ނޫސްވެރިންނާއި ޕްރޮޕެގެންޑިސްޓުން

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބިލް ފާހަގަކުރުމަށާއި، އެކި ރޮނގުތަކުން މިދިޔަ އަހަރުގެ އެންމެ މޮޅު ނޫސްވެރިންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ޖަރުމަނު ވިލާތުގައި ނާޒީން ވެރިކަން ކުރި ޒަމާނުގައި، އެޑޮލްފް ހިޓްލަރުގެ ޕްރޮޕެގެންޑާޔާ ބެހޭ ވަޒީރުގެ ނަމަކީ ޕޯލް ޖޯސެފް ގޮއެބެލްސްއެވެ. އޭނާޔަކީ ޖަރުމަނު ދުށް އެންމެ މޮޅު ވާހަކަ ދެއްކުންތެރިންގެ ތެރެއިން ބޭފުޅެކެވެ. ނާޒީ ޕާޓީގެ ބާރލިން ޑިސްޓްރިކްޓް ގޮފީގެ ވެރިޔާގެ މަގާމު 1926ގައި އޭނާޔަށް ލިބިވަޑައިގަތުމުން، ނާޒީ ޕާޓީ އާއި އެ ޕާޓީގެ ހަރަކާތްތަކަށް ރައްޔިތުންގެ ތާއީދާއި މަގުބޫލުކަން ހޯދުމަށް ޓަކައި ޕްރޮޕެގެންޑާގެ ބޭނުން ކުރާނޭ ގޮތާ މެދު ދިރާސާތައް ކުރައްވާން ފެއްޓެވިއެވެ. ނަވާރަސަތޭކަ ތެއްތިރީހުގައި ނާޒީ ޕާޓީޔަށް ޖަރުމަނުގެ ވެރިކަން ލިބުމުން، ޕްރޮޕެގެންޑާޔާ ބެހޭ ވަޒީރުގެ ހައިސިއްޔަތުން އޭނާ މީޑިޔާގެ އެކިއެކި ވަސީލަތްތަކާއި ޒަރީއާތައް، ނާޒީ ޕްރޮޕެގެންޑާގެ އާލަތްތަކެއްގެ ގޮތުގައި ބޭނުން ކުރެއްވިއެވެ. ރޭޑިޔޯ އާއި ނޫސްތައް ފަދަ ވަސީލަތްތަކެވެ. އަދި އެ ތަންތަނަށް ނާޒީ ޕްރޮޕެގެންޑާ ފަތުރާނެ މީހުން ލައްވައިގެން، މުޅި ޖަރުމަނުގައި ނާޒީ ފިކުރު ފެތުރުއްވެވިއެވެ.

އެހެންވީމާ، ގޮއެބެލްސްގެ ރޭޑިޔޯ އާއި ނޫސްތަކާއި އެފަދަ އެހެނިހެން ވަސީލަތްތަކަކީ ނޫސްވެރިކަމަށް ވާނެތޯއެވެ؟ އެ ތަންތަނުގައި އޭނާގެ ސިޔާސަތުތަކާ އެއްގޮތަށް، ނާޒީ ފިކުރު ފަތުރައި އެ ފިކުރާ ދެކޮޅު އެންމެންނަށް ހެއްދެވިނެހެއްދެވިއަށް ގޮވައި، އެ އެންމެންނާ ބެހޭގޮތުން ދޮގާއި ބައިކުޅަބައި ދޮގާއި ނަފްރަތު ފެތުރި މީހުން ނޫސްވެރީންނަށް ވާނެތޯއެވެ؟ ގޮއެބެލްސަކީ އެ އެންމެންގެ އެންމެ ބޮޑު ނޫސްވެރިޔާ ކަމަށް ވާނެތޯއެވެ؟

ނޫނެކެވެ. އެއީ ނޫސްވެރިކަމެއް ނޫނެވެ. އެއީ ޕްރޮޕެގެންޑާއެވެ. ނޫސްވެރިކަމާއި ޕްރޮޕެގެންޑާޔަކީ ދެ ކަމެކެވެ. މުޅީން ތަފާތު ދެ ކަމެކެވެ.

