"އަލްޙަމްދު ﷲ"، ވައި އަޑުން އޭނާގެ ތުންފަތް ދޭތެރެއިން އެ އަޑު އިވިލިއެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް އަނެއްފަރާތުގެ ދޮރުފަތް ހުޅުވާލަދިނެވެ. އެއާއެކު އޭނާގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ.

އިޒިއަން ކާރުގެ ދޮރުފަތް ހުޅުވާލަދިނުމާއެކު އަނާލް އިޒިއަންއަށް ބަލާލީ ޝުކުރުން ފުރިގެންވީ ބެލުމަކުންނެވެ. އިޒިއަންއަށް ޓަކާ އެ ހިތުގައި ވީ މަތިވެރި މަޤާމެކެވެ. އޭނާ އިޒިއަން ދިއްކޮށްލި އަތުގައި މަޑުމަޑުން ހިފާލިއެވެ. އެވަގުތު ފަހަތުގައި ތިބި ދެމީހަކު އައިސް އަނާލްގެ ގޮނޑި ދޮރުކައިރީގައި ބަހައްޓާލަ ދިނުމާއެކު އަނާލް ގޮނޑިއަށް އެރުވުމަށް އެހީތެރިވެދިނީ އިޒިއަން އެވެ. އަނާލް ލާފައި އިނީ ވެސް ދިވެހި ދިގު ހެދުމެކެވެ. ހެދުން ކަޅު ކުލައިގައި ހުރިއިރު ހެދުމުގެ ފަސްބައިގައި ރަތްކުލައިގެ ފިނިފެންމާތަކެއް ވެއެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލާފައި ވާއިރު ބޮލު ފޮތިކޮޅެއް ވައްޓާލާފައިވުމުން އިސްތަށިގަނޑުގެ ރީތިކަން ދެ ގުނަ ވެފައި ވާހެން ހީވެއެވެ. ކޮށްފައިވަނީ ލުއި މޭކަޕެކެވެ. ދެމީހުން ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލިއެވެ. ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން ތިބި އާއިލާގެ މީހުން ފެނުމާއެކު އެކަކު އަނެކަކަށް ބަލާލަމުން އެ ދެމީހުންވެސް މިސްރާބުޖެހީ އެމީހުން ގާތަށެވެ.

އާއިލާގެ ހުރިހާ އެންމެން ވެސް އިޒިއަން އާއި އަނާލްއަށް މަރުޙަބާ ކިޔެވެ. އެންމެންގެ މޫނުމަތިންވެސް އެމީހުން އުފާވެފައި ވާވަރު ހާމަވެގެން ދެއެވެ.

"މެންޓަލް ހެލްތް އެންޑް ޑިސެބިލިޓީ- ކޯޕިން ވިތް އެމޯޝަންސް" ގެ ނަމުގައި ހިންގި ޕްރޮޖެކްޓް ކާމިޔާބުކަމާއެކު ނިންމާލެވުމާއެކު މިއަދު ބޭއްވެމުން މިދާ ރަސްމިއްޔާތަކީ އެކަމުގެ އުފަލުގައި ބޭއްވޭ ރަސްމިއްޔާތެކެވެ. ތަފާތު އެކި ހަރަކާތް ތަކާއެކު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރާ މި ރަސްމިއްޔާތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ ގިނަ އިއްޒަތްތެރިންނާއި ޖަމިއްޔާތަކުގެ އިސްވެރިން ބައިވެރިވާނެއެވެ. އިމާރާތަށް ނަންދިނީ މެންޓަލް ހެލްތް އެންޑް ޑިސޭބިލިޓީ ސެންޓަރުގެ ނަމުންނެވެ. ކުރުކޮށް ބުނާނަމަ އެމް.އެޗް.ޑީ.ސީއެވެ. ކޮންމެއަކަސް އިޒިއަން އާއި އަނާލް އާއި ދެމީހުންގެ ބުރަ މަސައްކަތުގެ މޭވާ ފޮނިވެއްޖެއެވެ. ކާމިޔާބު ވެއްޖެއެވެ. ތަނުގައި ހަރަކާތްތެރިވަމުން ދިޔަ ސެކިއުރިޓީ އޮފިޝަލުން ތަނުގެ އެތެރެއަށް ވަންނަންވީ ތަރުތީބު ބުނެދީ ކަންތައްތައް ބަލަމުން ގެންދިޔައެވެ. އެމް.އެޗް.ޑީ.ސީގެ ކުރިމަތީގައި އަނާލް އާއި އިޒިއަން މަޑުކޮށްލައިގެން ތިބިއިރު އެމީހުންގެ އެއްފަރާތުގައި ކަހަލަ ގޮތަކަށް ދެ ފަރާތުގެ އާއިލާ ވެސް ތިބީ ކެތްތެރިކަން ކުޑަވެފައެވެ. ބޭރުގެ ބައެއް ޖަމިއްޔާތަކުގެ އިސްވެރިން ވެސް އަންނަން ފަށައިފިއެވެ.

