ނޫސްވެރިން ބަހުގެ ގަވާއިދަށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގަނީ

ބަހުގެ އެކަޑަމީ އަދި މޯލްޑިވްސް މީޑިއާ ކައުންސިލްއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ތެރެއިން--- ފޮޓޯ: މީޑިއާ ކައުންސިލް

ނޫސްވެރިން ބަހުގެ ގަވާއިދަށް އަހުލުވެރިކުރުމަށް ޕްރޮގްރާމްތަކެއް ހިންގުމަށް ދިވެހި ބަހުގެ އެކެޑަމީން ނިންމައިފިއެވެ.

އެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ދިވެހި ބަހުގެ އެކެޑަމީ އާއި މޯލްޑިވްސް މީޑިއާ ކައުންސިލާއެކު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މިއީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ވެވުނު އެއްބަސްވުމެކެެވެ.

ބަހުގެ އެކެޑަމީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެކެޑަމީގެ ފަރާތުން ސޮއިކުރެއްވީ އެކެޑަމީގެ ރައީސް އަޝްރަފް އަލީއެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލުގެ ރައީސް ހިދާޔަތުﷲ އެވެ.

އެ އެއްބަސްވުމާ ބެހޭގޮތުން އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އެ ޕްރޮގްރާމުގެ ތެރެއިން ނޫސްވެރިން ބަހުގެ ގަވާއިދާ އުސޫލުތަަކަށް އަހުލުވެރިކޮށް، ހަބަރު ލިޔުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި އަދި ހަބަރު އުފެއްދުމާއި އަދި ހަބަރުތަކުގައި ހުންނަ އެކި ކުށްކުށާ ބެހޭގޮތުން އަހުލުވެރިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަޝްރަފް ވިދާޅުވީ އެ ތަމްރީންތައް ކުރިއަށް ގެންދާނީ ސިލްސިލާކޮށް ކުރު މައްދަތުގެ ކޯސްތަކެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ކޯސްތަކުގައި ނޫސްވެރިންނަށް ކިޔަވައިދޭނީ ދިވެހި ބަހުގެ ތަޖުރިބާކާރުން ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ މީޑިއާތަކުގައި މަސައްކަތް ކުރާ ބޭފުޅުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއް ކަމަށާއި އެހެންކަމުން އެ ޕްރޮގްރާމް ހިންގުމުގައި ވީހާވެސް ފަސޭހައިން ލުއި ފަސޭހަކޮށް "ފްލެކްސިބަލް" ކޮށް ކުރިއަށް ގެންދިއުމަށް ބަހުގެ އެކެޑަމީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ މީޑިއާގައި މަސައްކަތް ކުރާ ނޫސްވެރިން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހަބަރާއި މައުލޫމާތު ދިނުމުގައި މަސައްކަތް ކުރާ އޮފިސަރުން، މި ބޭބޭފުޅުންގެ ހަބަރާއި މައުލޫމާތު އަޅުގަނޑު ގަބޫލުކުރަނީ ބަހުގެ ކުށުގެ ވެށިން ސަލާމަތްވެ އާ ޖީލަކަަށް ވާސިލްވެގެން ދާނެކަމަށް،" ހިދާޔަތުﷲ ވިދާޅުވިއެވެ.

comment ކޮމެންޓް