ފަސްޓް ލޭޑީ (33)

ހަޔާތީ އޭނަގެ ކޮޓަރިއަށް ވަދެފާ އެނދުގައި އޮށޯތްގޮތަށް ބާލީހުގައި ބައްދާލައިފިއެވެ. ހިތާމަތައް އޭނަ ވަށާލާ ޗިސްކޮށްލަން އުޅޭހެން ހީވިއެވެ. ނަމަވެސް ވިސްނާލާފައި ތެދުވެގެންގޮސް ހަވީރުގެ ޒިކުރުތައް ކިޔާލުމަށްފަހު ލެޕްހުޅުވައިލީ ޕޭޖް އަޕްޑޭޓްކޮށްލުމަށެވެ. އެއާއިއެކު ފެނުނު ޚަބަރަކުން ބުއްދި ލުހިގެން ނުދިޔައީ ހަމަކިރިޔާއެވެ. އޭސީގެ ގަދަ ފިނީގައިވެސް ހަޔާތީގެ ދެއަތްތިލައިން ދާ ހިއްލާލައިފިއެވެ. ހުދުވެފައިވާ މޫނުގައި މަޑުމަޑުން އަތް ޖައްސައިލެވުނެވެ. ބިރުވެރިކަމާއި ލަދުވެތިކަން އަދި ހާސްކަންފަދަ އެތައް ޖަޒުބާތުތައް އެކުވެ ވައިގެ ތެރެއަށް ތަހައްލަލުވެގެން ދާން ބޭނުންވި ހިދުކޮޅެކެވެ.

ފަސްޓްލޭޑީ ކުރިން ކައިވެންޏެއްކޮށްފައިވާ ކަމަށާއި އެމީހަކީ ކުރިން އެޗްއެމްއަށް ފަންޑުކުރި މިކާލް ޔާސިރުކަން އިތުބާރު ހިފޭ ފަރާތަކުން ޔަގީންކޮށްދީފައިވާ ކަމަށް އޮތެވެ. ހަޔާތީގެ ތުރުތުރުލާ އިނގިލިތަކުން ފޯނުގެ ނަމްބަރުތަކަށް ފިތައިލެވުނެވެ. ދެތިން ރިންގުވާއިރަށް ސަޖަލް ޖޯޝާއެކު ވާހަކަދެއްކިއެވެ. ކޮންމެވެސް ކަމަކާއި އުފަލުން ހުރިފަދަ ގޮތަކަށެވެ.

"ކިހިނެއް އެމީހުންނަށް އެނގުނީ؟ " ހަޔާތީ އެހިއެވެ.

"ސަޖް.......ޕްލީޒް ދޮގު ނަހަދާ ބުނެބަލަ. އެހާވަރަށް ސިއްރުކުރަން ބުނީމަ ސަޖްތަ މި ވާހަކަ މީޑިއާއަށް ލީކްކުރީ؟ "ހަޔާތީ ހިތް އަވަސްވެފައިހުރެ އަހައިލިއެވެ.

"ނޮޕް.....އައި ސްވިއާ އައި ޑިޑްންޓް..." ސަޖަލް ހުވާކުރިއެވެ.

ހަޔާތީ ހިތަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. މިވެސް އިމްތިހާނެކެވެ. ދިރިއުޅުމުގައި ދިމާވާ ކޮންމެ އިމްތިހާނަކަށް ކެތްތެރިވެ ހެއްދެވިފަރާތަށް އިތުބާރުކުރަން ޖެހޭނެއެވެ. ގަޟާގަދަރަށް އީމާންވާންޖެހޭނެއެވެ. މިތާގައި އޭނަ ކުރި ކުށެއްނެތެވެ. މިކާލް އޭނަ ދޫކޮށްފައި ދިޔައީ އޭނަ ކޮން ކުށެއްކޮށްގެންހެއްޔެވެ؟ އަމްރާން އޭނައާއި ކައިވެނިކުރަން މަޖުބޫރުކުރީ އޭނަ އެދިގެނެއް ނޫނެވެ.

ޖާނަލިސްޓުން ތިބޭނީ ފާރައަށެވެ. ޚަބަރެއް ނުލިބިފައެވެ. މިފަދަ ވާހަކައެއް އިވުމަށްފަހު ކުއްލި ޚަބަރަށް ނާރާނެ ގޮތަކީ ނެތްގޮތެކެވެ. އަމްރާން އޭނައާއި ސުވާލުކުރިއްޔާ ތެދަށް ބުނާނީއެވެ. އެކައިވެންޏަކީ ގޭގައި ކުރެވުނު ކައިވެންޏެއް ކަމަށާއި މިކާލް ބޭރު ގައުމަކަށް ދިޔުމަށްފަހު މަރުވިކަމަށް ހީކުރެވުމުން ކައިވެނި އެހިސާބުން ރޫޅުނީކަމަށް ގަބޫލުކުރެވުނު ކަމަށް ބުނާނީއެވެ. އޭނަ އަމްރާން ކައިރީ ދޮގެއް ނަހަދައެވެ. މާޒީގެ ވާހަކަ ނުބުނެ ސިއްރުކުރީ އަމްރާންވެސް މާޒީއާއި ބެހޭގޮތުން ވާހަކަ ނުދައްކާތީއެވެ. މިއީ "ޑީލް" އެއް ނޫންހެއްޔެވެ؟

ހަޔާތީ ސިއްރު ސިއްރުން ފިޔަވަޅުތައް އަޅަމުން ކޮރިޑޯއިން ހިނގާފައި އަންނަނިކޮށް ކާކޮޓަރިއާއި ދިމާލުން އަޒިކިއަލްއާއި އަމްރާންގެ ހުނުމުގެ އަޑުއިވުމުން ބިރުގަތެވެ. އެމީހުން އެދައްކަނީ އޭނަގެ ވާހަކަހެއްޔެވެ؟

"ހޫމް ލާވީގެ ނަން ސްޕެޝަލްވާނެ ވަރު ދެން އިނގޭނެއްނު. ލާވީއަކީ މަގޭ ފުރާނަ. މަގޭ މުޅި ދިރިއުޅުން. ހީޒް އެވްރީތިންތް ޓު މީ................." އަމްރާންގެ އެ ޖުމްލަ އިވިފާ ހަޔާތީގެ ހިތަށް ވީގޮތެއް ބުނެދޭކަށްވެސް ނޭގޭނެއެވެ. އެހާ ނުބައިގޮތެއްވެ އަނގަޔަށް ގޮތެއް ހަދާލެވުނެވެ. އެއާއިއެކު އަވަސްއަވަހަށް ފަހަތަށް ޖެހެމުންގޮސް ކޮރިޑޯ ހުރަސްކޮށް ގޭގެ ފަހަތު ފެންޑާއިން ނުކުތެވެ. ތާޒާވައިރޯޅިތަކުގެ ދަރުބާރަށް ނުކުމެވުމުން ނޭވާލާން ތަންކޮޅެއް ފަސޭހަވިއެވެ. އަމްރާންގެ އެ ވާހަކަތަކުން ނަގަންވީ ކޮން މާނައެއްކަމެއް ނޭގުނެވެ. އޭނައަށް އަމްރާން ދަސްވާނީ ކޮންއިރަކުން ހެއްޔެވެ؟

ހަޔާތީގެ ލޮލުން ކަރުނަ ނިރައިލިއެވެ. ހީކުރިވަރަށްވުރެ އަމްރާންގެ ކަޅު ސިއްރުތައް ބިރުވެރިއެވެ. އެހެން މީހަކަށް އެ ޖުމްލަ އިވުނުނަމަ އަމްރާންގެ އަގު އިތުރަށް ވެއްޓުން ނޫންކަމެއް ނުވާނެއެވެ. ލާވީ އަކީ އަމްރާންގެ ހަށިފާރަވެރިޔާ ކަމުގައި ހުރި މީހާއެވެ. ކިތަންމެ ގާތްކޮށް އުޅުނަސް ލާވީއަކީ އޭނަގެ މުޅި ދިރިއުޅުންކަމުގައިވާނީ އެހެންކަހަލަ ގުޅުމެއް އޮތީމަކަން ވިސްނާލި މީހަކަށް އެނގޭނެއެވެ.

އެނދުގެ ފަޑީގައި ބާލީސްތައް ޖައްސާލައިގެން ލެނގިލިގޮތަށް ވިސްނުމެއްގައި އިންދާ ދޮރުގައި ޓަކިދޭންފެށިއެވެ. ތަންކޮޅެއް ބާރަށެވެ. ހަޔާތީގެ ހިތް ރޭހެއްޖެހިފަދައެވެ. ޕެނިކް އެޓޭކް ޖެހޭފަދަ ގޮތެއްވުމާއިއެކު މެޔާއި ދިމާލުން ބާރަށް ހިފަހައްޓާލެވުނެވެ. އަމްރާން ރުޅިގަދަވެފައި ހުރެ އަންނަ ގޮތަށް އޭނަގެ ގައިގާ ޖަހާފާނެކަން ނޭގެއެވެ. ނިދާކަމަށް ހެދިގެން ދޮރު ނުހުޅުވާ އޮންނާނީއެވެ. ނަމަވެސް ދެތިން ފަހަރު ބާރަށް ޓަކިދިނުމުން ބިރުން ރޫރޫއަޅާ ހާލުގައި ގޮސް ދޮރު ހުޅުވާލައިފިއެވެ.

"މިއީ ހަގީގަތެއްތަ...." އަމްރާން ފޯނު ހުޅުވާލަމުން އޭގައި އޮތް ޚަބަރު ހުޅުވައިލިއިރު ދެބުމަ ކައިރިކޮށްލެވިފައިވިއެވެ.

"ވަޓް ހެޕެންޑް މިސްޓަރ ޕްރެޒިޑެންޓް......." ހަޔާތީ ހިންދިރުވައިލިއެވެ.

"ނޫހުގައި ލިޔާ އެއްޗެހި އެންމެ ކުރިން އެނގޭނީ ތިކަހަލަ ޖާނަލިސްޓުންނެއްނު. އަދި އެބަ އަހާ ކިހިނެއްވީހެއްޔޭ. ވައި ޑިޑް ޔޫ ލައި ޓު މީ......." އަމްރާން ކިތަންމެ މަޑުން ވާހަކަދެއްކިޔަސް އެ އަޑުގައިވި ހަރުކަށިކަން ހަޔާތީގެ ހިތަށް ބިރުވެރިކަން ވެއްދިއެވެ.

ހަޔާތީ ދެލޯ ބޮޑުކޮށްގެން ހުރީ އެސްފިޔަ ޖަހާލަންވެސް ބިރުގެންފައެވެ. ނޭވާއެއް ލިޔަސް އަމްރާންގެ ރުޅިވެރިކަން އިތުރުވެދާނެއެވެ. އޭނަ ކުރީ ކުށެކެވެ. އޭނަ ހަގީގަތް ފޮރުވިއެވެ. ކައިވެނީގެ ފޯމުގައި ފުރަތަމަ ކައިވެނިކަމުގައި ޖެހުމަކީ އޭނަގެ ކުށެވެ.

"ވައި ޑިޑް ޔޫ މެރީ ދެޓް ސަން އޮފް އެ ބ.....މިކާލް؟ " އަމްރާން އަތްމުށްކެވިއެވެ.

ހަޔާތީ "މިއުޓް" ވިފަދައެވެ. ދުލުން އެންމެ ލަފުޒެއްވެސް ބޭރުކުރަން ނުކުޅެދުނެވެ. އިރުކޮޅެއްފަހުން ހިކިފައިވާ ދެތުންފަތުގައި ދޫ ހާކާލުމަށްފަހު އޭނަ އިސްޖެހިއެވެ.

"އެކްޗުއަލީ.. އައި ކެން އެކްސްޕްލެއިން........."

