ޓީބީ ބަލި ދެނެގަނެވޭނެ ޖީން އެކްސްޕާޓް ސާވިސް ކުޅުދުއްފުށީގައި ތައާރަފްކޮށްފި

ޖީން އެކްސްޕާޓް ސާވިސް ކުޅުދުއްފުށީގައި ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: އެޗްޕީއޭ

ޓީބީ ބަލި ނައްތާލުމަށް އެންމެ ޒަމާނީ ޓެކްނޮލޮޖީގެ ހިދުމަތް ދިނުމުގެ ގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި ހެލްތު މިނިސްޓްރީ ގުޅިގެން އެ ބަލި ދެނެގަނެވޭނެ ޖީން އެކްސްޕާޓް ސާވިސް ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ތައާރަފްކޮށްފިއެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ޓީބީގެ ބަލި އިތުރަށް ދެނެގަތުމުގެ ހިދުމަތްތައް ފުޅާކުރުން ހިމެނެއެވެ. އެގޮތުން އެ ބަލި ދެނެގަނެވޭނެ ދެ ޖީން އެކްސްޕާޓް މެޝިން ރާއްޖޭގެ ދެ ސަރަހައްދެއްގައި ބެހެއްޓުމަށް ނިންމާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުންޏެވެ.

ޖީން އެކްސްޕާޓްގެ ހިދުމަތް ރައާރަފްކުރުމަށް ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

އެޗްޕީއޭއިން ބުނީ އެ މެޝިން ބެހެއްޓުމުން ޓީބީ ރާއްޖޭގައި ޖެހިފައިތިބި މީހުން ދެނެގަންނަ ނިސްބަތް އިތުރުވެގެން ދާނެ ކަމަށެވެ.

ޓީބީ ނުވަތަ ޓިއުބާ ކްލޯސިސްއަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން މީހުން މަރުވާ އެއް ބައްޔެވެ. އެ ބަލި ޖެހެނީ މައިކޯބެކްޓީރިއަމް ޓިއުބާކްލޯސިސް ކިޔާ ބެކްޓީރިއާ ނުވަތަ ޖަރާސީމަކުންނެވެ.

ރާއްޖޭގައި ޓީބީ ޖެހިފައިވާ ކޮންމެ މީހަކު ނެޝެނަލް ޓީބީ ޕްރޮގްރާމްގައި ރަޖިސްޓްރީވުމުން އެމީހަކަށް ބޭނުންވާ ބޭހާއި އަދި އިތުރު ޓެސްޓުތަަކުގެ ހިދުމަތްތައް މިހާރުވެސް ހިލޭ ލިބެއެވެ.

comment ކޮމެންޓް