އިންޓަވިއުއަށް ދާން ތައްޔާރުވަމުން ދިޔަ މަލްސާ ކޮޓަރީގެ ފާރުގައި ހުރި ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު ތުންފަތުގައި ކުލަ ޖައްސަން ގެންގުޅުނު ލިޕްސްޓިކްގެ މަތި ޖަހާލަމުން ރީތިވާ މޭޒު މަތީ ބެހެއްޓިއެވެ. ދެން އޭނަ ބަލާލީ ރީތިވާ މޭޒުގެ ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށެވެ.

ލުއި މޭކަޕްގެ އެހީގައި މަލްސާގެ ރީތިކަމަށް އިތުރު ދިރުމެއް ގެނެސްދީފައި ވެއެވެ. އަނދުނުން ފަވާލާފައިވި މުށިކުލައިގެ ދެލޮލުގައި ވަނީ ތަފާތު ވިދުމެކެވެ. ދޮން މޫނުންވެސް ފެންނަނީ ތާޒާ ކަމާއި އާރޯކަމެވެ. މަޑު ރަތްކުލައިން ކުލަޖައްސާފައިވި ތުންފަތާއި ކުޅެލާ ހިނިތުންވުމުގައި އާޝޯހު ކުރުވުމުގެ ބާރު އެކުލެވިގެން ވެއެވެ.

ކޮޅަށް ތެދުވަމުން ސެންޓްފުޅި ނަގައި ގަޔަށް ބުރުއްސާލިއެވެ. އެއަށްފަހު ފަހު ފަހަރަށް ލޯގަނޑަށް ނަޒަރެއް ދިނެވެ. އަމިއްލަ ނަފުސަށް ހިނިތުންވެލުމާއެކު ލިޔާމޭޒު މަތީ އޮތް އޭނަގެ އަތްދަބަހާއި ތަޢުލީމީ ސަނަދުތަކުގެ ފައިލް ހިފައިގެން ކޮޓަރިން ނިކުންނަން މަލްސާ ހިނގައިގަތެވެ. އެވަގުތަކީ ރޭހަތަރުދަމު ބޭރުގައި އުޅެފައި ނޫރާލް ކޮޓަރިއަށް ވަން ވަގުތެވެ. އެއާއެކު ނޭފަތުގައި ޖެހުނު ސިނގިރޭޓުގެ ވަހުން މަލްސާއަށް އޭނަގެ ނޭފަތުގެ ކުރީގައި ޝަހާދަތް އިނގިލި ޖައްސާލެވުނެވެ. މިދުނިޔެ މަތިންވެސް އޭނަގެ އެންމެ ފޫހިވާ ވަހަކީ ސިނގިރޭޓުގެ ވަހެވެ. އެވަސް ޖެހުނަސް ބޮލަށް އެނބުރުން އަރާ ގޮތް ވެއެވެ. މޭނުބައި ކުރުވާހެން ހީވެއެވެ. އާންމުންގެ ތެރެއަށް ނިކުމެ އުޅޭއިރު އޭނައަށް ސިނިގރޭޓުގެ ވަހުން ނުހަނު އުނދަގޫ ވެއެވެ.

''ކަލޭ ކޯޗެއް ތި ބަލަނީ؟، އޭނ!... ތިހެން މަށަ ދިމާއަށް ދެވަނަ ފަހަރަކު ނުބަލާތި!، އެހެންނޫނީ ކަލޭގެ ދެލޯ އުފުރާލާނަން!!!...'' މަލްސާއަށް ނުރުހުމާއެކު ބަލާލަމުން ބޭއަދަބީ ބަހުރުވައިން ނޫރާލް ހަޅޭއްލަވައިގަތެވެ. އޭނަ ކޮޓަރީގެ ތެރެއަށް ވަދެގަންނަމުން މަލްސާގެ ކޮނޑުގައި އޭނަގެ ކޮނޑުން ބާރަށް ޖަހާލިއެވެ. އެއަށްފަހު ގޮސް ވެއްޓިގަތީ އެނދު މައްޗަށެވެ. އެއްވެސް ކަހަލަ އުޅުމެއް ނޫރާލްއަށް ލިބިފައި ނުވެއެވެ.