މަގުގެ ވަކި ހިސާބަކުން ބަންދުކުރެވިފައި ވާއިރު އާއްމުންގެ ގިނަ ބަޔަކުވެސް ވަނީ އެއްވެފައެވެ. ކުއްލިއަކަށް މީހުންގަނޑުގެ ހަލަބޮލިކަން އިތުރުވީ ފުރިހަމަ އިއްޒަތުގައި އެ އަންނަ ކަޅު ކުލައިގެ ކާރު ފެނުމާއެކުގައެވެ. އެ ކާރުގެ ކުރިމަތީގައި އަދި ފަހަތުގައިވެސް ފުލުހުން ހަރަކާތް ތެރިވަމުން ދިޔައެވެ. ކާރު އައިސް މަޑުކޮށްލުމާއެކު ބޮޑީގާޑުންގެ ދެމީހަކު އައިސް ކާރުގެ ދޮރުފަތް ހުޅުވާލަދީފިއެވެ. އެއާއެކު ކާރުގެ ތެރެއިން ނުކުމެވަޑައިގަތީ ރާއްޖޭގެ ރައީސް އަމްރާން ޢަބްދުލްއަޒީޒެވެ. އަނެއްފަރާތުން ފަސްޓް ލޭޑީ ހަޔާތީއެވެ. އެ ދެމީހުން ފެނުމާއެކު މުޅި އެތަން އެއް އަޑަކުން ގުގުމައިގަތެވެ. އަތްތިލަބަޑިއާއި ތައުރީފެވެ. އަމްރާން އަތުން އިޝާރާތް ކޮށްލުމާއެކު ހަޔާތީއަށް ނަޒަރެއްދިނެވެ. ހަޔާތީ އައުމާއެކު ދެމީހުން އެކުގައި އެމީހުންގެ އިންތިޒާރުގައި ތިބި އިޒިއަން އާއި އަނާލްގެ ގާތަށް ހިނގައިގަތެވެ. އަމްރާން އިޒިއަންއާ ސަލާން ކޮށްލިއިރު ހަޔާތީ އަނާލް އާއި ސަލާމް ކޮށްލާފައި ކުޑަކޮށް ބައްދާލިއެވެ. އަދި މަރްޙަބާ ކިޔެވެ.

އެންމެން އެކުގައި ދިޔައީ އެމް.އެޗް.ޑީ.ސީ ގެ އިމާރާތުގައި ތައްޔާރު ކޮށްފައިވާ ބޮޑު ހޯލް އަށެވެ. އެތަނުގެ އެތެރެ ވެސް ވަނީ ރީތިކޮށް ތައްޔާރުކުރެވިފައެވެ. އެގޮތުން މެދާ ދިމާލުގައި އިސްވެރިންނަށް ހާއްސަ ރަތް ކުލައިގެ ގޮނޑިތަކެއް ހުރިއިރު އެހެން މެހެމާނުންނަން ހުރީ ފެހިކުލައިގެ ގޮނޑިތައް މެދުން ހިނގޭގޮތަށް ހުސްތަން ބާއްވާފައި ދެފަރާތަށް ވާ ގޮތަށް ޖަހާލާފައެވެ.

އަނާލްގެ އުފާވެރިކަން ބަޔާންކޮށްދޭކަށް ނޭނގެއެވެ. އުފަލުން ފެން ކަޅި ވެގެން ދިޔައީ އެތައް ދުވަހެއްގެ ހުވަފެން ހަގީގަތަކަށް ހެދުނީތީއެވެ. އެންމެން އިށީނދެ ހަމަޖެހުނެވެ. ކީރިތި ޤުރުއާނުގެ ބަރަކާތުން ޖަލްސާ ފެށިގެން ދިޔައިރު ޤުރުއާން ކިޔެވީ ކިނާން އެވެ. ރީތިރާގަކަށް ކީރިތި ޤުރުއާނުގެ މޫރިތި އާޔަތްތައް ކިޔަވަމުން ދިޔައިރު ހުރިހާ ހިތްތަކަށް ވެސް ފިނިކަން ގެނެސްދޭނެކަން ޔަގީނެވެ.

ތަނުގައި ރާއްޖެއާއި ބޭރުގެ މީޑިއާ ތަކުން ވެސް ހަރަކާތް ތެރިވަމުން ދިޔައެވެ. ގިނަބައެއް އެ ރަސްމިއްޔާތުގައި ވާހަކަ ދެއްކިއިރު ރާއްޖޭގެ ބައެއް ޓީވީ ޗެނަލް ތަކުން ވެސް ލައިވްކޮށް އެ މަންޒަރު ދުރަށް ފޮނުވަމުން ދިޔައެވެ.

އެތައް ބަޔަކު ވާހަކަ ދެއްކި އެ ރަސްމިއްޔާތުގެ ވާހަކަ ދެއްކި ފަސްޓް ލޭޑީ ހަޔާތީގެ ވާހަކަތަކުން އެތަކެއް ބަޔަކަށް ފުން އަސަރުތަކެއް ކުރިއެވެ. އެގޮތުން ނުކުޅެދޭ ކުދިންނަކީ ވެސް ހުނަރުތަކެއް ލިބިގެންވާ ކުދިންތަކެއް ކަމަށާއި އެހެންމީހުންގެ އެއްބާރުލުމާއި އެހީތެރިކަމާއެކު އެ ފަދަ ކުދިންނަކީ ވެސް މުޖްތަމައުއަށް އަގުހުރި ހިދުމަތް ތަކެއް ކޮށްދެވިދާނޭ ކުދިންތަކެއް ކަން އަނާލް ސާބިތު ކޮށްދީފިކަމުގައި ބުނެ ވާހަކަ ދެއްކިއެވެ. އެ ކުދިންގެ ހުނަރު ދައްކާލުމަށް ފަހި ފުރުސަތުތަކެއް ތަނަވަސް ކޮށްދޭން ޖެހޭކަމަށް ވިދާޅުވިއެވެ. އަނާލްއަށް އަދި އިޒިއަންއަށް ތައުރީފް ކުރިއެވެ. އާއިލާގެ އެއްބާރުލުން ލިބޭނެ ނަމަ އެ ފަދަ ކުދިންނަކީ ވެސް މުޖްތަމައުއަށް ފައިދަވާނޭ އެތަކެއް ކަމެއް ކޮށްދެވިދާނޭ ގާބިލްކުދިން ތަކަކަށް ހެދިދާނެކަމަށް ބުނެ އެ ފަދަ ކުދިން ބާކީ ނުކޮށް ލޯބި ދީ އަޅާލުމަށް އިލްތިމާސް ކުރިއެވެ. އެކުދިންނަކީ ތަފާތު ތަކާއެކުވެސް މުޖްތަމައުމުން އެކަހެރި ނުކޮށް ބަލައިގަންނަން ޖެހޭ ކުދިންތަކެއް ކަމަށް ވިދާޅުވިއެވެ.

ފަސްޓް ލޭޑީއަށް ފަހު އިޒިއަން ވާހަކަ ދެއްކިއެވެ. އެއަށް ފަހު ދެން އޮތީ އެންމެން އެ އެމީހެއްގެ ވާހަކަ ކޮޅަކަށް އިންތިޒާރު ކުރަމުން ދިޔަ އަނާލްގެ ވާހަކަ ކޮޅެވެ. އަނާލް ސްޓޭޖް މައްޗަށް އަރާ ވަށައިގެން ބަލާލުމާއެކު ފިނިވާގޮތްވިއެވެ. އެތައް ދުވަހަކަށްފަހު އެ ގޮތަށް އެހާ ބައިވަރު މީހުންގެ ކުރިމަތީގައި އެގޮތަށް ވާހަކަ ދައްކަން ވުމުން ކުޑަކޮށް ފިނޑިވިއެވެ. މީގެ ކުރިން އޭނާ އަރާފައިވަނީ ވެސް ޔުނިވާރސިޓީގައި އުޅުނު އިރުއެވެ. ހިތް ބިރުގަތެވެ. އަނާލް ވާހަކަ ފެށީ މާތް ﷲ އަށް ޙަމްދު ކުރަމުންނެވެ. ވާހަކަ ދައްކަމުން އޭނާގެ ހަޔާތުގެ އެހާރާއި މިހާރުގެ މައްޗަށް އަނާލް އަލި އަޅުވާލިއެވެ. އޭނާ ނުކުޅެދޭ އަންހެން ކުއްޖަކަށް ވުމަށްފަހު ދަތުރު ކުރީ އޮމާން ކަނޑެއްގައި ނޫންކަމުގައި ބުންޏެވެ. މި މަސައްކަތުގެ ފަހަތުގައި ތިބި އެންމެހާ މީހުންނަށް ޝުކުރު ކުރިއެވެ. ހިނގުމުން މަހްރޫމް ވުމާއެކު ހުރިހާ ހުވަފެންތައް ވިއްސިވިހާލިވެގެން ދިޔަކަމާއި ދިރި އުޅުމުގެ އުންމީދު ގެއްލުނު ކަމުގައި ބުނެ އަނާލް ވާހަކަ ދެއްކިއެވެ. ހަޔާތުގައި އޭނާ ހާސިލް ކުރަން ބޭނުންވި ލަނޑު ދަނޑިތައް ހާސިލް ނުވެދާނެތީ ހާސްވެ ބިރުގަތް ވަރާ އެ ހާސްކަމާއި ބިރުވެރިކަމުން އަރައިގަންނަން ކުރި ހިތްވަރު ކިޔައިދިނެވެ. ހުވަފެންތަކުގައި ކުލަޖައްސާ ހަގީގަތަކަށް ހަދަން ކުރި މަސައްކަތުގައި އެންމެ ބޮޑު އެއްބާރުލުމެއް ލިބުނު އިޒިއަންއަށް ވަރަށް ހާއްސަ ގޮތެއްގައި އަނާލް ޝުކުރު އަދާކުރިއެވެ. އާއިލާ އާއި ރަހްމަތް ތެރިންނާއި ތިމާގެ މީހުން ދިން ހިތްވަރުގެ ބަސްތަކަށް ޝުކުރު އަދާކުރިއެވެ. ފުރަތަމަ ފަހަރަށް އޭނާއަކީ ވެސް ތަފާތު ގިނަ ސައިކޮލޮޖިކަލް މައްސަލަތަކެއްގައި ހައްޔަރުވި ކުއްޖެއްކަން ހާމަކުރިއިރު އެ އަޑުގައި ރިހުމެއް ވިއެވެ. ދިމާވި ހާދިސާއެއްގެ ސަބަބުން އެއްމަސް ވަންދެން އައިސީޔޫ ގައި ފަރުވާދެވުނު ކަމާއި ހަ މަސްވަންދެން ހޮސްޕިޓަލް އެނދެއްގައި އޮންނަން ޖެހުނު ކަމާއި ހަތަރު އަހަރަށް ވުރެ ގިނަ ދުވަހު ނަފްސާނީ ބޭސް ކާން ޖެހުނު ނަމަވެސް ކާމިޔާބު ވެވުނީ ތެދުވެ ކުރި ބުރަ މަސައްކަތާއި ހިތްވަރުން ކަމަށް ބުނިއިރު އެންމެންގެ ހިތަށް ވެސް އަސަރު ކުރަމުން ދިޔައެވެ.

އަނާލް ވާހަކަ ކޮޅު ނިންމާލިއެވެ. އޭނާގެ ހިތަށް ވެރިވެފައިވާ އުފާވެރިކަން ބަޔާން ކޮށެއް ނުދެވޭނެއެވެ. އޭނާ މި މަސައްކަތް ފެށީ މާތް މަޤްސަދެއްގައެވެ. މިއަދު އިރާދުކުރެއްވީތީ މިވަނީ މަސައްކަތް ކާމިޔާބު ކުރެވިފައެވެ.

އެކި އެކި ހަރަކާތް ތަކާއެކު ތަން ހުޅުވިއްޖެއެވެ. އަތްތިލަބަޑިން މުޅި ހޯލް ގުގުމާލައިފިއެވެ. އިޒިއަން އާއި އަނާލް އާއި ދެމީހުންނާއެކު ފޮޓޯ ނެގުމުގެ ފުރުސަތުވެސް ހުޅުވާލެވުނެވެ. އެންމެންގެ މަރްހަބާ އަނާލް އަށާއި އިޒިއަން އަށެވެ. އިޒިއަން އަނާލްއަށް ބަލާލިއެވެ. އެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލީ އަނާލްގެ އުފާވެރިކަން ފެނިފައެވެ. ހިނިތުންވުން ފަނޑު ވެގެން ދިޔައީ މީގެ އަހަރެއް ކުރީގެ ދުވަހެއްގެ ހަނދާން އާވެފައެވެ.

*****

"އިތުރު އެއްވެސް ކަމެއް އަހަރެންނަށް ސިއްރުކޮށްފަ އޮންނާނެތަ އިޒް؟" އަނާލް އަހާލުމާއެކު އިޒިއަންއަށް ވެރިވި ހާސްކަމުގައި އެއްވެސް އެއްޗެއް ބުނާކަށް ނޭނގުނެވެ. އަނާލް އޭނާގެ ތުންފަތް މައްޗަށް ކުޑަ ހިނިތުންވުމެއް ވެރިކޮށްލަމުން އިޒިއަންގެ ގައިގައި ބައްދާލުމާއެކު އިޒިއަން ސިހުނީ ނުވިސްނާ އިނުމުންނެވެ. އެހެންނަމަވެސް އަނާލް ވާހަކަ ދެއްކުމާއެކު އޭނާއަށް ވެސް ހަމަބިމަށް އާދެވުނެވެ. އެ ހަގީގަތް ހާމަ ކުރަން އެކަށޭނެ ވަގުތަކަށް ނުވުމާއެކު އޭނާ ނިންމީ އެހަށް ހަގީގަތް ފޮރުވާފައި ބާއްވާށެވެ.

"އަހަރެން މާފުކޮށްފިން. ދެން އެވާހަކަ ނުދައްކާތި، އެ ޕާސްޓް" އަނާލް ބުނެލަމުން އިޒިއަންއާ ދުރުވެލިއެވެ. އަދި ހިނިތުންވެލިއެވެ. އިޒިއަން ވެސް ބޯ ޖަހާލިއެވެ.

*****

އަނާލްއަށް ބަލަން ހުރިއިރު އެ ދުވަހު އޭނާއަށް ކުރެވުނީ އަނެއްކާ ރަނގަޅު ކަމެއް ބާއޭ އިޒިއަންގެ ހިތަށް އަރަމުން ދިޔައެވެ. ހަގީގަތް ފޮރުވުމަކީ ހައްލެއް ނޫންކަން އެނގޭއިރުވެސް އޭނާއަށް ހަގީގަތް ހާމަކުރަން ނުކެރެނީއެވެ.

ތަން ހުޅުވާ ތަނުގެ ކުޑަ ޓުއާއެއްވެސް އިސްވެރިންނަށް ދެވުނެވެ. ތަނުގެ ބައެއް އިސް މުވައްޒަފުންނާއި ޑޮކްޓަރުންނާއި ނަރުހުންވެސް ތައާރަފް ކޮށްދެވުނެވެ. ދެވިފައިވާ ތަމްރީނު ތަކާއި ތަޖުރިބާވެސް ހިއްސާކުރެވުނެވެ. ޓުއާ ނިންމާފައި އެންމެހާ އިސްވެރިން ގޮސް އަވަދިވެއްޖެއެވެ. ހަޔާތީ އާއި އަމްރާން ވެސް ދިޔައީ މިފަދަ އަގުހުރި މަސައްކަތެއް މުޖްތަމައުއަށް ކޮށްދިނީތީ އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށް ހިތްވަރުގެ ބަސްތަކެއް ރައްދުކޮށްދީފައެވެ. އިޒިއަންއާއި އަނާލް މަޑުކޮށްފައި ދެ އާއިލާގެ މީހުންވެސް ދިޔައީއެވެ. ތަން ބަލާލުމުގެ ފުރުސަތު ހަފްތާއަކަށް އާއްމުންނަށް ވެސް ހުޅުވާލެވުނެވެ. ކުރަން ޖެހޭ އެހެން މަސައްކަތް ތައް ކޮށްފައި އިޒިއަން އާއި އަނާލް އަށް ދެވޭ ވަރުވީ ރޭގަނޑު ބާރަ ޖަހަން ގާތް ވެފައި ހުއްޓައެވެ. އަނާލްގެ ހުވަފެން ހަޤީގަތަކަށް ހަދާދެވުމުން އިޒިއަންއަށް ލިބިފައިވަނީ ބަޔާން ކުރަން ދަތި އުފާވެރިކަމެކެވެ. އެހެންނަމަވެސް އެ ހިތުގައި އަދިވެސް ބިރުވެރިކަމެއް ވެއެވެ. އޭނާ އާއި އަނާލްގެ އުފާވެރިކަން ދެމިއޮންނާނީ ކިހާ ދުވަހަކު ކަމެއް ލަފާކޮށްލާކަށް ނޭނގެއެވެ. ތަގުދީރިގައި ލިޔެވިފައިވަނީ ކީކޭ ކަމެއް ނޭގެއެވެ. އެ ހަޔާތަށް ތޫފާނެއް އަންނަން އުޅޭކަމުގެ ކުޑަވެސް އިޝާރާތެއް ދެމީހުން ކުރެ އެކަކަށް ވެސް ނުވެއެވެ.