"އިތުރަށް އެކްސްކިއުޒް ނުދެއްކިއްޔާ މަށަށް ރަގަޅީ. ތެދަށް ބުނަންވީ. އަހަރެން މިއަހަނީ ހަޔާތީ ކުރިން މީހަކާއި ކައިވެނިކުރިހެއްޔޭ. ދިވެހި ބަހުން އެހީމަ އޮޅުމެއްވެސް ނާރާނެ ކަން ނޭގޭ............." އަމްރާން ތަންކޮޅެއް ބާރަށް އެހިއެވެ.

"ޔެސް........" ހަޔާތީ ފިނިވެގެންގޮސް މުޅި ކުއްޖާ ބިރުން ކުޑަވާގޮތްވިއެވެ. އަމްރާންގެ ދެލޮލުން ރިހުމުގެ ކުލަ ފެނުނުހެން ހީވިއެވެ. އުއްމީދުކުރި ފަދަ ޖަވާބެއް ނުލިބުމުން އަރާނީ އެފަދަ ކުލަވަރެކެވެ. ބުނާނެ އެއްޗެއް ނޭގި ދެމިހުންނަށްވެސް އެކަކު އަނެކަކަށް ބަލަން ތިބެވުނު ސިކުންތުކޮޅެއް އައެވެ. ހަޔާތީ ދުރަށް ބަލައިލިއިރު ލޮލުން ކަރުނަ ފާއްދާލައިފިއެވެ. މާފަށް އެދެން ބޭނުންވިއެވެ.

"އެހެން އަންހެނުންނާއި ތަފާތުކަމަށް ހީކުރެވުނެއްކަމަކު ތެދުވެރިކަމެއް ނެތް މަކަރުވެރިއެއް. އޮޅުވާލުމާއި މަކަރުވެރިކަމަށް އެހެންމީހުންނަށް ދޫނުކުރޭ. މާ ނައީވްކަމަށް ހެދިގެން މައުސޫމް ވައްތަރަށް އުޅޭއިރު ތީ ޑިވޯސީއެއް. ޑޯންޓް އެކްޓް ލައިކް އެން އިނޮސެންޓް ގާލް. ދީންވެރި ސާލިހު އަންހެންކުއްޖެއްކަމުގައި ދެއްކުން ތެރިވާނެކަމެއްވެސް ނެތް. ސަންތިމަރިޔަބު. އެނަމާއި އެބަގުޅޭ. ތިކަހަލަ އަންހެނަކަށްވުރެ އެނަން ދީގެން މާ ދަށްކޮށްގެން އުޅޭ ފޯލްކްލޯސްތަކުގައި އުޅޭ މީހުންވެސް ތެދުވެރިވާނެ. އަންހެނަކަށް އިތުބާރުކުރެވި ތަފާތު މީހަކާއި ދިމާވެވުނުކަމުގައި ހީކުރެވުނީ އަހަރެންގެ މޮޔަކަމުން. ޔޫ އާ ޖަސްޓް ލައިކް ދި އަދާސް....." އަމްރާންގެ ކޮންމެ ޖުމްލައެއް ހަޔާތީގެ ހިތަށް ކަށިތަކެއްހެން ހެރުނެވެ. ޒަޚަމްވިއެވެ.

އަމްރާން ނުކުމެގެން ދާން ހިގައިގަތުމުން ބަލަން ހުރެވުނީ ހިތުގައި ޖެހިފައެވެ. ގޮވާލާ ހުއްޓުވަން އެދުނެވެ. ނަމަވެސް އެހިތްވަރެއް ނުކުރެވުނެވެ. ދެލޮލުގައި ކަރުނަތައް ގިނަވެގަތީ އޭނަގެ އިޚުތިޔާރުގައެއް ނޫނެވެ. ކަރުނަ ތިއްކަކަށްފަހު ތިއްކެއް ތިރިއަށް ފޭބިއެވެ. "ސަންތިމަރިޔަބު"ގެ ނަން އެއިވުނީ ހާދަ ގިނަ އަހަރުތަކެއް ކޮށްފައެވެ. އޭރު އަމްރާން އޭނައަށް ގޮވާ އުޅުނީ މުޅިންވެސް އެފަދަ ނަންތަކުންނެވެ. އެހާ ދަށްކޮށްލާފައެވެ. ނަމަވެސް ކައިވެންޏަށްފަހު އޭނައަށް ފެނުނީ ބަދަލުވެފައިވާ އަމްރާންއެކެވެ. ވަށައިގެންވާ ވައިވެސް އޭނަގެ ޝަޚުސިއްޔަތުގެ ސަބަބުން އަސަރުކުރާފަދައެވެ. ލީޑަރަކަށްވާން އެންމެ އެކަށީގެންވާ ޒުވާނާއެވެ. ރައީސްގެ މަގާމަށް އައުމަށްފަހު އަންހެންކުއްޖަކާއި ދިމާކޮށް އަރައިރުންވެ ހަގުރާމަކުރުމުގެ އާދަ އޭނަ ދޫކޮށްލީކަމުގައި ހީކުރެވުނެވެ. މިދުވަސްކޮޅު އަބުދުލްއަޒީޒު މާލޭގައި ނޫޅުއްވާކަން ނަސީބެކެވެ. އެކަމަކު ދުރުގައި ހުއްޓަސް ޓެކްނޮލޮޖީގެ ސަބަބުން ދުނިޔެމިވަނީ ކުޑަވެފައެވެ. އެންމެންގެ މުށުތެރޭގައެވެ. ކޮންމެތާކު ހިނގާ ޚަބަރެއްވެސް ވަގުތުން ވަގުތަށް ބަލައިލެވޭނެއެވެ. އަބުދުލްއަޒީޒުއަށް އެ ޚަބަރު ލިބުމުން އަދި ހަޔާތީއާއިމެދު ދެކޭނެގޮތެއްވެސް ނޭގެއެވެ. ވަރިކޮށްފައިވާ އަންހެންކުއްޖަކާއި އޭނަގެ ހުރި އެންމެ ފިރިހެންދަރިފުޅުގެ ކައިވެންޏާއިމެދު ރުހޭނެ އެއްވެސް ގޮތެއް އޮތްކަމަކަށް ހަޔާތީ ނުދެކެއެވެ.

އާދައިގެ މަތިން ފަތިސް ނަމާދުކޮށްގެން ޒިކުރު ކިޔެވުމަށްފަހު އިރުއަރާންދެން ގުރުއާން ކިޔަވަން އިނުމުން ހަޔާތީގެ ހާސްކަންފިލާ ހިތަށް ވަގުތީ ހިތްހަމަޖެހުމެއްލިބުނެވެ. ދުވަސް ފަށަންވާނީ ފަތިސްނަމާދުގެ ސުންނަތުންނެވެ. އެކަމުގެ ސަބަބުން ފުރާނައަށް ލިބޭ ތާޒާކަމުން މުޅި ދުވަސް އުފާވެރިކުރުވާނެއެވެ. ސްޓްރައިޕް ޓީޝާޓަކާއިއެކު ވައިލެޓާއި ކަޅުކުލަ އެކުލެވޭ ކޮޓްން ހަރުވާޅެއްލައިގެން ބޮލަށް ކުޑަ ބުރުގާއެއް މަހާލާފައި ހިގައިގަތީ ކޮފީ ހަދާށެވެ. ކާކޮޓަރިއާއި އަރާ ހަމަވެފައި ފިޔަވަޅުތައް ހުއްޓުނެވެ. ކާކޮޓަރީގައި މިވަގުތުވެސް އަމްރާންއާއި އެލީން ކޮންމެވެސް ވާހަކަތަކެއް ދައްކާފައި ހެނީއެވެ. ކިޔާ އެއްޗެއް އެހާ އޮޅުމެއް ނުފިލިއެވެ. ހަޔާތީ ވަގުތުން އަނބުރައިލިއެވެ.

"އެދެމީހުންގެ ގުޅުމެއް އޮތިއްޔާ އަހަންނަށް ކީއްތަ؟ މިގެއިން ދާންވީ. ކުރިންވެސް އުޅުނުހެން އަމިއްލަ ތަނެއްގައި އުޅުނީމަ މާ ހަމަޖެހިލައިގެން އުޅެވޭނެ. އެހެންމީހުންނަށް އެއްޗެހިކިޔާއިރު އަމްރާންއަށް އުޅެވޭގޮތް ރޭކާ ނުލަނީތަ؟ އަބަދު އެލީންއާއެކު. އެލީން ދަންވަރު އެ ރޫމަށް ވައްދައިގެން. އައި ހޭވް ޑިސައިޑެޑް. އައިމް ލީވިން.........." ހަޔާތީ ކޮޓަރިއަށް ވަދެފާ އޭނަގެ ހެދުންތައް ދަބަހަށް އަޅަންފެށިއެވެ. އޭނަ މިގެއަށް އައިއިރު މާ ގިނަ ހެދުންތަކެއް ނެތެވެ. އަމްރާންއާއި ކައިވެންޏަށްފަހު އޭނަގެ ވާޑްރޯބްވެސް ވަނީ ތަފާތު ހެދުންތަކާއި ބޫޓުތަކުން ފުރިފައެވެ. އޭނައެއިން އެއްވެސް އެއްޗެއް ނުގެންދާނެއެވެ.

ފޯނު ރިންގުވާން ފެށުމުން ބަލައިލިއިރު ވަޓްސްއަޕް ކޯލެކެވެ. އޭނަގެ މަންމައެވެ.

"ގަޑިން ކިހާއިރެއް؟ ބެންގަލޫރާއި ބައިގަޑިއިރު ތަފާތުވާނީ ދޯ. މަންމަ ހަމަ ހަދާން ނެތެނީ. ކޮބާ މަންމަގެ ފިރިހެންދަރި އަމްރާން. މަންމަގެ ރައީސް. ދަރިފުޅާ އަމްރާންއަށް އޯގާތެރިކަމާއިއެކު ރަގަޅަށް ޚިދުމަތްކޮށްދެއްޗޭ. މަންމައަށްޓަކާ ދަރިފުޅު ތި ވި ގުރުބާނީ މަންމަގެ ހިތަކުން ނުފިލާނެ. ހަޔާތީ. މަންމަ އަބަދުވެސް ތިދެކުދިންނަށް ހެޔޮ ދުޢާ އެބަކުރަމޭ. އިރާދަކުރެއްވިއްޔާ އަބަދަށް އުފަލުގައި ލަހައްޓަވާށި. ސައި ބޮއެފިންތަ؟ މަންމަމެން މިއަދު ދޯސާ ގެނުވީ.....މިހިސާބުގައި ހުންނަ ހޮޓަލުގައި އެންމެ މީރު ދޯސާއާއި ބިރިޔާނި ހުރޭ. އިޝްކަން ބުނި މެންދުރަށް ގެންނާނީ ޗިކަން ޓިއްކާއާއި ބިރިޔާނީއޯ މާދަން މިއުޅެނީ ދައްތަމެންނާއިއެކު މައިސޫރަށް ޖައްސާލަންވެގެން. ތި ދެކުދިންވެސް ޗުއްޓީ ނަގައިގެން މަންމަ ކައިރިއަށް ޖައްސާލަންވީނު. އެންމެން އެކީ ދަތުރެއް އަޅާލަން. ދައްތަ އެބަ ކިޔާ ދެން އަންނަ ފިނި މޫސުމެއްގައި ޝިމްލާ ނޫނީ ކަޝްމީރަށް ސްނޯ ފޯލް ބަލައިލަން ދާނީއޭ. އަމްރާން ކައިރީ ބުނޭ މަންމަމެންނާއެކު ދާން މިހާރުއްސުރެން ރާވާށޭ..........."

