ފަސްޓް ލޭޑީ (34)

ހަޔާތީ އުނދޯލި ހެއްލަން އިނދެލާފައި ކުއްލިއަކަށް އެމީހުން ތިބި ދިމާލަށް ނަޒަރު ހުއްޓާލުމާއެކު މޫނުމައްޗަށް ތަފާތު ކުލައެއްވެރިވިއެވެ. އުނދޯލި މަޑުކޮށްލިގޮތަށް ބާރު ބާރަށް ހިނގާލާފައިގޮސް ގެއަށް ވަންތަން ފެނުމުން އެލީން ހޭންފެށިއެވެ.

"ޝީޒް ޖެލަސް....މަޗް ޖެލަސް ބައްޕަ ވޮޗެއް ދެއްވީމަ ކަން ނޭގޭ...."އެލީން އަތުގައި އޮތް ގަޑިދައްކައިލިއެވެ.

ކުއްލިއަކަށް އަމްރާންގެ ބަނޑުގައި ރިއްސާންފެށިއެވެ. މޫނަށް އަނދިރިވާފަދަ ގޮތެއްވިއެވެ. ބޮލުގެ ރިހުން ގަދަވީ މާ ވަރަކަށެވެ. މޭޒުމައްޗަށް ކޮފީތަށި ދޫކޮށްލުމަށްފަހު ދާން ހިނގައިގަތްތަނާ އަރިއަޅާލައިފިއެވެ.

"ރެން......" އެލީންގެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ. އަމްރާން ކަކޫމައްޗަށް ތިރިވިގޮތަށް ހޮޑުލާންފެށިއިރު އެލީން އޮތީ އަބުރައިގެންފައެވެ. އެލީންގެ އަޑަށް ދުވެފައި އައި އަޒިކިއަލްއާއި ލާވީ އަމްރާންއަށް އެހީވާން އުޅެގަތެވެ. ހަޔާތީއަށް ކުރިމަތިން ފެންނަމުން ދިޔަ މަންޒަރު ބިރުވެރި ފިލްމެކޭ ތަފާތެއް ނެތެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު އޭނަވެސް ކިރިޔާ ޚަބަރު ހުސްނުވެ ހުރިކަމެވެ. އަޒިކިއަލް އެމްބިއުލެންސަށް ގުޅިއިރުވެސް އަމްރާން މެދުކެނޑުމެއްނެތި ހޮޑުލަމުން ދިޔައެވެ. ގައިގާ އެއްވެސް ވަރެއްނެތި ލާވީމެންގެ ގަޔަށް ލެނގިލައިގެން ހުރިއިރު އެސްފިޔަތައް ބަރުކަމުން ހުޅުވައިނުލެވެއެވެ. އެމްބިއުލެންސްގައި އަމްރާންއާއި އެލީން ހޮސްޕިޓަލަށް ގެންދެވުމުން ހަޔާތީ އެތަނަށް ވެރިފައިވާ ކޮފީތަށި ނަގާ މުޅިތަން ސާފުކޮށްލައިފިއެވެ. ޝޮކެއްގައި ހުރެފައި ހަޔާތީ ސިޓިންރޫމްގައި އިށީދެ އިންތިޒާރު ކުރަމުން ދިޔައީ އަމްރާންގެ ޚަބަރެއް އޮޅުން ނުފިލައިގެންނެވެ. އަމްރާންއަށް އެވީ ކީއްބާވައެވެ. ކުރީދުވަހުވެސް އެހާ ބަލިވެގެން އުޅުނެވެ.

ހަޔާތީ ކިތަންމެވަރަށް ނުރޮއި ކެތްކުރާން އުޅުނަސް ކަރުނަ ހިފެހެއްޓުން ފަސޭހަކަމަކަށް ނުވިއެވެ. އިރުއިރުކޮޅާ ދެލޯ ފޮހެލަންޖެހުނެވެ. ޓިޝޫއަކަށްފަހު ޓިޝޫއެއް ފޯވިއެވެ. މިހެން އިނދެގެން ކުރާނެކަމެއް ނޯންނާނެއެވެ. އޭނަ ވީ ނަމާދުކޮށްގެން ހެޔޮ ދުޢާކުރާށެވެ. މީހުންގެ ތެރެއަށް ހޮސްޕިޓަލަށްދާނެ ހިތްވަރެއް ނެތެވެ. މުސައްލަމަތީ އާދޭހާއިއެކު ދުޢާކުރަން އިނދެފައި ނުކުމެ ޓީވީ ހުޅުވައިލިއިރު ލައިވްކޮށް ދައްކަނީ ހޮސްޕިޓަލް ދޮށަށް އެއްވެފައިވާ އެތައް ސަތޭކަ މީހުންނެވެ. ބައެއްމީހުން ފާޅުގައި ރޮމުންދާތަން ފެނުނެވެ. އެންމެން ހިތާއި ފުރާނައިން ލޯބިވާ ޒުވާން ލީޑަރަށްޓަކާ ނުކައި ނުބޮއި އެހެންކަމެއް ނެތި ވެހޭ ވާރެއާއި ދަކަ އަވީގައި މަގުމަތި ފުރާލާފައެވެ. ހުރިހާ ޗެނެލްގައިވެސް އޮތީ އެއް ވާހަކައެކެވެ. ރައީސް އަމްރާން އަބުދުލްއަޒީޒު ސީރިޔަސްވެގެން އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާ ޚަބަރެވެ.

