އަތުގައި އޮތް ކޯޓާއި ދަބަސް ސޯފާމައްޗަށް ދޫކޮށްލުމަށްފަހު އެ ތުއްތު ކުއްޖާއާ ދިމާލަށް ދުއްވައިގަނެވުނުއިރު އެ ހިތުގެ ހިނގުން ވެސް ހުއްޓުނުހެން ހީވިއެވެ.

އެއްއަހަރު ފުރި ދެ އަހަރަށް އެޅިފައިވާ ތުއްތު ދަރިފުޅު ގާތަށް ގޮސް އެ ތުއްތު ދަރިފުޅުގެ ފައި މައްޗަށް ވެއްޓިފައިވާ އެއްޗެހި އަޅުވާ ކުޑަ ހަރުގަނޑު ނެގުމާއެކުއެކު ޔުމާން ދަރިފުޅު އުރާލިއެވެ. އޭރުވެސް އެ ދަރިފުޅު ދިޔައީ ބާރަށް ރޮމުންނެވެ.

"ޑެޑީ ދޫނީ. ކިހިނެތްވީ؟ އެއްވެސް ކަމެއް ނޫނޭ އެއީ، އަވަހަށް ހުއްޓާލާ! އަވަސް ބޭބީ" ޔުމާން ދަރިފުޅުގެ ކަރުނަ ފޮހެލަމުން މަސަލަސް ކުރެވޭތޯ އުޅުނެވެ. އެހެންނަމަވެސް ހިނދެއް ހިނދަކަށް އެ އަޑު ދިޔައީ ގަދަވަމުންނެވެ. ހީވަނީ ހިމާޔަތެއް ލިބުމުން ހިތުގެ ހުރިހާ އުދާހެއް ބޭރުކޮށްލަން ބޭނުންވެފައިވާ ހެންނެވެ. ޔުމާންގެ ލޯ ވެސް ފެންކަޅިވިއެވެ. އެ ދަރިފުޅު އެހެން އޮތީ ކިހާއިރަކު ކަމެއް ވެސް ނޭނގެއެވެ. ދަރިފުޅު މަސަލަސް ކުރަމުން ޔުމާން އައިސް ސޯފާގައި އިށީނެވެ. ދައުސް ދުރުކުރަން ނޫޅި އޭނާވެސް ސޯފާގައި ހަމަޖެހިލާ ޓީވީ ހުޅުވާލީ އަށެއް ޖެހިމުން ހަބަރު ބަލާލުމުގެ ނިޔަތުގައެވެ.

ހަބަރަށް ގެއްލިފައި އިންދާ ކުއްލިއަކަށް އެމް.އެޗް.ޑީ.ސީގެ ވާހަކަ ގެންނަން ފެށުމާއެކު އޭނާ އިތުރަށް ޝައުގުވެރިވިއެވެ. އޭރު އޭނާގެ ތުއްތު ދަރިފުޅު ވަނީ މޭމަތީގައި ބާއްވާލެވިފައެވެ. އެ ދަރިފުޅަށް ނިދިފައި ވާއިރު އަދިވެސް އެ ދަރިފުޅަށް ކޮންމެވެސް ވަރަކަށް ގިސްލެވެމުން ދިޔައެވެ. ހީވާގޮތުން އެ ވަނީ ރޮއި ރޮއި ވަރުބަލިވެފައެވެ.

ވަކި ހިސާބަކުން އަނާލްގެ އިންޓަރވިއު އެއް ގެނެސްދޭން ފެށުމާއެކު ޔުމާންއަށް އެކަމަށް ސަމާލްކަން ދެވުނެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްގެ އަސަރު ވެރިވާން އުޅުނުހެން ހީވިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބު ނުވީ ކުއްލިއަކަށް މީހަކު އައިސް ޓީވީ ނިއްލާލުމުންނެވެ. ބަލާލިއިރު ޒަހުވާއެވެ. ޒަހުވާ ފެނުމުން އޭނާ އެއްޗެއް ނުބުނެ ދައުސްއަށް ބަލާލިއެވެ.

"ހުއް، އޭނާ ނޫން މީހަކަށް އަދިވެސް މީނައަކަށް ނުބެލޭނެ... ވަރަށް ފޫހިވޭ" އަނގަޔަށް ފޫހިވައްތަރެއް ޖައްސާލުމަށްފަހު ޒަހްވާ ދިޔައެވެ. އެއާއެކު ޔުމާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

ސޯފާއިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ކުޑަ މީހާ އެނދުގައި ބާއްވާލަމުން ހިންދެމިލިއެވެ. ހިނިތުންވެލަމުން އެ ތުއްތު ދަރިފުޅަށް ބަލާލުމާއެކު ނިތުގައި ބޮސްދިނެވެ. އަދި މާފަށް އެދުނެވެ.

ދެން އޭނާ މިސްރާބުޖެހީ ޒަހްވާއާ ދިމާލަށެވެ. ޒަހްވާގެ އަތުގައި ހިފާ އޭނާ ސިޓިން ރޫމަށް ނެރުނީ ދައުސްއަށް ބަލާލުމަށް ފަހުއެވެ.

"ދައުސްގެ ގައިމައްޗަށް ހަރުގަނޑު ވެއްޓުނު އިރު ޒަހްވާ ކޮބާ؟" ޔުމާން ބެލީ ވީހާވެސް މަޑު މައިތިރިކަމާއެކު ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާށެވެ. އެހެންނަމަވެސް ޒަހްވާ އެ ގޮތް ބޭނުންނުވާ ފަދައެވެ. އޭނާ ޔުމާންގެ އަތް ފޮޅުވާލަމުން ދުރަށްޖެހިލިއެވެ.

"އަހަރެންނަށް އޭނަ ރުއިމަ ހިންހަމަ ޖެހޭތީ ނުނިކުތީ، އަހަރެންނަކަށް ނޭނގެ ހަރުގަނޑެއް ވެއްޓުނު ކަމެއް" ޒަހްވާ ނުރުހުންތެރިކަމާއެކު ބުނެލިއެވެ. އެއާއެކު ދައުސްއަށް ނިސްބަތްކޮށް ކޮންމެވެސް ހުތުރު ބަހެއް ބުނެލިއެވެ. އަދި އޭނާ ގޮސް ކޮޓަރީގެ ދޮރު އަތުގައި ހުރި ބާރެއް ލާފައި ލައްޕާލިއެވެ. ޔުމާންއަށް ކުރެވުނުހާވެސް ކަމަކީ ހުރިތާ ހުރިގެން ދެފަރާތަށް ބޯހޫރާލުމެވެ.

*****

އަވި ގަދަ ދުވަހެކެވެ. އަނާލް ހޮސްޕިޓަލަށް ދިޔައީ އިޒިއަން އާއެކުއެވެ. މިދުވަސްކޮޅު އަނާލްގެ ބޯ އަނބުރާ ގޮތް ގޮތް ވާތީ އެތެރެހަށީގެ ޑޮކްޓަރަކަށް ދައްކާލުމުގެ ބޭނުމުގައެވެ. ޑޮކްޓަރަށް ދައްކާ ނިމިގެން ލެބޯޓްރީއަށް ގޮސް ޓެސްޓްތައް ހަދަން ލޭ ދިނުމަށްފަހު އިޒިއަން އާއި ދެމީހުން މިސްރާބުޖެހީ ހޮސްޕިޓަލްގެ ފުރަގަހުގައި ހައްދާފައިވާ ބަގީޗާއަށެވެ. އިރުކޮޅަކު އެތާ މަޑުކޮށްލުމަށް ފަހު ހޮސްޕިޓަލުން ނުކުތް އިޒިއަންގެ ލޮލުގައި އަޅައިގަތް މީހެއްގެ ސަބަބުން އޭނާއަށް ހިސާބަކަސް މަޑުޖެހިލެވުނެވެ. އެ ކުއްޖާ ދިޔައީ ވަރަށް ބާރަށް ކަމުން އިޒިއަންއަށް ގޮވާލާނޭ ފުރުސަތެއްނުލިބުނެވެ. އަނާލްއާ އެކު ގޮސް ކާރަށް އަރާ ދުއްވާލީ ގެއަށް ދިޔުމުގެ ބޭނުމުގައެވެ.

*****

ތަނާހާ ލޯގަނޑު ކުރިމަތީގައި ހުރެ ރީތިވަމުން ދިޔައެވެ. އަދިވެސް ޓީވީން އިވުނު ހަބަރުގެ ސަބަބުން އޭނާ ހުރީ ރުޅިއައިސްފައެވެ. އެހެންނަމަވެސް އެ ރުޅިވެރިކަން ހިންދާލަމުން އޭނާ ބޭނުންވަނީ ދެ ލޮލުން ހިފާ އެއީ ތެދުކަން ޔަޤީން ކުރާށެވެ. ނަންބަރަކަށް ގުޅާލުމާއެކު އޭނާ އައިސް އެނދުމަތީގައި އިށީނެވެ. އޭރު އޭނާގެ ބުޅި އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހާ ހައްޔަރު ކޮށްލާފައެވެ. ލާފައިވަނީ ފެހިކުލައިގެ ޓޮޕަކާއި ކަޅު ކުލައިގެ ސްކިނީ އެކެވެ. ހީލްއަށް އަރަމުން އޭނާ ދިޔައީ އެނދުމަތީގައި ބައިންދާލާފައި އޮތް ފޯނަށް ވެސް ބަލަމުން ނެވެ. ފައިވާނަށް އަރާ ނިމުނުތަނާއެކޮޅުން ފޯން ނަގައިފިއެވެ. އެއާއެކު އޭނާ ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ފޯން ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯ އޭ ކިޔާލައިފިއެވެ. އެކޮޅުން އޭނާ އަކީ ކާކުކަން ނޭނގިގެން ސުވާލުކުރުމުން އެއީ ތަނާހާ ކަން އޭނާ އޮޅުން ފިލުވައިދިނެވެ. ފޯން ބާއްވަމުން ތަނާހާ ކޮޓަރިން ނުކުންނަން ހިނގައިގަތީ ހިންހަމަ ޖެހިފައިވާ މޫނަކާއެކުގައެވެ.

*****

އެރޭ ޓެސްތްތައް ރެޑީ ވުމާއެކު އިޒިއަން ރިޕޯޓް ނަގައިގެން ޑޮކްޓަރަށް ދައްކާފައި ދިޔައީ ގެއަށެވެ. ނަސީބަކުން މާ ބޮޑު މައްސަލައެއް ނެތެވެ. ކުޑަކޮށް ލޭ ދަށްވެފައި ހުރުމުން ވީ ގޮތެކެވެ. ގެއަށް ވަދެ އޭނާ ސިޑިއާ ދިމާލަށް މިސްރާބުޖެހިތަނާ އަނާލް ގޮވާލުމާއެކު ހުއްޓެން މަޖުބޫރުވިއެވެ.

"ނާލް... ކީކުރަނީ ތިރީގަ؟ އިޒިއަންއަށް އަހާލެވުނެވެ.

"އަނާލް ބުނީ އެކަނި އިންނަން ފޫހިވެގެން ތިރިއަށް އައީ ކަމުގައެވެ. ކިނާން ވެސް ދެންމެ ސަކަރާތް ޖަހަޖަހާފައި ދިޔުމުން އިޒިއަން އަންނަން ދެން ޓީވީ ބަލަން ޖައްސާލީ ކަމަށް ބުނުމުން އިޒިއަން އަނާލްގެ ގާތަށް ގޮސް ހުއްޓުނެވެ.

"ރިޕޯޓްތައް ރަނގަޅޭ ޑޮކްޓަރ ބުނީ، ލޭ މަދުވެފަ ހުރީ ކުޑަކޮށް، އެހެންވެގެން ލެއަށް ބޭސް އެބަ ހުރި އެއްމަސް ދުވަހަށް ދީފަ." އިޒިއަން ބޭސް ކޮތަޅު ދައްކާލަމުން ވާހަކަ ދެއްކިއެވެ. އަނާލް ބޯ ޖަހާލިއެވެ. އިޒިއަން އަނެއް އަތުގައި ހުރި މޭވާ ކޮތަޅުވެސް ދައްކާލިއެވެ.

"ތި ކީކުރާ އެއްޗެއް؟ ހާދަ ބައިވަރެއް" އަނާލްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

"މި ގިނަތަ؟ ބަލިވީމަ ޖެހޭނީ މި ކަހަލަ އެއްޗެއްސެއްނު ކާން، ނާލް ދައްކާ ވާހަކަ" އިޒިއަން އަނާލްއަށް ބަލާލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

"ހޫމް އޯކޭ އޭ ދެން... " އަނާލް އިޒިއަންގެ އަތުން އެ ކޮތަޅު އަތުލިއެވެ. އަނާލް ކޮތަޅަށް ބަލާލިއެވެ. އޭނާ އެންމެ ކާހިތްވާކަހަލަ މޭވާ ތަކެކެވެ.

"އަނހާ ދެކުދިން މިތާތަ؟" އަކްނިޒާ ވެސް އެ ދިމާލަށް އަންނަމުން ވާހަކަ ދެއްކި އަޑަށް ދެމީހުންނަށް އެ ދިމާލަށް ބަލާލެވުނެވެ.

"ކީކޯތަ ޑޮކްޓަރު ބުނީ؟" އަކްނިޒާ އައިސް ދެމީހުން ގާތަށް ހުއްޓެމުން އިޒިއަންގެ މޫނަށް ބަލާލިއެވެ.

އިޒިއަން ޖަވާބުދެމުން ހިނިތުންވެލިއެވެ. އިޒިއަން އާއި އަނާލް އާއި ދެމީހުން ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. އެހެންނަމަވެސް ހުއްޓެން މަޖުބޫރުވީ ދޮރުމަތިން ސަލާމް ގޮވާލި އަޑުއިވިފައެވެ.

ފިޔަވަޅުތަކަށް ހުއްޓުން އެރި އިޒިއަންއަށް އެއީ ކާކުގެ އަޑެއްކަން ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. އޭނާގެ އަނގައިން ވައި އަޑުން ނަމެއް ނުކުތުމާއެކު ފަހަތަށް އެނބުރިވުނެވެ. އަނާލްއަށް ވެސް އެއީ ދަންނަ އަޑަކާ ވައްތަރުވިއެވެ. އޭނާ ވެސް އެނބުރިލިއެވެ.

ކުރިމަތިން ފެންނަމުންދިޔަ އަންހެން ކުއްޖާ ހުރީ ނުހަނު ބޮޑަށް ބަދަލުވެފައެވެ. ކުރީގައި އެހާ ޗަބީކޮށް ހުރި ނަމަވެސް މިހާރު ރޫފަ ރީތިވެ ހަށިގަނޑަށް ބޮޑެތި ބަދަލްތަކެއް އަތުވެއްޖެއެވެ.

"ތަންނީ" އިޒިއަންއަށް ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލެވުނެވެ. އަދި އެ އަންހެން ކުއްޖާއަށް ގޮވާލެވުނީ ހައިރާންކަން އެކުލެވިގެންވީ އަޑަކުންނެވެ.

އަހަރަކަށް ވުރެ ގިނަދުވަސް ފަހުން ތަނާހާ ފެނުމުން އިޒިއަންއަށް ވެސް ކުރެވިގެން ދިޔައީ އުފާވެރި އިޙްސާސްއެކެވެ. އިޒިއަންއަށް ނަޒަރު ހުއްޓާލައިގެން ހުރި ތަނާހާގެ ނަޒަރު އަނާލްއަށް ދަތުރުކޮށްލުމާއެކު އޭނާއަށް އިޒިއަންއަށް ބަލާލެވުނީ ޖަވާބަކަށް ބޭނުންވެފައި ވާފަދައަކުންނެވެ.

އަނާލް ވެސް އިނީ ތަނާހާ ފެނިގެން ހައިރާންވެފައެވެ. އިޒިއަން އާއި އިދެގެން މިވީ ހާ ދުވަހުވެސް އިޒިއަން ތަނާހާގެ ވާހަކަ އަނާލްގެ ގާތުގައި ބުނެފައެއް ނެތެވެ. އެހެންކަމުން އެ ދެމެދުގައި އޮތީ ކޮންފަދަ ގުޅުމެއް ކަން ލަފާ ކޮށްލާކަށް ނޭނގުނެވެ.

"އަނާލް" ތަނާހާއަށް ގޮވާލެވުނެވެ. އޭނާގެ ތޫނު ނަޒަރު އަނާލްއަށް ހުއްޓުމުން އަނާލްއަށް ބުނަން ނޭނގޭ އުނދަގުލެއް ވިއެވެ. އޭނާ އިޒިއަންއަށް ބަލާލީ ތަނާހާ އަކީ ކާކުކަން އެނގެން ބޭނުންވެފައިވާ ފަދައަކުންނެވެ.

"ޔޫ ގާއިޒް ނޯ އީޗް އަދަރ...." އިޒިއަންއަށް ސުވާލުކޮށްލެވުނެވެ.

