"އަޅުގަނޑަކީ ލޮލީ ޖާބިރެއް ނޫން، ދުވަހަކު ވެސް ލޮލީ އެއް ނުހަދަން"

ޖާބިރު ސަންގެ 50 މިނިޓަށް އިންޓަވިއު ދެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ ބޭފުޅުންނަށް ވަނަން ކިޔުމަކީ އާންމު ކަމެކެވެ. ހާއްސަކޮށް ބައެއް ބޭފުޅުންގެ އަސްލު ނަން ބޭނުންކުރުމަށްވުރެ ބޮޑަށް މީހުންނަށް އެ ބޭފުޅަކު އެނގެނީ ވެސް ވަނަމުން މުހާތަބު ކުރުމުންނެވެ. މިފަދަ ނަންތައް ދެވިފައިވަނީ މާޒީގައި އެބޭފުޅަކު ކޮށް އުޅުނު ކަމެއްގެ ސަބަބުން ނުވަތަ އާއިލާއާއި ގުޅުވައިފަ އެވެ.

މިގޮތަށް ވަނަމުން މުހާތަބު ކުރެވޭ އެއް ބޭފުޅަކީ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ. ޖާބިރަށް މުހާތަބުކޮށް "ލޮލީ" ޖާބިރު ކިޔަން ފެށުނު ގޮތާ ގުޅޭ ގޮތުން ސަން އޮންލައިންގެ "50 މިނެޓު" ޕްރޮގްރާމުގައި ޖާބިރު ވަނީ ވާހަކަ ދައްކަވައިފަ އެވެ.

ޖާބިރު ވިދާޅުވީ އޭނާއަކީ ކުޑައިރު އަދި ފުރާވަރު އުމުރުގައި މާލޭގެ ގޭގޭގައި "ގެންގުޅޭ" ކުއްޖެއްގެ ގޮތުގައި އުޅުނު މީހެއް ކަމަށާއި އެގޮތުން ދެ ގެއެއްގައި އުޅުނު އިރު އެގޭ މީހުން ވިއްކަން ހަދާ ލޮލީ ވިއްކުމަށް މަގުމަތީ އުޅުއްވި ކަމަށެވެ.

"އަޅުގަނޑުމެން ކުޑައިރު ވަރަށް ދަތިކޮށް އުޅެނީ. އުމުރުން 10 ވަރަކަށް އަހަރުގައި މަންމަ އާއި ބައްޕަ ސެޕަރޭޓް ވެއްޖެ. އެ އުމުރުގައި ވެސް އަޅުގަނޑު ދަނީ މަހަށް. އަޅުގަނޑުގެ އެއްބަނޑު ބައިވަރު ކުދިން އުޅޭ. ދޮން ބައްޕައަކީ ވަޑިއެއް. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އުޅުނީ،" އުމުރުގެ ވަރަށް ކުރީކޮޅު ގއ. ކޮލަމާފުށީގައި އުޅުއްވި ދިރިއުޅުން ހިއްސާ ކުރައްވަމުން ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވިސްނުނީ ކޮލަމާފުށީގައި ނެތްކަމަށް ކިޔެވުމުގެ ފުރުސަތެއް ވެސް، އިގުތިސޯދީ އެއްވެސް ފުރުސަތެއް ވެސް،" މަންމަގެ ގާތް ރައްޓެއްސަކު މާލޭ މީހަކާ ކައިވެނިކޮށްގެން މާލޭގައި އުޅޭކަމަށާއި މާލެ ފޭބީ އެ ގޭގައި ހުރެގެން ކިޔެވުމަށް ކަމަށް ޖާބިރު ވިދާޅުވި އެވެ.

"އަޅުގަނޑު އައީ އެގެއަށް. އެ ގެއަކީ ލޮލީ ވިއްކާ ގެއެއް. އަޅުގަނޑު ކުރަންޖެހޭ ކަމަކީ އެބޭފުޅުން ހައްދަވާ ލޮލީ ހިފައިގެން ގޮސް ވިއްކުން. އަޅުގަނޑަކީ ޑެލިވަރީ ބޯއީ،" އެންމެ ފުރަތަމަ "ލޮލީ ޖާބިރު"ގެ ނަމުން މުހާތަބު ކުރަން ފެށުނީ އެދުވަސްވަރު ކަމަށާއި އެނަމުން މުހާތަބު ކުރަން ފެށީ ދެރަކޮށްލުމުގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އޭރު ވަރަށް ކުޑަ ލާރިކޮޅެއް ލިބެނީ. މާބޮޑު މުސާރައެއް ވެސް ނުލިބޭ،" މަންމަގެ ރަހުމަތްތެރި މީހާގެ ގޭގައި އުޅުމަށް ފަހު ދެން ބަދަލުވީ ހ. ސަކީނާމަންޒިލަށް ކަމަށާއި އެ ގޭގައި އުޅުއްވީ "ގެންގުޅޭ ކުއްޖެއް"ގެ ގޮތުގައި ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ ސަކީނާ މަންޒިލުގައި އުޅުއްވި އިރު ވެސް ކިޔެވުމުގެ މާ ބޮޑު ފުރުސަތެއް ނުލިބޭ ކަމަށާއި ގިނަ ވަގުތު އުޅުއްވަން ޖެހެނީ މަސައްކަތުގައި ކަމަށެވެ.