އެހާ ބަލިވީއިރު އޭނަ ގޭގައި އިންނާކަށް ބޭނުމެއް ނޫނެވެ. އަމްރާންއާއި ދެމީހުން މައްސަލަ ޖެހިފައި އޮތަސް އޭނަ އަމްރާން ކައިރިން މާފަށް އެދެން ބޭނުމެވެ. ތެދުވެގެންގޮސް މޫނު ދޮވެ ތާޒާވެލިއެވެ. ލޯ ދުޅަކަމުން އެހުރިގޮތަށް މީހުން ކުރިމައްޗަށްދާކަށް ފަސޭހައެއް ނޫނެވެ. ކަޅު ފޮތިކޮޅު އަޅާލައިގެން ދާނީއެވެ. އެނޫންގޮތެއް ނެތެވެ.

"ނޫނީ މީޑިއާމީހުންގެ އުދަގޫތައް ޖެހޭނެ..."

ހަޔާތީ ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު ގޭގެ ބެކްޔާޑުން ބަޔަކު ވާހަކަދައްކާ އަޑުއިވިފައި ބިރުން މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ. އަޒިކިއަލް މެން އެންމެން ދިޔުމުން ވަގަކު ވަނީބާވައެވެ. އެވަރުންވެސް ގަދަކޮށްލާފައި މަޑުމަޑުންގޮސް ލައްޕާލާފައިވާ ދޮރު ކުޑަކޮށް ހުޅުވާފައި ބަލައިލިއިރު ފެނުނީ ސިފައިންނެވެ. އެމީހުންނާއެކު އަޒިކިއަލް ހުއްޓެވެ. ހަޔާތީ އިށީދެލައިގެން އިން އުނދޯލި ކައިރި ވިނަގަނޑުމަތީ ކޮފީތަށި ބެހެއްޓިގޮތަށް އޭނަ އެ ބޯލަން ހަދާންނެތުނީއެވެ. އެކަކު އެ ތަށި ނަގާފައި ކޮތަޅަކަށް ލިތަން ފެނުނެވެ.

"އަސްތަޣުފިރުﷲ...މިއީ ކޮންކަމެއް؟ އާ ދޭ ސަސްޕެކްޓިން މީ...................." ހަޔާތީގެ ހިތަށް ފުރަތަމަވެސް އައީ އެ ޖުމްލައެވެ. " އެހެންނޫންނަމަ މިގޭގައި މިގަޑީގައި ސިފައިން އުޅެންވީ ކީއްވެ؟ "

ހަޔާތީ ކޮޓަރިއަށް ވަދެ މޫނު ދޮވެލާ ތާޒާވެލިއެވެ. ކަޅުހެދުން ލައިގެން ބުރުގާ އެޅިއެވެ. ކަޅުފޮތިކޮޅު މޫނަށް ވައްޓައިލީ އޭނައަށް މީސްތަކުން ކުރިމައްޗަށް އަރާނެ ހިތްވަރު ނެތީމައެވެ. ރޮވޭވަރުންނެވެ. ފޮތިކޮޅުގެ ފަހަތުން ކިތަންމެ ގިނައިން ކަރުނަ ފޭބިޔަސް ފެންނާނެ މީހެއް ނުވާނެއެވެ. ތައްޔާރުވެގެން ނުކުމެވުނީ އަޒިކިއަލް ކުރިމައްޗަށެވެ. އަޒިކިއަލް ގާތުން އޭނަ އަމްރާންގެ ހާލު އޮޅުން ފިލުވިއެވެ. އަޒިކިއަލް ބުނީ "ކްރިޓިކަލް" ކަމަށެވެ.

"ވަޓް ހެޕެންޑް ޓު ހިމް. ޑޮކްޓަރުން ބުނަނީ ކީކޭތަ؟ ސިފައިން މިގެއަށް އައީ ކީއްވެ؟ " ހަޔާތީގެ ހިތުގައި އެތައް ސުވާލެއް އުފެދިފައިވާއިރު އަހައިލީ މަދު އެއްޗެކެވެ.

"ޕްރެޒިޑެންޓް ކުއްލިއަކަށް ބަލިވީމަ ހުރިހާ ދިމާލަކުން ވިސްނަން ޖެހޭނެ. އެސެސިނޭޝަން އެޓެމްޕްޓަކަށްވެސް ވެދާނެ. ހަޔާތީ ވީމަ މިހާވަރަށް ބުނެލީ. ޕްލީޒް ކީޕް ދަ މީޑިއާ އައުޓް އޮފް ދިސް......" އަޒިކިއަލް ބުނެދިނީ ކުޑަ މިންވަރަށެވެ. ނަމަވެސް ހަޔާތީ ގަމާރެއްނޫނެވެ. އަޒިކިއަލް އެބުނި އެއްޗެއް ރަގަޅަށް ސާފުވިއެވެ.

"ސޯ އެމީހުން ޝައްކުކުރަނީ އަހަރެން ޕްރެޒިޑެންޓަށް ޕޮއިޒަން ދިންކަމަށް. އެހެންވެ ކޮފީތަށިވެސް ގެންދިޔައީ. ޑޫ ޔޫ ރިއަލީ ތިންކް އައި ވުޑް ޑޫ ސަޗް އެ ހީނިއަސް ތިންގް....އާހް..........." ހަޔާތީގެ ހިތަށް އިތުރު ވޭނެއް ލިބުނެވެ.

