭންކުން ބުންޏެވެ.

ކަނބަލުން މަހަށް ގޮސް ބޭނި މަސްތައް ގާޑިއަލަށް އަރުވައިގެން --- ފޮޓޯ: ބީއެމްއެލް

އިޖްތިމާޢީ އެކި ހަރަކާތްތަކުގައި އަންހެނުން ބައިވެރިކޮށް އަންހެނުން ބާރުވެރިކުރުވައި، މުޖުތަމައުގެ އެއްބައިވަންތަކަމާއި ހަމަހަމަ ކަން ގާއިމު ކުރުމަށް ބީއެމްއެލް އިން އަބަދު ވެސް އަހައްމިއްޔަތުކަން ދޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

"މި ހަރަކާތުގެ ސަބަބުން އަންހެނުންގެ މެދުގައި މަސްވެރިކަމުގެ ރޫޙު އާލާވެ، ދިވެހި އަންހެނުނަކީ ކޮންމެ ކަމަކަށް ވެސް ކެރިގެން ކުރިމަތިލާ ފިސާރި ކަނބަލުންތަކެއްކަން ދައްކުވައިދީ، ޒަމާނުއްސުރެ ދިވެހިންގެ ލޭނާރު ކަމަށްވާ މަސްވެރިކަމަށް ޝައުގުވެރިކަން އިތުރުވެގެންދާނެ،" ބީއެމްއެލުން ނެރުނު މީޑިއާ ސްޓޭޓް މަންޓެއްގައިވެ އެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސްވެރިކަމުގެ ހާއްސަ ހަރަކާތާ ގުޅޭ ގޮތުން، ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، އެ ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ދިވެހި އަންހެނުންގެ ހުރި ޝައުގެވެރިކަމާއި، އެފަދަ ކަންކަމަށް ލިބޭ ތަރުހީބު ފާހަގަ ކުރެވިގެން ގޮސްފައިވާ ކަމަށެވެ.

ބީއެމްއެލް އާއި ދިވެހި މަސްވެރިންގެ ޖަމިއްޔާ ގުޅިގެން ކަނބަލުން ގޮވައިގެން މަސްވެރިކަން ކުރުމަށް އެންދަމަނީ --- ފޮޓޯ: ބީއެމްއެލް

"މަސްވެރިކަން ކުރާ ގޮތް މި ފަދަ ހަރަކާތެއް މެދުވެރިކޮށް އަންހެނުން ދައްކުވައިދީ އެކަނބަލުންނަށް މިފަދަ ފުރުސަތެއް ހޯދައިދެވުނުކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް، މިފަދަ ހާއްސަ ހަރަކާތެއް ރޭވުމުގައި ބައިވެރި 'ދިވެހި މަސްވެރިން' ޖަމިއްޔާ އަށާއި ބޭންކުގެ މުވައްޒަފުންނަށް ހާއްސަ ޝުކުރެއް އަދާކުރަން." އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ކަނބަލުން މަސްވެރިކަމުގައި --- ފޮޓޯ: ބީއެމްއެލް

އަންހެނުންގެ ދުވަހާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް އިން ވަނީ އަންހެން މުވައްޒަފުންނަށް ހިލޭ ޕެޑް ލިބޭނެ ގޮތް ހަމަޖެއްސުމާއި އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ހާއްސަ ދެ ޖަމިއްޔާއަކަށް ފައިސާގެ އެހިތެރިކަންވަނީ ފޯރުކޮށްދީފަ އެވެ. އެ ގޮތުން 'ފެމިލީ ލީގަލް ކްލިނިކް' އާއި 'ވިމެން އިން ޓެކް' އަށް ކޮންމެ ޖަމިއްޔާއަކަށް 46،000 ރުފިޔާ ވަނީ ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް