"40 ޕްލަސް" ޕްރިމިއާކޮށްފި، މިއީ ހަމަ އަހަރުގެ ބޮޑު ފިލްމު!

"40 ޕްލަސް"ގެ ޕޯސްޓަރެއް...

ދަންމާނު ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ބޮޑުބެރު ލަވަތަކަކާއެކު އަހަރުގެ ބޮޑު ފިލްމު "40 ޕްލަސް" ޕްރިމިއާކޮށްފިއެވެ.

ރޭ އޮލިމްޕަހުގައި އެ ފިލްމު ޕްރިމިއާކުރުމަށް ބޭއްވި ހަފްލާގައި އެ ފިލްމު ޕްރިމިއާކޮށްދެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމެވެ.

އޮލިމްޕަހުގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ފިލްމުގެ ތަރިންގެ އިތުރުން ބައެއް ފަންނާނުން ވަނީ ބައިވެރިވެފަ އެވެ.

ފިލްމު ޕްރިމިއާކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމަނިކުފާނަކީ ފިލްމުތަކަށް ވަރަށް ލޯބިކުރައްވާ ބޭފުޅެއް ކަމަށާއި އެ ފިލްމު ޕްރިމިއާކޮށްދެއްވުމުގެ ޝަރަފު ލިބުމަކީ ލިބޭ އުފަލެއް ކަމަށެވެ.

މައުމޫން ވިދާޅުވީ ފިލްމީ ސިނާއަތް މިހާރު ވަރަށް ބޮޑަށް ކުރިއަރާފައިވާ ކަމަށެވެ.

ޝީލާ 40+ ގެ ޝޫޓިން ގައި --- ފޮޓޯ: 40+ ޓީމް

"40 ޕްލަސް އޭ ބުނީމަ ހިތަށް އަރަނީ އަޅުގަނޑާވެސް ގުޅުމެއް އެބަހުއްޓޭ. 40 އަހަރުން މައްޗޭ ބުނީމާ އެއީ 40އަހަރުން މަތިި. އަޅުގަނޑަކީ ވަރަށް ފިލްމު ބަލާ މީހެއް،"

މައުމޫން އިތުރަށް ވިދާޅުވީ ފިލްމުގެ މައިގަނޑު ކާސްޓުންނަކީ ރާއްޖޭގެ ފިލްމީދާއިރާގައި ވަރަށް މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ގިނަ އަހަރުތަކެއް ވަންދެން ފިލްމީދާއިރާގައި ހިދުމަތްކުރައްވާފައިވާ ތަފާތު ހުނަރުތައް ހާސިލްކޮށް ގިނަ އިނާމުތައް ހާސިލްކުރައްވާފައިވާ ބޭފުޅުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޔޫއްޕެ އަކީ ވަރަށް ގިނަ ފިލްމުތަކެއްގައި އުޅުއްވާފައި ހުރި ބޭފުޅެއް. ހަނދާންވާ ގޮތުގައި 85 ފިލްމުގައި އޭނާ ވަނީ އުޅުއްވާފައި. އޭނާއަށް ވަނީ ގިނަ އެވޯޑްތަކެއް ލިބިފައި. އަޅުގަނޑުގެ އަތްޕުޅުންވެސް އެވޯޑު ދެއްވިން،"

ފިލްމުގެ ތަރިންނަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ތަރިން ކަމަށްވެސް މައުމޫން ވިދާޅުވިއެވެ.

ރޭ ބޭއްވި ހަފްލާގައި ރައީސް މައުމޫންގެ އިތުރުން މިނިސްޓަރ އޮފް އާޓްސް އެންޑް ކަލްޗާ ޔުމްނާ މައުމޫންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"40 ޕްލަސް" ގެ ޕޯސްޓަރެއް...

އެ ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކުރާ އިސްމާއިލް ޝަފީގު ޕްރޮޑިއުސްކުރާ ފިލްމެކެވެ.

ތ. ބުރުނީގައި މަންޒަރުތައް ނެގި އެ ފިލްމަކީ "ނޯޓީ 40"ގެ ސީކުއެލްއެކެވެ.

ކުޅަދާނަ ބަތަލު އަލީ ސީޒަން، މަނިކު، ސައީދު އެ ފިލްމުން ފެނިގެންދާނެއެވެ. އަދި ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ، އާނަންދު، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފްވާ ބަތަލާ އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެ އެވެ.

comment ކޮމެންޓް