"އައިމް ސޮރީ ޓު ޓެލް ޔޫ ދިސް. އެލީން ޚަބަރު ހުސްވެފައި އޮވެފަ ތެދުވުމުން އަހާލީމަ ބުނީ ހަޔާތީ ކޮފީ ގިރާފައި ދިނީޔޯ. އެ ބުއީމަ ޔޯ ޕްރެޒިޑެންޓް ސިކްވީ. އެލީންވެސް ކުޑަ އެތިފޮދެއް ބޮއިފާ ދެން ވާހަކަދައްކަން ހުއްޓާ ފެއިންޓްވީ ޔޯ. ފަހަރެއްގައި އެހެން މީހަކު ހަކުރު ޕެކެޓެކޭ ކިޔާފައި ކޮންމެފެދަ އެއްޗެއްވެސް ދީފާނެ. މިސާލަކަށް އަންކަލް އަޒީޒު ހަކުރުގެ ބަދަލުގައި ބޭނުންކުރައްވަނީ ޖަގެރީ. ސޯ އަމްރާންއަށް އެ ހަކުރުޕެކެޓުން އަޅާފައި ބޯންދެވިދާނެ. މިހެން ބުނީމަ ހަދާންވޭ މަންމަ ކިޔައިދިން ވާހަކައެއް. މަންމަ އެއްފަހަރު މާލޭގައި އުޅުނުއިރު އެގޭގައި ހުރީ ބަންގާޅު ނޯކަރު އަންހެންކުއްޖެކޯ. ދެން އެދެތިން ދުވަހު ކާއެއްޗެހީގައި އެއްގޮތަކަށްވެސް ލޮނުރަހަ ނުދެނީޔޯ. މަންމަ ލޮނުފުޅި ގެނެސްގެން ލޮނު ގިނައިން އެޅީމަވެސް ރަހައެއް ނުލަޔޯ. ސޯ މަންމަ ޓޭސްޓް ބަޑްތަކުގައި މައްސަލައެއް އުޅެނީކަމަށް ހީކޮށް ޑޮކްޓަރަށް ދައްކައިގެން އުޅެފައި ނިމުނުއިރު ވީގޮތް އެނގޭތަ؟ އެކުއްޖާ އަމިއްލައަށް ޝޮޕަށް ވަދެ ލޮނުކަމަށް ހީކޮށް ގެނެސްގެން އުޅުނީ އަޖިނަމޮޓޯ ފުޅިއެއް. ވީމަ އެނީތިންގް އިޒް ޕޮސިބްލް. އެންމެނަކީ ސަސްޕެކްޓުން........" އަޒިކިއަލް ހުރީ ސީރިޔަސްވެފައެވެ.

"އީވެން ޔޫ އެންޑް ލާވީ. އެންމެ ކައިރީގައި އުޅޭ ސިކިއުރިޓީއިންވެސް ލަނޑެއްދީފާނެ. އެންމެ ކައިރީގައި އުޅޭ މީހުންނަށްވެސް އިތުބާރުކުރަން ހެޔޮނުވާނެ. ފައިސާއަށް މީހުން ނުކުރާނެކަމެއް ނުވާނެ.. މީހުން މަރާލުން ފެންފޮދެއް ބޯލުން ހާ ފަސޭހަ މީހުން ދުނިޔޭގައި އެބައުޅޭ. އަޒިކިއަލް ތިހާ ހެޔޮއެދިގެން ހުންނަ މީހާއާއިމެދު ޝައްކު. އަދި ވަކިން ބޮޑަށް އެފޮނި ލާވީއާއިމެދު ތުހުމަތު ކުރެވޭ. އައި ވިލް ފައިންޑް އައުޓް.....ސޫން. ވެރީ ސޫން............"ހަޔާތީ ހިތާހިތުން ކިޔައިލިއެވެ. އޭނައަށް އެނގެނީ މީހެއްގެ ފުރާނަ ނަގައިލާން ކީއްކުރަން ދިރޭ ޖަނަވާރެއް މަރާލަންވެސް އޭނައަށް ނުކެރޭނެކަމެވެ. ފުރާނައަކީ މާތް ﷲގެ ހައްގެކެވެ. އެހާބޮޑު ހައްގަކަށް އަރައިގަންނައިރު އެކަމުން ލިބޭނެ އަޒާބުގެ ވާހަކަ ގުރުއާނާއި ހަދީސުން އެއޮތީ ފެންނާށެވެ.

އަމްރާން ދެކެން އައިސީޔޫއަށް ވަންނާން ދިޔަތަނުން މީޑިއާއަށް އޭނައާއިމެދު ޝައްކުވެގެން ކެމެރާތައް ފޯކަސްކުރުމަށްފަހު ސުވާލުތައް އަމާޒުވާން ފެށުމުން ބޮލުގެ ރިހުން ގަދަވިއެވެ. އަޒިކިއަލް ހުޝިޔާރުކަމާއިއެކު މީހުންތައް ދުރަށް ޖައްސަމުން ހަޔާތީއަށް މަދުދެއްކިއެވެ. އަދި ގެންގޮސް އައިސީޔޫއަށް ވެއްދުމުން ހަޔާތީ މޫނު ފޮތިކޮޅު ނެގިއެވެ. އަމްރާން ފުން ނިންޖެއްގައި އޮތްފަދައެވެ. މެޝިންތަކުގެ ބީޕްއަޑު ހަޔާތީއަށް އިވުނީ ބިރުވެރިގޮތަކަށެވެ. އަމްރާންގެ އަތްތިލައާއި އިނގިލިތައް މަހާލަމުން އަމްރާންގެ ނަމުން މަޑުމަޑުން ގޮވައިލިއިރު އަޑު ކުރެހުނެވެ.

"ދުޢާކުރާނަން. އިރާދަކުރެއްވިއްޔާ ރަގަޅުވާނެ......" ހަޔާތީ މަޑުމަޑުން ބުނެލިއެވެ. ކަރުނަވީ އަޑަކުންނެވެ. އެ އަޑުގައި އެތައް ހާސް ޖަޒުބާތެއް ވިއެވެ. އަމްރާންގެ އިނގިލިތައް ކުޑަކޮށް ހަރަކާތްކޮށްލިކަމުގެ އިހުސާސްކުރެވުނެވެ. އެއާއިއެކު މަޑުމަޑުން ހަޔާތީގެ އަތާއި ގުޅި ލާމެހިފައިވާ އިނގިލިތަކަށް ބާރުކޮށްލިއެވެ.

"އައިމް ސޮރީ....." ހަޔާތީއަށް ބުނެވުނެވެ.

ޖަވާބުދޭން ބޭނުންވި ފަދަ ގޮތަކަށް އަމްރާންގެ ތުންފަތް ހަރަކާތްކުރިއެވެ. ލޮލުގެ އެސްފިޔަތައް ކޮންމެވެސް ވަރަކަށް ހުޅުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް އެއަށްވުރެ މާ ބަލިކަށިއެވެ. އެއްވެސް ހަކަތައެއް ނެތްފަދައެވެ. ލޮލުގެ ކުރިމަތީ މަރު ހިޔަނިވާފަދައެވެ.

"ޕްލީޒް ސޭ ދިސް. ޕްލީޒް ޕްލީޒް.. ސޭ އިޓް އާފްޓާ މީ........" ހަޔާތީ ޝަހާދަތް ކިޔައިދިނެވެ. އެންމެ ފަހު ވަގުތުވެސް އަމްރާންގެ ހިތުގައި އިސްލާމީ ނޫރު ލެއްވުމަށް އެދެވުނެވެ. އެންމެ ފަހު ވަގުތުވެސް ޝަހާދަތް ކިޔާ މޫމިނެއްގެ ގޮތުގައި އެންމެ ފަހު ނޭވާ ދޫކުރަން ހިތް އާދޭސްކުރިއެވެ. އޭނަގެ ކަންފަތުގައި ހަރުލާފައިވަނީ އަމްރާން އެކި ދުވަސްމަތިން ދެއްކި ވާހަކަތަކެވެ. ނުސީދާކޮށް ބުނާ އެއްޗެހިން އޭނަ ދީނާއި ނުރުހޭކަން އެނގެއެވެ. އިސްލާމް ދީނަށްޓަކާ އެހިތުގައި އެއްވެސް ލޯތްބެއް ނުވެއެވެ. މިހާ ބޮޑަށް ބަލިވެ އޮވެ ހޭވެރިކަން ރަގަޅަށްނެތަސް ކޯމާއެއްގައި އޮތަސް ގައިމު ސިކުނޑި މަސައްކަތްކުރާނެއެވެ. އަޑުވެސް އިވޭނެއެވެ. އަމްރާން އެކަމާއިމެދު ވިސްނާނެ ކަމަށް ހަޔާތީ ހީކުރިއެވެ. މަރުވާ ވަގުތުވެސް ދީން ގަބޫލުކޮށްފިއްޔާ ފުރާނައަށް ހަމަޖެހުމެއް ލިބިދާނެއެވެ. ޔަގީންވަނީ އަމްރާންގެ ދިރިއުޅުމުގެ ބައްތި ނިވެމުންދާ ކަމެވެ. ކަރުނަތައް ހުއްޓުވާކަށް ހަޔާތީ މަސައްކަތެއް ނުކުރުމުން ތިއްކަކަށްފަހު ތިއްކެއް ކޯތާފަތްމަތިން ތިކިތަޅަމުން ދިޔައެވެ.

ހަޔާތީ ފޯނުން ގުރުއާން އެޕެއް ހުޅުވިއެވެ. ގުރުއާނުން އަމްރާންއަށް ޝިފާއެއް ލިބުމަށް އެދި ދުޢާކުރެވުނެވެ.

އޭނައަށް އަމްރާންދެކެވެސް ލޯބިވެވެނީހެއްޔެވެ؟ ހިތުން މިކާލްގެ ނަން ފޮހެލެވުނީހެއްޔެވެ؟ އަމްރާންއާއި މިކާލްއާއި ދޭތެރޭ ވާ ފަރަގާއި ދެމީހުންގެ ހުރި ތަފާތު ވިސްނި ހިތަށް އިތުރު އަނިޔާތަކެއް ލިބެންފެށިއެވެ. އަމްރާން ދީނާއި އެހާ ދުރުއިރު މިކާލް ދީނީގޮތުން ހައްދު ފަހަނަޅާފައެވެ. "އެކްސްޓްރީމިސްޓް" ގެ ނަމުން ނަންދެވިފައެވެ. ޖިހާދީއެކެވެ. އައިއެސް މެމްބަރެކެވެ. ދެމީހުންނަކީ އޭނަގެ ހިތުގައި ޚާއްސަ މަގާމެއް ދެވުނު ހަމައެކަނި ދެފަރާތެވެ. މިކާލް އަމިއްލައަށް މަރާއި ކައިރިއަށް ޖެހިލުމެއްނެތި ދާއިރު މިއަދު އަމްރާން މިއޮތީ މަރުގެ ތުންފަތްމަތީގައެވެ. ވީއިރު އޭނަގެ ހިތުގައި މިއަދު އަމްރާންއަށްޓަކާ އުފެދިފައިވާ އިހުސާސްތަކާއި ކަރުނައަކީ ހަމައެކަނި ހަމްދަރުދީބާވައެވެ. މިއަދު އެންމެ ފަހު ނޭވާ ދޫކުރިކަމުގައި ވިޔަސް އަމްރާން ހެއްދެވި ފަރާތުގެ ހަޟުރަތަށް ދާނީ ހުސް އަތާ އެއްވެސް ހެޔޮކަމެއްނެތިއެވެ. ދުނިޔެއަށް ފޮނުއްވުމުގެ މަގުސަދު ހަދާން ނައްތާލާ ހަމައެކަނި ސިޔާސީ ކަންކަމުގައި އަވަދިނެތި އެކަމަށް ހުސްވެފާ ތިއްބާ މަރުގެ ގޮވާލުމަށް އިޖާބަދޭން ޖެހުނީއެވެ. އިންސާނުންގެ މޮޔަކަމާއެވެ. ކޮންމެ ދުވަހަކީ ހަޔާތުގެ އެންމެ ފަހު ދުވަސްކަމުގައި ދެކެގެން މަރަށް ތައްޔާރުވެގެން ތިބޭ މީހުންނަކީ ހަގީގަތުގައި ބުއްދިވެރިންނެވެ. އަމްރާންގެ ރީތިކަމާއި ވިސްނުންތެރިކަން އަދި ލިބިފައިވާ ދުންޔަވީ ނިއުމަތްތަކުން ދެން ކުރާނީ ކޮން ފައިދާއެއްބާވައެވެ. ހެއްދެވި ފަރާތަށް އެންމެ ސަޖިދައެއް ޖެހިނަމައެވެ. ހާދަ ދެރައެވެ. އަމްރާންއަށް ދެވަނަ ފުރުސަތެއް ދެއްވުމަށް އެދި ހިތާހިތުން ދުޢާކުރެވުނުއިރު ހަޔާތީއަށް ގިސްލެވޭގޮތްވިއެވެ.

"ދިސް ޑަޒަންޓް މޭކް އެނީ ސެންސް...." އަޒިކިއަލް އެތަނަށް ވަދެފާ ހިތަށް އެރިއެވެ.

ގެއަށް ވަންގޮތަށް ހަޔާތީ ކަޅުހެދުން ބާލާފައި ގަނޑުފެންތަކެއް ހިފައިގެން ލޯ ބޮޑިތާން ކުރަން ސޯފާގައި ޖައްސައިލިއެވެ. ރޮއި ރޮއި ދެލޯ ފާރުވެ ދިލަނަގާން ފަށައިފިއެވެ. ގަނޑުފެނުން ތެންމާލުމުން އަރާމުވެ ދެލޯ މަރާލައިގެން އިރުކޮޅެއްވާންދެން އިނދެވުނެވެ. އެލީން ދޮރު ހުޅުވާލިއަޑަށް ހަޔާތީ ލޯ ހުޅުވާލުމާއެކު ލޯ އަޅައިލިއެވެ.

"ޔޫ ޓްރައިޑް ޓު ކިލް ހިމް......" އެލީން ތުހުމަތުކުރިއެވެ.

ހަޔާތީ ޖަވާބު ދިނުމެއްނެތި ހިމޭނުން އިނެވެ.

"ޔޫ ސްލައިމް މޮންސްޓާ. ކޮފީއަށް ކޯންޗެއްތަ އެޅީ؟ " އެލީން ބާރުބާރަށް ބުނެލައިފިއެވެ.

"ޔޫ ނޯ ވަޓް. ނެވާ މައިންޑް. ތިކަހަލަ މީހަކާއި ވާހަކަދެއްކުމަކީ ހަމަ ބޭކާރުކަމެއް........."

"ތީ ހަމަ ސައިކޯއެއް...................."

"އެކްޓްކުރަން އެހާ މޮޅު. އަމްރާން ބަލިވީމަ ފެއިންޓްވީކަމަށް ހެދުނީމަ އޮސްކާ އެވޯޑެއް ހައްގު......" ހަޔާތީއަށް އެލީންއާއި މެދު ޝައްކުވިއެވެ. އެލީން އަމްރާންގެ ފަރާތުން ބަދަލު ހިފަން ކޮފީއަށް ވިހައެއް އެޅީބާވައެވެ. ނޫނީ އެލީން އޭނައަށް ދޭން އުޅުނު ކޮފީތަށި އޮޅިގެން އަމްރާންއަށް ދެވުނީކަމަށްވެސް ވެދާނެއެވެ. ގައިން ހީބިހިހެލިއެވެ. ގާތިލަކާއިއެކު އެއް ހިޔާވެއްސެއްގައި އުޅުމަކީ އިންތިހާއަށް ނުރައްކާތެރިކަމެކެވެ.

"ސީރިޔަސްލީ ޔޫ ސަކް..ނޫނީ ހަމަ ގަޓް ހުރީމައެއްނު ޕްރެޒިޑެންޓަށް ޕޮއިޒަން ދީފައި އަދި ވިޒިޓްކުރީ އޮޅުވާލަން. ކްރޮކޮޑައިލް ޓިއާސް އެންމެނަށް ދައްކަންވެގެން ދޯ . ޑްރާމާ ކްއީން. މީޑިއާތަކުގައި ހެޑްލައިންތައް އަޅާލާނެ އިނގޭ. އެންމެފަހުން ނިމޭއިރު ފަސްޓްލޭޑީ އެންޑް އަޕް ވާނީ ޖަލުގައި. އާއްމުކޮށް ކޮރަޕްޝަނާއި އެހެން މައްސަލަތަކުގައި ލީޑަރުން ޖަލަށް ލެވެނީ. މިފަހަރު އަލަށް ކަން ނޭގޭ ފަސްޓްލޭޑީއެއް ގޮޅިއަކަށް ލާނީ. އެޓްލީސްޓް ރާއްޖޭ ތާރީޚުގައި އަލަށް ފަސްޓް ލޭޑީ ޖަލަށް ވައްދާނެ......" އެލީން ކަޅިއަޅާލިއެވެ.

"އައި ކްލީންޑް ދެޓް މެސް......ތީނަގެ ކްރައިމް ފޮރުވަން ނޭގި ހެލްޕްވެވުނީ. މާބްލްމައްޗަށް ވެރިފައި ހުރި ކޮފީއަށްދާންދެން ސާފުކޮށް ތަށިތައް ދޮވެލައިފިން.. ހުރިހާ ހެއްކެއް ނައްތާލައިފިން....." ހަޔާތީގެ ހިތުގައިވި ޝައްކު ޔަގީންކަމަކަށް ބަދަލުވިއެވެ. ޔަގީނެވެ. އަމްރާން މަރައިލަން މަސައްކަތްކުރީ އެލީންއެވެ. ނަމަވެސް އެލީން އަވަށްޓެރިން އެއްވާހާ ބާރަށް ހަޅޭއްލަވާ އަޒިކިއަލްމެން ވެސް އެތަނަށް ގެނައީ އޭނަގެ އަތެއް އެކަމުގައި ނުވަނީހެއްޔެވެ؟

"އޯ............ރިއަލީ؟ ސީރިޔަސްކޮށް އަމިއްލަ ކްރައިމް ނައްތާލަންވެގެން ހާދަ ވަރެއް ތިވީ. ވިކެޑް ވިޗެއްނު. އަދި ބުނެފިއޭ މަގޭ ކުށް ފޮރުވަންށޭ. ޔޫ އާ ނޯ ސެއިންޓް ހަޔާތީ..ބި................" ހަޔާތީ ދެފިކުރެއްގައި އިންދާ އެލީން އެއްޗެހި ކިޔަމުން ބާރުބާރަށް ހިގާލާފައިގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލި އަޑު ހިމޭންކަމުގެ ތެރެއިން އިވުނެވެ. ހަޔާތީގެ އެތެރެހަށީގައި އަލިފާން ރޯވިފަދައެވެ. ރުޅީގެ ހުޅުހިފާ އަނދަންފެށުމުން ގަނޑުފެންގަޑެއް އަނގަޔަށް ލައިގެން ހަފަން ފެށީ ހަށިގަނޑު ފިނިކޮށްލެވޭތޯއެވެ. އެލީންގެ މޫނު ފެނުނީމަ ހިތާމަތައް ހަދާންނެތި އިރުކޮޅަކަށް ރުޅި އެހެން އިހުސާސްތަކަށް ކުރިހޯދިއެވެ. ނަމަވެސް އިރުކޮޅެއްފަހުން އައިސީޔޫއާއި އަމްރާން ސިކުނޑީގެ ސްކްރީނަށް އަރަންފެށުމުން ލޯ ފެންކަޅިވާން ފެށުމާއިއެކު ފޯނުނުން ގުރުއާން އެޕެއް ހުޅުވާލައިފިއެވެ.

ގުރުއާން ހުޅުވާލައިގެން ރަހުމާން ސޫރަތް ކިޔަވަންފެށިއެވެ.

ސިކުނޑިއާއި ހިތް ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުނެވެ.

އަމްރާންއަށް އިތުރު ފަރުވާއަށް ސިންގަޕޫރަށް ގެންދެވުމަށްފަހު އޯޓަމްބްލޭޒަށް ވެރިވެފައިވީ ފުން ހިމޭންކަމާއި އެކަނިވެރިކަމެވެ. ހަޔާތީ އެތައް އިރެއްވާންދެން މުސައްލަމަތީ އިނދެ ދުޢާތައް ކިޔެވިއެވެ. އަމްރާންއަށް ރަހުމަތް ލެއްވުމަށާއި ބަލިން ޝިފާދެއްވުމަށް އެދި އާދޭސްދަންނަވާ ދުޢާކުރިއެވެ. އެހެން އިނދެ ވަރުބަލިވެގެން ނިދުނުތަނާ ފެނުނީ އެހެން ކަހަލަ ހުވަފެނެކެވެ. އޭނައަށް މިކާލްއާއި އަމްރާން ފެނުނުކަން ޔަގީނެވެ. އެތަނުން އޭނަ އަތުން ވީއްލިގެން ދިޔައީ ކާކުކަން ޔަގީންނުވިޔަސް ހޭލެވުނުއިރުވެސް ރޮވެމުން ދިޔައެވެ. އޭނައަށް އަމްރާން އަބަދަށްޓަކާ ގެއްލެނީ ބާވައެވެ.

"ޔާ ﷲ. މިއަޅާއަށް ސާބިތުކަން ދެއްވާދޭވެ. މިއަޅާގެ ފިރިމީހާގެ ފާފަތައް ފުއްސަވާ ރަހުމަތް ލައްވާދޭވެ."

ހަޔާތީ ބޭރަށް ނުކުތްއިރު އެލީން ކޮންމެވެސް މީހަކަށް ގުޅައިގެން ވާހަކަދައްކާ އަޑުއިވުނެވެ.