"ލޮލީ ވިއްކަން ޓައްޕު ހިފައިގެން ހެނދުނު ނިކުންނަ މީހާ ލޮލީ ގަންނާނެއްބާ ކިޔަމުން މަގުމަތީ ހިނގަން ޖެހެނީ،" ސްކޫލަށް ދިއުމުގެ ފުރުސަތު ނުލިބި އެއްއުމުގެ ކުދިންގެ ތެރެއިން ސްކޫލަށް ދާ ކުދިންނަށް ލޮލީ ވިއްކަން އުޅުއްވަން ޖެހުނު ކަމަށް ވެސް ޖާބިރު ވިދާޅުވި އެވެ.

ސަކީނާމަންޒިލުގައި އުޅުއްވުމަށް ފަހު ދެން ބަދަލުވީ ބާޒާރު ފިހާރައަށް ކަމަށާއި އެތަނަށް ބަދަލުވެ ކިޔެވުމުގެ ކަންތައް ކުރިއަށް ގެންދަން ފުރުސަތު ލިބުނު ކަމަށް ޖާބިރު ވިދާޅުވި އެވެ.

ބާޒާރު ފިހާރާގައި ޖާބިރު ކުރެއްވި މަސައްކަތަކީ ޓުއަރިސްޓުންނާ އެކު ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމެވެ. ޖާބިރުގެ މިހާރުގެ ވިޔަފާރީގެ ފެށުމަކީ އެއީ އެވެ. ޖާބިރު ވިދާޅުވީ ކުރިއަށް ވަޑައިގެންނެވުނީ "ސްޓެޕަކަށް ފަހު ސްޓެޕެއް" ގިރާ ކުރެއްވުމަށް ފަހު ކަމަށެވެ.

"ލޮލީ ޖާބިރު"ގެ ނަމުން މުހާތަބު ކުރެވުނު ނަމަވެސް ދުވަހަކު ވެސް ލޮލީ ހަދައިގެން ނުވިއްކާ ކަމަށާއި، ކުރި މަސައްކަތަކީ އެހެން މީހުން ލޮލީ ހެދުމުން އެތަކެތި ވިއްކުމަށް "ޑެލިވަރީ ބޯއީ" އެއްގެ މަސައްކަތް ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވީ އޭނާ އަސް "ލޮލީ ޖާބިރު"ގެ ނަމުން މުހާތަބު ކުރަނީ ދެރަކޮށްލުމަށް ކަމަށެވެ.

"ކީއްވެތޯ ރިސޯޓު ހަދާ ޖާބިރު ނުކިޔަނީ؟ ކީއްވެތޯ ރައީސްގެ އެންވޯއީ ޖާބިރު ނުކިޔަނީ؟ ރައީސް ނަޝީދު އެޑްވައިޒަރު ޖާބިރު ނުކިޔަނީ؟ ހަމަ ދެރަކޮށްލުމުގެ ގޮތުން. އެއީތޯ ދިވެހީންގެ ގޮތަކީ؟" ޖާބިރު ސުވާލު އުފެއްދެވި އެވެ.

"އަޅުގަނޑަކީ ލޮލީ ޖާބިރެއް ނޫން. އަޅުގަނޑު ދުވަހަކު ވެސް ލޮލީއެއް ނުވިއްކަން. ލޮލީ ވިއްކަިއގެން ދުވަހަކު ލާރިއެއް ލިބުނު މީހެއް ނޫން މިއީ. އަޅުގަނޑަކީ އެހެން މީހަކު ހަވާލު ކުރި މަސައްކަތެއް ޑެލިވަރީ ބޯއީއެއްގެ ގޮތުގައި މަސައްކަތް ކުރި މީހެއް."

comment ކޮމެންޓް