އަންހެނުން ކުރިއަރުވާ ދެ ޖަމިއްޔާއަކަށް ބީއެމްއެލްއިން 92،000 ރުފިޔާ ހަދިޔާކޮށްފި

އަންހެނުންގެ ދުވަހުގެ މުނާއްސަ ބަތުގައި ބީއެމްއެލް އިން ބޭއްވި ކުޑަ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ -- އަހުމަދު އަވްޝާން އިލްޔާސް

ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް އިން އަންހެނުންގެ ކުރިއެރުމާއި މަންފާއަށް މަސައްކަތްކުރާ ދެ ޖަމިއްޔާއަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދިން ދެ ޖަމިއްޔާ އަކީ "ފެމިލީ ލީގަލް ކްލިނިކް"އާއި "ވިމެން އިން ޓެކް"އެވެ.

މިއަދު ހެނދުނު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެމިލީ ލީގަލް ކްލިނިކްއާއި ވިމެން އިން ޓެކް މި ދެ ޖަމިއްޔާއަށް ބީއެމްއެލް ފަރާތުން ވަނީ 46،000 ރުފިޔާ ހަދިޔާކޮށްފައެވެ. އެއީ ޖުމްލަ 92،000 ރުފިޔާއެވެ.

އެ ދެ ޖަމިއްޔާއަށް ރަމްޒީ ގޮތުން ފައިސާ ހަވާލުކޮށްދެއްވީ ބީއެމްއެލް ހިންގެވުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ސީއީއޯ އާއިޝަތު ނޫރައްދީންއެވެ.

އަންހެނުންގެ ދުވަހުގެ މުނާއްސަބަތުގައި ބީއެމްއެލްއިން ބޭއްވި ކުޑަ ހަފްލާގެ ތެރެއިން -- ސަން ފޮޓޯ -- އަހުމަދު އަވްޝާން އިލްޔާސް

"މިއަދު އަޅުގަނޑުމެން ފޯރުކޮށްދޭ އެހީތެރިކަމަކީ އަންހެނުން ކުރިއެރުމުވަށާއި ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރުވަނިވި ހަރަކާތްތައް ހިންގުމަށް ދެވޭ އެހީތެރިކަމެއް. އަދި މިފަދަ މުހިންމު ދާއިރާތަކުގައި މަސައްކަތް ކުރާ ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއްވެސްމެ،" މިއަދުގެ ރަސްމިއްޔާތުގައި އާއިޝަތު ނޫރައްދީން ވިދާޅުވިއެވެ.

ބީއެމްއެލްއިން ދިފައިވާ ފައިސާ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ، ފައިސާ ލިބުނު ދެ ޖަމިއްޔާއިން ކުރިޔަށް ގެންދާ ޕްރޮގްރާމްތައް ރާވައި ހިންގުމަށެވެ.

އަންހެނުން ކުރިއަރުވަން މަސައްކަތް ކުރާ ދެ ޖަމިއްޔާއަށް ފައިސާގެ އެހީ ދިނުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ގިނަ އަދަދެއްގެ އަންހެން މުއައްޒަފުން ވަނީ ބައިވެރިވެފައިވެއެވެ.

comment ކޮމެންޓް