ދެވަނައިގައި އޮތް ނަޕޮލީ ބަލިކޮށް ޔުވެންޓަސް ތަށްޓާއި ގާތަށް

ނަޕޮލީއާއި ޔުވެންޓަސް ބައްދަލު ކުރި މެޗުގައި ލިބުނު ޕެނަލްޓީ ދަނޑީގައި ޖެހުމުން ލޮރެންޒޯ އިންސީނިއޭ މާޔޫސް ވެފައި --- ފޮޓޯ/ ޑޮމް ފެރަލް

އިޓަލިއަން ލީގުގެ ލީޑަރުން ޔުވެންޓަސްއިން ދެވަނައިގައި އޮތް ނަޕޮލީ ބަލިކޮށް 16 ޕޮއިންޓުގެ ލީޑެއް ނަގައި ތަށި ހޯދުމާއި ގާތަށް ޖެހިލައިފިއެވެ.

ވާދަވެެރި ކުޅުމަކަށްފަހު ޔުވެންޓަސް ނަޕޮލީގެ މައްޗަށް ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. ލީގުގެ އެއްވެސް މެޗަކުން ބަލިވެފައި ނުވާ ޔުވެންޓަސް ރޭގެ މޮޅާއި އެކު ވަނީ 26 މެޗު ކުޅެ 72 ޕޮއިންޓް ހޯދާފައެވެ. ރޭގެ މެޗުން ބަލިވި ނަޕޯލީ ދެވަނައިގައި އޮތީ 26 މެޗު ކުޅެ 56 ހޯދައިގެންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޔުވެންޓަސް މިފަހަރުގެ ތަށި މިހާރުވެސް ވަނީ ޔަގީން ކޮށްފައެވެ.

ނަޕޮލީއާއި ޔުވެންޓަސް ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ޑޮމް ފެރަލް

މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނަޓުގައި ނަޕޮލީގެ ޒުވާން ކީޕަރު އެލެކްސް މެރެޓް ކުރި ފައުލަކާއި ގުޅިގެން އޭނާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ނަޕޮލީގެ ޑިފެންސްއިން ހެދި މިސްޓޭކެއްގެ ފައިދާ ނަގާ ކުރިސްޓިއާނޯ ރޮނާލްޑޯ މުޅިން ހުސްކޮށް ހުރެ ކީޕަރު ނައްޓާލި ވަގުތު ކުރި މި ފައުލާ އެކު ލިބުނު ހިލޭ ޖެހުން ގޯލުގެ ތެރެއަށް ފޮނުވާލާ ޔުވެންޓަސްއަށް ލީޑު ނަގައިދިނީ މިރެލަމް ޕިޔަނިޗް އެވެ.

މި ގޯލާއި އެކު ނަޕޮލީއަށް ހަމަޖެހި ނުލެވި އުޅެނިކޮަށް ޔުވެންޓަސްގެ އެމްރޭ ޗޭން ވަނީ އިތުރު ގޯލެއް ޖަހާ އެ ޓީމުގެ ލީޑު ފުޅާ ކޮށްފައެވެ. މި ގޯލާއި އެކު ނަޕޮލީ ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް ވަދެ ޔުވެންޓަސްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ.

އެ މެޗު އިތުރަށް ފޯރި ގަދަ ވެގެން ދިއައީ މެޗުގެ 47 ވަނަ މިނަޓުގައި ޔުވެންޓަސްގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާ މިރެލަމް ޕިޔަނިޗް އަށް ދެއްކި ރަތް ކާޑާއި ގުޅިގެންއެވެ. އެއް ކުޅުންތެރިއަކު މަދުކޮށް ދެ ޓީމު ކުޅެމުންދިޔަ ނަމަވެސް ފަހު ހާފު އެއްކޮށް ޑޮމިނޭޓްކޮށް ގިނަ ހަމަލާތައް އުފެއްދީ ނަޕޮލީއެވެ.

އެ ގޮތުން އެ ޓީމުގެ ހޯސޭ ކަލެޔޮން ވަނީ ގޯލެއް ޖަހާ ޔުވެންޓަސްއަށް ނުތަނަވަސްކަން ކުރިމަތި ކުރުވާފައެވެ. ނަތީޖާ ހަމަހަމ ކުރުމަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު މެޗު ނިމެންދަނިކޮށް ނަޕޮލީގެ ލޮރެންޒޯ އިންސީނިއޭ އަށް ލިބުނީ ޔުވެންޓަސްގެ ކުޅުންތެރިއަކު އޭރިއާ ތެރެއިން ބޯޅައިގައި އަތް ޖެއްސުމާ ގުޅިގެންނެވެ. ނަމަވެސް އޭނަ ފޮނުވާލި ޕެނަލްޓީ ދަނޑީގައި ޖެހިފައި ނުކުތީއެވެ.

comment ކޮމެންޓް