ދެފަރާތަށް ބޯހޫރާލަމުން މަލްސާ ކޮޓަރިން ނިކުތީ އޭނަގެ ކޮނޑުގައި ފިރުމަމުންނެވެ. ނޫރާލް ކުރިކަންތަކުން އޭނައަށް ވަރަށް ތަދުވިއެވެ.

*****

''މަހަރާނީ ނަލަހެދިގެން ކޮންތާކަށް ދާން ތިއުޅެނީ؟، މިއޮތް ހެނދުނާވެސް ފިރިހެނުން ހޯދަން ދުވޭތޯ އުޅޭތި!... ގޮތެއް ފޮތެއް ނެތް އެއްޗެކޭ، ބަފާ އެއްޗެކޭ ނުބުނާނެތީ ހިތަށް އެރި ގޮތަކަށް އުޅެން ދަސްވެފަ ތިހުރީ!!!...'' ބޮޑުކޮޓަރީގައި ޓީވީ ބަލަން އިން ޖަމީލާއަށް މަލްސާ ފެންނައިރަށް ހަޅޭއްލަވައިގަތެވެ. ކުރީ ދުވަހު ދިމާވި ކަންތަކުން ސިކުނޑިއަށް ސަވާރުވެފައި ހުރި ރުޅިގަނޑު އަދިވެސް ފިލައިގެން ނުދެއެވެ. ޝުއައިބުގެ އަތުން ފެލާލަން އުޅުނު ފައިސާބޮނޑީގެ ރަހަ ނުލިބެނީސް އަތުން ބީވެގެން ދިޔަ ކަމުގެ ހިތިކަން ޖަމީލާގެ އަރުތެރެއަށް ވަނީ ރަގަޅަށް ފޭދިފައެވެ. މަލްސާ ފެނުމާއެކު އޭނަ އިތުރަށް ރުޅިގަދަ ވިއެވެ.

ޖަމީލާއާ ވާހަކަދެއްކުމަކީ ބޭކާރުކަމެއްކަން އެނގޭތީ މަލްސާ ޚިޔާރުކުރީ ހިމޭންކަމެވެ. އެކަން ޖަމީލާއަށް ނަގައިގަނެވުނީ މަލާމާތެއްގެ ގޮތުގައެވެ. މުށުތެރޭގައި އޮތް ޓީވީގެ ރިމޯޓަށް ބާރުކޮށްލެވުނީ މީހާ ހޫނުވެގެން ދިއުމުންނެވެ. ރުޅިވެރިކަމާއެކު އޭނަ މޫނަށް ގޮތްގޮތް ހަދަމުން މަލްސާއަށް ބަލާލިއެވެ.

''މަގޭ ހިތަށް އަރާ ކަލެއާއި ކަލޭގެ ކޮއްކޮ އަހަރުމެންގެ ދިރިއުޅުމުން ދުރަށް ދާނީ ކޮން ދުވަހަކުން ބާވައޭ، ކަލޭމެންނާ ހެދި މިގޭގެ ހަމަޖެހުން ވަނީ ގެއްލިފައި، އެންމެފަހުން އަހަންނާއި ހުސޭނުގެ ދެމެދުގައިވެސް ފިތުނަ އުފައްދަން ފަށައިފި، އެއީ ކަލޭގެ މަންމަ ދަސްކޮށްދިން ގޮތް ދޯ؟... ނޫނޭވާ ރަގަޅު ތަރުބިއްޔަތެއް ލިބިފައި ތިހުރީ، އޭނަ ނެތް ދުނިޔެއެއްގައި އޭނައަށް ބަދަލު ހިފައިދޭން ދޯ ތިއުޅެނީ... ހުއް... އެހެން ދުވަހަކުވެސް ނުވާނެ، ހާދަ ފޫއްސެއްވެޔޭ...'' ސޯފާއިން ތެދުވުން ޖަމީލާ އޭނަގެ ބަނދިވަރު އަމުނައިގަތެވެ. އަދި ފައިވާން ހަރުގަނޑު ކައިރިއަށް ހުއްޓި ހުރި މަލްސާއާ ދިމާއަށް ހިނގައިގަތީ ސިފާރި ރަގަޅު ބޮޑިއެއް ދޭށެވެ. ރޭގައި އެކަން ނުކުރެވުމުން އެކަމުގެ ހޫނުކަމުން އޭނަގެ ސިކުނޑި ފިއްސަމުން ދިޔައެވެ. ގިޔާން ގޭގައި ނޫޅޭ ގަޑިއަކަށް ވުމުން ބަދަލު ހިފުމުގެ ފުރުސަތު އޮތީ ފަހިވެފައެވެ.

ޖަމީލާގެ ވިހަ ޖުމްލަތަކުން މަލްސާގެ ހިތަށް އަސަރުކުރިއެވެ. އެހެނަސް، ދޮންމަންމައާއި ޒުވާބު ކުރާކަށް މަލްސާ ބޭނުމެއް ނުވިއެވެ. އޭގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވާނެތީއެވެ. އެންމެފަހުން އެކަންތައް ބޮޑުވެ ހައިޖާންގަނޑެއް އުފެދިދާނެއެވެ. އޭރުން ހައްލު ހޯދުން ވާނީ ނާދިރު ކަމަކަށެވެ. އެއީ ދޮންމަންމަގެ ނިޔަތެވެ. ގޭތެރޭގެ މަސްލަހަތު ހަލަބޮލިކޮށްލާށެވެ. އެއަށްފަހު އޭގެން އުފެދޭ އުދާސްގަނޑުން މަންފާ ހޯދާށެވެ. ފާއިތުވި އަހަރުތަކުގައި ދޮންމަންމަގެ މިޒާޖު އޭނައަށް ވަނީ ރަގަޅަށް ދަސްވެފައެވެ.

ހަށިފުރާ ދޫކޮށްލި ނޭވާއާއެކު މަލްސާ އަވަސްވެގަތީ ގެއިން ނިކުންނާށެވެ. އިންޓަވިއުއަށް ވަގުތު ކުޑަތަން ވަނީއެވެ. ގަޑި ޖެހުމުގެ ކުރިން އިންޓަވިއުއަށް ދާން އެބަޖެހެއެވެ. ހަރުގަނޑުން ނެގި ފައިވާނަށް އަރަމުން ގޭގެ ދޮރު ހުޅުވާލަން އޭނަ އުޅުނެވެ. ނަމަވެސް އޭގެ ކުރިން ޖަމީލާ އައިސް އޭނަގެ އަތުގައި ހިފާ ލުއްކިއެއް ޖަހައިފިއެވެ.

''އޭ!!!، މިހިރަ ލަދުހަޔާތް ކުޑަ އަންހެނާ!... އަހަރެން ވާހަކަދައްކަނީ ކަލެއާ!...'' މަލްސާގެ މުލައްދަނޑީގައި ހިފާ ބާރުކޮށްލަމުން ޖަމީލާ ދަތްކުޑި ވިކައިގަތެވެ. ''ކަލޭ ހީކުރީ ކަލެއަށް ކުރިއެރުން ލިބުނީ ކަމަށް ދޯ، ނުވާނެ އެހެނެއް، ކަލޭގެ ބައްޕަގެ ބޮލަށް ސަވާރުވެގެން ޝުއައިބު ނުބައި މީހަކަށް ހަދާފައެއްނު ކަލޭ ތިހުރީ!، އެކަމުގައި ކަލެއަށް ކުރި ލިބުނަސް އަހަންނާއި ހުސޭން ވަކިކުރުމުގައި ކަލެއަށް ދުވަހަކު ކާމިޔާބެއް ނުލިބޭނެ... އެކަން މިވީ އަހަރުތަކުގެ ތެރޭގައި ކަލެއަށް އޮންނާނީ ސާބިތުކޮށްދީފައި...''

''އައްދޯއި!... މަންމާ، އަތަށް ތަދު އެބަވެޔޭ!...'' މަލްސާއަށް ބުނެވުނެވެ. ޖަމީލާގެ އަތްދަށުން މިނިވަންވާން އޭނަ މަސައްކަތްކުރިއެވެ. ނަމަވެސް، ޖަމީލާގެ އަނިޔާވެރިކަމުން އޭނައަށް ސަލާމަތެއް ނުވެވުނެވެ.

''މަށަކީ ކަލޭގެ މަންމައެއް ނޫން!!!...'' މުށަށް ބާރުކުރަމުން ޖާމީލާ ދެލޯއަޅާލިއެވެ. ''ކަލެއަށް ލިބޭ ވޭނާއި ހިތާމައަކީ އަހަންނަށް ލިބޭ އުފާވެރިކަން... ކަލެއަށް މި ދުނިޔެއިން އެއްވެސް އުފަލެއް ނުލިބުން އެއީ އަހަރެންގެ ދުޢާއަކީ... ކަލޭ ހިތާމައިގައި ގަނަ ތެޅޭތަން ދުށުމަކީ އަހަރެންގެ ހުވަފެނެއް، ހީނުކުރައްޗޭ ކަލެއަށް އުފަލުގައި އުޅެވިދާނެ ކަމަށް، އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު އެކަން ކަލެއަށް ހާސިލުވިޔަކަ ނުދޭނަން، އަދި މޭކަޕްކޮށް ރީތިވެގެން ބޭރަށް ދާން އެބަ އުޅެއެއްނު، ކަލޭގެ ސޫރަ އެއްފަހަރު ވިޔަސް ލޯގަނޑުން ބަލާލަބަލަ، ރާމާމަކުނަކު ކިތައްމެ ނަލަހެއްދިޔަސް އޭތި ރީއްޗެ ނުވާނެ!... ރާމާމަކުނުގަނޑު... ހުއް...'' މަލްސާގެ ކޮނޑުގައި އަތްއަޅާ ދުރަށް ކޮއްޕާލަމުން ޖަމީލާ ވާހަކަދެއްކިއެވެ. އެއާއެކު މަލްސާ ގޮސް ލައްވީ މައި ދޮރުގައެވެ. އޭނަގެ މޫނުން ސިހުން ފެނުނެވެ. ބިރުވެރިކަން ވެސް މެއެވެ. ދޮންމަންމަގެ ފަރާތުން ކުރިމަތިވެދާނެ އިތުރު ހަމަލާއަކާ މެދު ހިތް ނުތަނަވަސް ވިއެވެ.

ޖަމީލާ ތުން އަނބުރާލާފައި އޭނަގެ ކޮޓަރިއަށް ދާން މިސްރާބު ޖެހީ ކުދިކިޔަމުންނެވެ. ޖަމީލާ ގޮސް ގެއްލެން ދެން މަލްސާއަށް ބަލަން ހުރެވުނެވެ. އޭރު އޭނަގެ ލޮލަށް ކަރުނަ ޖަމާވާން ތައްޔާރުވަމުން ދިޔަކަން މަލްސާއަށް އިހުސާސް ކުރެއެވެ. އޭނައަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އެއަށްފަހު މީހާ ހަމައަކަށް އަޅުވާލަމުން ކަރުނަތައް ދިރުވާލިއެވެ. އިރުކޮޅެއް ވަންދެން ދޮރަށް ލެނގިގެން ހުރުމަށްފަހު މަލްސާ ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ދޮރުހުޅުވާލުމަށްފަހު ނިކުންނަން އަވަސްވެގަތީ ގަޑިއަށް އިންޓަވިއުއަށް ދިއުމުގެ މަގުސަދުގައެވެ. އެވަޒީފާ އޭނައަށް އިހުނަށްވުރެން މުހިންމުވެއްޖެއެވެ.

*****

ޓެކްސީއަށް ދައްކާނެ ފައިސާ އަތުގައި ނެތުމުން މަލްސާއަށް ޖެހުނީ ހިނގާފައި ދާށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ފުރާނަ އަތްމައްޗަށް ލައިގެން މާފަންނުން ހެންވޭރަށް ދެވުނު އިރު އޭނަ ހުރީ ވަރުބަލިވެފައެވެ. މަންޒިލާ ހަމައަށް ދެވުމާއެކު އަތުކުރީ އޮތް ހިމަ ގަޑިއަށް އަވަސް ނަޒަރެއް ދެވުނެވެ. ގަޑިޖެހެން އޭރު ބާކީ އޮތީ އަށް މިނެޓެވެ. ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ވެފައި ހުރި ވަރުބައްޔާއި އުދާސްތަކުން ނަފުސަށް ހަމަޖެހުމަށް ގެނެސްދިނުމަށެވެ.

*****

ޑަބްލިއު ކުންފުނީގެ މައި އިމާރާތުގެ ލޮބީއަށް ވަދެގެން ދިއުމާއެކު އުފާވެރި ހިނިތުންވުމަކާއެކު މަލްސާއާއި ބައްދަލުކުރީ ރިސެޕްޝަނުގައި ހުރި ޒުވާން އުމުރުފުރައިގެ އަންހެންކުއްޖެކެވެ. އަދި މަލްސާ އައި ބޭނުން އޮޅުން ފިލުވަން ސުވާލުކޮށްލިއެވެ.

''ސެކްރެޓެރީ ޕޮޒިޝަންގެ އިންޓަވިއުއަށް...'' އަންހެންކުއްޖާއާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން މަލްސާ ޖަވާބު ދިނެވެ. އެއާއެކު އެއަންހެންކުއްޖާ މަލްސާ ގާތު އެދުނީ ލޮބީގައި ހުރި ސޯފާ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނުމަށެވެ. ދެން ފެނުނީ ފޯނުނަގައި ނަންބަރަކަށް ގުޅާލި ތަނެވެ.

އެކުއްޖާ އެދުނު ފަދައިން މަލްސާ ގޮސް ރިސެޕްޝަނާ އެންމެ ކައިރީގައި ހުރި ސޯފާ ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ. އެއްފައި މައްޗަށް އަނެއްފައި ލަމުން ލޮބީއަށް މަލްސާ ފުން ނަޒަރެއް ހިންގާލިއެވެ. ބަލާލާ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ޒަމާނީ ކުލަތަކެވެ. ލޮބީގައި ހުރި ސޯފާ ގޮނޑިތަކުގެ ޑިޒައިނާއި، ޓައިލްސްތަކުގެ މަތީގައި އަޅާފައި އޮތް ކާރޕެޓުތަކުން ފެށިގެން ގޮސް ފާރުގައި ހަރުކުރެވިފައިވި ތަފާތު އެކިކަހަލަ ކުރެހުންތަކުން ރަމުޒުކޮށްދެނީ މުއްސަނދިކަމާއި ޒަމާނީ ކުލަވަރުތަކެވެ. އެހުރިހާ ކަމަކަށްވުރެން ބޮޑަށް މަލްސާގެ ސަމާލުކަން އަތުލައިގަތީ ލޮބީގެ މެދަށް ވާހެން ސީލިންގްގައި އެލުވާފަައިވި ބޮޑު ޗާންދެލިއާއެވެ. އޭގެ އަލިން މުޅި ތަނުގެ ހައިބަތު އިތިރުކޮށްދެއެވެ. ހީވަނީ ހުވަފެނީ އާލަމަކަށް ފީނެމުންދާހެންނެވެ.

''އައިޝަތު މަލްސާ ހުސޭން؟...'' މަލްސާއަށް ހަމަހޭވެރިކަންވެގެން ދިޔައީ ދާދި ގާތުން އަންހެނަކު އޭނައަށް ގޮވާލިހެން ހީވެގެންނެވެ. އަދޑު އައި ދިމާއަށް ބަލާލިއިރު ފުޅާ ހިނިތުންވުމާއެކު އޭނައަށް މަރުޚަބަކީ ވިވިއަންއެވެ.

''އަޅުގަނޑާއެކު ދުރުވެލައްވާ...'' ވިވިއަން އެދުނެވެ. އެއަށްފަހު ހިނގައިގަތީ ލިފްޓާ ދިމާއަށެވެ. ވިވިއަންގެ ފަހަތުން މަލްސާ ހިނގައިގަތެވެ.

ދެމީހުން ލިފްޓްގެ އިންތިޒާރުގައި ތިބިއިރު ފަރުވާތެރިކަމާއެކު މަލްސާއަށް ވިވިއަން ބަލާލިއެވެ. މަލްސާގެ ސާދާކަން ފެނި އެކަމަށް ހިތާހިތުން ވިވިއަންއަށް ތަޢުރީފުކޮށްލެވުނެވެ. މަލްސާގެ ރީތިކަމުގައި ދެއްކުންތެރިކަމެއް ނުވެއެވެ. ހެދުން އެޅުމުގެ ވައްޓަފާޅީފައި ވެސް ވަނީ ބަނިޔާދަންކަމެވެ. ތުންފަތުގައި ވަނީ އޯގާތެރި ހިނިތުންވުމެކެވެ.

ލިފްޓް ހުޅުވިގެން ދިއުމާއެކު މަލްސާއަށް ލިފްޓަށް އެރުމަށް ވިވިއަން އަތުގެ އިޝާރާތުން ބުނެލިއެވެ. އެއަށްފަހު މަލްސާގެ ފަހަތުން ލިފްޓަށް އަރައި ދިހަ ވަނަ ފަންގިފިލާގެ ބަޓަނަަށް ފިތާލިއެވެ. ލިފްޓް މައްޗަށް އަރަން ފެށުމާއެކު ވިވިއަން އޭނަގެ ފޯނުން ގަޑި ބަލާލިއެވެ. އޭރު އިންޓަވިއު ފެށޭ ގަޑި އޮތީ ކައިރިވެފައެވެ.

*****

ދިހަވަނަ ފަންގިފިލާއަށް ދެވުނު އިރު މަލްސާގެ އިތުރުން ޒުވާން އުމުރުފުރައިގެ ހަތަރު އަންހެނުން އިންޓަވިއުއަށް އައިސް ތިއްބެވެ. ކޮންމެ މީހަކުވެސް ވަރުގެ ކޮޅަށް ނަލަހެދިގެން ތިބިއިރު ހެދުންއެޅުމުގެ ވައްޓަފާޅީގައި ވަނީ އެންމެ މިޒަމާނީ ފަރަންޖީ ރަހައެވެ. ފުންނާބު އުސް ކަށިތަކަށް އަރައިގެން ތިބިއިރު އިންޓަވިއު އަކަށްވުރެން ބޮޑަށް ފެޝަންޝޯ އަކަށް އައިސްގެން އުޅޭ ކަހަލައެވެ.

