ފަރުވާއަށް ފަހު، އެޗުއައިވީ ހުރި މީހެއްގެ ހަށިގަނޑުން ވައިރަސް ނުފެންނަތާ 18 މަސް!

ސްޓެމް ސެލް ޓްރާންސްޕްލާންޓަކަށް ފަހު 'ލަންޑަން ޕޭޝެންޓް'ގެ ހަށިގަނޑުން އެޗްއައިވީގެ އަސަރު ނުފެންނަތާ 18 މަސް ވަނީ ވެފައި -- ފޮޓޯ: ރޮއިޓާސް

އެއިޑްސް ބަލި ޖެހުމަށް މަގުފަހިކުރާ، ހިއުމަން އިމިއުނޯޑެފިޝެންސީ ވައިރަސް ހުންނަ މީހަކަށް ފަރުވާ ދިން ފަހުން އޭނާގެ ހަށިގަނޑުން ވައިރަހުގެ އަސަރެއް ނުފެންނަތާ 18 މަސް ވެއްޖެ ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ސައިންސުވެރިން ވަނީ 'ލަންޑަން ޕޭޝެންޓު'ގެ ނަން ދީފައިވާ އެމީހާ އެޗްއައިވީ އިންފެކްޝަނުން އެއްކޮށް ރަނގަޅުވެފައިވާ ކަމަށް ބުނަން އަދި މާއަވަސް ކަމަށް ބުނެފަ އެވެ. ނަމަވެސް އެމީހާ ވަނީ ސެޕްޓެމްބަރު 2017ގެ ފަހުން އެޗްއައިވީ ބޭސް ކެއުން ހުއްޓާލާފައި ކަމަށް ސައިންސުވެރި ފާހަގަކުރި އެވެ.

ލަންޑަން ޕޭޝެންޓަކީ އެޗްއައިވީގެ އިތުރުން ކެންސަރަށް ވެސް 2012 ވަނަ އަހަރު ފަރުވާ ކުރަން ފެށި މީހެކެވެ. އެގޮތުން އޭނާ ވަނީ ކީމޯތެރަޕީ ހަދައި ސްޓެމް ސެލް ޓްރާންސްޕްލާންޓެއް ހަދާފަ އެވެ. އެޓްރާންސްޕްލާންޓް ހެދުމަށް އޭނާއަށް ބޯން މެރޯ ހަދިޔާ ކުރި މީހާއަކީ ޖީން މިއުޓޭޝަނެއްގެ ސަބަބުން 'އެޗްއައިވީ ރެޒިޒްޓެންޓް' މީހެއް ކަމަށް ސައިންސް ޖާނަލް، ނޭޗާގައިވެ އެވެ.

އެޖާނަލްގައިވާ ގޮތުން، އެމިއުޓޭޝަން ހުރީ ބޯން މެރޯ ހަދިޔާ ކުރި މީހާގެ އިމިއުން ސެލްތަކުގައި ހުންނަ ސީސީއާރު5 ކިޔާ ޕްރޮޓީންއެއްގަ އެވެ. އަދި އެޗްއައިވީ-1 ހުންނަ މީހުންގެ ހަށިގަނޑުގައި، އިމިއުން ސެލްތެރެއަށް ވަދެ، އެއަށް ހަމަލާ ދިނުމަށް އެވައިރަސް ބޭނުން ކުރަނީ ސީސީއަރު5 އެވެ. ނަމަވެސް ވަރަށް މަދު ބަޔެއްގެ ހަށިގަނޑުގައި، ސީސީއާރު5 މިއުޓޭޝަނެއް ހުރެ އެވެ. އަދި އެމިއުޓޭޝަންގެ ސަބަބުން އެޗްއައިވީ ވައިރަހަށް އިމިއުން ސެލްއަށް ހަމަލާ ނުދެވޭ ގޮތްވެ އެވެ.

މީގެ ކުރިންވެސް، އެޗްއައިވީ ހުރި މީހަކަށް، އެމިއުޓޭޝަން ހުރި ސްޓެމް ސެލް ޓްރާންސްޕްލާންޓު ކުރުމުން އޭނާގެ ހަށިގަނޑުން އެޗްއައިވީ ނައްތާލެވިފައިވެ އެވެ.

ލަންޑަން ޕޭޝެންޓުގެ ފަރުވާގައި ބައިވެރިވި، އިމްޕީރިއަލް ކޮލެޖުގެ ޕްރޮފެސާ އެޑުއާޑޯ އޮލަވަރިއާ ވަނީ އެކާމިޔާބީގެ ސަބަބުން އެޗްއައިވީއަށް ފަރުވާ ކުރަން އާސްޓްރެޓެޖީތައް އެކުލަވާލެވޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސްޓެމް ސެލް ޓްރާންސްޕްލާންޓަކީ ނުރައްކާތެރި އޮޕަރޭޝަނެއް ކަމަށާއި، އޭގެ ސަބަބުން ދިމާވާ ބައެއް މައްސަލަތައް އުމުރު ދުވަހަށް ދެމިހުންނާނެ ކަމަށް ސައިންސުވެރިން ފާހަގަ ކުރެ އެވެ.

comment ކޮމެންޓް