ނޫސްވެރިކަމަކީ މިނިވަން ޕްރޮފެޝަނެކެވެ. މުސްތަގިއްލު ޕްރޮފެޝަނެކެވެ. އިލްމީ ގޮތުން ތަސައްރަފު ފުދިފައި ތިބޭ ތަންދޮރު ދަންނަ މީހުންގެ ޕްރޮފެޝަނެކެވެ. ސުލޫކީ މިންގަނޑުތަކެއްގެ މަތީގައި ޝަރަފުވެރިކަމާ އެކު ހިންގޭ ޕްރޮފެޝަނެކެވެ. ނޫސްވެރިންނަކީ މީހުންގެ އަމިއްލަ ދިރިއުޅުމުގެ އަމިއްލަކަމާއި، ފަރުދުންގެ ހައްގުތަކަށް އިހުތިރާމު ކުރުމާ އެކު، މުޖުތަމައަށް އެނގުން އައުލާ ވެގެން ވާ ކަންކަން ޚަބަރާއި ރިޕޯޓުތައް ފަދަ ގޮތްގޮތަށް ތައްޔާރު ކޮށް މުޖުތަމައަށް ފޯރު ކޮށްދޭ ބައެކެވެ. ނޫސްވެރިން ލިޔާނީ އިންސާނީ ބުއްދި ގަބޫލު ކުރާ މިންގަނޑަކުން ތެދުކަން ކަށަވަރު ކުރެވިފައި ވާ ވާހަކަތަކެވެ. ކިތަންމެ ހޫނު ވާހަކައެއް ކަމުގައި ވިޔަސް، އެއީ ދޮގު ކަމުގައި ވެދާނެކަމުގެ އިހުތިމާލު ފެންނާން އޮތިއްޔާ، ނޫސްވެރިން އެ ވާހަކަ އާއްމުންގެ ތެރޭގައި ނުފަތުރާނެއެވެ. ލިޔާ ޚަބަރެއް ފަދަ އެއްޗަކަށް ބޭނުން ވާ މައުލޫމާތު ފުރިހަމަ ނުވަނީ ނަމަ، ނޫސްވެރިން އެ ޚަބަރެއް ނުލިޔާނެއެވެ. އެތައް ބަޔެއްގެ މަސްލަހަތު ހިމެނޭ ކަމެއްގައި، އެއް ފަރާތުން ދައްކާ ވާހަކަތަކެއް ނޫސްވެރިން އާއްމުންގެ ގާތަށް ގެންގޮހެއްނުދޭނެއެވެ. ނޫސްވެރިން ކުއްޔަކަށް ނުލިޔާނެއެވެ. ނޫސްވެރިންގެ ގަލަމަކީ ނީލަން ކިޔޭ އެއްޗެއް ނޫނެވެ. ނޫސްވެރިންނަކީ ބުއްދިޔާއި ޒަމީރުގެ މަގުގައި ހިނގާ ބައެކެވެ. ނޫސްވެރިންނަކީ އިޚްލާސްތެރިކަމާ އެކު، ތެދު ބަހުން ވާހަކަ ދައްކައި، ތެދު ބަހުން ލިޔެ، ފުރިހަމަޔަށް ލިޔެ، މުޖުތަމައުގައި ހުންނަ ގޯސްތައް ރައްޔިތުންގެ ސަމާލުކަމަށް ގެންނަ ބައެކެވެ. ހިނގައިދިޔަ ގޯސްތައް ރަނގަޅު ކުރެވެންދެން، އާއްމު ހަނދާނުގެ ދައުރު އަދާ ކޮށް، އެ ގޯސް އަދި ރަނގަޅެއް ނުކުރެވެޔޭ، އަދިވެސް ރަނގަޅެއް ނުކުރެވެޔޭ، ބުނެ ވާހަކަ ދައްކާ މީހުންނެވެ. ނޫސްވެރިންނަށް ޝަރަފާއި ހިމާޔަތާއި ރައްކައުތެރިކަން ފޯރު ކޮށްދޭން ޖެހެނީ މި ސަބަބުތަކަށް ޓަކައެވެ.

ނަމަވެސް ނޫސްވެރިކަމުގެ ނަމުގައި، ނޫސްވެރިކަމުގެ ގަލަން ހިފައިގެން، ނޫސްވެރިންގެ ހެދުން ލައިގެން ނުލަފާ ޕްރޮޕެގެންޑިސްޓުން ނުކުމެ، ތިމާމެންގެ ސިޔާސީ ޕާޓީތަކާއި، ތިމާމެންގެ ފިކުރުތަކުގެ ޕްރޮޕެގެންޑާ ފަތުރައިފައި، ނޫސްވެރިކަމުގެ ތޮށިގަނޑުގެ ނިވަލުން ހިމާޔަތް ހޯދާ ނަމަ، އެއީ ގައުމެއްގައި ނޫސްވެރިކަމަށް ކުރިމަތި ވާނެ އެންމެ ބޮޑު ނުރައްކަލެވެ. އެއީ އަނިޔާވެރި ސަރުކާރަކުން ނޫސްވެރިން ހައްޔަރު ކުރުމަށް ވުރެ، ނޫސްވެރިން ޖަލަށް ލުމަށް ވުރެ، ނޫސްތައް ބަންދު ކުރުމަށް ވުރެ އެތައް ގުނައެއް ބޮޑު ނުރައްކަލެކެވެ.