"އާނ! އަހަރެމެން ދެމީހުންނަކީ ތިމާގެ ދެމީހުން،އެކަމަކު އިޒް އާއި އަނާލްއާ އެއްކޮށް..." ތަނާހާ ޖުމްލައިގެ ވަކި ހިސާބަކުން މެދު ކަނޑާލިއެވެ. އޭނާ އިޒިއަންއަށް ނަޒަރު ހުއްޓާލިއެވެ. އޭރު އިޒިއަން ދޭނެ ޖަވާބެއް ނޭނގި ތަނާހާގެ ހިތް ތެޅެމުން ދިޔައެވެ. އެ ހިތުގައި ވި ބިރުވެރިކަމުގެ މައްޗަށް ކުރި ހޯދަން މަސައްކަތް ކުރިނަމަވެސް އޭނާއަށް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އިޒިއަން ދޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔަ ތަނާހާއަށް އިރު އިރުކޮޅަކާ އަނާލްއާ ދިމާލަށް ވެސް ބަލާލެވެއެވެ. ޖަވާބު އެނގޭއިރުވެސް ހުދު ތަނާހާ ބޭނުންވަނީ އިޒިއަންގެ ޖަވާބެކެވެ. އޭނާއަށް އެއީ އިޒިއަންގެ ކާކުކަން އެނގުނަސް މޫނުމައްޗަށް ހައިރާންކަން ވެރިކޮށްލައިގެން ހުރީ އެ ކަން އެއްވެސް މީހަކަށް އަންގަން ބޭނުންނުވާތީއެވެ.

"މީ ދޯ، މާ ރަގަޅަކަށް ނު މިވީ، އަހަރެންގެ ބެސްޓް ފްރެންޑްގެ އާއިލާއަށް ތާ މިދެވުނީ ނޭގިވެސް، ތަންނި. މީ އަހަރެންގެ އަންހެނުން." އިޒިއަން އަނާލްއަށް ބަލާލާ ހިނިތުންވެލިއެވެ. އަނާލްއަށް ޓަކައި އިޒިއަންގެ ހިތުގައި ވާ ލޯބި ފެނި ތަނާހާއަށް ހިންދިރުވާލެވުނެވެ. އޭނާ ގަދަކަމުން ހިނިތުންވާން މަސައްކަތް ކުރިއެވެ.

"ނާލް.. މިއީ އަހަރެންގެ ބެސްޓް ފްރެންޑް" އިޒިއަން އަނާލްގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ. އަނާލް ވެސް ބޯ ޖަހާލީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އިޒިއަންއަށް މިކަން ފާހަގަ ވިނަމަވެސް ވަގުތުގެ ގޮތުން އެއްވެސް އިތުރު އެއްޗެއް ނުބުނެއެވެ. ތަނާހާއާއި އަނާލްގެ ފުރަތަމަ ބައްދަލުވުމުން ވެސް އެ ދެމެދުގައި ހިސާބެއްގެ ހިންހަމަ ނުޖެހުމަކާއި ނުތަނަވަސްކަމެއް ވިކަން އިޒިއަން ދެނެގަތެވެ.

"ކޮން އިރަކު އިޒް... މެރީ ކުރީ؟" ތަނާހާއަށް އަހާލެވުނެވެ.

އިޒިއަންގެ ޖަވާބު އެނގިގެން ތަނާހާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އިޒިއަން ގާތު އަންގާވެސް ނުލާ ހުރިހާ ކަމެއް ނިންމާލީ ދޯ އޭ ބުނުމާއެކު އިޒިއަން ޖަހާލީ ހިނިގަނޑެކެވެ. ތަނާހާ އިތުރަށް ހައިރާންވިކަމަށް މޫނުމަތިން ދެއްކިއެވެ. އެހެންނަމަވެސް އެތެރެ އެތެރޭން އޭނާގެ ހަށިގަނޑުގައި ހޫނު އަލިފާން އަނދަމުން ދިޔައެވެ.

"ނޫނޭ، އަހަރެން ގުޅިން، ފޯން އޮތީ ނިއްވާލާފަ، ދެން ކިހިނެތް އަންގާނީ. ވައިބާވެސް ކުރިން. ފަހުން އެގުނީ އެ ނަންބަރު ގެންގުޅެނީ އެހެން މީހެއްކަން، ބައިދަވޭ އެވާހަކަ ބާއްވަމާ ކިހިނެތް މިގެއަށް އަންނަން އެނގުނީ" އިޒިއަން އަހާލިއެވެ.

"އައިސް އިޒް އާ ބައްދަލުކުރަން ހިތަށް އަރުވައިގެން ހުރީ، ފޯނު ހާވަމުން ދަނިކޮށް ނަންބަރު ފެނުނީމަ މަޒާޔާ އާންޓީއަށް ގުޅީ. ދެން އެނގޭނެ ދޯ އަންނަން ވެސް. މަޒާޔާ އާންޓީ ވެސް ހުރީ އަހަރެން އެކީ އައި ވާހަކަ ބުނީމަ އެހާ އުފާވެފަ ވިއްޔަ، ދެން ހިތަށް އެރީ އިޒްއަށް ސަޕްރައިޒެއް ދޭނީ އޭ... އެވާހަކަވެސް ބާއްވަމާ، އެކަމަކު އަހަރެންމީ ބެސްޓް ފްރެންޑޯ، މެރީ ކުރިއިރުވެސް އަންގާނުލާ! ކޮންކަހަލަ ބެސްޓް ފްރެންޑެއް" ތަނާހާ ދެފަރާތަށް ބޯ ހުރާލިއެވެ.

"ހިނގާ ސޯފާއަށް މަންމައަށް އެބަ ގޮވާލަން" އިޒިއަން ތަނާހާއަށް ސޯފާތައް ދައްކާލިއެވެ.

މަޒާޔާ އައުމާއެކު ތަނާހާ ގޮސް މަޒާޔާގެ ގައިގައިވެސް ބައްދާލިއެވެ. އަނާލް އިނީ އެ އެންމެންގެ ހަރަކާތްތަކަށް ބަލާށެވެ.