މަލްސާ ފެންނައިރަށް ކޮންމެ މީހަކު ބަލާލީ ވާދަވެރިކަމުގެ ނަޒަރަކުންނެވެ. އެންމެނާ ޚިލާފަށް މަލްސާ ހިނިތުންވެލިއެވެ. އަދި އޭނައަށް ޚާއްސަކުރެވިފައިވާ ގޮނޑީގައި އިށީން އިރު މަލްސާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އެތަނަށް އައިސްފައި ތިބި އެހެނިހެން މީހުންނާއި ވާދަކޮށް ކުރިއެރުން ލިބިދާނެކަމާމެދު އޭނަގެ ހިތުގައި ޝައްކު އުފެދިފައި ވިއެވެ.

*****

އިންތިޒާރުގައި ވަގުތު ގުނެވެމުން ދިޔައެވެ. އިންޓަވިއު ނިންމާފައި ނިކުމެގެންދާ ކޮންމެ މީހެއްގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. އިންޓަވިއު ކާމިޔާބު ކުރެވިދާނެކަމުގެ އުއްމީދު އެއިން ކޮންމެ ފަރާތެއްގެ ހިތުގައި ވެސް ބޮޑުކަން އެކަމުން ހެކިދެއެވެ. މިފަހަރު ވަޒީފާ ލިބޭނީ އެމީހަކަށް ހެން ހީވާ ކަހަލައެވެ. އޭގެ ސަބަބުން މަލްސާގެ ހިތުގައި އޮތް އުއްމީދަށް ލޮޅުން އަަރއިގެން ދިޔައެވެ. ހިތުގައި މާޔޫސްކަން އުފެދުނެވެ. ވާޒީފާ އޭނައަށް ކާމިޔާބު ކުރެވިދާނެކަމާމެދު ހިތުގައި ޝައްކު އުފެދުނެވެ. އިސްތިރިކޮށްލަމުން އަތުގައި އޮތް ފައިލުގެ ކަނާއި ޝަހާދަތް އިނގިލިން ކުޅެލެވުނީ އުދާސްކަން ހިތަށް ވެރިވެފައިވާ ހާލުގައެވެ.

''އައިޝަތު މަލްސާ ހުސޭން...''

އަޝްކާންގެ ކެބިނުން ނިކުމެގެން އައި ވިވިއަން ގޮވާލިއެވެ. އެއާއެކު އިސްއުފުލާލަމުން މަލްސާއަށް ބަލާލެވުނެވެ. އޭނައަށް ހާސްކަން ލިބިގެން ދިޔައީދެނެވެ. ހިތު ތެޅުން އަވަސްވާން ފެށިއެވެ. ނޭވާވެސް ފުންވާން ފެށިއެވެ. އޭނަގެ ހިތުގެ ވެރިޔާ ވަނީ ކެބިންގެ ދޮރުގެ އަނެއް ފަރާތުގައިކަން ރޭކާލުމާއެކު މަލްސާގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެތައް ދުވަހެއްގެ އިންތިޒާރުގެ ނިމުން އަންނަނީކަން ވެސް އޭނައަށް އިހުސާސްކުރެވި މީހާއަށް ނުތަނަވަސްކަން ލިބުނެވެ. އެހުރިހާ އިހުސާސްތަކާއެކުވެ ވަޒީފާގެ އިންޓަވިއު ހިތަށް ތަސައްވަރުކުރެވުމުން މަލްސާއަށް ހިނދިރުވާލެވުނެވެ. އެއިހުސާސްތަކުގެ ތެރޭގައި އޭނަގެ ނަފުސު ބަނދެވިފައި ވަނިކޮށް އިންޓަވިއު ކާމިޔާބު ކުރެވިދާނެތޯ ހިތާއި ސުވާލުކޮށްލެވުނެވެ. ޚިޔާލު ބަދަލުކޮށްފައި އަނބުރާލާފައި ދާންވެސް މަލްސާގެ ހިތަށް އެރިއެެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ކޮޅަށް ތެދުވެވިއްޖެއެވެ.

(ނުނިމޭ...)

https://sun.mv/116070

comment ކޮމެންޓް