އެޗްއާރުގެ މަސައްކަތް ލިންކްސާވުން ލުއިކޮށްދީފި

ކެޕްލާ އާ ގުޅޭގޮތުން ޝާހިދު ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ހިއުމަން ރިސޯސް (އެޗްއާރު) ޑިޕާޓްމެންޓުތަކުގެ މަސައްކަތަކީ ބުރަ، ކަވި މަސައްކަތެކެވެ. މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާ މުސާރައިގެ ކަންތައް ހަމަޖެއްސުމުން ފެށިގެން މުވައްޒަފުންނަށް ތަމްރީނުދީ ކުރިއެރުމަށް ބޭނުންވާ ކަންތައްވެސް ކުރަނީ އެ ޑިޕާޓުމެންޓުންނެވެ.

ބައެއް ކުންފުނިތަކާއި މުވައްސަސާތަކުން އަދިވެސް މި މަސައްކަތް ކުރަނީ މެނުއަލް ކޮށެވެ. މިއާއެކު ބައެއްފަހަރު ނަމަވެސް "ހިއުމަން އެރާ"ތައް ކުރިމަތިވެ، މައްސަލަތައް ދިމާވެއެވެ. މި މައްސަލައަށް ހައްލެއް ގެނެސްދިނުމަށް ލިންކްސާވްއާއި ޓެރަބައިޓް މޯލްޑިވްސް ގުޅިގެން ވަނީ "ކެޕްލާ" ގެ ނަމުގައި ކެޕިޓަލް މެނޭޖުމެންޓް ސިސްޓަމެއް ރާއްޖެއަށް ތައާރަފުކޮށްފައެވެ.

މި ސިސްޓަމް ރާއްޖެއަށް ތައާރަފުކޮށްފައިވަނީ އެޗް އާރުގެ މަސައްކަތް ޑިޖިޓަލައިޒް ކުރުމުގެ މަގުސަދުގައެވެ. މި ސިސްޓަމް ޑިވެލޮޕްކުރި މަގުސަދާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ލިންކްސާވްގެ ޑިރެކްޓަރ ބިޒްނަސް ޑިވެލޮޕްމެންޓް ހުސައިން ޝާހިދު ވިދާޅުވީ މިހާރުވެސް ގިނަ ކުންފުނިތަކުގައި އެޗްއާރުގެ މަސައްކަތްތައް ކުރަނީ މެނުއަލްކޮށް ކަމަށެވެ.

"އަޅުގަނޑުމެން އިންސާނުންނަށް ވީމަ ހިއުމަން އެރާސް އަރާނެ. އަޅުގަނޑުމެން މި ސިސްޓަމާއެކު އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެ ބޭފުޅުންގެ މަސައްކަތްތައް މި އޮޓޮމައިޒް ކުރަނީ،" ޝާހިދު ވިދާޅުވިއެވެ.

"ކެޕްލާ"އާއެކު މުވައްޒަފުން ޗުއްޓީއަށް ދާން ބޭނުންވުމުންއެކަމަށް އެދި ފޯމު ފުރާކަށް ނުޖެހޭނެއެވެ. އެކި ލެވެލްތަކުގެ ވެރިން ކައިރިން "އެޕްރޫވަލް ނުހޯދިގެން" އުޅޭކަމަށްވެސް ނުޖެހޭނެއެވެ. ހުރިހާކަމެއްވެސް ސިސްޓަމް މެދުވެރިކޮށް އޮޓޮމޭޓުކޮށް ކުރެވޭނެއެވެ.

މީގެ އިތުރުން މި ސިސްޓަމާއެކު ޕޭޕާވޯކްސްގެ މަސައްކަތް މަދުވާނެއެވެ. އަދި ބޭނުންވާ މައުލޫމާތު ސިސްޓަމް ތެރޭ ރައްކާކުރެވެނެއެވެ.

ރާއްޖޭގެ ގިނަ ހިދުމަތްތައް ޑިޖިޓަލައިޒްވަމުން އަންނަ އިރު، ހިއުމަން ރިސޯސްގެ މަސައްކަތް އޮޓަމޭޓުވުމަކީ ކުންފުނީގެ މުވައްޒަފުންނަށްވެސް އަދި ކުންފުންޏަށްވެސް އެފިޝެންޓް ކަމަކަށް ވާނެއެވެ.

"ޕޭ ރޯލް ޖެނެރޭޓް ކުރެވޭނެ ސިންގަލް ކްލިކްއަކުން. އެއަށްފަހު ބަލާލެވޭނެ އެއްވެސް މުވައްޒަފެއްގެ ޕޭ ރޯލްގައި މައްސަލައެއް އުޅޭތޯ،"

މި ސިސްޓަމާއެކު މުސާރަ ޝީޓް ހެދުމަށް އެޗްއާރުން ކުރާ މަސައްކަތްވެސް ނިމުމަކަށް އަންނާނެއެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ ތެރެއިން ހައުސިން މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީގައިވެސް މި ސިސްޓަމް މިހާރު ދަނީ ބޭނުން ކުރަމުންނެވެ. މީގެ އިތުރުން ގައުމީ ޔުނިވާސިޓީގެ 13 ފެލަކްޓީއާއި، އިސްލާމިކް ޔުނިވާސިޓީ އަދި ވެމްކޯގައިވެސް މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމަށް މިހާރު ބޭނުން ކުރަނީ ލިންކްސާވްއާއި ޓެރަބައިޓް މޯލްޑިވްސްގެ "ކެޕްލާ"އެވެ.

"ކޮންމެ މުއައްސަސާއެއްގައިވެސް އެބައިނދޭ އެޓެންޑެންސް މޮނީޓާ ކުރުމަށް ޑިވައިސް އެއް ބައިންދާފަ. އަޅުގަނޑުމެން ގެ ސިސްޓަމާ އިންޓަގްރޭޓް ކުރެވޭނެ ކޮންމެ ކަހަލަ ޑިވައިސް އަކަށް ވިޔަސް. މުވައްޒަފު ފިންގާ ޕަންޗްކޮށްލީމާ ވަގުތުން ފެންނާނެ ސިސްޓަމުން އެ ގަޑިއާ އެއްކޮށް. އެއިން ބަލާލެވެނެ ކިތައް ދުވަހު ކިތައް މިނެޓު ތޯ ގަޑިޖެހުނީ. އިތުރު ވަގުތު މަސައްކަތްކުރެވުނީ ކިހާ އިރަކުތޯ. ސްޓާފަށްވެސް އަދި އެޗްއާރަށް ވެސް އެބަލިބޭ ފިންގާ ޓިޕްސްގައި އެ މައުލޫމާތު،" ޝާހިދު ވިދާޅުވިއެވެ. އެގޮތުން މުސާރަ ލިބޭއިރު މުސާރަ ސްލިޕްވެސް މުވައްޒަފަށް ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ސިސްޓަމާއެކު އެޗްއާރު މުވައްޒަފުންގެ މަސައްކަތްތައް ލުއިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ވަކި ތާރީހެއްގައި ނިންމަން ޖެހޭ ކަންތައްތަކުގެ ނޮޓިފިކޭޝަން ލިބެނެ ގޮތަށް ވެސް ސެޓް ކޮށްލެވޭނެ ފީޗާއެއްވެސް މި ސިސްޓަމުގައި ހިމެނެއެވެ.

ލިންކްސާވް އިން ބުނީ ކެޕްލާގެ މޯބައިލް އެޕްލިކޭޝަނެއް ވެސް ވަރަށް އަވަހަށް ތައާރަފު ކުރާނެ ކަމަށެވެ. "ގޭގައި ތިބޭއިރުވެސް އޭރަށް ލީވްގެ ޑޭޓާތައް ބަލާލެވޭނެ،"

މީގެ އިތުުރން ލިންކްސާވުން ވަނީ އެޗްއާރު ކޮންސަލްޓަންސީ ފަރމެއް ކަމުގައިވާ "ބޯލްޑް ޕޮއިންޓް"އާއެކު ޕާޓްނަޝިޕެއް ހަދާފައެވެ.

ޝާހިދު ވިދާޅުވީ ލިންކްސާވަކީ ޓެކްނިކަލް ކުންފުންޏަކަށް ވެފައި، ބޯލް ޕޮއިންޓްއަކީ ކޮންސަލްޓަންސީ ކުންފުންޏެއް ކަމުން އެ ލިބެނީ ޓޯޓަލް ސޮލިއުޝަނެއް ކަމަށެވެ.

ސިސްޓަމް ގާއިމްކޮށްފައި ދޫކޮށްލުމުގެ ބަދަލުގައި ލިންކްސާވްއިން މަސައްކަތް ކުރަނީ ސިސްޓަމް އެންމެ ރަނގަޅުގޮތުގައި ބޭނުން ހިފޭނެ ގޮތްތަކެއް ހޯދައިދޭން ކަމަށް ޝާހިދު ވިދާޅުވިއެވެ.

ބޮޑެތި ކުންފުނިތަކުގެ އިތުރުން ކުދި ކުންފުނިތަކަށް އެކަށޭނަ ގޮތަކަށް މި ސިސްޓަމް ބައްޓަން ކުރުމުގެ މަސައްކަތް ވެސް ލިންކް ސާވުން ދަނީ ކުރަމުންނެވެ.

މި ސިސްޓަމަކީ ރާއްޖޭގައި ތައްޔާރުކޮށްފައިވާ "ލޯކަލް" ޕްރޮޑަކްޓެކެވެ. މިއާއެކު އާފްޓާ ސޭލްސް ސާވިސް ހޯދުމަށްވެސް ފަސޭހަވެގެންދާނެ އެވެ. ކެޕްލާ ސިސްޓަމް އެކުލަވާލާފައިވަނީ ސިވިލް ސާވިސް ކޮމިޝަނުގެ އޮނިގަނޑަށް ފެތޭގޮތަށް، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް ބޭނުންވާ މައުލޫމާތުތައްވެސް ފަސޭހައިން ލިބޭނެ ގޮތަށެވެ.

comment ކޮމެންޓް