އިޒިއަން އާއި ތަނާހާ އާއި ދިމާވީ އިޒިއަން ރާއްޖޭން ބޭރުގައި އުޅުނު އިރުއެވެ. އޭރު އެކުވެރިކަން އުފެދި ދެމީހުން ބެސްޓް ފްރެންޑްސްއަށް ވީއެވެ. އިޒިއަން ރާއްޖެ އައުމާއެކު އެދެމެދުގައި އޮތް ގުޅުން ހީނަރުވެ އެކަކު އަނެކަކަށް ނުފެންނަތާ ވެސް އަހަރަކަށް ވުރެ ގިނަދުވަސްވީއެވެ. އެހެންނަމަވެސް އެހާ ގިނަ ދުވަސް ފަހުންވެސް ތަނާހާ އިޒިއަން މަތިން ހަނދާން ހުރީތީ އަކްނިޒާވެސް ހައިރާންވިއެވެ. އޭރު އިޒިއަންއާ އެކު އެމީހުން އުޅޭ ގެއަށް ވެސް ތަނާހާ ގޮސް އުޅުމާއެކު އަކްނިޒާ އާއި ތަނާހާ އާއި ދެމެދުވެސް ވަނީ ވަރަށް ގާތް ގުޅުމެއް އުފެދިފައެވެ.

އިޒިއަންއަށް ނޭނގުނު ކަމަކީ އޭރުއްސުރެ ތަނާހާގެ ހިތުގައި އިޒިއަން ރަސްކަން ކުރަމުން ދިޔަކަމެވެ. އޭނާ އޭރު އިޒިއަން ދެކެވީ ލޯބި އެ ގޮތުގައި އެހިތު ތެރޭގައި ރައްކާކޮށްފައި އޮތްކަމެވެ. އެއްވެސް ފަޑުވުމެއް ނެތިއެވެ. އިޒިއަން މީހަކާ އިންކަން އެނގުމުން އޭނާގެ ހިތުގައި ވެސް ޒަހަމްތަކެއް ލެވިއްޖެކަމެވެ. އޭރުވެސް އޭނާ އިޒިއަންގެ 'ބެސްޓް ފްރެންޑަކަށް' ވެ ހުރީ ކޮންމެވެސް ދުވަހަކުން އިޒިއަން ގެ 'ގާލް ފްރެންޑަށް' ވުމުގެ އުންމީދުގައެވެ. އިޒިއަން އޭނާ އާ ދެމެދު އެ ގޮތަށް ނުދެކުނަސް އޭނާގެ ހިތުގައި އިޒިއަންއާ މެދު ވި އިޙްސާސްތައް ބަދަލެއް ނުކުރެވުނެވެ. އެއަށް ވުރެ ބޮޑަށް އޭނާ އިޒިއަންގެ މީހަކަށް ވާން ބޭނުމެވެ. ހިތުގެ މުރާދު ހާސިލް ކުރުމަށް އޭނާ އޭރު ނުކުޅެދުނީ އިޒިއަންގެ އެކުވެރިކަން ގެއްލިގެން ހިގައިދާނެތީއެވެ. އޭނާ ހީކުރީ ގިނަދުވަހު އިޒިއަން ވެސް އޭނާ އާއެކު އުޅުމުން ހިތްޖެހި އިޒިއަންގެ ހިތުގައި ވެސް ތަނާހާގެ މައްޗަށް ލޯބި އުފެދޭނޭ ކަމަށެވެ. އެހެންނަމަވެސް މިފަހަރު މި ދިމާވީ އެހެން ގޮތެކެވެ.

ތަނާހާ އޭރުވެސް އެންމެ ދެރަވީ އިޒިއަން މާލެ އަންނަން ތައްޔާރު ވުމުންނެވެ. އެ ދުވަހު އޭނާއަށް ރޮވުމުން އިޒިއަން ވައުދުވީ އޭނާ ދުވަހަކުވެސް ތަނާހާ މަތިން ހަނދާން ނައްތާނުލާނަމޭ ބުނަމުންނެވެ. އަދި ރާއްޖެ އައިސް އޭނާ ތަނާހާ އަންނަންދެން އިންތިޒާރު ކުރާނެކަމަށް ބުނެއެވެ. އިޒިއަން އޭރު އެހެން ބުނީ ތަނާހާ ހިންހަމަ ޖައްސަން ކަމަށް ވިނަމަވެސް އެ ބަހުގެ މާނަ ތަނާހާއަށް ނެގުނީ މުޅިން އެހެން ގޮތަކަށެވެ.

އިޒިއަން އޭނާ އާއި ދުރަށް ދިޔުމުން ހިތުގެ އިހްސާސް ތަކުގެ މައްޗަށް އޭނާއަށް ގަދަވެވުނުހެން ހީވިއެވެ. އިޒިއަން މާލެ އައުމުން ވެސް އޭނާ ދެތިން ކުއްޖަކާ ރައްޓެހިވިއެވެ. އަނެއްކާ މިހާރު އިޒިއަން ފެނުނުއިރު އިޒިއަން ވަނީ ކުރިއަށް ވުރެވެސް ރީތިވެ ހަށިގަނޑު ވަރުގަދަވެފައެވެ. ރީތިކަމަށް ލޯބިކުރާ ތަނާހާގެ ހިތުގައި އަނެއްކާ އިޒިއަންއާ މެދު ގޮތް ނޭނގޭ އިޙްސާސްތަކެއް ހޭލުއްވައިލި ސަބަބެއް ކަމުގައި އެ ސަބަބު ވިއެވެ. އޭނާ ޤަބޫލް ކުރާ ގޮތުގައި އެއީ ލޯތްބެވެ.

ތަނާހާ ދިޔުމާއެކު އަނާލް ވެސް އިޒިއަންއާ އެކު ލަސްނުކޮށް އެރީ މައްޗަށެވެ.

