ގިނަ ކްލަބުތަކަކުން ކަޅި އެއްލަމުން ދަނިކޮށް ހަމްޕު މާޒިޔާއަށް

މާޒިޔާ ސްޕޯޓްސް ކުލަބާއި އަލަށް ގުޅުނު ގައުމީ ޓީމުގެ މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާއަށް ސޮއެ ކޮށްފި --- ފޮޓޯ/ މާޒިޔާ

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ގައުމީ ޓީމަށް ކުޅެމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު ހަމްޒާ މުހައްމަދު (ހަމްޕު) މާޒިޔާއަށް ސޮއިކޮށްފި އެވެ.

މުސާރައިގެ މައްސަލާގައި ހަމްޕުއާއި ނިއުރޭޑިއަންޓާއި ދެމެދުގެ އެއްބަސްވުން އެފްއޭއެމްގެ ޕްލޭޔާ ސްޓޭޓަސް ކޮމިޓީން މިދިޔަ މަހު އުވާލުމާއި ގުޅިގެން ރާއްޖޭގެ ބޮޑެތި ކުލަބު ތަކުން ދިޔައީ ހަމްޕު ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެންމެ ފަހުން އެކަން ކާމިޔާބު ކުރީ މާޒިޔާ ސްޕޯޓްސް ކުލަބުންނެވެ.

އާ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން ރާއްޖޭގެ ޓްރާންސްފާ މާކެޓް އެންމެ ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި ގިނަ ކުޅުންތެރިންތަކެއް ދަނީ ކުލަބުތައް ބަދަލު ކުރަމުންނެވެ. އެގޮތުން މާޒިޔާ އިން ވެސް ދަނީ ތަޖުރިބާކާރު، ހުނަރުވެރި ކުޅުންތެރިންތަކެއް އެ ޓީމަށް ސޮއި ކުރުވަމުންނެވެ. އެގޮތުން ޓީސީއާއި މިދިޔަ އަހަރުގެ ލީގު ކާމިޔާބު ކުރި އިބްރާހިމް ވަހީދު (އިއްްބެ) ވެސް ވަނީ އެ ޓީމާއި ގުޅިފަ އެވެ.

ޑިސެމްބަރު 31، 2015: ސާފް ސުޒުކީ ކަޕް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ދިވެހި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނިއުރޭޑިއަންޓުގެ ޔޫތު ޓީމުން 2014 ވަނަ އަހަރު ވިދާލި ހަމްޕު ގިނަ ދުވަސްތަކެއް ވަންދެން އެ ޓީމަށް ކުޅެދީފައިވާ އިރު ވޭތުވެ ދިޔަ ފަސް ވަރަކަށް އަހަރު ތެރޭގައި ނިއުރޭޑިއަންޓް ހޯދި ބޮޑެތި ކާމިޔާބީތަކުގައި ހަމްޕުގެ ހިއްސާ ބޮޑެވެ.

ގައުމީ ޓީމުން ވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ހަމްޕު ވަނީ މިދިޔަ އަހަރު ސާފް ޗެމްޕިއަންޝިޕުގެ ތަށި ދިހަ އަހަރަށް ފަހު ރާއްޖެ އުފުލާލުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. އެގޮތުން މުބާރާތުގެ ފައިނަލުގައި ހަމްޕު ވަނީ ގޯލު ޖަހަން އެސިސްޓެއް ކޮށްދީ އެ މެޗުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ.

މިދިޔަ އަހަރު މާޒިޔާގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިންތަކެއް މި ސީޒަނުގައ އެ ޓީމުން ނުފެންނާނެ އެވެ. ޓީމުގައި ހިމެނުނު މުހިއްމު ކުޅުންތެރިންތަކެއް ވަނީ އެހެން ޓީމުތަކާ ގުޅިފަ އެވެ. އެގޮތުން އިސްމާއިލް އީސާ (މެސީ) ޓީސީއަށް ބަދަލުވި އިރު ޔަސްފާދު ހަބީބު (މުލަކޭ) ވަނީ ދަ ގްރާންޑޭއަށް ސޮއިކޮށްފަ އެވެ. މީގެ އިތުރުން ވެސް ކުރީ އަހަރުގެ ޓީމުގައި ހިމެނުނު ބައެއް ކުޅުންތެރިން އަދި ވެސް ކުލަބުގެ ކޮންޓްރެެކްޓް އައު ކޮށްފައެެއް ނުވެއެވެ.

މީގެ އިތުރުން ވޭތުވެ ދިޔަ ސީޒަނުގައި މާޒިޔާއަށް ކޯޗުކަން ކޮށްދިން އިސްމާއިލް މަހަފޫޒް (އިންމަ) ވަނީ މި ސީޒަނުގައި ދަ ގްރާންޑޭގެ ކޯޗު ކަމާއި ހަވާލުވުމަށް އެއްބަސް ވެފަ އެވެ. އަދި މި ސީޒަނުގައި މާޒިޔާގެ ކޯޗުކަމާއި ހަވާލު ވާނެ ފަރާތެއް އަދި އެ ކުލަބުން އަންގާފައެއް ނުވެ އެވެ.

comment ކޮމެންޓް