ޕްރޮޕެގެންޑިސްޓުން ޓީވީގައި ޚަބަރު ކިޔަސް، ނޫހުގައި ޚަބަރާއި ރިޕޯޓާއި ކޮލަމް ލިޔުނަސް، އެމީހުން ވާނީ ހަމަ ޕްރޮޕެގެންޑިސްޓުންނަށެވެ. އެމީހުން ވިސްނާނީ އެމީހުންގެ ސާހިބުންގެ މަސްލަހަތުގައެވެ. އެމީހުން ދޮގު ހަދާނެއެވެ. އެ ދޮގުގެ މައްޗަށް އިތުރު ދޮގުތައް ހަދާނެއެވެ. އެ ދޮގުތައް ތަކުރާރު ކުރާނެއެވެ. އެމީހުންގެ ބުއްދި މަސައްކަތް ކުރާނީ ދޮގާއި މަކަރުގެ މެޝިނެއް ފަދައިންނެވެ. އެމީހުންގެ ޒަމީރު ވަނީ ޣަފުލަތުގައެވެ. ނުވަތަ ކޯމާގައެވެ. އެޔަކަށް ތެދެއް، ހައްގެއް، އިންސާފެއް، ރަނގަޅެއް ނޭނގޭނެއެވެ. އެމީހުން ތިމާމެންގެ ނަފުސުތަކާއި ތިމާމެންގެ ނޫޓު ސާހިބުން ޒީނަތްތެރި ކުރުމަށް ޓަކައި ރަދީފުގައި ހުންނަހައި ރިވެތި ލަފުޒުތައް ބޭނުން ކުރާނެއެވެ. އެމީހުންގެ ޕްރޮޕެގެންޑާގެ ހަތިޔާރުތައް އަމާޒު ކުރެވޭ މީހުންނާ ދެކޮޅަށް ރަދީފުގައި ހުރިއްޔާ ހުރި ހުރިހާ ނުބައި ލަފުޒުތައް ބޭނުން ކުރާނެއެވެ.

ދެން މިއަދު އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ ހާލަތަށް ނަޒަރު ހިންގައިލަމާތޯއެވެ؟ އަޅުގަނޑު ދެކޭ ގޮތުގައި، ދިވެހިރާއްޖޭގެ ނޫސްވެރިކަން މިރިއެއް ގަބުޅިއެއް ކާށްޓެއް އެކައްޗަކަށް ވެސް ނުވެ، ހަލާކު ވެ ފަނާ ވުމުގެ ފައްތަރަށް ހިނގައްޖެއެވެ. ދިވެހި ނޫސްވެރިކަން އޮތީ އައިސީޔޫގައެވެ. މަރުގެ ތުންފަތްމަތީގައެވެ. ނިކަން ރަނގަޅު ނޫސްވެރީންގެ މަދު ބޭފުޅުންކޮޅެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވިއެވެ. ނަމަވެސް ނޫސްވެރީންގެ ފާހާއި ކާޑު އަޅުވައިގެން މުޖުތަމައަށް ނުކުމެ ތިބެ، ނޫސްވެރިންނަށް ލިބޭ އިނާޔަތްތަކާއި ހިމާޔަތްތަކަށް ލަދެއް ހަޔާއެއް ނެތި އެދެމުން ދާ ގިނަ މީހުންނަކީ އަޚްލާގެއް، ޒަމީރެއް، ބުއްދިއެއް، ގޮތެއް، ފޮތެއް، ހަމައެއް، އުސޫލެއް ނެތް ޕްރޮޕެގެންޑިސްޓުންނެވެ. މީގެ ތެރެއިން އެއް ޕްރޮޕެގެންޑިސްޓަކާ އަޅުގަނޑާ ދާދި ފަހުން ދިމާ ވިއެވެ. އަޅުގަނޑުގެ ގާތުގައި އޭނަ ބުނީ "މިހާރު ޖާރނަލިޒަމް ކޯސް ހަދަނީ" ކަމުގައެވެ. އަޅުގަނޑުގެ ހިތަށް އެރީ "ސަހަރޯ" މިހެންނެވެ. "ޖާރނަލިޒަމް" ކޯސް ހަދައިގެން އޭނާޔަށް މިހާރު މި ކުރެވެނީ ނޫސްވެރިކަން ނޫންކަމާއި، މިހާރު ތިމަންނާޔަކީ ޕްރޮޕެގެންޑިސްޓެއްކަން ވިސްނިއްޖެއްޔާ ކިތަންމެހައި ވެސް ރަނގަޅެވެ. އެ ނޫން ނަމަ، މި ގައުމާ މެދު ހުރީ ކޮޅުނެތްކޮޅަށް ހިތާމައެވެ. ނުލަފާ މީހުން ވެރިންނަށް ވެ، ނުމީހުން މީހުންނަށް ވެ، ނުދަންނަ މީހުން އުލަމާއިންނަށް ވެ، ޕްރޮޕެގެންޑިސްޓުން ނޫސްވެރިންނަށް ވެ، މުޅި ގައުމު ހަލާކުގެ ފުން ފައިތަޅާޔަށް ވެއްޓި ނިމެނީއެވެ.