"މައި ޑާރލިން، ހާދަ ރުންކުރުވެފަ އިންހެން ހީވޭ، އަނެއްކާ ކިހިނެތްވީ؟" އިޒިއަން ކޮޓަރިއަށް ވަދެފައި އަނާލްއާ އެއްހަމައެއްގައި އުޑުފައިން ކަހަލަ ގޮތަކަށް އިށީންނަމުން ސުވާލުކުރިއެވެ. އޭނާއަށް އެއީ ތަނާހާގެ ސަބަބުން އައި ބަދަލެއްކަން އެނގުނު ނަމަވެސް އަނާލްގެ ދުލުން އެހެން ބުނާ އަޑު އަހަން ބޭނުންވީއެވެ.

"ވަރަށް ފޫހިވޭ އެ ތަނާހާ ގަނޑު ދެކެ" ތުން ކޮޅު އޫކޮށްލަމުން އަނާލް ބުނެލިއެވެ.

"އައްދޭ! ހާދަ ވަރެއް... ނާލްއަށް..." އިޒިއަންއަށް ވާހަކަ ދެއްކުން ހުއްޓާލަން މަޖުބޫރުވީ އަނާލް ބަލާލި ގޮތުންނެވެ. އެ ދެލޮލުގައި މާޔޫސްކަމެއްވިއެވެ.

"އިޒް! އަހަރެންނާ އޭނާ އަކީ ދެ ދުޝްމަނުން ކަހަލަ ދެމީހުން.... " އަނާލް އަނގަޔަށް ފޫހިވައްތަރެއް ޖައްސާލިއެވެ. އިޒިއަން އެދުނީ އެ ނަފްރަތުގެ ސަބަބު ކިޔައިދިނުމަށެވެ.

"އަހަރެން ސްކޫލްގަ އުޅުނު އިރު އޭނަ އެންމެ ޖައްސާލާނީ އަހަންނާ... އޭނާއަށް ވުރެ އަބަދުވެސް އަހަރެން މޮޅު ވީމަ އެކަމާ ހަމަ އަބަދު މައްސަލަ ޖެހިފަ އޮންނާނީ، ގިނަ ފަހަރު ދެމީހުންނާ ހެދި ދެ އާއިލާ ވެސް މައްސަލަ ޖެހޭ... " އަނާލް ހާމަކޮށްލިއެވެ. ވީ ގޮތް އެނގުމުން އިޒިއަންއަށް އެހެންހޭ އަހާލެވުނެވެ. އަނާލް ބޯ ޖަހާލިއެވެ.

އިޒިއަން އާއި އަނާލް އާއި ދެމީހުން އެރޭ ނިދަން އޮށޯތީ އެ ހަޔާތަށް ދެން އަންނަން އުޅޭ ތޫފާނުގެ ކުޑަ ހިލަމެއްވެސް ނުވާ ހާލުގައެވެ.

ދަންވަރު އިޒިއަންއަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. އޭރު މީހާ ދާހިތްލާ ފޯވެފައި ވެއެވެ. އަނެއްކާ ވެސް ދުވަސް ގަނޑެއް ފަހުން އޭނާއަށް އެ އިމާރާތް ހުވަފެނުން ފެނުމާއެކު ހިތަށް ބިރުވެރިކަން ވެރިވިއެވެ. ކުޑަކޮށް ތެދުވެލުމާއެކު އޭނާއަށް ކަނދުރާގައި އަތް ހާކާލެވުނެވެ. ފުންނޭވާއެއް ލަމުން އޭނާ އަނާލްއަށް ބަލާލުމަށްފަހު ތެދުވީ އަނާލްއަށް ނިދިފައި އޮތުމުންނެވެ. ބެލްކަނީ ދޮރާ ދިމާލަށް ގޮސް ދޮރު ހުޅުވާލާ ނުކުމެލީ އޭނާގެ އުދާސްވެފައިވާ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބޭތޯއެވެ.

ރެއިލިންގައި އަތް އަޅުވާލަމުން އޭނާ އުޑުމައްޗަށް ބަލާލިއެވެ. ސާދަ ފަނަރަ ވިލޭރޭގެ ހަނދު މެދު އުޑުގައި ފިޔަޖަހަމުން ރަސްކަން ކުރަމުން ދިޔައިރު ތަރިތައް ފެންނަނީ ވިދަމުންދިޔަ ކުޑަ ޖަވާހިރުކޮޅުތަކެއް ފަދައިންނެވެ. އިޒިއަން ނުކުތް އިރު ބެލްކަނީ ބޮކި ވެސް ނުދިއްލާ ހުރުމުން އޭނާއަށް ނުހަނު ސާފުކޮށް އުޑުމަތި ފެންނަމުން ދިޔައެވެ. ބަލާލަން ހިތްގައިމު މަންޒަރެކެވެ. ގުދުރަތުގެ ފުރިހަމަ ތަސްވީރެކެވެ. މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ އަލިގަދަ ދަލީލެކެވެ.

ވަށައިގެން ބަލާލާ ކޮންމެ ދިމާލަކުން ވެސް މިފަދަ އަލިގަދަ ހެކިތައް ފެންނަމުން ދާއިރުވެސް ދުނިޔެއާމެދު ޣާފިލްވެފައި ތިބި ބައެއް މީހުންނަށް ހަމަ އެއްވަރަކަށް ވެސް މިފަދަ މަންޒަރުތަކުން ޢިބްރަތެއް ނުލިބެނީހެއްޔެވެ؟ އެއްވެސް ތަނބެއް ނެތި މަތީގައި އޮތް އުޑާއި ހަނދާއި ތަރިތަކާއި ޖައްވާ ފަޒާއަކީ ވެސް ކުޅަދުންވަންތަކަމުގެ އަލި ގަދަ ހެކިތަކެކެވެ. ވިސްނާ ބަޔަކަށް އިބްރަތްތަކެއް ވާނެއެވެ.

އިޒިއަން އަކީވެސް ކުރީގައި މިފަދަ ކަންތައްތަކާ ހިޔާލާ ފިކުރު ހިންގާ އުޅުނު މީހެއްނޫނެވެ. އެހެންނަމަވެސް މާތް ﷲގެ އިރާދަފުޅާއެކު އޭނާއަށް އެވަނީ މިއަދު ހެވާ ނުބައި އޮޅުން ފިލާފައެވެ. އެކަމަށް އޭނާ ނުހަނު ޝުކުރުވެރިވެސް ވޭމެއެވެ.

އެހެން ހުރިއިރު މީގެ ހަ އަހަރު ކުރީގެ ހަނދާނެއް އާވިއެވެ.

*****

އެރޭ އިޒިއަން ގެއަށް އައިސް ކޮޓަރިއަށް ވަތް ގޮތަށް ނިދީއެވެ. ދެން ހޭލެވުނީ މަންމަ ގޮވަނިކޮށެވެ. ނޫނެކެވެ. އޭނާގެ މޫނަށް އެޅުނު ފިނިގަދަ ފެންއެއްޗެއްގެ ސަބަބުންނެވެ.

"މަންމާ!" އުނދަގުލުން އިޒިއަންއަށް ގޮވާލެވުމާއެކު ތެދުވެވުނެވެ.

"ކީއްތަ ތި ކިކުރީ؟" ބާލިދީއެއް ހިފައިގެން ރުޅިއައިސް ރަތްވެފައި ހުރި އަކްނިޒާ ފެނި އިޒިއަންއަށް ދެލޯ އުނގުޅަމުން ތެދުވަމުން އަހާލެވުނެވެ.

އޭރު ފަހީމް ވެސް ދޮރު ކަނީގައި އަތް ވިއްދާލައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިންވެސް ފެންނަނީ ރުޅިވެރިކަމެވެ. ދެ އަތް މުށްކަވާލުމަށްފަހު އަނގަ ލައްޕާލާފައިވާ ގޮތުން އޭނާ ކަތުރުކަށިގަނޑަށް ވާން ކޮށްގެން ހުރި ވަރު ދެނެގަންނަން އުނދަގުލެއް ނުވިއެވެ.

އިޒިއަން އޭނާގެ ގައިގެ އެތަން މިތަނުގައި އަތް އުގުޅަމުން ތެދުވިއެވެ. އެދުން ފައިބާ އޭނާ ބޮލުގައި ވެސް އަތް ހާކާލިއެވެ. މަންމަގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި ކިނާން ވެސް ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އޭނާ ކިނާންއަށް ބަލާލާފައި އެއްޗެއް ބުނަން އުޅުނުނަމަވެސް އެކަން ކާމިޔާބު ނުވީ އަކްނިޒާ އަތުގައި ހުރި ބާރުލާފައި އިޒިއަންގެ ކޯތާފަތަށް އަރުވާލި ހޫނު ހަމަލާއިންނެވެ.

"ލަދުގަނޭ އަހަރެން މީ ކަލޭގެ މަންމައޭ ބުނަން ވެސް، ކޮންފަދަ ވިޔާ ނުދާ އުޅުމެއް އިޒިއަން! ތީތަ އަހަރެމެންނަށް އިޒިއަންއަށް ދެވުނު ތަރުބިއްޔަތަކީ، ޑްރަގްގެ އަވައިގައި ޖެހި އާވާރާއެއް ހެން ދުވުން ހުއްޓާނީ ކޮން ދުވަހަކުންތަ؟. އަހަރެމެން މަރުވެ ކަށްވަޅަށް ލީމަތަ ތިހިތަށް އެއްޗެއް ވިސްނޭނީ އޭތް!" އަކްނިޒާ ހަޅޭއްލަވައިގަތެވެ.

ބޮލުގައި ރިއްސަމުން ދިޔަ އިޒިއަން އިސްޖަހާލިއެވެ. ހަމަހޭގައި ނުހުންނަ ވަގުތުގައި ކިތަންމެ ވަރަކަށް ޒުވާބުކޮށް ހެދިނަމަވެސް އޭނާ ހަމަހޭގައި ހުންނަ ވަގުތު އެއްވެސް މީހަކާ އިޒިއަން ޒުވާބެއް ނުކުރެއެވެ. ހާއްސަކޮށް ފަހީމް ކިތަންމެ ބާރަށް ވާހަކަ ދެއްކިޔަސް އިޒިއަން އިސްއުފުލާ ބަލާވެސް ނުލާނެއެވެ. ބައެއް ފަހަރު އަކްނިޒާއާ ދިމާލަށް ބާރަށް އެއްޗެއް ބުނެލިޔަސް އޭނާއަށް ފަހީމް އާ ދިމާލަށް ބާރަށް އެއްޗެކޭ ބުނާކަށް ނުކެރެއެވެ.

"ތިހެން އުޅެން މިގޭން ނުކުމޭ ހަމަ މިހާރު" ދޮރާ ދިމާލަށް އިޝާރާތް ކޮށްލަމުން އަކްނިޒާ ބުނެލިއެވެ.

އަހަރެން ކުރާ ސުވާލަށް ތެދަށް ޖަވާބު ދީ އިޒިއަން" ފަހީމް ވެސް އިޒިއަންއާ ދިމާލަށް ހިނގައިގަންނަމުން ހަރުކަށިކަމާއެކު ވާހަކަ ދެއްކިއެވެ.

"ރޭގަ އިޒިއަން ކޮންތާކު އުޅުނީ؟ މަށަށް ދޮގު ނަހަދާތި!" އިޒިއަންއާ ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެންހުރެ ފަހީމް ސުވާލުކުރިއެވެ.

"ކަލޭމެން ތި ޖަހާ ސަކަރާތެއް ޖަހާ ގޭގަތަ؟ އެ އިމާރާތުގެ ތެރޭގަތަ؟ އިޒިއަން!" ފަހީމް އިޒިއަންއަށް ބާރަށް ގޮވާލީ އޭނާ ޖަވާބެއް ބޭނުންވެޔޭ ބުނާފަދައަކުންނެވެ.