ގެއަށް ގޮސް ދެމީހުން ވެސް ނިދާލީ އަނެއް ދުވަހުވެސް އެމް.އެޗް.ޑީ.ސީއަށް ދާންޖެހޭތީއެވެ. ތަނުގެ އިދާރީ ކަންތައްތައް ވެސް ބައިވަރެވެ. އަލަށް ވެސް އެތަކެއް މުވައްޒަފުންނެއް ގުޅޭތީ މަޝްވަރާ ބައްދަލުވުމެއް ވެސް ބާއްވަން ޖެހެއެވެ.

އަނެއްދުވަހު އިޒިއަން އާއި އަނާލް އާއި ދެމީހުން އޮފީހަށް ގޮސް މީޓިން ރޭވިއެވެ. ތަންތަނުގެ ހެޑުންނަށް މީހުން ހަމަޖެއްސުމާއި ކޮންޓްރެކްޓް ހެދުމުގެ މަސައްކަތް ވެސް އޮތެވެ. އެ ގޮތުން އެތަނުގެ ނަފްސާނީ ބަލީގެ ބައިގެ އެޗް.އޯ.ޑީ އަކަށް ރަމްޔާ ހަމަޖެއްސިގެން ދިޔައެވެ. މީގެ އިތުރުންވެސް އެހެން ބައިތަކަށް ވެސް ހަމަޖެއްސީ ތަޖުރިބާކާރު ގާބިލް މީހުންނެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން ނުކުމެގެން އަންނަ އަންހެން ކުއްޖާ އައިސް އެތަނުގައި އޮތް ރަތް ކުލައިގެ ޕްރައިވެޓް ކާރަށް އެރުމާއެކު ކާރު ދުއްވާލައިފިއެވެ. ކާރުތެރޭގައި އިނގިރޭސި ލަވައެއްޖަހާފައިވެއެވެ. އެ ކުއްޖާ ލާފައިހުރީ ރަތް ކުލައިގެ ކަކުލުން ތިރިއަށް ކިރިއާ ފޯރާވަރުގެ ކުރު ހެދުމެވެ. އިށީނދެގެން އިންއިރު ފައިގެ ފަލަ މަސްގަނޑު ރީތިކޮށް ހާމަވެއެވެ. އޭނާގެ ބުޅި އިސްތަށިގަނޑު އޮތީ ދޫކޮށްލެވިފައެވެ. އިސްޖަހާލަމުން ފޯނަށް ބަލާލިއިރު އެ ލޯ މައްޗަށް ވެއްޓުނު އިސްތަށިތައް އެއްފަރާތް ކޮށްލުމާއެކު އޭނާ ކުރިމައްޗަށް ނަޒަރު ހިންގާލިއެވެ. ރާއްޖެ ވަނީ ތަހުޒީބާ ތަރައްގީގެ ގޮތުން ބޮޑުތަން ކުރިއަށް ޖައްސާލާފައެވެ. ބަލާލި ކޮންމެ ދިމާލަކުން ވެސް ޒަމާނީ ކުލަވަރުތައް ފެންނަމުން ދިޔައެވެ.

ޑްރައިވަރަށް ބަލާލުމާއެކު ރަމްޔާ ބުނެލީ އަވަހަށް ގެއަށް ދިޔުމަށެވެ. އާއިލާ އާއި ބައްދަލު ކުރާ ހިތުން އޭނާއަށް އިނދެވެނީ އެއްނޫނެވެ. އޭނާ އުފާވެ ކެތްތެރިކަން ކުޑަވެފައިވާވަރު އިރުއިރު ކޮޅަކާ ފޯނުން ގަޑިއަށް ބަލާލާ ގޮތުންނާއި ޑްރައިވަރު ގާތު އަވަހަށް ކާރު ދުއްވާލަން ބުނެލާ ގޮތުން އެނގެއެވެ. އިންތިޒާރަށް ނިމުނެއް އައީ އޭނާގެ ލޮލުގައި ނުލާއި ހުދުކުލަ ލާފައިވާ ގެއެއް އަޅައިގަތުމުންނެވެ.

ގޭޓުން އެތެރެއަށް ކާރު ވައްދާލުމާއެކު އެ އަންހެން ކުއްޖާ ފުން ނޭވާއެއް ދޫކޮށްލިއެވެ. ދޮރުފަތް ހުޅުވާލުމަށްފަހު ފައިބާ އޭނާ ގޯތިތެރެއަށް ނަރަރެއް ދިނެވެ. ބޮޑު ގޯއްޗެއް ނޫނެވެ. ކުޑަ ކުޑަ ގޯއްޗެވެ. ކާރު ބައިންދާލާފައި އަނެއް ފަރާތުގައި ވަނީ ކުޑަ ހުސްތަން ކޮޅެކެވެ. އެ ތަން ކޮޅުގައި ތަފާތު ވައްތަރުގެ މާގަސް އިންދާފައި ވެއެވެ. ގަސްތައް ހުރި ހިސާބު ނޫނީ ދެން ވަށައިގެން ވަނީ ގާޖަހާ ފައެވެ. ބޮޑު ނޫނަސް ހިތްގައިމެވެ. މާތަކުގެ ވަސް އޭރުވެސް ކޮންމެވެސް ވަރަކަށް އެ ހިސާބުގަނޑުގައި ވެއެވެ. އަރާމް ވައިރޯޅިއެއް ޖެހިލުމާއެކު އޭނާއަށް ހަށިގަނޑުގައި އަތް ހުރަސްކޮށްލެވުނީ ހިސާބަކަށް ހީކަރުވާ ގޮތްވީތީއެވެ. ކާރުން ފައިބާ ޑްރައިވަރަށް ފޮށިތައް ގެނައުމަށް އިޝާރާތް ކޮށްލަމުން އެ އަންހެން ކުއްޖާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ބެލް ޖަހާލާ މަޑުކޮށްލީ އެތެރޭން ހުޅުވަން ދެނެވެ. ކެތްތެރިކަން ކުޑަވެފައިވާ ފަދައަކުން ދެފައި ދެފަހަރަކު ޖަހާވެސް ލެވުނެވެ. ދޮރު ހުޅުވުން ލަސްވުމާއެކު އޭނާ ދެތިންހަތަރު ފަހަރާ ބެލް އަޅާލިއެވެ.

ދޮރުގައި އެތެރޭން ހިފިކަން ޔަގީން ވުމާއެކު އޭނާ މޫނުމަތި ދެ އަތުން ފޮރުވާލިއެވެ. ހުޅުވާލުމާއެކު ކޮން ކުއްޖެއްހޭ އަހާލި އަޑު އެ ކަންފަތުގައި ޖެހުނެވެ. އެއާއެކު މަޑު މަޑުން އޭނާ ދެ އަތް ދުރުކޮށްލަމުން ކުރިމަތީގައި ހުރި އަންހެން މީހާއަށް ބަލާލިއެވެ.

"މަންމަގެ ރަންގަނޑާ.. މަންމަ ގެ ތަނާހާ" އަންހެން މީހާ ޖަރުބާތީވީވަރުން ލޮލުން ކަރުނަ ހިލުނެވެ.

"މޯމް" ތަނާހާ އޭނާގެ މަންމައަށް ގޮވާލަމުން ބައްދައިގަތެވެ. އިރުކޮޅަކުން ދެމީހުން ދުރުވެލިއެވެ. އަދި ގޭތެރެއަށް ވަނީ ޑްރައިވަރު ގާތު ގޭތެރެއަށް ފޮށިތައް ވައްދަން ބުނަމުންނެވެ.

"ޑޭޑް" ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގާލަމުން ބާރަކަށް ތަނާހާ ގޮވާލިއެވެ. އިރުކޮޅަކުން ސިޑިން މީހަކު ފައިބަން ފެށި އަޑު އިވުމާއެކު އޭނާ އެއްފަރާތުގައި ހުރި ކުޑަ ސިޑިއާ ދިމާލަށް ބަލާލިއެވެ. ނަންބަރު އައިނު ލޮލަށް ހެޔޮވަރު ކުރަމުން ފައިބަމުންދިޔަ ފިރިހެންމީހާގެ އަތުގައި އޭރުވެސް ނޫހެއް އޮތެވެ.

"އަދިވެސް ބައްޕަ މި ނޫސް ކިޔުން ދޫކޮށެއްނުލާ ދޯ، އޮންލައިން ކޮށް ކިޔަން ކިހާ ފަސޭހަތަ؟" ތަނާހާ ބުނެލިއެވެ.

ފިރިހެންމީހާ ވެސް އައިސް ތަނާހާ ގާތަށް ހުއްޓުނު އިރު ފެންކަޅިވެއްޖެއެވެ. އެހާ ދުވަސް ފަހުން ދަރިފުޅު ފެނުމުން ލިބުނު އުފާވެރިކަން ކަރުނައިގެ ސިފަ ހިޔާރުކުރީއެވެ.

ތަނާހާ އަކީ ޙަބީބު އާއި ޒާހިދާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ރާއްޖޭން ބޭރުގައި ކިޔަވަން ހުރެފައި ކިޔެވުން ނިންމާލުމަށް ފަހު ރާއްޖެ އައީ އެތަށް އަހަރެއް ފަހުންނެވެ. ޗުއްޓީ އެއް ލިބޭ ފަހަރަކުވެސް ތަނާހާ ރާއްޖެއެއް ނާންނާނެއެވެ. އެހެންކަމުން ގިނަ ފަހަރު ތަނާހާ ކައިރިއަށް ދާން ޖެހެނީ ޙަބީބު އާއި ޒާހިދާއަށެވެ.

ޙަބީބު އަކީ އައްމާރުއާއި ދެބެގެންގެ ދެދަރި މީހަކަށް ވުމާއެކު ކޮންމެވެސް ވަރަކަށް ގުޅުމެއް އެ ދެމެދުގައި އޮވެއެވެ. އެހާ ބޮޑު ގުޅުމެއް ނެތުމާއެކު އެމީހުން އައްމާރުމެން ގެއަށް ޒިޔާރަތް ކޮށް އުޅެނީ ވެސް ވަރަށް މަދުންނެވެ. ޙަބީބުގެ ހިއްސާވެސް އައްމާރުމެންގެ ކުންފުނީގައި ކޮންމެވެސް ވަރަކަށް އޮވެއެވެ. ތަނާހާ އައީ ރާއްޖޭން ބޭރުން މާސްޓާރސް އޮފް ހިއުމަން ރިސޯސް މެނޭޖްމެންޓް ކިޔަވައިގެންނެވެ. އޭނާ ބޭނުންވަނީ ގްރޭންޑް ހޮސްޕިޓަލްގެ ހިއުމަން ރިސޯސް ޑިޕާރޓްމެންޓް ގައި މަސައްކަތް ކުރާށެވެ.

ތަނާހާގެ ފާސްތަކަށް ބަލާފައި އެއީ ކުރަން އެހާ އުނދަގޫވާނޭ ކަމެއް ނޫނެވެ.

އެތައް އިރަކު ދަރިފުޅު އައިކަމުގެ އުފަލުގައި ޙަބީބު އާއި ޒާހިދާ ތިއްބެވެ. ކައިގެން ތަނާހާ ނިދަން ފޮނުވާފައިވެސް ޒާހިދާ އާއި ޙަބީބުއާ ދެމީހުން ވާހަކަ ދައްކަން ބޮޑުކޮޓަރީގެ ސޯފާތަކުގައި ތިއްބެވެ.

*****

އަނެއްދުވަހު ވެސް އޮފީހަށް ގޮސްފައި ދުވަހުގެ ބޮޑުބައި އިޒިއަން އާއި އަނާލް ހޭދަކުރީ އެމް.އެޗް.ޑީ.ސީގެ އިމާރާތުގައެވެ. އެ އިމާރާތުގެ އިސް ވެރިންގެ ގޮތުގައި އަނާލް އާއި އިޒިއަން ހަމަޖެހިގެން ދިޔުމާއެކު ދެމީހުންގެ އޮފީސް ވެސް އެތަނަށް ބަދަލް ވީއެވެ. ރަސްމީ ގޮތުން އަނާލް އާއި އިޒިއަންއަށް އެތަން މިލްކު ވީއެވެ. ދެން ދެމީހުންވެސް މަސައްކަތް ކުރާނީ އެތަން ކުރިއެރުވުމަށެވެ. އަނާލްއަށް އާދަޔާ ހިލާފް ފިނިކަމެއް ހިތަށް ލިބިގެން ދިޔައެވެ.

އޭނާގެ މަޤްސަދު މިއަދު ވަރަށް ރަނގަޅަށް ހާސިލް ވެއްޖެއެވެ. ކިތަންމެ ފަހަރަކު ނުސީދާކޮށް އޭނާ އެފަދަ ކަމެއް ކުރީ ކީއްވެކަން އިޒިއަންއަށް ބުނެދޭން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިޒިއަން އެކަމަށް މާބޮޑު ސަމާލްކަމެއް ދޭހެނެއް އަނާލް އަކަށް ހިޔެއްނުވެއެވެ. އަނެއްކޮޅުން އެ ދުވަހުގެ ވާހަކަ ކިޔައދޭންވެސް މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި އަނާލް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް ހުއްޓާލަން މަޖުބޫރުވަނީ އިޒިއަން އެ ވާހަކަ ނުދެއްކުމަށް އެދޭތީއެވެ. މާޒީ ދޫކޮށްލާފައި ދިރިއުޅުމައިގެން ކުރިއަށް ދިޔުމަށް އެދޭތީއެވެ. މިވީ އެއްއަހަރުގެ ތެރޭގައި އޭނާގެ ނަފްސާނީ މައްސަލަ ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެކަމަށް އޭނާ އިޒިއަންއަށް އަބަދުވެސް ޝުކުރުވެރިވާނެއެވެ. އޭނާއަށް އެ ލިބުނު ކުރިއެރުމުގެ ދެބައި ކުޅަ އެއްބައި އަދާކުރީ އިޒިއަން އެވެ. އަނާލް އިޒިއަންއަށް ބޭނުންވާ ކޮންމެ ވަގުތަކު އިޒިއަން އެއްވެސް ޝަކުވާ އަކާ ނުލާ އަނާލް ގާތު ހުރެދެއެވެ. ދުވަހަކުވެސް އަނާލް ދެކެ ފޫހިވެ ރުޅިއައިސް އިޒިއަން ބަހެއްބުނެފައެއް ނުވެއެވެ. މުޅިން ވެސް ފެނިފައިވަނީ އިޒިއަންގެ ހިތް ހެޔޮކަމެވެ. އަޅާލުމެވެ. އޯގާތެރިކަމެވެ. އިޒިއަން ގެ ލޯބި އަނާލްގެ މުޅި ދިރިއުޅުން ބަދަލް ކޮއްލައިފިއެވެ. އަނިދިރކަން ވެރިވެފައިވި އެ ހަޔާތް އުޖާލާ ކޮށްދީފިއެވެ.

ޔުމާންގެ ފަރާތުން އޭނާގެ ހިތަށް ލިބުނު ޒަހަމް ތަކުގައި އިޒިއަން ލޯތްބާއެކު ފިރުމާލަދީފިއެވެ. ކޮންމެއަކަސް އަނާލްގެ ހިތުގައި އިޒިއަންއަށް ދެވިފައިވާ ޤަދަރަކީ އެހެން އެއްވެސް ފިރިހެނަކަށް ދެވޭނޭ އެއްޗެއް ހެނެއް ހިޔެއްނުވެއެވެ.

މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ އެންމެންގެ ދިރިއުޅުމަށް ވެސް ވަނީ އެދެވޭ ބަދަލްތަކެއް އައިސްފައެވެ. ޝާހީން އާއި ދާރިޔާވެސް ވަނީ ކައިވެނީގެ މަތިވެރި ގޮށް ޖަހާލާފައެވެ. އަނެއްކޮޅުން ދީމް އާއި ކިނާންގެ ގުޅުން ވެސް އޮތީ ދެ އާއިލާއަށް އެގިފައެވެ. ދެއާއިލާވެސް އެ ގުޅުމާ ޤަބޫލެވެ. ޖިދާ އިނީ ބަލިވެއެވެ. މިހާރު ބަނޑަށް ހަތަރު މަސްވެއްޖެއެވެ. އިޒިއަން އާއި އަނާލް އާއި ދެމީހުންގެ ދިރިއުޅުން ވެސް ދަނީ ނުހަނު އޮމާން ކޮށެވެ. އެހެންނެއްކަމަކު ދީމް އާއި ޝަފޫން އާއި ދެމެދު އަދިވެސް ވަނީ ނުތަނަވަސް ކަމެވެ.

ޝަފޫން ރުޅިވެރިކަމާއެކު ދީމްއަށް އަދިވެސް ބަހުގެ ހޫނު ހަމަލާގެ ތީރުތައް ފޮނުވާލަނީ އެއްވެސް ރަހްމެއްނެތިއެވެ. އެހެންނަމަވެސް ކިނާން އަކީ މިހާރު އަބަދުވެސް ދީމްއަށް ހިތްވަރުދޭން އަފާޒުއަށް ފަހު ދެންމެ ދީމް އާއި އެންމެ ގާތުގައި ހުންނަ ފަރާތަށް ވެއްޖެއެވެ. އެ ދެމެދުގައި އޮތް ގުޅުން ވެސް ވަރުގަދަ ވެއްޖެއެވެ.