"ޕޮއިޒަން....ޕާފެކްޓް މާޑާ ވެޕަން އެއް.. ރެން................"ދޭތެރެއަކުން އިވިލާ ލަފުޒުތަކުން އެ ދައްކާ ވާހަކައިގެ އަސްލެއް ސާފެއްނުވިއެވެ. އެކަމަކު އެއިން ބިރުވެރިކަން ހިތަށް ވަނެވެ. އިތުރު އެއްޗެއް އަހަން އުޅުނަސް އޭނައަށް އާދެވުނީ މާ ލަހުންކަން ނޭގެއެވެ. އެލީން ފޯނު ބޭއްވިކަން އެނގުނެވެ. ކަންފަތް ހުޅުވާލައިގެން އިރުކޮޅެއްވާންދެން ހުރިއިރުވެސް އިތުރު ވާހަކަތަކެއް ދައްކާ އަޑުނީވެގެން ހަޔާތީ ނުކުމެ ބަލައިލިއިރު އެލީން އޮތީ ސޯފާގައި ކުޝަންއެއް މޭގައި ޖައްސާ ބާރުކޮށްލައިގެން ނިދިފައެވެ. ބުޅި އިސްތަށިގަނޑު ވިހުރުވާލައިގެން އޮތްއިރު ނިދަން އުދަގޫވާނެ ނޫންހެއްޔޭވެސް ހިތަށް އެރިއެވެ. ހަދާންވީ "މެރީޑާ" އިސްތަށިގަނޑެވެ. އެހާ ނަލައެވެ. ނިދާފައި އޮތްއިރު މައުސޫމްކަމެއް ފެންނާން ހުއްޓަސް މިއީ ހާދަ ނުލަފާ އަންހެންކުއްޖެކޭ ހިތަށް އެރިއެވެ. މީހަކު މަރާލާފައި ހަމަޖެހިގެން ނިދަން އޮތްއިރު ހެއްދެވި ފަރާތަށް ބިރު ނުގަނޭހެއްޔެވެ؟

ވެހެންފެށި ބޯ ވާރެއާއިއެކު ގުގުރީގެ އަޑު އިވުމުން ހަޔާތީ ލެޕް ހިފައިގެން އައިސް އިށީނީ ސިޓިންރޫމްގައެވެ. އެލީން ދުޝްމަނެއްނަމަވެސް އޭނަ ނިދާފައި އޮތަސް ދިރިހުރި އެހެން ފުރާނައެއް އެބައޮތްކަން ހިތަށް އެރުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބި ބިރުވެރިކަން ފިލިއެވެ. އެގަޑީގައި މަންމަވެސް ގުޅާފައި ހަޔާތީއާއި ވާހަކަދެއްކިއެވެ. މަންމައަށް ވާހަކަދައްކަމުންގޮސް ރޮވުނެވެ. މަންމަ ދުޢާކޮށް ނަދުރެއް ބުނިކަމުގައި ބުނިއިރު ހަޔާތީގެ ލޮލުން ކަރުނަ ހިލުނެވެ.

"ނުރޮއި މަންމާ. އިރާދަކުރެއްވިއްޔާ އަމްރާންގެ ބަލި ރަގަޅުވާނެ....."

"މަންމަގެ ސަލާމް ބުނައްޗޭ. މަންމަގެ ހެޔޮ ދުޢާތައް އެ ދަރިފުޅާއިއެކު ވާކަމަށް ބުނައްޗޭ. މަންމަ މިހާރު ސަދަގާތެއްވެސް ކޮށްފީމޭ ބުނާތި. އެކުއްޖާއަށް ވިހަ ލޮލެއްގެ އެސްފީނާޖެހުނީ..ރާއްޖޭގައި ހުރިނަމަ ފަންޑިތަވެރިއެއްގެ ގާތަށް ގޮސްލަނިކޮށް އެ ޖެހިފައިވާ އެސްފީނާއިން ސަލާމަތްވެވިދާނެ...." މަންމަ ބުނެލިއެވެ. ހަޔާތީ އެދުނީ ދުޢާކުރުމަށެވެ. މިވަގުތު އަމްރާންއަށް ބޭނުންވަނީ އެންމެންގެ ހެޔޮ ދުޢާއެވެ.

ހަޔާތީ އެކި ޚަބަރު ޗެނެލްތައް ހުޅުވަމުން ދަނިކޮށް އަބަދުވެސް ތާޒާކޮށް ޚަބަރު ގެނެސްދޭ ނިއުސް ޗެނެލްއެއްގެ ސުރުޚީ ފެނިލުމުން ހިތުގެ ތެޅުން ހުއްޓުނުގޮތަށް މުޅި ޖިސްމު ގަނޑުފެންކޮޅަކަށްވިއެވެ. ސިކުނޑި ތެރޭ ބާރުގަދަ އެއްޗެއް ގޮވާ އެތިކޮޅުތަކަށް ބުރައިގެން ދިޔަފަދަ އިހުސާސެއްކުރެވުނެވެ. ހިތާއި ފުރާނަވެސް ރޮއިގަތެވެ. ނަމަވެސް ލޮލުން ކަރުނައިގެ އަސަރެއް ނުފެނުނެވެ. އެލޮލުން ފެނުނީ ހުސްކަމެވެ. ގާވެފައިވާ ބުދެކޭ ތަފާތެއް ނެތެވެ.

"ޕްރެޒިޑެންޓް އަމްރާން އަބުދުލްއަޒީޒު ދާދި ދެންމެއަކު އަވަހާރަވެއްޖެ.........ތަފްސީލު އަންނަނީ...." ހަޔާތީ އަތުން ލެޕް ދޫވެގެން ވެއްޓި މާބްލްމަތީ ޖެހުނު އަޑުފަށްގަނޑާއިއެކު އެލީން ފުންމައިގެން ތެދުވެ ވަށައިގެން ހޯދައިލިއެވެ. ދެލޯ ކުޑަކޮށްލާފައި އިސްތަށިގަނޑު ވިހުރުވާލައިގެން އިނދެފާ ތެދުވެގެން އައިސް ހަޔާތީގެ ކުރިމަތީ ހުއްޓުނުގޮތަށް ދެންމެ ދެންމެ ޖަހާފާނެހެން ހީވިއެވެ.