ރައްޓެއްސަކު އަޅުގަނޑުގެ ގާތުގައި އެއްފަހަރަކު ބުނި ގޮތުން، 2008 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބަށް ޓަކައި، މީޑިޔާގެ އެކިއެކި އިދާރާތަކާއި ތަންތަނުން އެ ތަންތަނުގެ ނޫސްވެރިން އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީ ކުރަން ފުރުސަތު ހުޅުވައިލުމުން، އެއް ތަނަކުން 700 ވަރަކަށް "ނޫސްވެރިން" ރަޖިސްޓްރީ ކުރާން ހުށައެޅިއެވެ. އެ ހުރިހާ އެންމެން ރަޖިސްޓްރީ ކޮށްދެވުނުވެސްމެއެވެ. އެއީ ވެސް މިއަދު ދިވެހިރާއްޖޭގެ ނޫސްވެރިންގެ ދަފުތަރުގައި ޖެހިފައި ވާ މީހުންނެވެ. އެވެރިން ވެސް މިއަދު ގެންދަނީ "ނޫސްވެރިކަން" ކުރަމުން، ގައުމުގައި އެއުރެންގެ ޖަމާއަތް ފިޔަވައި އެހެން އެންމެންނަށް ހުތުރުހައި އެއްޗެތި ގޮވަމުންނެވެ. މިއީ އަޅުގަނޑުމެންގެ ހާލަތު އޮތް ގޮތެވެ.

ވަރަށް ރަނގަޅު، ނަމޫނާ ނޫސްވެރިޔެއްގެ ވާހަކަ ދަންނަވައިލާނަމެވެ.

ނަންފުޅަކީ ޖޯން ރިޗަރޑް ޕިލްޖަރއެވެ. އޮސްޓްރޭލިޔާގެ ބޭފުޅެކެވެ. ދެހާސް ދެވަނަ އަހަރުގައި ޕިލްޖަރ ވިދާޅުވެފައި ވެއެވެ. "މިހާރު ވަރަށް ގިނަ ނޫސްވެރިންނަކީ، ޖޯރޖް އޯރވެލް ވިދާޅުވި "ރަސްމީ ތެދު" ޕްރޮޕެގެންޑާގެ ތެރެއިން ފެތުރުން ފިޔަވައި އެހެން ކަމެއް ކުރާ ބައެއް ނޫނެވެ. އެއް ފަހަރަކު ޕިލްޖަރ ޔުނިވަރސިޓީ އޮފް ލިންކަންގައި ދެއްވި ތަގުރީރެއްގައި، މި ޒަމާނުގެ "މެއިންސްޓްރީމް ނޫސްވެރިކަން" ސިފަ ކުރެއްވީ "ކޯރޕޮރޭޓް ނޫސްވެރިކަމުގެ" ގޮތުގައެވެ. ވަށަވަށައިގެން ނަޒަރު ހިންގަވައިލައްވާށެވެ. އެ ވިދާޅުވަނީ ފަހެ ތެދު ނޫންތޯއެވެ؟

ވަރަށް ގިނަ ފަހަރު މީޑިޔާއިން، ދައުލަތުގެ ބާރުތަކާއި މުއައްސަސާތައް ހަލާކު ވެ، ފަސާދަ ވެ، އިސްލާހަށް ބޭނުން ޖެހިފައި ހުރި ވާހަކަތައް ފެނެއެވެ. އެއީ ތެދު ކަމުގައި ވިޔަސް، ދިވެހިރާއްޖޭގެ މީޑިޔާ މިހާރު އެންމެ ބޮޑަށް ފޯކަސް ކުރާން ޖެހިފައި އޮތް މައްސަލަޔަކީ ދިވެހި ނޫސްވެރިކަން ހަލާކު ވެފައި ވާ މައްސަލައެވެ. ޕްރޮޕެގެންޑިސްޓުން ނޫސްވެރިކަން ހައިޖެކު ކޮށްގެން އުޅޭ މައްސަލައެވެ. ދައުލަތުގެ މުއައްސަސާތަކުގެ ފަސާދައިގެ ވާހަކަ ދައްކާން ވާނީ، ފަސާދައިން ސަލާމަތް ވެގެން ވާ މީޑިޔާއަކުންނެވެ. ދައުލަތުގެ މުއައްސަސާތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ނެތިގެން ފާޑު ކިޔާން ވާނީ، މިނިވަންކަމާ އެކު ލިޔާ ނޫސްވެރީންނެވެ.

comment ކޮމެންޓް