މަންމަގެ އަޑުގައިވި ޖޯޝަކާއި އުފާވެރިކަމަކުން ހަޔާތީގެ އަތުގެ ހަރަކާތްތައް ހުއްޓުމަކަށް އައެވެ. ހަޔާތީ ހައިރާންވެ އަންތަރީސްވިއެވެ. އޭނަ ހިތަށް އެތަކެއްޗެއް އަރާ ފޭބިއެވެ. އޭނަ އަމްރާންއާއި ވަކިވާން ހިތަށް އަރާ އިރަށް މަންމަ ގުޅާނެއެވެ. ވީޑިއޯއިން ބަލަން ހުންނަފަދައެވެ. އެހެން ޚިޔާލުކުރާއިރަށް މަންމަ ގުޅާފައި އޭނަގެ ވިސްނުން ބަދަލުކުރުވަން މަޖުބޫރު އެބަކުރުވައެވެ. ފަށްޖަހާފައިވާ ހެދުންތައް އަލުން ރޫޅާލާފައި ހަރުގައި އަޅުވަންފެށިއެވެ.

މަންމަގެ ހިތުގައި ޖައްސާ ދެރަކޮށްލާކަށް ލާހިކެއް ނޫނެވެ. އޭނަ އަމްރާން ކައިރިން މާފަށް އެދޭނީއެވެ. މަންމަ އެހާ ބަލިވެއުޅެނިކޮށް އިތުރު ހިތާމައެއް ދީގެން ހިތް ހަލާކުކޮށްލާކަށް އޭނައަށް ލާހިކެއް ނޫނެވެ. އެނދުގައި އިށީދެވުނުގޮތަށް ކޯތާފަތުގައިވާ ކަރުނަތައް ފޮހެލައިފިއެވެ.

"މިކާ. އަހަންނަށް ކީއް ތިކުރީ. މިކަމުން އަރައިގަންނާނެ ގޮތެއް ނޭގޭ. ހިތް ހަލާކުކޮށްލައިފި............."

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވާ ދުވަސްކޮޅުކަމުން މާލެތެރޭގައިވެސް އެހާ ފޯރިގަދައެވެ. ކެމްޕޭން އޮފީސްތަކުން ޖަހާ ލަވަތަކުގެ އަޑު އެކިހިސާބުތަކުން އިވޭއިރު ބައެއްމީހުން އުދަގޫވެގެން ޝަކުވާކުރެއެވެ. ކޮންމެ ކެންޑިޑޭޓަކުވެސް އެތައް ވައުދުތަކެއްވެ ރައްޔިތުންގެ އަޑު އަހާނެކަމަށް ބުނެ ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން އާދެއެވެ. ސަރުކާރުގެ ކެންޑިޑޭޓުން ހޮވަންވެގެން އަމްރާންއާއި ކާޒްވެސް ފެންފަދައިން ފައިސާ އޮއްސާކަމީ އެންމެނަށް އެނގޭ ހަގީގަތެކެވެ. ދެމީހުންނަކީ މަހުޖަނުންނަށް ވުމުން ނުފޫޒު އެހާ ބޮޑެވެ. ތިންބާރު ވަކިކޮށްފައިވާ ކަމަށް ބުނަނީ ނަމަކަށެވެ. ނަމަވެސް އަމްރާންމެން ބޭނުންވާ ކޮންމެކަމެއް ނިމެނީ އެމީހުން ބޭނުންވާ ގޮތަށެވެ. ފަޑިޔާރުންނަށްވެސް އިސްކަންދެވެނީ ފައިސާއަށެވެ. ފައިސާގެ ބާރު ބޮޑީއެވެ. ނުފޫޒާއި ރިޝްވަތާއި އެއް ހަމައިގާ އޮވެ ގައުމު ފަސާދަކުރަމުން ރައްޔިތުންނަށް ނިކަމެތިކަން ލިބެމުން ދިޔައެވެ. ނަމަވެސް އަމްރާންގެ މުއްސަދިކަމާއި އެއްވަރަށް އެހެން ސަރުކާރުތަކާއި އޮތް ގުޅުމުގެ ސަބަބުން ލިބެމުންދާ އެހީތަކާއި ލޯނުތައް ގިނަވިއެވެ. އެފައިސާ ޕާޓީގެ މެމްބަރުނަށް ދެމުން ރަށްތައް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ފެށިއެވެ. އަމްރާންއަށް ލިބެމުންދިޔަ ސަޕޯޓް ގިނަވީވަރަކަށް ދީނާއި މީހުން ދުރުކުރުމުގެ ސިޔާސަތު މަޑުމަޑުން ހުޅަގުން ބޭނުންވާ ބައްޓަމަށް ނުސީދާކޮށް ގެންދަންފެށިއެވެ. އެކަމާއި ރުޅި އިސްކޮށް ނިކުންނަން ތިބީ މަދު މީސްކޮޅެކެވެ. ގިނަ ދިވެހިން ބޭނުންވަނީ އަމްރާންއެވެ. އަމްރާންގެ ވެރިކަމެވެ. އޭނަގެ ޖާދޫގައި ޖެހުނުގޮތަށް ހެޔޮނުބައި ވަކިކުރާންވެސް ނޭގެނީއެވެ.

ހަޔާތީ ސިޓިން ރޫމަށް ނިކުންނަން އައިއިރު އަޒިކިއަލްއާއި އަމްރާން ވާހަކަދައްކާ އަޑު އިވުނެވެ.