"އެލީން. އަމްރާން އިޒް ޑެޑް. ވަރަށް އުފާވެއްޖެ ދޯ. ޕާފެކްޓް މާޑާ ވެޕަންއިން ކުރަން އުޅުނު މަސައްކަތް ކާމިޔާބުކުރެވިއްޖެ އެއްނު.............." ހަޔާތީ އެލީންއާއި ހަތަރުކަޅި ހަމަކޮށްލިއެވެ. އެލީން ހަމަ އެހުރިގޮތަށް ބުމައަށް ރޫ އަރުވާލައިގެން ހުރެ އޭނަގެ ފޯނުން ނޫސްތައް ބަލަންފެށިއެވެ. ހުރިހާ ނޫސްތަކުން ލައިވްކޮށް ގެނެސްދެނީ އެއް ޚަބަރެވެ. ރައީސް އަވަހާރަވީ ވާހަކައެވެ. މިކޮޅުން ގެންދިޔައިރުވެސް އުއްމީދު ކަނޑާލިއޭ ބައެއް މީހުން ބުންޏަސް އެލީން ހީކުރީ ދޮގެއްކަމަށެވެ. އަމްރާން މަރާއި ހަގުރާމަކޮށް ކާމިޔާބުކުރާނެއެވެ. އެހާ ޅަ އުމުރުގައި އެހާ ކާމިޔާބު މީހަކު އެހާ މާނައެއް ނެތްގޮތަކަށް ދިޔުމަކީ ގަބޫލުކުރެވޭނެކަމެއް ނޫނެވެ. ވިހަ އެއް ބޮއިގެން މަރުވާން ޖެހޭ ހެއްޔެވެ.

"ނޯ ނޯ ނޯ......"އެލީން އިސްތަށިގަނޑުތެރެއަށް އަތް މަހާލަމުން ދެކޮޅަށް ހިގަންފެށިއެވެ. "ގޯޑް. ނޯ......" އެލީން އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ހަޔާތީ ބާރުބާރަށް ހިގާފައިގޮސް އެލީންގެ މޫނުމަތީ ޖެހި އެތިފަހަރުގެ ބާރުކަމުން އެލީން ވިއްސައިގެން ނުދިޔައީ ކިރިޔާއެވެ.

"ޔޫ ޑަމްބް އީވިލް ލިޓްލް ޓްރޯލް. ސްޓޮޕް އިޓް. ސްޓޮޕް އެކްޓިން......" ހަޔާތީ ލޯ އަޅައިލިގޮތުން އެލީންވެސް ބިރުގަތެވެ. އަމްރާންގެ މަރުގެ ޚަބަރު އިވިފާ ހަޔާތީ މޮޔަވީކަން ޔަގީނެވެ. ލޯބިވާ ގާތް މީހެއް މަރުވުމުން ނުވަތަ ބޮޑު ހާދިސާއެއްކުރިމަތިވުމުން ބްރީފް ސައިކޯޓިކް ޑިސްއޯޑާފަދަ ކަމެއް ދިމާވީބާވައެވެ. މޮޔަވެފައި ހުރެ އޭނަ މަރާލާކަށްވެސް ފަހެއް ނުޖެހޭނެއެވެ.

"ބޮޑުކަމެއް ދިމާވީމަތަ ގޯޑް ވޮޑިގެންވާ ކަން ހަދާންވަނީ؟ " ހަޔާތީގެ ޖުމްލަ އިވިފާ އެލީންއަށް ދޭނެޖަވާބެއް ނޭގުނެވެ. އޮޅިގެން ނަމަވެސް އޭނައަށް ވަރަށް ގިނައިން އެގޮތަށް ބުނެވެއެވެ. އޭނަ ކަންކަށިމަތީގައި ފިރުމަންފެށިއެވެ. އަތްލެވުނީމަވެސް އެއޮތް ވީތަދެކެވެ. ހަޔާތީ ޖެހީ ހާދަ ބާރަކަށެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރުގައި ޓަކިދޭންފެށިއެވެ. އެލީން ދުއްވައިގަތީ ދޮރު ހުޅުވާށެވެ. އޭރު އޭނަގެ ހިތްވެސް ތެޅޭވަރުން ހުއްޓިދާނެފަދައެވެ. ސަލާމަތްކޮށްދޭން މިވަގުތު ކޮންމެ މީހަކު އަޔަސް އެމީހަކުވާނީ "އެންޖެލް" އަކަށެވެ.

ދޮރުމަތީ ހުރި މީހާ ފެނުމާއިއެކު ހަޔާތީގެ ދެލޯ ބޮޑުވެ އަނގަ ހުޅުވިއްޖެއެވެ. އޯޓަމް ބްލޭޒުން އޮޅިގެންވެސް ފެންނާނެކަމަށް ހީނުކުރާ މީހެކެވެ. ހަޔާތީ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ލައްޕާލިއެވެ. އެއާއިއެކު ދޮރުމަތީ ހުރީ އެކަކު ނޫންކަން އެނގުނެވެ.

މި ދެމީހުން މިއައީ ކީއްކުރަންހެއްޔެވެ؟ ނޫސްތަކުން އެ ޚަބަރު ފެނުމުގެ ކުރިން އެޚަބަރު އެމީހުން އަމިއްލަގޮތުން އައިސް ދޭންވެގެން ކަން ނޭގެއެވެ.

"ޕްލީޒް ކަމް އިން ސަރ..." އެލީން ދައުވަތު ދިނެވެ.

(ނުނިމޭ...)

https://sun.mv/116293

comment ކޮމެންޓް
ގުޅޭ ޚަބަރު