ވަރުގަދަ މެނޫއަކާއެކު މާގިރީގެ ޕީކް ރެސްޓޯރަންޓް އިންޑިއަން ފުޑަށް ހާއްސަކޮށްފި

މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓުގެ އިންޑިއަން ފުޑް ޑިޝްއެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގައި ހުންނަ މާގިރި ހޮޓެލްގެ ޓެރަހުގައި ހިންގާ "ޕީކް" ރެސްޓޯރަންޓުގައި ރަނގަޅު ފެންވަރުގެ އިންޑިއަން ފުޑް މެނޫއެއް ތައާރަފުކޮށް، އެ އިންޑިއަން ފުޑް ރެސްޓޯރަންޓެއްގެ ގޮތުގައި އެތަން ހަމަޖައްސައިފިއެވެ.

މާގިރި ހޮޓެލްއަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައި މާލޭގައި ހުޅުވި ހޮޓެލްއެކެވެ. މާލޭގެ އެންމެ ފުރަތަމަ ގެސްޓްހައުސް ހިންގި ހ. މާގިރިގޭގައި ހުޅުވި މި ހޮޓެލްއަކީ 10 ބުރީގެ ހޮޓެލްއެކެވެ. އެ ހޮޓެލްގައި ތިން އެފްއެންޑްބީ އައުޓްލެޓް ހުރެއެވެ. އެއީ ދެ ރެސްޓޯރަންޓާއި ކޮފީ ޝޮޕެކެވެ.

މާގިރި ހޮޓެލްގެ ޓެރަހުގައި ހުންނަ ޕީކް ރެސްޓޯރަންޓުން މިދިޔަ އަހަރުން ފެށިގެން ކަސްޓަމަރުންނަށް ހިދުމަތް ދެމުން ދިޔަ ނަމަވެސް، އެ ހޮޓެލްގެ އެފްއެންޑްބީ މެނޭޖަރު އަލީ ނަޖީބު ވިދާޅުވީ އެތަނުން މިހާތަނަށް ކާބޯތަކެތި ފޯރުކޮށްދެމުން ދިޔައީ މިކްސްޑް މެނޫއަކަށް ކަމަށެވެ.

ނަޖީބު ވިދާޅުވީ ޕީކް ރެސްޓޯރަންޓުގައި އަލަށް ތައާރަފުކުރި އިންޑިއަން ފުޑް މެނޫގައި 100 އެއްހާ އައިޓަމް ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރޭގައި އުތުރު އިންޑިއާ، ދެކުނު އިންޑިއާ، އަދި އެ ގައުމުގެ ހުޅަނގާއި އިރުމަތީގެ ސަރަހައްދުތަކުގެ އެކިއެކި ޑިޝްތައް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަދި އެ ރެސްޓޯރަންޓުގެ ބިރިޔާނީތަކަކީ ވަރަށް ޚާއްސަ ޑިޝްތަކެއް ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މެނޫ އިންޓްރޮޑިއުސްކުރުމުގެ ކުރިން، މިތަނުގެ ދެވަނަ ފްލޯގައި [ދެވަނަ ފްލޯގައި ހުންނަ ފަރު ރެސްޓޯރަންޓުގައި] މި މެނޫގެ ސޮފްޓް ރަންއެއް ޖެއްސިން. ލިބުނު ފީޑްބެކްގެ ގާތްގަނޑަކަށް 100 ޕަސަންޓު އައީ ވަރަށް ޕޮޒިޓިވްކޮށް،" އޭނާ ވިދާޅުވިއެވެ.

މާގިރި ހޮޓެލްގެ ޕީކް ރެސްޓޯރަންޓުގެ އިންޑިއަން ފުޑް ޑިޝްއެއް--- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއަން މެނޫ ތައާރަފުކޮށް، ޕީކް ރެސްޓޯރަންޓް އިންޑިއަން ފުޑަށް ހާއްސަ ކުރި ނަމަވެސް، ކުރިންވެސް ލިބެމުން ދިޔަ ޑިޝްތައް އެތަނުން ލިބޭނެކަމަށް ނަޖީބު ވިދާޅުވިއެވެ.

"މި ރެސްޓޯރަންޓުގެ ވިއު ރީތިވުމުން ގިނަ ބަޔަކު ބޭނުންވޭ މިތަނުގައި ވަގުތު ހޭދަކުރަން. އެހެންވެ ލިމިޓުކުރާކަށް ބޭނުމެއް ނުވޭ. އިންޑިއަން ފުޑަށް ހާއްސަކުރިޔަސް މިތަނުން ހުރިހާ ވައްތަރެއްގެ ޑިޝްތައް ލިބޭނެ،"

މާގިރި ހޮޓެލްގެ އިންޑިއަން ފުޑް ޝެފް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަޖީބު ވިދާޅުވީ ނިއު ދިއްލީއަށް ނިސްބަތްވާ ޝެފަކާއެކު ޕީކް ރެސްޓޯރަންޓް އިންޑިއަން ފުޑަށް ހާއްސަކުރި އިރު، އެތަނުގެ ރަހަތައް ވަރަށް އޮތެންޓިކްވާނެ ކަމަށާއި މީގެ ކުރިން މެނޫގެ ސޮފްޓް ރަން ހިންގި އިރުވެސް އެފަދަ ފީޑްބެކް ލިބުނު ކަމަށެވެ. އަދި ޑިޝްތަކުގެ އަގުތައްވެސް ރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް