ޗެލްސީ ފުލަމް ބަލިކުރި އިރު، ލިވަޕޫލް ފުރުސަތު ނަގާލައިފި

ފުލަމްއާއި ޗެލްސީ ވާދަ ކުރި މެޗުގައި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ގާއީ އެޓިކްސަން

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް ކައިރިން ޗެލްސީ މޮޅުވެ ގަދަ ހަތަރަކަށް އެރުމުގެ އުއްމީދު އާ ކުރި އިރު އެވަޓަންއާ ކުޅެ އެއްވަރު ވުމުން ލިވަޕޫލަށް އެއްވަނައަށް އެރުމުގެ ފުރުސަތު ގެއްލިއްޖެއެވެ.

އެވަޓަންއާއި ލިވަޕޫލް ބައްދަލު ކުރި މެޗުގައި މުހައްމަދު ސަލާހު ގޯލަށް ފޮނުވާލި ހަމަލާ ޖޯޑަން ޕިކްފޯޑް ހުއްޓުވާ މަންޒަރު --- ފޮޓޯ/ ޖޭމީ ސްމިތް

އެއްވަނައިގައި ސީޒަނުގެ ބޮޑުބައެއް ހޭދަކުރި ލިވަޕޫލް ރޭ އެވަޓަންއާ ކުޅެ އެއްވަރުވީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ. ރޭގެ މެޗުން މޮޅުވެ އެއްވަނައަށް އެރުމުގެ ފުރުސަތު ލިވަޕޫލްއަށް އޮތެވެ. ސަބަބަކީ މިވަގުތު އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީ އެއްވަނައިގައި އޭރު އޮތީ އެއް މެޗު އިތުރަށް ކުޅެގެން ކަމަށް ވާތީއެވެ.

ފުލަމްއާއި ޗެލްސީ ބައްދަލު ކުރި ފޯރި ގަދަ ލަންޑަން ޑާބީ ނިމިގެން ދިޔައީ 1-2 ގެ ނަތީޖާ އަކުން ޗެލްސީ ކުރި ހޯދައިގެން އެވެ. މި މޮޅާ އެކު ޗެލްސީ ވަނީ ގަދަ ހަތަރަކަށް އެރުމަށް އުއްމީދު ބޮޑު ކޮށްފައެވެ. މިވަގުތު ހަތަރުވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްއާ ދެ ޕޮއިންޓަށް ޗެލްސީއިން ފަރަގު ކުޑަ ކުރި އިރު ރޭގެ މެޗުން ބަލިވި ފުލަމް މިވަގުތު އޮތީ ރެލިގޭޝަން ޒޯނުގައެވެ.

އެ މެޗުގެ އުސް އަލިތަކަށް ބަލާލާއިރު މެޗުގައި ގިނަ ހަމަލާތައް އުފައްދައި މެޗު ޑޮމިނޭޓް ކުރީ ޗެލްސީއެވެ. ނަމަވެސް ފުލަމްއިން އެމީހުންގެ ކައުންޓާ އެޓޭކް ތަކުގައި ދިޔައީ ޗެލްސީގެ ޑިފެންސަށް ނުރައްކާ ކުރަމުންނެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ އެންމެ ފަހުގެ ޓްރާންސްފާ މާކެޓުގައި ލޯނުގެ އެއްބަސްވުމުގެ ދަށުން އެ ޓީމާ ގުޅުނު ގޮންޒާލޯ ހިގުއައިންއެވެ. އެ ގޯލާ އެކު ފުލަމްއިން ވަނީ އެމީހުންގެ ކުޅުން އިހުނަށް ވުރެން ރަނގަޅުކޮށް ޗެލްސީއާ ދާދި އެއް ވަރެއްގައި ހިފަހައްޓަން މަސައްކަތް ކޮށްފައެވެ. އެގޮތުން 28 ވަނަ މިނެޓުގައި އެ ޓީމުގެ ކެލަމް ޗޭމްބާސް ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ޗެލްސީއަށް މެޗުން ކާމިޔާބު ކުރުމައްޓަކައި މެޗުގެ 31 ވަނަ މިނެޓުގައި ގޯލު ޖަހައިދިނީ ޖޯޖީނިއޯ އެވެ. އެއީ އޭނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ފުލަމްއާއި ޗެލްސީ ވާދަ ކުރި މެޗުގައި ޗެލްސީގެ މިޑްފީލްޑަރު ޖޯޖީނިއޯ ގޯލު ޖެހުމަށްފަހު --- ފޮޓޯ/ ގާއީ އެޓިކްސަން

މީގެ ދުވަސްކޮޅެއް ކުރިން އިނގިރޭސި ލީގު ކަޕުގެ ފައިނަލުގައި ކޯޗު ބަދަލު ކުރަން އެންގުމުން ދަނޑުން ނުފޭބުމުން ޗެލްސީއިން އަދަބު ދިީފައިވާ ކެޕާ އަރިޒަބަލާގާ ރޭގެ މެޗުގެ ފުރަތަމަ އެގާރަައިގައި ވަނީ ހިމަނާފައެވެ. އޭނާ ވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދައްކައި މުހިއްމު ބޯޅަތަކެއް ދިފާއު ކޮށްފަ އެވެ.

މީގެ އިތުރުން ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު އެވަޓަންއިން ރޭ ވަނީ ލިވަޕޫލް ހިފަހައްޓައި، އެ ޓީމު އެއްވަނައަށް އަރަން ލިބުނު ފުރުސަތަށް ހުރަސް އަޅާފައެވެ.

މެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް ލިވަޕޫލްއިން އުފެއްދި ނަމަވެސް އެ ޓީމުން ވަނީ އެތައް ހުސް ފުރުސަތުތަކެއްގެ ބޭނުން ނަގާލާފައެވެ. ފޯމު ކަޓާފައިވާ ލިވަޕޫލްގެ ފޯވާޑް ލައިނުގެ ސަބަބުން އެ ޓީމުގެ ކޯޗު ޔާގަން ކުލޮޕް މާޔޫސްވި ނަމަވެސް އޭނަ ބުނަނީ ޓީމާއި ދޭތެރޭ އުއްމީދު ކަނޑާ ނުލާނެ ކަމަށެވެ.

comment ކޮމެންޓް