"ރެން ކިތައް ފަހަރު ހޮޑުލެވިއްޖެ؟ ޔޫ ލުކް ސިކް އޭ. ފެމިލީ ޑޮކްއަކަށް ދައްކާލަންވީނު. ކުރިން ދުވަހަކުވެސް ބޮލުގައި ރިއްސައިގެން ރެންއުޅުނު ހަދާނެއްނުވޭ. މާ ބޮޑަށް ޑިޕްރެސްވީތަ؟ ނޫހުގައި ފަތުރައލި ސްކޭންޑްލަސް ނިއުސްއަކުން މީހަކު މޮޔަނުވާވަރެއް ނޫން. އެކަމަކު ރެން ތީ ކިހާ ކޫލް މީހެއްކަން އެންމެ ރަގަޅަށް އެނގޭނީ އަހަންނަށް. ކޮންމެ ޚަބަރެއް ޖެހިޔަސް އެހާ ހާސްވެގެނެއް ނޫޅޭނެ. މިހެންވާންވީމަ ހިތަށް އަރަނީ ކޮންމެވެސް ގޯހެއް އެބައުޅެއޭ. އެނީވޭސް މި ކޮފީތަށި ބޯލަބަލަ. ކެފެއިން ބޫސްޓެއްކަން ނޭގޭ ބޭނުމީ...." އަޒިކިއަލް އެހިއެވެ. މީހުންތެރޭ ސަރއޭ ކިޔައިގެން މުޚާތަބުކުރިޔަސް މިދެމީހުން އެކަނިވުމުން ވާހަކަމިހިރީ ހަމަ އެކުވެރިންނާއި ވާހަކަދައްކާ ގޮތަށެވެ. އެއްވެސް ރަސްމީކަމެއް ނެތެވެ. ހަޔާތީގެ ހިތްއަވަސްވިއެވެ.

"ނޭގޭ. ކާންޓް އެކްސްޕްލެއިން ދިސް. އައި ފީލް ލައިކް އައިމް ޑައިން..........ސަމްތިން ޓެރިބަލް އިޒް ހެޕެނިން...އައި ފީލް ސޯ ޑޭމް ޓަޔާޑް..." އަމްރާންގެ އަޑުގައި ވަރުބަލިކަންވިއެވެ. ހަޔާތީއަށް އަނގަމަތީ އަތްއަޅައިލެވުނެވެ. އަމްރާންއަށް ވީ ކިހިނެއްހެއްޔެވެ؟ މިދުވަސްކޮޅު ފްލޫވެސް އެބައޮތެވެ. ޑެންގީ ޗިކެންގުންޔާ ފަދަ ފާޑުފާޑު ހުންއޮތް ދުވަސްކޮޅެކެވެ. އަޒިކިއެލް އަމްރާންއަށް މަޖުބޫރުކޮށްގެން ގަދަކަމުންވެސް ޑޮކްޓަރަކަށް ދައްކަންވީ ނޫންހެއްޔެވެ؟

"ރެން. ބުނެދޭން ނޭގޭ ކަހަލަ ސިކްނެސްއަށް މިރަށުމީހުން ކިޔަނީ ސިހުރުއޭ. ދިވެހިން އެކަހަލަ ކަންތައްތަކަށް ވަރަށް ކުޅަދާނަ. މީހަކުސިހުރު ހަދަނީތަ؟ " އަޒިކިއަލް އަހާލައިފިއެވެ.

"އެއީ ދެން ބުއްދި ގަބޫލުކުރާ ޒާތުގެ ވާހަކަތަކެއްނޫން. އައި ޑޯންޓް ބިލީވް. ރެސްޓްކޮށްލީމަކަން ނޭގޭ ރަގަޅުވާނީ....ބްރޯ. އައި ރިއެލީ ނީޑް ސަމް ސްލީޕް..." އަމްރާންގެ އެ ޖުމްލައާއިއެކު ހަޔާތީ ބޮޑުވާ އިނގިލީގެ ކުރި ޖައްސައިގެން ވަގެއްހެން ދުވަމުންގޮސް އެންމެ ކުރިން ޖެހުނު ކޮޓަރިތެރެއަށް ދެމިގަތްއިރު ހިތްތެޅޭއަޑު ބޭރަށް އިވެއެވެ. އަމްރާންގެ އެ ބައްޔާއި އަޒިކިއަލް ދެއްކި ވާހަކަތަކާއިމެދު ވިސްނަން މަޖުބޫރުވިއެވެ. އަމްރާންއަށް ސިހުރު ހަދާންވީ ކޮން މަގުސަދެއްގައިކަމެއް ނޭގެއެވެ. އެކަންކުރާނީ ވަކި ކާކުހެއްޔެވެ؟ އަމްރާން މަރާލަންވެގެން މީހަކު އުޅެދާނެބާވައެވެ. ރައީސަކު އަވަހާރަކޮށްލާނީ އެމަގާމުގެ ދަހިވެތިކަމުގައި އުޅޭ މީހެކެވެ.

ޖެހިގެން އައި ދުވަހު ނޫސް ހުޅުވައިލުމުން ފެނުނީ ހަޔާތީ ނުރުހޭ ޚަބަރުތަކެވެ. ދީނަށް ތާއީދުކުރާ އިމިގްރޭޝަން ކުއްޖަކު ސަސްޕެންޑްކުރީއެވެ. ހަޔާތީ އެންމެ ދެރަވެ ހިތާމަކުރީ އޭނަގެ އާއިލާ ކުއްޖަކަށް ވީމައެވެ. އެއްވެސް ކުށެއްނެތި އޭނަ ވަކިކުރުމުން ހަޔާތީ ރުޅިއައެވެ. އާޔަން ބުނިގޮތުން އޭނައަށް އެނގިގެން މާ ބޮޑުކަމެއްނުވެއެވެ. ނަމަވެސް އަމްރާން ލާދީނީއޭ ކިޔާފައި އޮތް ޓްވީޓެއް އޭނަ ރީޓްވީޓްކުރިއެވެ. އޭނަގެ ކުށަކީ ތުނބުޅި ބެހެއްޓުންހެއްޔެވެ؟ ސުންނަތަށް އުޅުން ހެއްޔެވެ؟ އެމައްސަލަ ކޯޓަށް ވައްދަން ކޮންމެހެންވެސް ޖެހޭނެއެވެ.

