ސައުދީ ވަލީއަހުދަކީ ގޭންގްސްޓާރެއް ކަމަށް އެމެރިކާގެ ސެނެޓަރުން ވިދާޅުވެއްޖެ

ސައުދީ އަރަބިއާގެ ސަފީރު ކަމަށް ރައީސް ޓްރަމްޕް ނޮމިނޭޓު ކުރެއްވި ރިޓަޔާޑް ޖެނެރަލް ޖޯން އަބީޒައިދު -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (މާޗް 7): ސައުދީ އަރަބިއާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަމަލު ކުރައްވަނީ "ގޭންގްސްޓާރެއް" ގޮތަށް ކަމަށް އެމެރިކާގެ ސެނެޓަރުން ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ސެނެޓަރުން އެފަދައިން ވިދާޅުވީ، ސައުދީ އަރަބިއާއަށް ރައީސް ޑޮނަލްޑް ޓްރަމްޕް ކަނޑައެޅުއްވި ސަފީރަށް ރުހުން ދިނުމާ ބެހޭ ގޮތުން ސެނެޓުގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެބައްދަލުވުމުގައި ސެނެޓަރުން ވަނީ ސައުދީ އަރަބިއާ އިން އިންސާނީ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި ވަލީއަހުދު އަމަލު ކުރައްވަނީ ގޭންގްސްޓާރެއް އަމަލު ކުރާ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ސެނެޓަރުން ފާޑު ވިދާޅުވެފައިވާ ކަންތައްތަކުގެ ތެރޭގައި ސައުދީން ޔަމަނުގެ ހަނގުރާމައިގައި އަމަލު ކުރާ ގޮތާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ އެކްޓިވިސްޓުން ހައްޔަރުކޮށް އަނިޔާ ކުރުމާއި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި މައްސަލަ ހިމެނެ އެވެ.

"[ވަލީއަހުދު] މުޅިންވެސް އަމަލު ކުރައްވަނީ ގޭންގްސްޓާރެއް ގޮތަށް. އެފަދަ ފަރާތަކާ އެކު މަސައްކަތް ކުރުމަކީ އުނދަގޫ ކަމެއް،" ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު މާކޯ ރޫބިއޯ ވިދާޅުވި އެވެ.

އަދި ސެނެޓާ ރޮން ޖޯންސަން ވެސް ވަނީ ވަލީއަހުދަކީ ގޭންގްސްޓާރެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ސައުދީ އަރަބިއާގެ ސަފީރު ކަމަށް ރައީސް ޓްރަމްޕް ނޮމިނޭޓު ކުރެއްވީ ރިޓަޔާޑް ޖެނެރަލް ޖޯން އަބީޒައިދެވެ. އަދި އޭނާ ވަނީ ސެނެޓުގެ ބައްދަލުވުމުގައި ސައުދީ އާއި އެމެރިކާގެ ގާތް ގުޅުން ދިފާއު ކުރައްވައި އެއީ މުހިއްމު ގުޅުމެއް ކަމަށް ވިދާޅުވެފަ އެވެ.

އަބީޒައިދަށް ސެނެޓުން ރުހުން ލިބިއްޖެ ނަމަ އޭނާ ވަނީ ހާޝުގްޖީގެ މަރާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ސައުދީ އަރަބިއާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަ މައްސަލައާ ބެހޭ ގޮތުން އެގައުމާ ވާހަކަ ދައްކަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ސައުދީން ވަނީ، ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓު ތެރޭގައި މިދިޔަ އޮކްޓޯބަރު މަހު ހާޝުގްޖީ މަރާލި ހާދިސާއާ ވަލީއަހުދާ ގުޅުމެއް ނެތް ކަމަށް ބުނެފަ އެވެ. އަދި އެގައުމުން ޝަރީއަތަކާ ނުލައި ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުންނަށް އަނިޔާ ކުރާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކޮށްފަ އެވެ.

comment ކޮމެންޓް