"ކިހިނެތް... ތޯ... ވީ؟........ " އިޒިއަން އިސްޖަހައިގެން ހުރެ ވާހަކަދެއްކިއިރު އަޑު ދިޔައީ ކެނޑެމުން ކެނޑެމުންނެވެ. އިތުރަށް ވާހަކަ ދައްކަން މަސައްކަތް ކުރިނަމަވެސް އޭނާ އަށް އެކަން ނުކުރެވުނީ ފަހީމްގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޯތާފަތަށް އަމާޒުވުމުންނެވެ.

"އެއްފަހަރު ވެސް އިޒިއަން ގާތު ސުވާލެއް ކުރާށޭ މަށައް ބުނެވިއްޖެތަ؟ ސުވާލަށް ޖަވާބު ދީ! ސުވާލުގެ ބަދަލަށް ސުވާލެއް ކުރާށެކޭ ނުބުނަން ދޯ!" ފަހީމް އަދިވެސް ހުރީ އެހާ ރުޅި އައިސްފައެވެ.

އިޒިއަން އެއްޗެއް ނުބުނުމުން މި ފަހަރު އޭނާގެ ކޯތާފަތަށް އަމާޒުވީ އަކްނިޒާގެ އަތުގެ ހޫނު ހަމަލާއެކެވެ. ފާރުގައި ލެނގިލައިގެން ހުރި ކިނާން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދޮންބެ ދެކެ މަންމަމެން ރުޅިއައުން ހައްޤެވެ. ޚުދު އޭނާ ވެސް އެ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"މަން...."

"ހަބަރު ދާރު މަށަށް މަންމަ ނުކިޔާތި! ވީ ކީއްކަން ދައްކާނަމޭ، ހިނގާބަލަ މަށާ އެކު" އަކްނިޒާ އިޒިއަންގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ކޮޓަރިން ނުކުތެވެ. އައިސްފައި ހުރި ރުޅީގެ ސަބަބުން ސިޑިން ފައިބަމުންދިޔަ އަކްނިޒާއަށް ފޭބުނީ ނުހަނު ބާރަށެވެ. އިޒިއަން ދަމަމުން ދިޔައިރު އޭނާ ސިޑިން ކިރިއާ ނުވެއްޓޭކަމެވެ. އަކްނިޒާގެ ފަހަތުން ކަހަލަ ގޮތަކަށް ފަހީމް އާއި ކިނާން ވެސް ފޭބިއެވެ. އޭރު ބޮޑު ކޮޓަރީގައި އަހުސަން އާއި ޝަޒްނާ ވެސް އެދިމާލަށް ބަލަން ތިއްބެވެ. އެމީހުންގެ މޫނުމަތީގައިވި ކުލަވަރުތައް ވެސް ބަޔާން ކުރަން ދައްޗެވެ.

ބޮޑުކޮޓަރީގެ ތެރެއަށް އިޒިއަން ހޫރާލުމާއެކު އަކްނިޒާ ވާހަކަ ދައްކަން ފެށިއެވެ.

"ނުފެނޭތަ؟ އިޒިއަންއަކަށް ނުފެނޭހޭ ވެގެން މިއުޅޭ ގޮތެއް، ނިކަން މިހިރަ ޓީވީއަށް ބަލާލަބަލަ، މީ! މީ އިޒިއަން ތި އުޅުނު ތަނުގައި ހިނގައިގެން އުޅޭ ކަމެއް ނޫންތަ؟" އަކްނިޒާ އަޅުވާފައި ހުރި ޓީވީއަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ.

އިޒިއަން މަޑުމަޑުން އޭނާގެ ނަޒަރު ޓީވީއަށް ހުއްޓާލިއެވެ. ހަބަރުގެ ގޮތުގައި އޭރު ގެނެސް ދެމުން ދިޔައީ ހަދަން ފަށާފައިވާ އިމާރާތުގެ ތެރޭގައި ބައެއްގެ ޝިކާރައަކަށް ވި އަންހެން ކުއްޖަކު ހާލު ސީރިއަސް ވެ އައިސީޔޫގައި އޮތް ވާހަކަ އެވެ. އޭނާއަށް ސިހުން ލިބުނެވެ. ނޭވާތައް ފުންވެގެން ދިޔުމާއެކު ބިރުވެރިކަން އެކުލެވޭ ބެލުމަކުން އޭނާއަށް ފަހަރަކު މީހެއްގެ މޫނަށް ބެލެން ފެށުނެވެ.

އަކްނިޒާ ދެވަނަ ފަހަރަށް އިޒިއަން ގައިގައި ޖަހަން އަތް މަޅާލި ވަގުތު އިޒިއަންއަށް އަތް ހުރަސްކޮށްލަމުން މޫނު އަނބުރާލެވުނެވެ. އޭނާއަށް މަންމާއޭ ކިޔާފައި ގޮވާލެވުނެވެ. އެހެންނަމަވެސް އަކްނިޒާ އަތް ތިރިކޮށްލުމަށްފަހު އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އޭނާގެ ކަރުނަވީ ދެލޯ އިޒިއަންއަށް ދައްކަން ނުކެރުނީއެވެ.

"އިޒިއަން ގާތު އަހަން ބޭނުންވަނީ އެންމެ ސުވާލެއް، އެ އަމަލު ހިންގިއިރު އިޒިއަން އެތާ ހުރިންތަ؟" ފަހީމް އިޒިއަންއާ ގާތަށް ޖެހިލަމުން ސުވާލު ކުރިއިރު އެ އަޑު މަޑު ނަމަވެސް އަޑުގައި ނުރައްކާތެރި ގޮތެއް ހުއްޓެވެ.

"ހުރިންހޭ؟" ފަހީމްއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އިޒިއަން ގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔައިރު އިތުރަށް ރުޅިގަދަވުން ނޫން ކަމެއް ފަހީމް އަކަށް ނުކުރެވުނެވެ.

(ނުނިމޭ...)

https://sun.mv/116160

comment ކޮމެންޓް