ވާވޭއިން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާ ކުރަނީ

އެމެރިކާ ސަރުކާރުގެ އިދާރާތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން މަނާ ކުރީ ގާނޫނާ ހިލާފަަށް ކަމަށް އެ ކުންފުނީން ބުނޭ -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (މާޗް 7): އެމެރިކާގެ ސަރުކާރުގެ އިދާރާތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން މަނާ ކުރި މައްސަލައިގައި އެ ކުންފުނިން އެމެރިކާ ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

މިދިޔަ އަހަރުގެ އޮގަސްޓު މަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަސްދީގު ކުރެއްވި ޑިފެންސް އޮތޮރައިޒޭޝަން އެކްޓުގެ ދަށުން، ސަރުކާރުގެ އިދާރާތަކުގައި ވާވޭގެ އުފެއްދުންތައް ބޭނުން ކުރުން މަނާ ކުރީ އެއީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ޓެކްނޮލޮޖީއެއް ކަމަށް ބުނެފައެވެ.

ވާވޭއިން ބުނާ ގޮތުގައި އެ ގާނޫނުގެ ދަށުން އެ ކުންފުނި ވަކީން ފާހަގަކޮށް، އަދަބު ދީފައި ވަނީ ކުންފުނީގެ ދިފާއުގައި ވަކާލާތު ކުރުމަށް ފުރުސަތު ނުދީއެވެ. އެހެންކަމުން އެއީ ގާނޫނާ ހިލާފު ނިންމުމެކެވެ.

"އެއީ ގާނޫނާ ހިލާފު ނިންމުމަކަށް ވުމުގެ އިތުރުން އެއީ އިންސާފުވެރިކަމާ އެކު (އެހެން ކުންފުނިތަކާ) ވާދަ ކުރުމަށް އެޅޭ ހުރަހެއް އަދި އޭގެ ގެއްލުން ލިބޭނީ އެމެރިކާގެ ރައްޔިތުންނަށް،" ވާވޭގެ ޑެޕިއުޓީ ޗެއާމަން ގުއޯ ޕިންގް ވިދާޅުވިއެވެ.

ވާވޭއިން އެ މައްސަލަ ހުށަހަޅާފައި ވަނީ އެމެރިކާގައި އެކުންފުނީގެ މައި އޮފީސް ހަދާފައިވާ ޓެކްސަސްގެ ކޯޓަކަށެވެ.

އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި، ޗައިނާގެ ސަރުކާރުން ޖާސޫސު ކުރުމަށް ވާވޭގެ އުފެއްދުންތައް ބޭނުން ކުރެއެވެ. ނަމަވެސް އެ ކަން ސާބިތުކޮށް ދޭ އެއްވެސް ހެތްކެއް އެ ގައުމުން ދައްކާފައެއް ނުވެއެވެ. އަދި ވާވޭއިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.

މިދިޔަ ޑިސެންބަރު މަހު، އެމެރިކާގެ އެދުމުގެ މަތީން ކެނެޑާއިން ވާވޭގެ ސީއެފްއޯ މެންގް ވަންޖޯ ހައްޔަރު ކުރުމާ ގުޅިގެން ޗައިނާއިން ވަނީ ނުރުހުން ފާޅު ކޮށްފައެވެ.

މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫ ކޮށްލާފައެވެ. އަދި މިހާރު މެންގް ވަނީ ކެނެޑާއިން އޭނާ ހައްޔަރު ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އެގައުމުގެ ސަރުކާރާ ދެކޮޅަށް ދައުވާ ކޮށްފައެވެ. މެންގް އެމެރިކާއާ ހަވާލު ކުރުމާ ބެހޭ ގޮތުން އަންނަ މަހު ކެނެޑާގެ ކޯޓަކުން ގޮތެއް ނިންމާނެއެވެ.

comment ކޮމެންޓް