ކޮޓަރިން ނުނިކުންނަން އޮވެފައިވެސް ހަޔާތީ ބަޑުހައިވާވަރުން ކާކޮޓަރިއަށް ދާން ހިތަށް އެރިއެވެ. އެއްވެސް މީހަކު ނޫޅޭކަމަށް ހީކޮށް ކާބަޔާއި ދިމާލަށް ދިޔަތަނުން އެފަރާތު ބެލްކަނީގައި ވާހަކަދައްކަން ތިބިބަޔަކު ފެނުނެވެ. އަބުދުލްއަޒީޒު އެލީންއަށް ދިއްކޮށްލި އެއްޗެއްގައި ހިފަމުން އެލީން އުފަލުން ކުޑަކުއްޖެއްހެން ފުންމައިގަތެވެ. އަބުދުލްއަޒީޒު މާލެ ދުރުވީއެވެ. އެންމެނަށް ހަދިޔާ ގެނެސްދިނީއެވެ.

"ތެންކިއު އަންކަލް. އިޓްސް ސޯ ބިއުޓިފުލް.......ލަވް ދިސް..." އެލީންއަށް ހަޔާތީ ހުރަސްކުރިތަން ފެނިފާ ގޮވައިލުމުން ހަޔާތީ އެނބުރިބަލައިލިއެވެ.

"ޗެކް ދިސް އައުޓް ހަޔާތީ. އަންކަލް ދެއްވި ގިފްޓެއް. ރޯޒްގޯލްޑް ގަޑިއެއް. އަޅެއް ރީއްޗެއް ނޫންތަ؟ "އެލީން ތުއިވެލާފައި ގަޑި ދައްކައިލަމުން ހިތުގައިވާހާ ރިހުން ފޮރުވަމުން ހަޔާތީ ހީލިނަމަވެސް އެ ހިނިތުންވުން ލޮލަކާއި ހަމަޔަށް ނުފޯރިއެވެ. ކޮންމެގޮތެއްވިޔަސް އަމިއްލަ ދަރިއެއްހެން ގެންގުޅޭ އަންހެންކުއްޖަކާއި އޭނައާއި އެއް މަގާމަކަށް ނާދެވޭނެކަން އެނގޭއިރުވެސް އެހެންމީހުންގެ ފަރާތުން އޯގާތެރިކަމާއި ލޯތްބަށްޓަހާ އެހިތްވެސް އެދެނީއެވެ.

"މާޝާﷲ. ވަރަށް ގުޅޭ...." ހަޔާތީ ބުނެލިއެވެ. އަބުދުލްއަޒީޒުއަށް އެމަންޒަރުން ކޮންމެވެސް ކަހަލަ އުދަގޫތަކެއްވީކަން ނޭގެއެވެ. އެލީންއަށް ހަދިޔާއެއް ދިންކަން ހަޔާތީއަށް އަންގަން ބޭނުންވިހެނެއް ހިޔެއްނުވެއެވެ. ހަޔާތީއާއިމެދު ނުރުހިފައި ހުއްޓަސް އިންސާނިޔައްތުކަން ހުއްޓެވެ. ހާލު ކިހިނެއްހެއްޔޭ އަހައިލިއެވެ. އަޑުގައި އެހާ ހޫނުކަމެއް ނެތެވެ. މިގޭތެރެއިން އޭނައަށް އަޅާލާ އޯގާތެރިވާނެ ފުރާނައެއް ނެތެވެ. ބޮޑު ގަނޑުވަރެއްފަދަ ކިއްލާ އޭނައަށްޓަކާ ބީރައްޓެހިތަނަކަށް ވެ ނިމިއްޖެއެވެ. ލޮލުގައި ބޮނޑިވަމުންދިޔަ ހޫނު ކަރުނަތައް ހިފަހައްޓައިލަން މަސައްކަތްކުރާން ޖެހުނެވެ.

"އަންކަލް ހަޔާއަށް އެއްޗެއް ނުދެއްވާތަ؟ " އަބުދުލްއަޒީޒު ސިޑިން އަރައިގެންގޮސް ނިވާވުމުން އެލީން ޗުއިންގަމް ހަފަން ހުރެފައި ބޮޑު ބޮއްކެއް އެރުވިގޮތަށް ހަޔާތީގެ މޫނާއި ކައިރިކޮށްލަމުން އާވިވަހެއް ދުވިއެވެ.

"އަދި ނުދެއްވާ....."

"ހެހެ......މަތިން ބައިން ޖެހިގެން މިގެއަށް ވަދެފައި ހުރީމަ ވާނީ އެހެން. ހަޔާތީ އަމިއްލައަށް އެއްޗެއް ވިސްނިގެން ދެން ދާކަށް ނުވޭތަ؟ ރެންއަކާ ދެމީހުންގެ ގުޅުމެއް އޮތްހެނެއް ހިޔެއްނުވޭ. ޓެލްމީ. ކޮން ނިޔަތެއްގައި ހަޔާތީ މިގެއަށް އައީ؟ ހަމައެކަނި ފަސްޓްލޭޑީގެ ލަގަބު ލިބިގަންނަންވެއްޖެއްޔާ ވަރަށް ކްލެވާ.....ޑިވޯސީއެއް ހަހް؟ ހެހެ މިކާލްއަކީ ކާކުތަ؟ ކީއްވެ ދެމީހުން ވަކިވީ؟ އެއްކަލަ އެޗްއެމް ބޯއިފްރެންޑްތަ؟ " އެލީންގެ ޖެއްސުމާއި މަލާމާތުގެ ރާގުން ހަޔާތީ ކަންފަތުގައި އަތް އަޅާން ބޭނުންވިއެވެ. ނަމަވެސް ބަލިކަށިވާކަށް ބޭނުމެއްނުވިއެވެ. އެލީންގެ ވާހަކަތަކުން ހިތަށް ކުރި އަސަރުތައް އެހެން ސިފައެއް ޚިޔާރުކޮށްފިއެވެ.

