ސީރިއާގެ ބާޣޫޒް އަވަށުން އައިއެސްގެ 400 ހަނގުރާމަވެރިން ހައްޔަރުކޮށްފި

އެސްޑީއެފްއިން ދަނީ އައިއެސްގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު އަވަށުން އާއްމުން ނެރެމުން -- ފޮޓޯ: އޭއެފްޕީ

ދިމިޝްގު (މާޗް 7): ސީރިއާގެ ބާޣޫޒް އަވަށުން ފިލަން މަސައްކަތް ކުރި އައިއެސް ޖަމާއަތުގެ 400 ހަނގުރާމަވެރިން ފިލަން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.

އެމެރިކާގެ އެހީއާ އެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ސީރިއަން ޑިމޮކްރެޓިކް ފޯސެސް (އެސްޑީއެފް)އިން ބުނި ގޮތުގައި ބައެއް ހަނގުރާމަވެރިން ފިލަން މަސައްކަތް ކުރި ނަމަވެސް އެހެން ހަނގުރާމަވެރިން ވަނީ އަމާންދީފަ އެވެ.

ބާޣޫޒްއަކީ ސީރިއާގައި އައިއެސްގެ ބާރުގެ ދަށުގައި އޮތް އެންމެ ފަހު އަވަށެވެ. އެސްޑީއެފްއިން ދަނީ އެސަރަހައްދުގައި ތިބި އައިއެސްގެ ހަނގުރާމަވެރިން ހައްޔަރުކޮށް، އާއްމު ރައްޔިތުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެސްޑީއެފްއިން ދަނީ ބާޣޫޒްއިން ނެރޭ މީހުން ބަލާ ފާސް ކުރުމަށް ފަހު، އެމީހުންނާ ސުވާލުކޮށް، ކާނާ އާއި ފެން ފޯރުކޮށް ދެމުންނެވެ. އިއްޔެ އެކަނިވެސް އެސްޑީއެފްއިން ވަނީ ބާޣޫޒްއިން 2،000އަށް ވުރެ ގިނަ މީހުން ނެރެފަ އެވެ. އޭގެ ތެރެއިން އަންހެނުންނާއި ކުޑަކުދިންނާއި ގެންދާނީ އެސްޑީއެފްއިން ކޮންޓްރޯލު ކުރާ ކޭމްޕުތަކަށެވެ.

އައިއެސްއިން ވަނީ މީގެ ކުރިން ސީރިއާ އާއި އިރާގުގެ 88،000 ސްކޮޔާ ކިލޯމީޓަރުގެ ސަރަހައްދެއް ކޮންޓްރޯލުކޮށް، ތެޔޮ ވިއްކައިގެންނާއި ވައްކަމާއި ކިޑްނެޕްކުރުން ފަދަ އަމަލުތަކުން އެތައް ބިލިއަން ޑޮލަރު އެއްކޮށްފަ އެވެ.

ނަމަވެސް އައިއެސްއާ ހަނގުރާމަ ކުރާތާ ފަސް އަހަރު ފަހުން، އެޖަމާއަތުގެ "ޚިލާފަތު" ވަރަށް އަވަހަށް އެއްކޮށް ނައްތާލެވޭނެ ކަމަށް އެސްޑީއެފްއިން ބުނެ އެވެ.

comment ކޮމެންޓް