ތަޤުދީރުގައި ލިޔެވިފައި ވަނީ ކީކޭކަމަށް އެކަކަށް ވެސް ނޭގޭނެއެވެ. އިޒިއަން އޭނާގެ ސިއްރު ހިފައްޓައިގެން ހުރިނަމަވެސް އަދިވެސް އޭނާގެ ހިތުގައި ނުތަނަވަސް ކަމެއް ވެއެވެ. މިވީ ދެ އަހަރު ދިޔައީ ނުހަނު އޮމާންކޮށް ކަމަށް ވުމާއެކު އިޒިއަން އުންމީދުކޮށްގެން ހުރީ ބާކީ ހުރި ދުވަސްތައް ވެސް މިހާ އަމާން ކަމާއެކު ކުރިއަށް ދޭނެކަމަށެވެ. އެކަމަކު އެކަކަށް ވެސް ނޭނގުނު ކަމަކީ އިޒިއަންގެ އެ ހަގީގަތް އެނގޭ ދުވަހުން އެތައް ބަޔެއްގެ ދިރިއުޅުން ވިއްސިވިހާލިވެގެން ގޮސްދޭނެކަމެވެ. ފަނާވެ ކުނޑި ކުނޑި ވެގެން ހިގައިދާނެކަމެވެ. އެ ދުވަހަކުން އެކަކު އަނެކަކަށް ކުށްވެރިކަމުގެ އިނގިލި ދިއްކުރާނޭކަމެވެ. އެންމެންގެ އުފާވެރިކަން ނިގުޅިގެން ހިނގައިދާނޭކަމެވެ.

އެމް.އެޗް.ޑީ.ސީ ހުޅުވިތާ ހަފްތާއެއް ހާ ދުވަސް ތެރޭގައި ޚިދުމަތް ހޯދާ މީހުންގެ އަދަދު އެއްހާހަށް އަރައިގެން ދިޔުންވީ މީޑިއާގެ ސަމާލް ކަން އެކަމަށް އަނެއްކާ ލިބުނު ކަމަކަށެވެ. އަނާލް އާއި އިޒިއަން އާއި ދެމީހުންގެ އިންޓަރވިއު ކުރެވިގެން ދިޔައެވެ.

ތަނާހާ އިނީ ސިޓިން ރޫމް ސޯފާގައެވެ. ޓީވީ ހުޅުވާލި ގަޑީގައި ދައްކަމުން ދިޔައީ އަނާލް އާއި އިޒިއަންގެ އިންޓަރވިއުއެކެވެ. އަނާލް ފެނުމުން އޭނާގެ މޫނުމަތިން ހިސާބެއްގެ ބަނަކަމެއް ފެނިގެން ދިޔައެވެ. ރުޅިއައިވަރުން ޓީވީ ރިމޯޓް ނަގާ ނިއްވާލިއެވެ. އޭރު އޭނާގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެދިޔަ ބާރުމިނުގައި ގޮސް ކޮޓަރީގެ ދޮރުފަތް ޖެހިލެއް ބާރުކަމުން ގޭތެރޭގައި އެ އަޑު ގުގުމައިގެން ދިޔައެވެ.

އިރުއޮއްސެމުން ދިޔަ ވަގުތު ވިއްސާރައިގެ ކުލަވަރުތައް އުޑުމަތީގެ އެކި ދިމަދިމާލުން ފެންނަން ފަށައިފިއެވެ. އެއްވިލާގަނޑު އަނެއް ވިލާގަނޑާ ގުޅި އުޑުމަތި ބަނަކޮށްލައިފިއެވެ. ތުނިކޮށް ވެހެންފެށި ވާރޭ ބޯ ކޮށްލީ ހަތެއްވެސް ޖެހިފަހުންނެވެ. ސައިކަލުން ފައިބައިގެން އައިސް އެޕާރޓްމެންޓްގެ ދޮރުމައްޗަށް އެރި ޒުވާނާ ހުރީ ކަޅުކުލައިގެ ވާރޭ ކޯޓްގައެވެ. ކޯޓް ބައިލަމުން ލިފްޓް ތެރެއަށް ވަދެ ހަތަރު ވަނަ ފްލޯއަށް ދިޔުމަށް ފިތާލިއެވެ. ލިފްޓް ހުއްޓުމާއެކު ޒުވާނާ ލިފްޓުން ނުކުތެވެ. އެއާއެކު އެންމެ ފުރަތަމަވެސް އޭނާގެ ކަންފަތުގައި އަޅައިގަތީ ކުރިމަތީގައި ހުރި އެޕާރޓްމެންޓުން އިވެމުން ދިޔަ ތުއްތު ކުއްޖެއް ގެ ވޭނީ ރުއިމުގެ އަޑެވެ. ފިޔަވަޅުތައް އަވަސް ކޮށްލަމުން ގޮސް ދޮރުފަތް ހުޅުވާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތް މަންޒަރުން ދެލޯ ބޮޑުކޮށްލެވުނެވެ. އަތުގައި އޮތް ކޯޓާ ދަބަސް ސޯފާމައްޗަށް ދޫކޮށްލުމަށް ފަހު އެ ތުއްތު ކުއްޖާ އާ ދިމާލަށް ދުއްވައިގަނެވުނުއިރު އެ ހިތުގެ ހިނގުން ވެސް ހުއްޓުނުހެން ހީވިއެވެ.

(ނުނިމޭ...)

https://sun.mv/116030

comment ކޮމެންޓް