"އެލީން ޖެހޭނީ ތިހެން ތެޅިތެޅި ހުނބުޅު ދާންދެން ހުންނަން. ފަސްޓްލޭޑީގެ މަގާމަކަށް ނާދެވޭނެ އިންޝާﷲ...........ހުވަފެން ދެކެދެކެ ހުރޭ. ނޫނީ ތިހެން މިސްޓްރެސް ގޮތުގައި ހުރީމަ......ސަޅި.." ހަޔާތީ އެއްމިޔަކަނުން ހީލާފައި ދާން ހިނގައިގަތެވެ.

"ޓޯޑް......އަގް ދެން ހަމަ ސްލައިމީ ލިޓްލް ބީސްޓެއްހެން ހީވާ އަންހެނެއް. ވާ ފޫއްސަކުން ހަމަ ބޮކެއް ފެނުމުން އަންނަ ރުޅި އަންނަނީ. ކޯޒް އައި ހޭޓް ފްރޮގްސް........" އެލީން ފަހަތުންގޮސް ހަޔާތީގެ ބޮލުގައި އަތްއަޅާ ކޮށްޕާލިއެވެ. އަނގަވަތަށް ގޮސް ޖެހުމުގެ ކުރިން ނަސީބަކުން ސިޑީގެ ރެއިލިންގާ ހިފެހެއްޓުނުއިރު ހަޔާތީއަށްވެސް ބިރުން ދެލޯ ބޮޑުކޮށްލެވިއްޖެއެވެ. އޭރު ހިތް ތެޅޭލެއް ބާރުވެފައި ފިނިވާގޮތްވިއެވެ. އެލީން ހުންނަނީ ގަޔަށް ބޮލަށް އަރައިގަންނަން ތައްޔާރަށެވެ.

ނަސީބަކުން އެވަގުތު ފޯނު ކޯލެއް އައުމުން އެލީންގެ މޫނު އުޖާލާވެގެން ދިޔުމާއިއެކު އެއްފަރާތަށް ދިޔަގޮތުން ސިއްރު ފޯނުކޯލެއްކަން ޔަގީންވިއެވެ.

ހަވީރުގެ އެންމެ ހިތްގައިމު ވަގުތެވެ. ފިނިފެންމާގަސްތަކުގައި އެތައް ސަތޭކަ މާތައް ފޮޅި ފަޒާގައި ސެންޓްލާފައިވާއިރު ކުދި ކޮކާތައް އުދުހޭތަން ފެނެއެވެ. އިރުވައި މޫސުމްގެ ހިތްފަސޭހަ ރޯޅިތަކުން މާމެލާމެލީގެ މީރުވަސް ފަތުރަމުންދަނީ ނާނާއަޅުވަމުންނެވެ. ކުޅަދުންވަންތަކަމުގެ ފުރިހަމަކަން އެ ބަގީޗާތެރޭގައިވާ ކޮންމެ އެއްޗަކުންވެސް ދައްކުވާދެއެވެ. އިރުގެ އަލިކަން ފަނޑުވެ ބޭސް އަވިދީފައިވާ މި އަރާމު ވަގުތުގެ އުފާ ހާސިލްކުރަން އެގަޑީގައި ބަގީޗާތެރޭ ހަޔާތީ އުޅުނެވެ. މާގަސްތައް ކައިރީ ހުރި އުދޯއްޔެއްގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ ހެއްލަމުން ދިޔައިރު އެއްވެސް ފިކުރެއް ޚިޔާލެއްނެތްފަދައެވެ. އެމަންޒަރު ބަލަން އަމްރާން އިރުކޮޅެއްވާންދެން ހުރެފައި ވީޑިއޯއެއް ނެގިއިރުވެސް ހަޔާތީއަކަށް ރޭކާނުލައެވެ.

"ހަޔާތީއަށް ތޭންކްސް. ވަރަށް މީރުކޮށް ކޮފީ ގިރާލާފައި ގޮސް ސްވިންގަށް އަރާފައި އެއޮތީ. އެހެންވެ މިއައީ ކޮފީ ހިފައިގެން. ރެންއަށް ކަޅު ކޮފީ މީރުވީމަ ރެންގެ މަގަށް ކަޅު ކޮފީ.................." އެލީން ތަބައް ހިފައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. ދުންއަރަ އަރާ ހުރި ދެކޮފީތަށްޓާއި އެކީ ކައިލާނެ އެއްޗެކެވެ.

"ތެންކިއު...." އަމްރާން ކޮފީތަށި އަތުލުމުން އެލީން ހީލިއެވެ. ހަޔާތީ އުނދޯލި ހެއްލަން އިނދެލާފައި ކުއްލިއަކަށް އެމީހުން ތިބި ދިމާލަށް ނަޒަރު ހުއްޓާލުމާއެކު މޫނުމައްޗަށް ތަފާތު ކުލައެއްވެރިވިއެވެ. އުނދޯލި މަޑުކޮށްލިގޮތަށް ބާރު ބާރަށް ހިނގާލާފައިގޮސް ގެއަށް ވަންތަން ފެނުމުން އެލީން ހޭންފެށިއެވެ.

"ޝީޒް ޖެލަސް....މަޗް ޖެލަސް ބައްޕަ ވޮޗެއް ދެއްވީމަ ކަން ނޭގޭ...."އެލީން އަތުގައި އޮތް ގަޑިދައްކައިލިއެވެ.

ކުއްލިއަކަށް އަމްރާންގެ ބަނޑުގައި ރިއްސާންފެށިއެވެ. މޫނަށް އަނދިރިވާފަދަ ގޮތެއްވިއެވެ. ބޮލުގެ ރިހުން ގަދަވީ މާ ވަރަކަށެވެ. މޭޒުމައްޗަށް ކޮފީތަށި ދޫކޮށްލުމަށްފަހު ދާން ހިނގައިގަތްތަނާ އަރިއަޅާލައިފިއެވެ.

"ރެން......" އެލީންގެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ.

(ނުނިމޭ...)

https://sun.mv/116098

comment ކޮމެންޓް
ގުޅޭ ޚަބަރު